އާމިލާ އާދަމް (އާމި) އަކީ ޓީވީ ޕްރޮޑަކްޝަން ދާއިރާގެ ދުވަސްވީ ނަމެކެވެ. ޓީވީ މޯލްޑިވްސްގައި ޚަބަރު ހުށަހެޅުމާއި މަޢުލޫމާތު ފެތުރުމާއި، ވީޑިއޯ ޕްރޮޑަކްޝަންގެ ދާއިރާގައި އާމިގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ. އާމިއަކީ މީހުން ބިނާކުރުމަށް ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ފަރާތެކެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ ވީޑިއޯ ޕްރޮޑަކްޝަންގެ ވާހަކައެއް ނޫނެވެ. އެހެން ހުނަރެއްގެ ވާހަކައެވެ. ފެހުމާ މާޖެހުމާއި ތަފާތު ރީތި ޑިޒައިންތަކުގެ އެމްބްރޮއިޑްގެ މަސައްކަތްތެރިކަމުގެ ވާހަކައެވެ.
އާމިގެ މުސްތަޤުބަލު އޭނާ ކުރަހާލާފައިވަނީ އިންސްޓިޓިއުޓެއް ޤާއިމުކޮށްގެން ފެހުމާއި މާޖެހުމާއި އެމްބްރޮއިޑް މަސައްކަތްތެރިކަން ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމަށެވެ. ފަސޭހައިން ވީޑިއޯ ބަލާލައިގެން މިމަސައްކަތް ދަސްކުރެވޭނެ ގޮތަށް އާމި އަންނަނީ އޭނާގެ ޔޫޓިއުބް ޗެނަލުގައި ޓިއުޓޯރިއަލްތައް ހިއްސާކުރަމުންނެވެ.
2018ވަނަ އަހަރު ދިވެހި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލް ކުރެއްވި މަޝްހޫރު ފެހުންތެރިޔާ މއ.ފެހިއަލިއާގެ އަލްމަރްޙޫމާ ޝަމީމާ ކަނބުލޭގެފާނު (ސަރަނގު ޝަމީމާ) އަކީ އާމިގެ މަންމައެވެ. އާމި ބުނީ މާޖެހުމާއި ފެހުމާއި މިކަންކަން ދަސްކުރީ މަންމަގެ ފަރާތުން ކަމަށެވެ.
"ވަރަށް ކުޑައިރުއްސުރެން މަންމަ ވަނީ ހުރިހާ ކުދިންނަށް ފަހަން ދަސްކޮށްދީފަ. ސްކޫލު ޔުނިފޯމު ބެޖު ހަދާއިރު އަކުރު ހަދާފަ މަންމަ ދޭނީ އެތެރެ ފުރަން. ގޭގައި ހުރިހާ ކުދިންވެސް ކުރާ ކަމެއް އެއީ. މާ ޖަހަންވެސް ދަސްކޮށްދީފަ ހުރީ. ޕެންޑަމިކް އައިސްގެން ވަގުތު މިިވީ ޕެޝަންއެއް ގޮތަށް ކުރާނެކަމެއް ހޯދަން. ވަރަށްބޮޑު އުންމީދެއް އެއީ ކޮންމެވެސް ދުވަހަކުން އިންސްޓިޓިއުޓެއް ހުޅުވައިގެން ކިޔަވައިދިނުން." މިހާރު ހޭންޑް އެމްބްރޮއިޑެރީ ކޯހެއް ހިންގަމުން އަންނަ އާމި ކިޔައިދިނެވެ.
އާމިގެ މަންމައަކީ، ހުނަރު އެހެން މީހުންނަށް ބުނެދީ ފަހަން ދަސްކޮށްދޭ ކުލާސްތައް ހިންގާ، އެމްބްރޮއިޑްގެ ހުނަރު އާލާކޮށް ދިރުވަން މަސައްކަތް ކުރި ކަނބަލެކެވެ. އާމިވެސް މި ދަނީ މަންމަ ކޮށައިދިން މަގުން މީހުންނަށް މިހުނަރު ދަސްކޮށްދެމުންނެވެ. އާމި ހިންގާ ކޯހަށް އާންމުންގެ ސަޕޯޓް ލިބޭކަމަށް ބުނެފައިވެއެވެ. މުސްތަޤުބަލުގައި ފަހަން ދަސްކޮށްދޭ ކޯސްތަކާއި މާޖެހުމާއި އެހެނިހެން ކޯސްތައް ހިންގުމަށް ތައްޔާރުވަމުން އަންނަ އާމި ބުނީ އޭނާ މިކަމުގެ ތެރޭގައި އުޅެނީ މީޑިއާ ދާއިރާގައި ލިބިފައިވާ ތަޖުރިބާއާއި ހުނަރުގެ ބޭނުން ހިފޭ ގޮތަށް ކަމަށެވެ.
