September 20, 2024 16:45
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ތައުރާތު ބާވައިލެއްވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ.

މޫސާގެފާނުގެ ގައުމުގެ މީހުންނާމެދު ކަންކުރަންވީގޮތުގެ ތެދުމަގު ލިބިގަތުމަށް އެކަލޭގެފާނު ﷲ އަށް ދުޢާދެންނެވިއެވެ. ދެން ﷲ ގެ އަމުރުފުޅަށް މޫސާގެފާނު ސީނާގެ ޠޫރު ފަރުބަދައަށް ވަޑައިގަތެވެ. މިއީ އެކަލޭގެފާނަށް ﷲ އެންމެ ފުރަތަމަ ވަޙީ ބަސްފުޅު އިއްވެވި ފަރުބަދައެވެ. ދެން އެކަލޭގެފާނަށް އަމުރުވެވުނީ ތިރީސް ދުވަހު ރޯދައަށް ހުންނެވުމަށެވެ. އަދި ތިރީސްވަނަ ރޯދަޔާއެކު ޠޫރު ފަރުބަދައަށް ވަޑައިގަތުމަށެވެ. ދެން އެކަލޭގެފާނު ތިރީސްވަނަ ދުވަހު ރޯދަ ދޫކޮށްލެއްވިއެވެ. ﷲ ގެ އަމުރާ އެކަލޭގެފާނު ޚިލާފުވުމާއެކު ﷲ އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ރޯދަ ދޫކުރެއްވި ސަބަބު ﷲ އެއްސެވިއެވެ. ޖަވާބުގައި އެކަލޭގެފާނުގެ އަނގަފުޅުން ނުބައިވަސްދުވާހާލު ﷲއާ ވާހަކަ ދައްކަން އެކަލޭގެފާނު ހިތްޕުޅާނުވާތީ ރޯދަ ދޫކޮށްލީކަމުގައި ދެންނެވިއެވެ.

ދެން މޫސާގެފާނަށް އަމުރުވެވުނީ އިތުރަށް ދިހަ ދުވަހު ރޯދަ ހިއްޕެވުމަށެވެ. އަދި ރޯދައަށް ހުންނަ މީހާގެ އަނގައިގެ ވަސް ފިނިފެންމަލުގެ ވަހަށްވުރެވެސް ﷲ ގެ ހަޒުރަތުގައި މީރުކަމަށް ﷲ އެކަލޭގެފާނަށް އެންގެވިއެވެ. ދެން ﷲ ގެ އަމުރުފުޅަށް ޠޫރަށް ވަޑައިގަންނަވަމުން މޫސާގެފާނު ހުރިހާ ކަމެއް އެކަލޭގެފާނުގެ ބޭބެ ހާރޫންގެފާނާ ހަވާލުކުރެއްވިއެވެ. އެއީ އެކަލޭގެފާނު އެނބުރިވަޑައިގަންވަންދެންނެވެ. މީސްތަކުން އެކަލޭގެފާނާ ހަވާލުކުރެއްވުމަށްފަހު ހުރިހާ ކަމެއް ﷲ ގެ މަގުން ގެންދެވުމަށް މޫސާގެފާނު ހާރޫނުގެފާނަށް ދެންނެވިއެވެ.

Advertisement

ﷲ ގެ އަމުރުފުޅަށް މޫސާގެފާނު ޠޫރު ފަރުބަދައަށް އެރުއްވިއެވެ. ދެން ފުރަތަމަ އެކަލޭގެފާނު އެދިވަޑައިގަތީ ﷲ އެކަލޭގެފާނަށް ދެއްކެވުމަށެވެ. ﷲ ވަޙީކުރައްވައި އެންގެވިއެވެ. ކަލޭގެފާނަށް ތިމަން ﷲ ފެނިވަޑައިގަތުމުގެ ކުޅަދާނަކަންނުވެއެވެ. އަދި އެކަލޭގެފާނު ފަރުބަދައަށް ބެއްލެވުމަށް އަމުރުކުރެއްވިއެވެ. އެފަރުބަދައަށް އެއްވެސް ގޮތެއް ނުވެ ހުރެއްޖެއްޔާ އެކަލޭގެފާނަށް ﷲ ފެނިވަޑައިގަންނަވާނެކަމަށް ﷲ އެންގެވިއެވެ. ދެން ﷲ ފަރުބަދައަށް ތަޖައްލީވޮޑިގަތުމާއެކު އެފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވިއެވެ. އަދި މޫސާގެފާނު ހޭފުޅުނެތިގެން ވެއްޓިވަޑައިގަތެވެ. ދެން މޫސާގެފާނު ހޭފުޅު އެރުމުން ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. އިބަރަސްކަލާނގެއަށް ތިމަންއަޅާ ތައުބާވެއްޖައީމެވެ. އަދި އީމާންވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަން އަޅާއެވެ.

ދެން މޫސާގެފާނު މާތްކުރެއްވިކަން އެކަލޭގެފާނަށް އެންގެވިއެވެ. އެކަލޭގެފާނަށް ފޮތް ބާވައިލައްވައި ސީދާ ﷲ އެކަލޭގެފާނަށް ބަސް ވަހީކުރައްވާކަން އެންގެވިއެވެ. އެކަމަށްޓަކައި އެކަލޭގެފާނު ޝުކުރުވެރިވުމަށް އެންގެވިއެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ތައުރާތުގައި ހިމެނުނު މައިގަނޑު ދިހަ ނުކުތާ އަލްއަންޢާމް ސޫރަތުގެ 151 ވަނަ އާޔަތުން 152 އާޔަތަށް ﷲ ބަޔާންކުރައްވައެވެ.

