މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..
ފިރުޢައުނަށް ރަތްކަނޑުގެ އައްސޭރިއަށް އާދެވުނު އިރުވެސް ކަނޑު އޮތީ ދެބައިވެފައެވެ. ދެން ފިރުޢައުނު އަނެއްކާވެސް ކިބުރުވެރިވެ ބޮޑާވެގަތެވެ. ކަނޑުދެބައިވީ އޭނަގެ އަމުރަށް ކަމުގައި އޭނަގެ ބައިވެރިންނަށް އޭނަ އެންގިއެވެ. އަދި ބަޣާވާތްކޮށްގެން އުޅޭ މީހުންތައް ހިފާ ހައްޔަރުކުރާނެކަމަށްވެސް އޭނަ ބުންޏެވެ. ދެން ފިރުޢައުނު އޭނަގެ ލަޝްކަރާއެކު ކަނޑުގައި އޮތް ހިކިމަގުން ދަތުރުފެއްޓިއެވެ. އޭނައަށް ނޭގުނުކަމީ ﷲ ގެ ޕްލޭނެވެ. ﷲ އިރާދަކުރެއްވީ ފިރުޢައުނާއި އޭނަގެ ލަޝްކަރު އެއްކޮށް ކަނޑުމެދަށް ޢަރަޤުކުރައްވާށެވެ. ދެން މޫސާގެފާނުގެ ފަހަތްޕުޅުގައި ތިބި މީސްތަކުންނަށް ފިރުޢައުނު އަންނަތަން ފެނުމުން އެކަމާ ބިރުން ޝަކުވާ ދެންނެވިއެވެ. އަދި އެންމެފަހުން މޫސާގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށްވެސް އެމީހުން ދެންނެވިއެވެ. އެކަމަކު ﷲ ގެ އަމުރުފުޅަށް މޫސާގެފާނު އެމީހުން ބުނި ގޮތަށް އަމަލެއްނުކުރެއްވިއެވެ.
މިހާރު ފިރުޢައުނާއި އޭނާގެ ލަޝްކަރަށް ކަނޑުގެ މެދަށް އާދެވިއްޖެއެވެ. އެހިނދު ﷲ ގެ އަމުރުފުޅަށް ކަނޑު އިހު އޮތްގޮތަށް ބަދަލުވިއެވެ. ޖައްބާރުކަމާއި ފަސާދަކުރުމުގައި އެވަރެއްނެތި ފޮނިކަނޑަމުން އައި ފިރުޢައުނަށް މަރުވާނެކަން ކަށަވަރުވިއެވެ. ދެން މަރުދެކެ ބިރުން ﷲ ފިޔަވާ އެހެން އިލާހެއް ނުވާކަމަށް އިއުލާންކުރަމުން އޭނަ ބުނެޏެވެ. އިސްރާއީލްގެ ދަރިން އީމާންވި ކަލާނގެ މެނުވީ އެހެން ކަލަކު ނެތްކަމަށް އަހަރެން އީމާންވަމެވެ. އަދި އަހަރެން ވަނީ މުސްލިމުންގެތެރެއިންނެވެ. ދެން ފިރުޢައުނު ﷲ އަށް އީމާންވެ ތައުބާވާން އަނގަ ހުޅުވުމާއެކު ޖިބުރީލުގެފާނު ވަޑައިގެން އޭނާގެ އަނގައަށް ކިސަޑު ޖެއްސެވިއެވެ. ޖިބުރީލުގެފާނު އެންމެ ނަފުރަތުކުރެއްވި އިންސާނަކީ ފިރުޢައުނެވެ. އެއީ އޭނައަކީ އެންމެ މަތިވެރި އިލާހުކަމަށް އިޢުލާންކުރުމުން ޖިބުރީލުގެފާނު ކިބައިގައި އުފެދުނު ރުޅިވެރިކަމެކެވެ.
އެވަގުތު އޭނަގެ ހިތަށް ވައްދަވައި އެންގެވިކަމަށް ﷲ ވަޙީކުރެއްވިއެވެ. ކަލޭ ތިޔަ އީމާންވީ މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭ ވީ ފަސާދަކުރާ މީހުންތެރެއިންނެވެ.
ފަހެ، ތިމަން ރަސްކަލާނގެ މިއަދު ކަލޭގެ ފުރާނަނެތް ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ ކަލެއަށް ފަހު އަންނަ ބަޔަކަށް، އިބުރަތެއްކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން މީސްތަކުންގެތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ޣާފިލުވެގެންކަންކަށަވަރެވެ.
ފިރުޢައުނު ކަނޑަށް ޢަރަގުވި ޚަބަރު ލިބުމުން އެމީހުންގެ ކަލާނގެ ފިރުޢައުނަކީ އެމީހުން ފަދަ އަޅެއްކަން އެމީހުންނަށް އެނގުނެވެ. އަދި މަރުން ސަލާމަތްވާނެ އެއްވެސް ގޮތެއް އޭނައަށް ނުހޯދުނުކަން އެމީހުންނަށްވެސް ކަށަވަރުވިއެވެ. ދެން ފިރުޢައުނުގެ މަރުވެފައިވާ ހަށިގަނޑު ރަތްކަނޑުގެ އައްސޭރި ފަށަށް ލެއްގިއެވެ. އެދުވަސްވަރު މިސްރުގައި ވެރިކަންކުރާ މީހުންނާއި އެނޫންވެސް ދަރަޖަމަތީ މީހުންގެ ހަށިގަނޑުތައް އެމީހުން ކުނިނުވާ ގޮތަށް ބަންދުކޮށް ވަޅުލިއެވެ. ހަމައެގޮތަށް ފިރުޢައުނުގެ ހަށިގަނޑުވެސް ކުނިނުވާގޮތަށް ބަންދުކުރުމަށްފަހު އެމީހުން އެހަށިގަނޑު ވަޅުލިއެވެ. ފިރުޢައުނާއެކު އޭނަ ބިނާކުރި ބޮޑެތި ބިނާތައްވެސް ﷲ ނެތިކުރެއްވިއެވެ. އެހެންވެ މޫސާގެފާނާ ކުރިމަތިވި ފިރުޢައުނު ބިނާކުރި އެއްވެސް ބިނާއެއް މިއަދު ފެންނާކަށް ނެތެވެ.
އޭގެ އެތައް އަހަރެއްފަހުން 1898 ވަނަ އަހަރު ފިރުޢައުނުގެ ހަށިގަނޑު މިސްރުން ފެނުނެވެ. ދެން ކަމުގެ ޢިލްމުވެރިންނަށް އެހަށިގަނޑު ފެނުމުން އަޖާއިބުވިއެވެ. ސަބަބަކީ އެހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނެތުމެވެ. ސައެންސްވެރިންނަށް މި ހަށިގަނޑުން އެއްކަމެއް ފާހަގަކުރެވުނެވެ. އެއީ ހަށިގަނޑުގެ ބޭރުގައި ލޮނު ފަށަލައެއް ހުރުމެވެ. ސަބަބަކީ އޭނަގެ ހަށިގަނޑުން ލޮނު ނުފިލުވާ އެމީހުން އޭނަ ބަންދުކޮށް ވަޅުލުމެވެ. ސައެންސްވެރިން ފިރުޢައުނުގެ ހަށިގަނޑު ބަލާ ތަހުގީގުކުރުމަށްފަހު އެހަށިގަނޑު މިހާރު އޮންނަނީ އާންމުންނަށް ދައްކަން މިސްރުގެ ދާރުލްއާސާރެއްގައެވެ.
ނުނިމޭ..
ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 16 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.