September 20, 2024 16:30
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: ފިރުޢައުނުގެ އަންހެން ދަރި ނަލަހައްދާ މީހާގެ ވާހަކަ

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

އިބްނު ޢައްބާސް ރިވާކުރެއްވި ހަދީޘްފުޅެއްގައި ފިރުޢައުނުގެ އަންހެން ދަރި ނަލަހައްދާ ބާނދީ މާޝިތާތު ވާހަކައެއް ވެއެވެ. ރަސޫލާ ﷺ ގެ މިޢުރާޖު ދަތުރުފުޅުގައި އެކަލޭގެފާނަށް ވަރަށް މީރު ވަހެއް ލިބިވަޑައިގަތެވެ. ދެން ޖިބުރީލު އަރިހު އެއީ ކޮން ވަހެއްތޯ އެއްސެވިއެވެ. ޖަވާބުގައި އެއީ ފިރުޢައުނުގެ އަންހެން ދަރި ނަލަހައްދަން އުޅުނު އަންހެން މީހާއާއި އޭނާގެ ދަރިންގެ ވަސްކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ޖިބުރީލުގެފާނު އެވާހަކަ ރަސޫލާ ﷺ އަށް ވިދާޅުވެދެއްވިކަމުގައިވެއެވެ.

އެއް ދުވަހަކު މާޝިތާތު ހުރީ ފިރުޢައުނު ދަރީގެ ބޯ އޮމާންކޮށްދޭށެވެ. ކުއްލިއަކަށް އެކަނބުލޭގެ އަތުން ފުނާ ބިންމައްޗަށް ވެއްޓުނެވެ. ދެން ބިމުން ފުނާ ނަގައިގެން ބޯ އޮމާންކުރަން ފެށުމުގެ ކުރިން އެކަނބުލޭގެއަށް މަޑުމަޑުން ބިސްމިއްލާހި ބުނެވުނެވެ. ދެން ފިރުޢައުނުގެ ދަރިއަށް މިއަޑު އިވިގެން އެއީ ކީކޭތޯ މާޝިތާތު ގާތު އެއްސެވެ. ޖަވާބުގައި އޭގެ މާނަޔަކީ ﷲ ގެ ނަންފުޅު ކަމުގައި އޭނަ ބުންޏެވެ. ދެން އެއީ އޭނަގެ ބައްޕަ ފިރުޢައުނު ކަލާނގެ ނަންތޯ ފިރުޢައުނުގެ ދަރި އެއްސެވެ. ޖަވާބުގައި އެއީ ފިރުޢައުނާއި އޭނަގެ ދަރިއާއި މާޝިތާތުގެ ކަލާނގެކަމުގައި ބުންޏެވެ.

Advertisement

ދެން ފިރުޢައުނުގެ ދަރި ރުޅި އައިސްގެން މިވާހަކަ ފިރުޢައުނު ގާތު ދައްކައި ޝަކުވާ ކުރިއެވެ. ފިރުޢައުނު ނޫން ކަލާނގެއަކަށް ނަލަހައްދާ އަންހެންމީހާ ތަބާވާ ކަމުގައި ބުންޏެވެ. ދެން ފިރުޢައުނު އެއަންހެން މީހާ ހާޒިރުކޮށް ސުވާލުކުރިއެވެ. ފިރުޢައުނު ފިޔަވައި އެހެން ކަލާނގެއެއް ހުރޭތޯ އޭނާ އެއްސެވެ. ޖަވާބުގައި މާޝިތާތު ބުނީ އޭނަގެ ކަލާނގެއަކީ ﷲ ކަމުގައެވެ. ދެން ބޮޑު ތެއްޔެއްގައި ފެން ކައްކާފަ މާޝިތާތުގެ ފަސް ކުދިން ގެނެސް އޭގެ ތެރެއިން އެއްކުއްޖަކު ކެކިކެކި ހުރި ފެނަށް ލިއެވެ. އެވަގުތު އެ މަންމަގެ ކުރިމަތީގައި އެކުއްޖާ މަރުވިއެވެ. ދެން އަނެއްކާވެސް އޭނަގެ ކަލާނގެއަކީ ކޮބައިތޯ ފިރުޢައުނު ސުވާލުކުރިއެވެ. ޖަވާބުގައި ﷲ ކަމުގައި ބުންޏެވެ. ދެން ފިރުޢައުނު އެ އަންހެން މީހާގެ ދެވަނަ ދަރިފުޅު ކެކިކެކި ހުރި ފެން ތެއްޔަށް ވައްޓާލިއެވެ. އެކުއްޖާވެސް އެ އަނިޔާގަ ވަގުތުން މަރުވިއެވެ. ދެން ސުވާލުކުރުމުންވެސް މާޝިތާތުގެ ޖަވާބަކީ އޭނަގެ ކަލާނގެއަކީ ﷲ އެވެ. ދެން އެންމެ ފަހުން އޭނަގެ އެންމެ ހަގު ދަރިފުޅާޖެހުނެވެ. އެއީ ވާހަކަ ދެއްކޭ ވަރަށްވުރެ ތުއްތު ކުއްޖެކެވެ. އެކުއްޖާ ކުއްލިއަކަށް ވާހަކަ ދައްކައި އޭނަގެ މަންމަ ގާތު ބުންޏެވެ. މަންމާ ކެތްތެރިވާށެވެ. މަންމަ ތިޔަހުރީ ހައްގުގޮތުގައެވެ. ﷲ ވަނީ މަންމައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާފައެވެ. ދުނިޔޭގެ އަނިޔާއަށްވުރެ އާޚިރަތުގެ ވޭންދެނިވި ޢަޒާބު މާބޮޑުވާނެއެވެ. ދެން އެކުއްޖާވެސް ކެކިކެކިހުރި ފެން ތެއްޔަށް އެއްލައި މަރާލިއެވެ.

ދެން މާޝިތާތު އެފެން ތެލީގެ ތެރެއަށް ވައްޓާލަން އުޅުމުން އޭނަގެ އެދުމެއްގެ ވާހަކަ އޭނަ ފިރުޢައުނަށް ހުށަހެޅިއެވެ. އެއީ އޭނަ މަރުވުމުން އެ ފަސް މައިން އެއްކޮށް ފޮތިގަނޑަކަށް ލާފަ އެމީހުން އެއް ވަޅުގައި ވަޅުލާދިނުމެވެ. ފިރުޢައުނު މިކަމަށް އެއްބަސްވެ އެއަންހެން މީހާވެސް ފެން ތެއްޔަށް ވައްޓާ އޭނާވެސް މަރާލިއެވެ. ފިރުޢައުނުގެ އަތުން ޝަހީދުވި ފަސް މުސްލިމުންގެ ވާހަކައަކީ ވަރަށް އަސަރުގަދަ ވާހަކައެކެވެ. އީމާންކަމުގެ އަހުލުވެރިން ކުރިމަތީ ދުނިޔަވީ އަނިޔާއަކީ އެއްވެސް އެއްޗެއް ނޫންކަން މި ހާދިސާއިން އެނގެއެވެ. އަންހެނެއްގެ ސާބިތުކަމާއި އޭނަގެ ކެތްތެރިކަމާއި އޭނަ އެދެއްކި ހިތްވަރާއި އީމާންކަމުން އަޅުގަނޑުމެންނަށް ހިތްވަރު ދެއްވާށިއެވެ.  

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 25 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
3
+1
13
+1
2
+1
2
+1
2
+1
2

Advertisement

ގުޅުންހުރި ލިޔުންތައް