ﷲ އަމުރުފުޅަށް މޫސާގެފާނު ޠޫރު ފަރުބަދައަށް ދަތުރުކުރެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގަތްއިރު ހުރިހާ ކަމެއް އޮތީ އެކޮޅުކޮޅުން ޖަހާފައެވެ. މީހުންތައް ދެބަޔަކަށް ބެހި އެއްބަޔަކު ބުދަށް އަޅުކަން ކުރިއެވެ. ބަނޫ އިސްރާއީލްގެ މީހުންނަށް އެނގިފައި އޮތްގޮތުގައި މޫސާގެފާނު ދަތުރުފުޅުގައިވާނީ ތިރީސް ދުވަހެވެ. އެކަމަކު އެކަލޭގެފާނުގެ ދަތުރުފުޅު ތިރީސް ދުވަހަށްވުރެ އިތުރުވުމުން ސާމިރި ނަމަކަށް ކިޔުނު މީހަކު ޝައިޠާނާއަށް ހެއްލުނެވެ. އޭނާ މީސްތަކުންގެ ގާތު ބުނިގޮތުގައި މޫސާގެފާނުވަނީ އެކަލޭގެފާނުގެ ވަޢުދާ ޚިލާފްވެފައެވެ. އެހެންވެ މޫސާގެފާނުގެ ބަދަލުގައި މަގުދައްކާނެ އެހެން މީހަކު ހޯދަންޖެހެއެވެ. ދެން އޭނަ ބުނިގޮތުގައި ހަގީގީ ތެދުމަގު ލިބިގަތުމަށްޓަކައި އެމީހުންނަށް ކަލާނގެއެއް ބޭނުންވެއެވެ. އަދި އެމީހުންނަށް ކަލާނގެއެއް ހޯދައިދީފާނެކަމަށް ސާމިރި ބުންޏެވެ.

މަގުފުރެދުނު ސާމިރި މީސްތަކުން އަތުން އެމީހުންގެ އަތުގައި ހުރި ރަނުގެ ގަހަނާތައް ހޯދިއެވެ. އަދި ވަޅުގަނޑަކަށް އެ ރަންތައް އެޅުމަށްފަހު ބޮޑު އަލިފާންގަނޑެއް ޖަހައިގެން ރަންތައް ވިރުވިއެވެ. އެއަށްފަހު ވިރުވި ރަނުން ޅަ ގެރިއެއްގެ ސިފައިގައި ބުދެއް ހެދިއެވެ. މިކަން ކުރިއިރު އޭނަ ޖާދޫ ހަދާ މީހުން ޖައްސާ ޒާތުގެ ވައްތަރުތައް ޖެއްސިއެވެ. މިކަމުގެ ބޭނުމަކީ އެތަނުގައި ތިބި ޖާހިލު މީހުންތައް ހައްލާލުމެވެ. ރަނުން ގެރި ހެދީ ހޮއި ހުންނަ ގޮތަށެވެ. ދެން ޖެހޭ ވަޔާއެކު އޭގެތެރެއަށް ވައި ވަނުމުން އަޑެއް ކިޔެވެ. އެހިސާބުން އެއީ ރޫހާނީ ކަމަކަށް ބަލައިގެން އެއްބަޔަކު ރަނުން ހަދާފަ އޮތް ގެރިއަށް އަޅުކަން ކުރަންފެށިއެވެ. މިއީ ސާމިރި އެމީހުންނަށް ހޯދައި ދިން ކަލާނގެއެވެ.

ދެން ހާރޫނުގެފާނު އެކަމާ ހިތާމަ ކުރައްވާ އެމީހުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އެމީހުން ވަނީ މަކަރުވެރިކަމުގައި ޖެހިފައި ކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އެމީހުންގެ އިލާހަކީ އެއްކައުވަންތަ ﷲ ކަމުގައި އެކަލޭގެފާނު ހަނދާންކޮށްދެއްވިއެވެ. އަދި އެކަލޭގެފާނަށް ތަބާވެ އެކަލޭގެފާނު ދައްކަވާ މަގުން އެމީހުން ކުރިއަށް ދިއުމަށް އެކަލޭގެފާނު ގޮވައިލެއްވިއެވެ. އެކަމަކުވެސް އޭގެތެރެއިން އެއް ބަޔަކު ގޮތް ދޫނުކުރިއެވެ. އެމީހުން ގެރި ކަލާނގެއަށް އަޅުކަންކުރުން ހުއްޓާލާނީ މޫސާގެފާނު ވަޑައިގަތް ދުވަހަކުން ކަމުގައި އެމީހުން ހާރޫނުގެފާނަށް ދެންނެވިއެވެ. ދެން ހާރޫނުގެފާނަށް ތަބާވި މީހުން ބުދަށް އަޅުކަންކުރަން ފެށި މީހުންނާ ދުރުހެލިވެ ވަކިވެގަތެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 18 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
4
+1
1
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް