September 20, 2024 18:43
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – މޫސާގެފާނަށް ދެއްކެވި ބޮޑުވެގެންވާ މުޢުޖިޒާތް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ދެން ﷲ އެމީހުންނަށް އިތުރު މުސީބާތެއް ކުރިމަތިކުރެއްވިއެވެ. އެއީ މިސްރު މީހުން ބޯ ކޮންމެ ފެނެއް ލެޔަށް ބަދަލުކުރެއްވުމެވެ. ބިޔަ ކޯރެއް ކަމުގައިވާ ނީލަ ކޯރުގެ ފެންވެސް ލެޔަށް ބަދަލުވިއެވެ. ފެން ލެޔަށް ބަދަލުވަނީ އެމީހުން އެފެން ބުއިމުންނެވެ. ފެން އަނގަޔަށް ލުމާއެކު އެފެން ބަދަލުވީ ލެޔަށެވެ. މިފަހަރުވެސް ފިރުޢައުނާއި އޭނާގެ އަހުލުވެރިން ކަންކުރީ އިހު އެމީހުން ކަންކުރިގޮތަށެވެ. ﷲ އަށް އީމާންވުމަށް އެމީހުން ދެކޮޅު ހެދިއެވެ. އަދި މޫސާގެފާނުގެ ރަސޫލުކަމަށްވެސް އެމީހުން ފުރަގަސްދިނެވެ. މިގޮތަށް ބޮޑުވެގެންވާ ދަލީލުތަކަށް އެމީހުން އިންކާރުކުރުމުން، ﷲ އެމީހުންނަށް ކޯފާ ފޮނުއްވައި އެމީހުން ނެތިކުރައްވަން އިރާދަކުރެއްވިއެވެ. އެއީ އަންނަން އޮތް ޖީލުތަކަށްވެސް މިސާލަކަށް ފުދޭނެފަދައިން އިބުރަތުން ފުރިފައިވާ ހަލާކުކުރެއްވުމެކެވެ.

ދެން މޫސާގެފާނު އެކަލޭގެފާނަށް ތަބާވި މީހުންނާއެކު މިސްރު ދޫކުރެއްވުމަށް ﷲ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މޫސާގެފާނަށް އަމުރުވެވުނީ ރޭގަނޑު މީސްތަކުންނާއެކު ރަތް ކަނޑާދިމާއަށް ވަޑައިގަތުމަށެވެ. މިދަތުރުގައި މީހުން އެމީހުން އަތުގައި ހުރިނަމަ ހުރިހާ މުދަލެއް ގެންދިޔައެވެ. އަނެއް ދުވަހު އިރު އެރި އިރު މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވިމީހުންނަށް ރަތް ކަނޑުގެ އައްސޭރިއަށް ފޯރިއެވެ. އަދި އެތަނުގައި އެކަލޭގެފާނު މީސްތަކުންނާއެކު މަޑުކުރެއްވިއެވެ.

Advertisement

ދެން ގިނަ އިރުތަކެއް ނުވެ މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވި މީހުން މިސްރު ދޫކޮށް ފިލި ޚަބަރު ފިރުޢައުނަށް ލިބުނެވެ.

މިޚަބަރާއެކު ފިރުޢައުނުގެ ރުޅިވެރިކަން ކޮޅުންލިއެވެ. ދެން ފިލައިގެންދާ ބަނޫ އިސްރާއީލްގެ މީހުންތައް އަތުލައި އެމީހުން ހިފާ ހައްޔަރުކުރުމަށް ފިރުޢައުނު އޭނާގެ ލަޝްކަރު ރުކުރުވާލިއެވެ. އެއަށްފަހު މޫސާގެފާނު ދަތުރުކުރެއްވި މަގުން އެކަލޭގެފާނާއި ބަނޫ އިސްރާއީލްގެ މީހުން އަތުލައިގަތުމަށް ފިރުޢައުނު ދަތުރުފެށިއެވެ. މިބޮޑު ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ ޚުދު ފިރުޢައުނެވެ. މިކަމުން އަންގައިދެނީ އޭނަގެ ރުޅިވެރިކަން ހުރިހިސާބެވެ.

ފިރުޢައުނާއި އޭނާގެ ލަޝްކަރު އަންނަތަން ފެނުމުން މީހުންތައް ބިރުން ރޮއެ ހަޅޭއްލާންފެށިއެވެ. އެވަގުތު މޫސާގެފާނު ގޮނޑުދޮށަށް ނިކުމެވަޑައިގެން އުދަރެހަށް ބެއްލެވިއެވެ. ދެން އެކަލޭގެފާނަށް ތަބާވި މީހުން އެމީހުންނަށް ސަލާމަތްވެވޭނެ އެއްވެސް މަގެއް ނެތްކަމަށް ދެންނެވިއެވެ. އަދި ދުޝްމަނުން ފަހަތުން އައިސް ހަމަކުރަނީ ކަމަށް ދެންނެވިއެވެ. އަދި އެމީހުން މަރުން ސަލަމާތްވާނެ ގޮތެއް ނެތްކަމަށްވެސް ދެންނެވިއެވެ. އެއްކޮޅުން އޮތީ ކަނޑުކަމަށާއި އަަނެއްކޮޅުން އޮތީ ފިރުޢައުނުގެ ލަޝްކަރުކަމަށް އެމީހުން ބިރުން ތިބެ ޝަކުވާ ދެންނެވިއެވެ. ދެން މޫސާގެފާނު ކެތްތެރިކަމާއެކު ހަމަޖެހިވަޑައިގެން ހުންނެވިއެވެ. އަދި ﷲ ގެ ހަޒުރަތުން އަންނަ މަދަދެއްގެ އިންތިޒާރުގައި އެކަލޭގެފާނު ހުންނެވި ވާހަކަ ވިދާޅުވިއެވެ. އަދި އެމީހުން ކެތްތެރިވެ ﷲ އަށް ވަކީލުކޮށްގެން ތިބުމަށް އެދިވަޑައިގަތެވެ. މޫސާގެފާނަށް ﷲ ވައުދުކުރެއްވިގޮތަށް އެކަލޭގެފާނު ސަލާމަތްވާނެކަމުގެ ޔަގީންކަން އޮތެވެ. އަދި ﷲ ގެ މަދަދަށް އިންތިޒާރުކުރައްވައިގެން ހުންނަވަނިކޮށް އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް އަމުރުކުރެއްވިއެވެ.

މޫސާގެފާނު ކަނޑުގައި އަސާކޮޅުން ޖެއްސެވުމާއެކު ވަރުގަދަ ވައެއް އުފެދުނެވެ. ގަދަވަޔާއެކު ކަނޑުގެ ލޮނުގަނޑު ކެކިގެން އުސް ފަރުބަދައެއްހެން އުފުލުނެވެ. އެއަށް ފަހު ކަނޑުގެ ލޮނުގަނޑު ދެބައިވެ ކަނޑުން މަގެއް ހިކުނެވެ. މިއީ ﷲ މޫސާގެފާނަށް ދެއްކެވި ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. ދެން އެކަލޭގެފާނު މީސްތަކުން ގޮވައިގެން ކަނޑުގައި އޮތް މަގުން ދަތުރުފެއްޓެވިއެވެ. އޭރުވެސް ފިރުޢައުނާއި އޭނާގެ ލަޝްކަރު އަންނަތަން ފެނެއެވެ.

ނުނިމޭ..

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 15 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
3
+1
7
+1
1
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް