މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ
މޫސާގެފާނު ވާހަކައިގައި ދެވަނައަށް އެންމެ އަސަރުގަދަ ވާހަކައަކީ ފިރުޢައުނުގެ އަނބިކަމަނާގެ ވާހަކައެވެ. އެކަމަނާއަކީ އަބަދުވެސް ﷲ އަށް އީމާންވެގެން ހުރި ކަނބަލެކެވެ. އެކަމަނާ ވަޑައިގަތީ ވަރަށް މުއްސަނދި އާއިލާއަކުންނެވެ. އަދި އާސިޔަތުގެފާނަކީ ރީތިކަމަށް އަރާހުރި ކަނބަލެއް ކަމުގައިވިއެވެ. އެދުވަސްވަރު އޮންނަ އާދަކާދައިގެ މަތިން އެކަމަނާ ފިރުޢައުނާ ކައިވެނި ކުރެއްވީ ދެފަރާތުގެ އާއިލާއިން އެކަން ހަމަޖައްސައިގެންނެވެ. އެކަމަނާ އަކީ މުއްސަނދި ރީތި ކަނބަލެކެވެ. އަނެއްކޮޅުން ފިރުޢައުނަކީ ރަސްގެފާނެވެ. އެހެންވެ މިކައިވެނި ބެލުނީ ރަނގަޅު ގުޅުމަކަށެވެ. އެކަމަކު މިއީ އެއްވެސް އުފާވެރިކަމެއް ނެތް ކައިވެންޏެކެވެ.
މޫސާގެފާނު އެންމެ ފުރަތަމަ ﷲ ގެ އަމުރުފުޅަށް ފިރުޢައުނާ ބައްދަލުކުރައްވާ މުޢުޖިޒާތް ދެއްކެވި ހިސާބުން އެކަމަނާ މޫސާގެފާނުގެ ރަސޫލުކަން ގަބޫލުކުރައްވައި އެކަލޭގެފާނަށްވެސް ތަބަޢުވެވަޑައިގަތެވެ. އެކަމަކު އާސިޔަތު އިސްލާމް ދީނަށް އުޅުއްވީ ސިއްރިޔާތުގައެވެ. އެކަން ފިރުޢައުނަކަށް ނާންގަވައެވެ. ދެން ކޮންމެވެސް ހިސާބަކުން ފިރުޢައުނުގެ ޚާދިމުންނަށް މިކަން ޝައްކުވިއެވެ. ފަހުން އެކަމަނާގެ ކުރިމަތީގައި ބާނދީ މާޝިތާ ޝަހީދުވުމުން އެކަމުން އެކަމަނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގަތެވެ. އަދި ވަގުތުން އެކަމަނާ ﷲ އަށް އީމާންވާކަން އެންމެނަށް ހާމަކުރައްވައި ފާޅުކުރެއްވިއެވެ.
ދެން ފިރުޢައުނަށް މިޚަބަރު ލިބުމާއެކު އާސިޔަތު ގެނެސް އެކަމާ ސުވާލުކުރިއެވެ. ޖަވާބުގައި އެކަމަނާގެ ކަލާނގެ އަކީ ﷲ ކަމަށް ދެންނެވިއެވެ. ދެން އެކަމަނާ ސަހަރާގެ ހޫނަށް ނެރެ ކާން ނުދީ ބަނޑަށް ބެހެއްޓިއެވެ. އެވަރުން ނުވެގެން އެކަމަނާ އަށް އެންމެން ކުރިމަތީ އަނިޔާކުރިއެވެ. މިގޮތަށް އެކަމަނާ އަށް އަނިޔާ ކުރިއިރު ފިރުޢައުނުގެ ދަރިން އެކަމަނާއަށް މަލާމާތްކޮށް ފުރައްސާރަކުރިއެވެ.
އެކަމަނާއަށް މިއަނިޔާ ލިބެމުންދިޔަ ވަގުތު ދެއަތް މައްޗަށް ނަންގަވާ ﷲ އަށް ދުޢާއެއް ކުރެއްވިއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮއެވެ. މިއަޅާއަށް އިބަރަސްކަލާނގެ ކައިރީގައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނދޭވެ. އަދި މިއަޅާ ފިރުޢައުނުގެ އަނިޔާވެރިކަމުން މިންޖުކުރައްވާނދޭވެ. އެވަގުތު ﷲ އެކަމަނާގެ ދުޢާ އިޖާބަކުރައްވައި އުޑު ހުޅުއްވައި އުޑުން އެކަމަނާގެ ގަނޑުވަރު އެކަމަނާއަށް ދެއްކެވި ކަމުގައިވެއެވެ. އެކަމަނާ ދުޢާކުކުރެއްވުމާއެކު ފިރުޢައުނު އެކަމަނާގެ އިސްތަށިފުޅަށް ބޮޑު ހިލައެއް ވައްޓައި އެކަމަނާ އަވަހާރަކޮށްލިއެވެ. ބުނެވޭގޮތުގައި އެހިލަ އެކަމަނާގެ އިސްތަށިފުޅުގައި ޖެހުމުގެ ކުރިން ﷲ އެކަމަނާގެ ފުރާނަ ގެންދެވިއެވެ. އެކަމަނާގެ އީމާންކަމުގެ މިސާލަކީ ނިމުމެއްނުވާ މިސާލެކެވެ.
ނުނިމޭ
ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ ފަހުބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.