November 1, 2024 07:38
Advertisement

-Advertisement-

ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެމްއެމްޕީއާރުސީއިން ގިނަ މަސައްކަތްތަކެއް

ދިވެހި ރާއްޖެއަކީ ހަމައެކަނި މޫދާއި ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ކަނޑު އަޑީގެ މުރަކައިގެ ބަގީޗާތަކުގެ ގޮތުގައި ޓްރެވެލް މާކެޓްތަކުގައި މަޝްހޫރުވެފައި އޮންނަ އޮތުން އެހެނިހެން ދާއިރާތަކަށް ބަދަލުކުރުމުގެ އަމާޒުގައި އެމްއެމްޕީއާރްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނަށް ވިއްކާ ފަދައިން، ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައާއި ދިވެހިންގެ ސާދާ ދިރިއުޅުމުގެ ވައްޓަވާޅި ވެސް ތަޖްރިބާ ކުރެވޭ ގޮތަށް ފަތުރުވެރިކަމުގެ މާކެޓްތަކުގައި ރާއްޖެ އިސްތިހާރު ކުރާ ގޮތުން، ސްޕޯޓްސް ޓޫރިޒަމް އާއި ފިލްމް ޓޫރިޒަމް އަދި މެޑިކަލް ޓޫރިޒަމާއީ ސްޓޫޑެންޓް ޓޫރިޒަމް ފުޅާކުރުމަށްވެސް އެމްއެމްޕީއާރްސީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެމްޕީއާރްސީގެ އައު މެނޭޖްމެންޓުން ފުރަތަމަ ފަހަރަށް އިއްޔެ އެ ކުންފުނީގައި ބޭއްވި ލޯކަލް މީޑިއާ އެންގޭޖްމެންޓް އިވެންޓްގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ އެމްއެމްޕީއާރްސީން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވަރަށް ގިނަ ކަންކަން ރާވަމުންދާނެ ކަމަށެވެ. އަދި މި އަހަރު ޕްލޭންތަކާއި އެއްގޮތަށް އިރާދުކުރެއްވިއްޔާ އަންނަ އަހަރު  ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ އަމަލީ މަސައްކަތްތަކެއް ކުރާނެކަމަށެވެ.

Advertisement

 މިއަހަރުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހިފާފައިވާއިރު ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީން މީގެ ކުރިން ލޯކަލްމީޑިއާތަކާއި އެކު މީޑިއާ އެނގޭޖްމެންޓް ހަރަކާތެއް ބާއްވާފައި ނުވި ނަމަވެސް ކުރިޔަށް އޮތްތަނުގައި ބޭރުގެ އެކި މާކެޓްތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ރާވާ ކަންތައްތަކާއި ގުޅޭ މައުލޫމާތު ދިވެހި ނޫސްވެރިންނާ ހިއްސާކޮށް ހިޔާލުބަދަލުކުރުމުގެ މަޝްވަރާތައް އިތުރުކުރާނެކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއަކީ މި ސަރަހައްދުގެ ތައުލީމަށް ބަލާއިރު ޔުނިވަރސިޓީ ކޮލެޖްތަކުގެ ފެންވަރު ރަނގަޅު ޕްރޮގްރާމްތައް ހިންގާ ގައުމަކަށްވާއިރު އެޑިއުކޭޝަން ޓޫރިޒަމަށްވެސް ރާއްޖެ މިހާރަށްވުރެ ބޮޑަށް ޕްރޮމޯޓް ކުރެވޭނެއެވެ.

ބައިނަލްއަގްވާމީގޮތުން އެކްރެޑިޓެޑް ބައެއް ކޯސްތައް ރާއްޖޭގައި ހިންގާއިރު މި ސަހައްދުގެ ހިތްފަސޭހަ މާހައުލެއްގައި ތިބެގެން ބޭރުގެ ދަރިވަރުންނަށްވެސް ރާއްޖޭގައި ތައުލީމު ހާސިލް ކުރުމުގެ ދޮރު ވަނީ ހުޅުވިފައެވެ. ބޭނުންވަނީ އެކި ގައުމުތަކުގެ ދަރިވަރުންނަށް ރާއްޖޭން ލިބެން ހުރި މަތީތައުލީމުގެ ފުރުސަތުތައް ކިޔާދީ މިހާރަށްވުރެ ބޮޑަށް ރާއްޖޭގެ ތައުލީމީ އިދާރާތަކުން ހިންގާ ޕްރޮގްރާމްތައް ބައިނަލް އަގްވާމީ އެޑިއުކޭޝަން ފެއާތަކާއި އެކްސްޕޯތަކުގައި ޕްރޮމޯޓް ކުރުމެވެ.

އަދި ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ފުރުސަތުތަކާއި މެޑިސިން އާއި ގުޅޭ ދާއިރާތަކުންވެސް ރާއްޖޭގެ ޔުނިވަސިޓީ އާއި ހޮސްޕިޓަލްތަކުގަ އިންޓަރނޝިޕް ފުރިހަމަ ކުރެވޭ ކަހަލަ އުސޫލުތައް ތައާރަފް ކުރެވޭނަމަ މެޑިކަލް ޓޫރިޒަމްވެސް ރާއްޖޭގައި މުސްތަގްބަލުގައި ފުޅާކުރެވިދާނެއެވެ.

މީގެ އިތުން ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކޮށް ދިވެހިންގެ އާދަކާދަ އާއި ރަށްފުށުގެ ތަޖްރިބާ ދެކިލުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެކި މާކެޓްތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ހިންގާ ރާއްޖޭގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓް ކުރެވިދާނެއެވެ. ރިސޯޓްތައް ނޫނަސް ގުދުރަތީ ރީތި ހިތްގައިމު ކުޅިތަކާއި މަސްފެންގަނޑުތަކާއި ޖަންގަލިތައް ހިމެނޭ ފަޅު ރައްތަކުގައި ފިލްމް ޓޫރިޒަމްވެސް ޕްރޮމޯޓް ކުރެވި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރު ކުރެވިދާނެއެވެ. މީގެ ކުރިން ހޮލީވުޑާއި ބޮލީވުޑްގެ ފިލްމްތައް ރާއްޖޭގައި ޝޫޓްކޮށްފައިވާއިރު މަޝްހޫރު ސްޓަރވޯސް ފަދަ ކާމިޔާބު ފިލުމުތަކުން ރާއްޖޭގެ ގުދުރަތީ ރީތި ހިތްގައިމު ސަރަހައްދުތަކުގައި މަންޒަރުތައް ނަގާފައިވެއެވެ. އަދި ހިންދީ ޑްރާމާ ސީރީޒްތަކާއި ލަވަތައްވެސް ރާއްޖޭގައި ކުޅެފައިވެއެވެ. އެހެންކަމުން އެމްއެމްޕީއާރސީގެ އައު މެނޭޖްމެންޓުން އަމާޒު ހިފާފައިވާ ގޮތަށް މި ދާއިރާތަކުން، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމުގެ ފުރުސަތުތައް އެބަހުއްޓެވެ.

ފަތުރުވެރިކަމަކީ ދިވެހިންގެ އިގްތިސާދުގެ މައިބަދައަށްވާއިރު ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ބައިނަލްއަގްވާމީ މީޑިއާތަކާއި ގުޅިގެންވެސް އެމްއެމްޕީއާރްސީން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ބޭރުގެ ބޮޑެތި ފެއާތަކުގައި ބައިވެރިވެ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރެވޭނެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް