September 20, 2024 18:23
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ތަފާތު ތޫފާން ފޮނުއްވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

އާންމު ހާލަތަށް ކަންތައް ބަދަލުވުމުން ފިރުޢައުނާއި އޭނާގެ ބައިވެރިން އެކަމާ ބޮޑާވެ ކިބުރުވެރިވިއެވެ. އަދި އެއީ އެމީހުންގެ މޮޅުކަމުން ވީކަމެއްކަމަށް ބުންޏެވެ. އަދި އެމީހުންނާ މުސީބާތްތައް ކުރިމަތިވަނީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވާ މީހުންގެ ސަބަބުންކަމުގައި އެމީހުން ބުނަމުންދިޔައެވެ. އަދި މޫސާގެފާނު ދައްކަވާ އެއްވެސް އާޔަތަކަށް އެމީހުން ބޯނުލަނބާނެކަމަށް ފިރުޢައުނާއި އޭނާގެ އައުވާނުން ބުންޏެވެ. އަދި އެކަލޭގެފާނު ދައްކަވާ ކޮންމެ ކަމަކީ ބޮޑުވެގެންވާ ސިހުރެއްކަމުގައި އެމީހުން ބުންޏެވެ. ހަގީގަތުގައި ﷲ އާޔަތްތައް އެމީހުންނާ ހަމައަށް އައުމުން އެއީ ސިހުރުވެރިކަމެއް ނޫންކަން ޚުދު އެމީހުންނަށް ހިތުގެ އަޑިން ކަށަވަރުވިއެވެ. އެކަމަކު އެމީހުން ކިބުރުވެރިކަމާއި ބޮޑާކަމުގައި ހައްދުފަހަނައަޅާ ގޮސް ﷲ އަށް އީމާނެއްނުވިއެވެ.

ޖައްބާރުކަމާއި ޖަރީމާ ހިންގުމުގައި ހުރިހާ އިންތަކެއް ފަހަނައަޅާ ދިޔަ ފިރުޢައުނަށް ﷲ އިތުރު ހެއްކެއް ދެއްކެވިއެވެ. މިފަހަރު ﷲ މިސްރަށް ފޮނުއްވީ ފެނުގެ ތޫފާނެކެވެ. މުޅި މިސްރުގައި ފެންބޮޑުވެ ދަނޑުގޮވާންތައް ހަލާކުވާން ފެށިއެވެ. އަދި އެގައުމުގެ ގެރިބަކަރި ފަދަ ހުރިހާ ޖަނަވާރެއްވެސް މަރުވާންފެށިއެވެ. އެންމެފަހުން މުޅި ގައުމު ފެނު އަޑީގައި އޮވެ މީހުންތައް މަރުވާން ފެށިއެވެ. ދެން މީސްތަކުން މޫސާގެފާނު އަރިހަށް އައިސް އާދޭސް ދަންނަވައި އެމީހުންނަށް ހިމާޔަތް ހޯއްދަވައިދެއްވުމަށް ދެންނެވުމުން އެކަލޭގެފާނު ﷲ އަށް ދުޢާ ދެންނެވިއެވެ. އަދި މިސްރުގެ ހާލަތު ރަނގަޅުވެ ކަންކަން އިހުގެ ހާލަތަށް ރުޖޫއަވިއެވެ. އެކަމަކުވެސް ފިރުޢައުނާއި އޭނާގެ ބައިވެރިން އެމީހުންގެ އަނިޔާވެރިކަން ކުރިއަށް ނެރެ ﷲ ގެ އާޔަތްތަކަށް ފުރަގަސްދިނެވެ.