"ވީޑީއޯ ޕްރޮޑަކްޝަންގެ ދާއިރާގައި އުޅުނީމަ މީޑިއާ ބެކްގްރައުންޑެއް ހުންނާތީ ވީޑިިއޯ ހަދާފަ ޔޫޓިއުބަށް ލަމުން މިދަނީ. އެއީ ވަރަށް ކުރާހިތްވާކަމެއް އަމިއްލައަށް ދަސްވެފަހުރި އެއްޗެއް އެހެންމީހުންނަށް ކިޔައިދިނުން. ވީޑިއޯ ތައްޔާރު ކޮށްގެން ވަރަށް ވިސްނައިގެން ކިޔައިދެނީ. ގައިދުރުކަން އިސްކޮށް ކިޔަވައިދޭއިރު މިބަލަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އެހީގައި ކިޔަވައިދޭން."
އާމިއަކީ ކިޔަވައިދިނުމުގެ ތަޖުރިބާހުރި މީހަކަށްވާތީ، މިހުނަރު ދަސްކޮށްދިނުމަށް ކިޔައިދިނުމަކީ އާމިއަށް އުނދަގޫ ކަމަކަށް ވާނެހެން ހީނުވެއެވެ. އެހެންނަމަވެސް އާމިއަށް އުނދަގޫ ކަމެއް އެބައޮތެވެ. ފެހުމާއި މާޖެހުމާއި އެމްބްރޮއިޑްގެ މަސައްކަތަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު މާލެއިން ގަންނަން ލިބުމުގައި ހުރި ދައްޗެވެ. "ވަރަށް އުނދަގޫ މާލެއިން އެއްޗެހި ހޯދަން، ގިނަ އެއްޗެހި ބޭރުން އޯޑަރު ކޮށްގެން ގެންނަނީ."
އާމިގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ބައެއް ފޮޓޯތައް ފެނިގެން އެންމެ ގިނައިން ފަހާ ޑިޒައިން ކުރަނީ ކޮން އެއްޗެއްތޯ އަހާލުމުން ބުނީ ވަރަށް ގިނައިން އަތްދަބަސް ތައްޔާރު ކުރެވޭ ކަމަށެވެ. "އަތްދަބަސް ކަމުގޮސްގެން ވަރަށްގިނަ އޯޑަރު އާދޭ. އޭގެ ތެރޭގައި އެކި ސައިޒުތަކުގެ ބޭގު ހިމެނޭ. އެއީ ޕެންޑަމިކުު ފެށިގެން އައި ދުވަސްކޮޅު. ދެން ކުޝަން ކަވަރުވެސް ފަހަން. ދޭތެރެއަކުން ހެދުމުގަ މިމަސައްކަތް ކުރަން މީހުން އަންނާނެ."
ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ލޮކްޑައުންވެ ގެއިން ބޭރަށްދާނަމަ މާސްކް އަޅަން މަޖުބޫރު ކުރި ހިސާބުން ފެށިގެން މާސްކަކީ ވަރަށްގިނަ މީހުންނަށް ހޯދަން އުނދަގޫވި އެއްޗެކެވެ. އެ ދުވަސްވަރު އާމި ގެންދިޔައީ ހިލޭ ސާބަހަށް މާސްކު ފަހާ ރައްޓެހިންނާއި އެނޫންވެސް މާސްކު ބޭނުންވެގެން ގުޅާ މީހުންނަށް މާސްކު ހަދިޔާ ކުރަމުންނެވެ. މިހާރުވެސް މާސްކު ހަދަން އާމިއަށް އޯޑަރު އާދެއެވެ. އާންމުކޮށް އަންނަނީ މާސްކުގައި އެމްބްރޮއިޑަރީ ޑިޒައިނެއް ނުވަތަ ނަމެއް ޖަހާލުމަށެވެ.
އާމިގެ ހުނަރު ހުރިކަމުގައިވިޔަސް ކުރިން މިމަސައްކަތް ނުކުރެވުނީ މީޑިއާ ދާއިރާގައި އުޅުނީމަ ކަމަށް އާމި ބުންޏެވެ. އާމިއަކީ މީޑިއާގެ ދާއިރާގައި ޓީވީ މޯލްޑިވްސް އާއި ވީޓީވީގައި އިސްމަޤާމުތަކެއް ފުރާ އަދި ނިއުސްރޫމް ބެލެހެއްޓުމާއި ޕްރޮގްރާމް ސެކްޝަން ބެލެހެއްޓުން ފަދަ ބުރަ މަސްއޫލިއްޔަތުތަކާއެކު އާމިގެ ދެކުދިން ބެލުމުގައި ހިތްވަރާއެކު މަސައްކަތް ކުރަމުން އަންނަ ކަނބަލެކެވެ. އެހެންކަމުން ފެހުމާއި ޑިޒައިން ކުރުންފަދަ ގިނަވަގުތު ހޭދަވާ ކަމަކަށް މީޑިއާގައި އުޅެމުން އެކަށީގެންވާ ވަގުތު ނުދެވި އޮތީއެވެ.
އާމިގެ ހަގު ދަރިފުޅު އައިނީ އާއި ދޮށީ ދަރިފުޅު އަމާނީ އަންނަނީ ފެހުމުގެ ހުނަރު ދަސްކުރަމުންނެވެ. "މަންމަ ހުރީ ހުރިހާ ދަރިންނަށް ފަހަން ދަސްކޮށްދީފަ. އަޅުގަނޑުވެސް ދެކުދިންނަށް މިކަން ދަސްކޮށްދޭން ބޭނުން." އާމި ބުންޏެވެ.
އާމި ބުނީ މުސްތަޤުބަލުގައި މިމަސައްކަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ކަމަށާއި، އެކަހަލަ ފުރުސަތެއް ލިބިއްޖެނަމަ ފިހާރައެއް ހުޅުވައިގެން މިކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް އާމިއަކީ މީޑިއާއިން ގެއްލޭނެ މީހެއް ނޫނެެވެ. ފުރުސަތު ލިބޭ ގޮތަކުން އާމި ހުރީ މީޑިއާ ދާއިރާގައި ޙިދުމަތް ކޮށްދިނުމުގެ ވަރުގަދަ ޢަޒުމެއްގައެވެ.
"ކޮންމެކަމެއް ކުރިއަސް ވިޑީއޯ ޕްރޮޑަކްޝަންގެ ބައި ވަންނާނެ. މީޑިއާ އާއި ދުރުވީކީ ނޫން. މިކަމުގެ ތެރޭގައި މި އުޅެވެނީ ޕްރޮޑަކްޝަން އާއި އެކީގައި. ކިޔަވައިދިނުން އެއީ ވަރަށް ކުރާ ހިތްވާ ކަމެއް. މަންމަވެސް ކުރި ކަމެއް ވީމަ" އާމި ބުންޏެވެ.
ސޯޝަލް މީޑިއާގެ މާކެޓިންގ މަސައްކަތް ކުރަމުން އަންނަ އާމިއަކީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި އެމްއޭއެމް ބިޒްނަސް ސްކޫލުގެ ކުރީގެ މާކެޓިންގ ކޮންސަލްޓެންޓެވެ. އަދި ސްޓެލްކޯ އާއި ޕޮލިސްގެ މީޑިއާ ކޮންސަލްޓެންޓް ކަމާއި، އެވިޑް ކޮލެޖްގެ މާކެޓިންގ ޑިރެކްޓަރކަންވެސް ކުރިއެވެ. އިންޑިއާގެ ރައީ ޔުނިވަރސިޓީ އިން ބެޗްލަރ އިން ފިލްމް އެންޑް ޓެލެވިޛަން ކޯހަކާއި އާރުއެންޓީސީ އިން ޑްރަމަޓައިޒޭޝަން ކިޔާ ކޯހެއް ފުރިހަމަ ކޮށްފައިވެއެވެ. އަދި އާމި ވަނީ ފުންއަސަރު ކިޔާ ފިލްމެއްގެ އިތުރުން ޑްރާމާއެއްގެ ޕްރޮޑަކްޝަން މަސައްކަތްވެސް ކޮށްފައެވެ.
މީޑިއާ އާއި މާކެޓިންގ ދާއިރާގެ ތަޖުރިބާ އާއިއެކު އާމި މިހާރު މަސައްކަތް ކުރަމުންދަނީ ފެހުންތެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމުގެ ވަރުގަދަ ޢަޒުމެއްގައެވެ. މިގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ތިބެގެން ބައިވެރިވެވޭގޮތަށް އޮންލައިންކޮށް އެމްބްރޮއިޑެރީ ކޯސްތަކެއް ހިންގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އާމިވަނީ މިމަސައްކަތުގައި ފިރިމީހާއާއި ދެކުދިންނާއި އާއިލާގެ އިތުރުން ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަން އުފަލާއިއެކު ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު
Good article. she is a good hard worker
ކޮމެންޓްސް ބަންދުކުރެވިފައި