Advertisement

ފިރުޢައުނާއި އޭނަގެ ބައިވެރިން މައިތިރިނުވެގެން މޫސާގެފާނު ﷲ އަށް ދުޢާކުރެއްވިއެވެ. ދެން ﷲ މިސްރަށް ގޮއްފުޅަނގި ފޮނުއްވިއެވެ. ﷲ ފޮނުއްވި މިކޯފާގައި މިސްރު ގޮއްފުޅަނގިން ފުރުނެވެ. ހުރިހާ ދަނޑުގޮވާމެއް އެސޮރުމެން ކައި ހުސްކުރަން ފެށިއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ އަނގަޔަށާއި ލޮލަށްވެސް އެސޮރުމެން ޖައްސަންފެށިއެވެ. އެންމެފަހުން އެސޮރުމެންނާހުރެ މީހުންނަށް ދިރިނޫޅެވޭވަރުވިއެވެ. އެންމެފަހުން މީސްތަކުންނާއި ފިރުޢައުނުގެ ވަޒީރުންތައް މޫސާގެފާނު އަރިހުގައި އާދޭސް ދެންނެވިއެވެ. އެހާލަތުން އެމީހުން ސަލާމަތްކޮށްދެއްވުމަށް ދެންނެވިއެވެ. މިފަހަރުވެސް ބަނޫ އިސްރާއީލްގެ މީހުން މިނިވަންކޮށް ދޫކުރާނެ ކަމަށް ފިރުޢައުނުގެ އަހުލުވެރިން ވަޢުދުވިއެވެ. ދެން މޫސާގެފާނު ﷲ އަށް ދެންނެވުމުން އެމީހުން އާންމު ހާލަތަށް ރުޖޫއަކުރެއްވިއެވެ. މިފަހަރުވެސް ވަޢުދާ ޚިލާފުވެ ފިރުޢައުނު ބަނޫ އިސްރާއީލް މީހުން ދުލެއްނުކުރިއެވެ. އަދި އޭނާ ﷲ އަށް އީމާނެއްނުވިއެވެ.

ފިރުޢައުނާއި އޭނާގެ އައުވާނުން މައިތިރިނުވުމުން ﷲ އެމީހުންގެ މައްޗަށް އަނެއްކާވެސް ކޯފާއެއް ފޮނުއްވިއެވެ. މިފަހަރު ފޮނުއްވީ އުކުނާއި އެޒާތުގެ ސޫފިތަކެވެ. އެސޮރުމެން އެމީހުން ގުދަންކޮށްފައި ހުރި ކާބޯތަކެތި ކައި ހަލާކުކުރިއެވެ. އަދި މީހުންނަށް ނޫޅެވޭ ވަރަށް އުކުނުގެ މުސީބާތް ބޮޑުވިއެވެ. އެންމެފަހުން އެމީހުން މޫސާގެފާނަށް އާދޭސް ދެންނެވިއެވެ. މިފަހަރުވެސް އެމީހުން ވައުދުވީ އިސްރާއީލުގެ ދަރިން މިނިވަންކޮށް ދޫކުރުމަށެވެ. އެކަމަކުވެސް އާންމު ހާލަތަށް ކަންކަން ބަދަލުވުމުން އެމީހުންގެ ހަރުކަށިކަމާއި ގޮތްދޫނުކުރުން އިތުރުކުރިއެވެ. އެމީހުން ﷲ އަށް އީމާން ނުވިއެވެ. އަދި އިސްރާއީލްގެ ދަރިން ދޫނުކުރިއެވެ.

ދެން ފިރުޢައުނާއި އޭނާގެ އަހުލުވެރިން އީމާންވެ ތެދުމަގަށް ރުޖޫއަވޭތޯ ﷲ ބޮކުގެ ތޫފާނެއް ފޮނުއްވިއެވެ. މުޅި މިސްރު ފުރެންދެން ބޮއް ފޮނުއްވިއެވެ. މިފަހަރުވެސް ގޮތް ހުސްވުމުން މިސްރުގެ ރައްޔިތުންނާއި ފިރުޢައުނުގެ ބޮޑުން މޫސާގެފާނާ ބައްދަލުކޮށް އާދޭސް ދެންނެވިއެވެ. އެމީހުން ﷲ އަށް އީމާންވެ ބަނޫ އިސްރާއީލްގެ ދަރިން މިނިވަންކޮށް އެމީހުން ދޫކުރާނެކަމަށް ވަޢުދުވިއެވެ. ދެން މޫސާގެފާނު ﷲ އަށް ދުޢާކުރެއްވުމުން އާންމު ހާލަތަށް ކަންތައްތައް ބަދަލުވިއެވެ. މިވަރުންވެސް ފިރުޢައުނާއި އޭނާގެ ބައިވެރިން މޫސާގެފާނުގެ ރަސޫލުކަން ދޮގުކޮށް ﷲ އަށް އީމާނެއް ނުވިއެވެ.

ނުނިމޭ..

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 14 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
6
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް