Advertisement
header ad
XeeTimesXeeTimes
އުމުރާއެކު އަންނަ ބަދަލުތައް: ދުވަސްވީ އުމުރުގައި ސިއްހަތު ދަމަހައްޓާނެ ގޮތް

އުމުރާއެކު އަންނަ ބަދަލުތައް: ދުވަސްވީ އުމުރުގައި ސިއްހަތު ދަމަހައްޓާނެ ގޮތް

އަހަރެމެންގެ ޢުމުރުން ދުވަސްވާ ވަރަކަށް، ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ހީނުކުރާހާ ފުން އަސަރުތަކެއް ކުރުވާ ކަންކަމެވެ. އެންމެ ފަރުވާތެރިކޮށް، ހަށިގަނޑު ހެޔޮވަރެއްގައި ބަހައްޓަން މަސައްކަތްކުރާ މީހުންނަށްވެސް، އެއްވެސް އިތުރު ކަމަކާނުލައި ކޮންމެ އަހަރަކުވެސް ކޮންމެވެސް ވަރަކަށް ބަރުދަން އިތުރުވަމުންދާތަން ފެނެއެވެ. މިއީ ވަރަށް ކުޑަ މިންވަރަކަށް ފެނުނު ނަމަވެސް، އަހަރުތައް ފާއިތުވަމުންދާ ވަރަކަށް މިއީ މުޅި ސިއްޙަތަށް ނުހަނު ބޮޑު ނުފޫޒެއް ފޯރުވާ ބަދަލެކެވެ.

ޓޮރޭންސް މެމޯރިއަލްގެ ފިޒީޝަން ޑރ. ސޯހަން މަންސޫރީ ފާހަގަކުރާ ފަދައިން، ޢުމުރުން ދުވަސްވުމަކީ ކޮންމެހެން ހަށިގަނޑު މާ ބަރުވާންޖެހޭ ސަބަބަކަށް ވާކަށް ނުޖެހެއެވެ. ނަމަވެސް، ހަށިގަނޑުގެ މަސްތަކުގެ އޮނިގަނޑަށް އަންނަ ބަދަލުތަކާއި، ހޯމޯންތަކުގެ މަސައްކަތް ބަދަލުވުމާއި، މެޓަބޮލިޒަމް މަޑުޖެހުމުގެ ސަބަބުން މިކަމަށް މަގުފަހިވެގެންދެއެވެ. ޢުމުރުން ދުވަސްވާއިރު މެޓަބޮލިޒަމްގެ މަސައްކަތްތައް ލަސްވެ، އަރާމުކުރާއިރު އޮންނަ ވަގުތުތަކާއި ކަސްރަތުކުރާ ވަގުތުތަކުގައި ވެސް ހަށިގަނޑުން އަނދައިގެންދާ ކެލޮރީގެ އަދަދު މަދުވެގެންދެއެވެ. މީގެ އިތުރުން 'ސާކޯޕީނިއާ' (sarcopenia) ކިޔުނު ޕްރޮސެސްއެއްގެ ސަބަބުން ހަށިގަނޑުގެ މަސްލްސް ނުވަތަ މަސްތައް މަދުވަމުން ގޮސް، ހަށިގަނޑުގެ ހަކަތަ އަންދާލުމުގެ ގާބިލުކަން އިތުރަށް ދަށްކޮށްލާތަން އާދެއެވެ.

ޒުވާން ދުވަސްވަރު ފަސޭހަކަމާއެކު ބަރުދަން ލުއިކޮށްލެވުނު ނަމަވެސް، އުމުރުން ދުވަސްވުމުން އެކަން ދަތިވާން ފަށަނީ ކީއްވެބާއެވެ. އޭގެ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވުމުން ބަރުދަން ލުއިކުރުމަށް ކޮންމެހެން ބޭނުންވާ ކެލޮރީ ޑެފިސިޓެއް އުފެއްދުމަށް ދަތިވުމެވެ. މަސްތައް މަދުވުމުގެ ސަބަބުން ކެލޮރީ އަންދާލުމުގެ ޤާބިލުކަން ކުޑަވެ، ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަރުބީ ރައްކާކުރާ މިންވަރު އިތުރުވެ، ހަށިގަނޑުގެ ވަކިވަކި ތަންތަނަށް، ހާއްސަކޮށް ބަނޑުގައި ސަރުބީ ޖަމާވުން އިތުރުވާތަން އާދެއެވެ. މީގެއިތުރުން، ޢުމުރުން ދުވަސްވުމުން ދިމާވާ ހުޅުހުޅުގެ ތަދުތަކާއި ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަސްރަތުކުރުމަށް ހުރަސްއެޅި، ބަރުދަން ލުއިކުރުމުގެ މަސައްކަތް އިތުރަށް އުނދަގޫވެގެންދެއެވެ.

Article - in content
Advertisement

އޭޝިއާ ބައްރުގެ ޤައުމުތަކަށް ބަލާއިރު، އާބާދީގެ ދޮށީ ޢުމުރުގެ މީހުންގެ ޢަދަދު އަވަސް ދުވެއްޔެއްގައި މަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ސަރަހައްދުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއެކު، ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، މެޓަބޮލިކް ސިންޑްރޯމް އަދި ސާކޮޕީނިކް އޮބޭސިޓީ (މަސް މަދުވެފައި ސަރުބީ ގިނަވުން) ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ސަރަހައްދީ ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި، އޭޝިއާގެ މުސްކުޅިވަމުން އަންނަ އާބާދީގެ ތެރޭގައި ޒަމާނީ ކެއުން ބުއިމުގެ ވައްޓަފާޅިއާއި ކަސްރަތު މަދުވުމުގެ ސަބަބުން ލޭގެ ޕްރެޝަރާއި ހަކުރުބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް މައްޗަށް ދަމުންނެވެ.

މިފަދަ ބަދަލުތައް ދިވެހިރާއްޖެއިންވެސް ފެންނަމުންދާއިރު، ސިއްޙީ ދާއިރާއަށް އައި ކުރިއެރުންތަކާއެކު ދޮށީ ޢުމުރުގެ މީހުންނަށް ލިބެން ހުރި ފަރުވާތަށް އިތުރުވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. މިއީ އުފާވެރި ކަމެއް ނަމަވެސް، މި އާބާދީއަށް ދިމާވާ ސިއްޙީ ގޮންޖެހުންތައް ވެސް ދަނީ ބަދަލުވަމުންނެވެ. ރާއްޖޭގައި މިހާރު ޢުމުރުން ދުވަސްވީ މީހުންގެ މެދުގައި އެންމެ ބޮޑަށް ފެންނަނީ ގައިންގަޔަށް ނާރާ ބަލިތަކެވެ. މައިގަނޑުގޮތަކަށް ހަކުރުބަލި، ލޭމައްޗަށް ދިއުން، އަދި ހިތުގެ ބަލިތައް ފަދަ ސިއްޙީ މައްސަލަތަކުގެ އަސްލު ވެސް ސީދާ ގުޅިފައިވަނީ ހަށިގަނޑުގެ ބަރުދަނާއި ދިރިއުޅުމުގެ އާދަކާދަތަކާއެވެ.

އަޅުގަނޑުމެންގެ ހަނދާނުން ކައްސާލާ އެއްކަމަކީ، ކޮންމެ އިތުރުވާ ބަރުދަނަކީ ހަށިގަނޑަށް އުފުލަންޖެހޭ ބޮޑު ބުރައެއްކަމެވެ. ޑރ. މަންސޫރީ ފާހަގަކުރާ ގޮތުގައި، އިތުރުވާ ބަރުދަނުގެ ސަބަބުން ހިތުގެ ބަލިތައް ކަމަށްވާ ލޭމައްޗަށް ދިއުން، ކޮރޮނަރީ އާޓަރީ ޑިޒީޒް، އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވެގެންދެއެވެ. މީގެ އިތުރުން ޓައިޕް 2 ޑައިބެޓީޒް (ހަކުރުބަލި) ޖެހުމުގެ ފުރުސަތު އިތުރުވެ، ކިޑްނީގެ މައްސަލަތަކާއި، ނާރުތަކަށް ގެއްލުންވުމާއި، ލޮލުގެ ފެނުން ދަށްވުން ފަދަ ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ. ހަށިގަނޑުގެ ބަރުދަން މާބޮޑުވުމުން ޚާއްސަކޮށް ކަކުލާއި އުނަގަނޑުގެ ހުޅުތަކަށް ބާރުބޮޑުވެ، ހުޅުހުޅުގެ ބަލި ޖެހި، މީހާގެ މިނިވަންކަމާއި ހަރަކާތްތެރިކަން ކުޑަވެ، ވެއްޓި ކަށިބިނދުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މި ހުރިހާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުދިކުދި، ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުން މުހިންމެވެ. ކާނާ ކެއުމުގައި މިންހެޔޮ ކާނާއާއި ފައިދާހުރި އާދަތަށް ގެންގުޅުމާއި، 'ޕޯޝަން ކޮންޓްރޯލް' ނުވަތަ ކެއުމުގެ މިންވަރު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މެޓަބޮލިޒަމް މަޑުޖެހުމުން ހަށިގަނޑަށް ބޭނުންވާ ކެލޮރީގެ މިންވަރު މަދުވާނެތީ، ކާނާގެ މިންވަރު ކޮންޓްރޯލްކުރުން ވަރަށްވެސް ބުއްދިވެރިއެވެ. ތަރުކާރީ، މޭވާ، 'ހޯލްވީޓް' ގޮދަނުގެ ބާވަތްތައް އަދި ޕްރޮޓީން އެކުލެވޭ ސިއްޙީ ރަނގަޅު ކާނާ ހިމަނައި، ހަކުރާއި ސަރުބީ ގިނަ ޕްރޮސެސްޑް ކާނާއާ ދުރުހެލިވާންޖެހެއެވެ.

ކަސްރަތުގެ މާހައުލަށް އަލަށް ވަންނަ މީހުން، ހުޅުތަކަށް ލުއި ހަރަކާތްތަށް އިޚްތިޔާރު ކުރެވިދާނެއެވެ. މިސާލަކަށް ހިނގުމާއި ފެތުން ފަދަ ކަންކަމުން ފެށިދާނެއެވެ. އަދި ލުއި ވެއިޓް ނުވަތަ ރެސިސްޓެންޑް ބޭންޑް ބޭނުންކޮށްގެން މަސްތައް ވަރުގަދަކުރުމުގެ ކަސްރަތުތަކާއި، ބެލެންސް ރަނގަޅުކޮށްދޭ ކަސްރަތުތައް ކުރުމުން ހަށިގަނޑަށް ބޮޑު ކުރިއެރުމެއް ލިބިގެންދެއެވެ. ދުވާލަކު 10 ނުވަތަ 15 މިނެޓުގެ ކުޑަ ވަގުތުކޮޅަކުން ފަށައި، ހަށިގަނޑުގެ ޤާބިލުކަން އިތުރުވަމުންދާ ވަރަކަށް އެ މިންވަރު އިތުރުކުރަމުން ގެންދެވިދާނެއެވެ.

ޢުމުރާއިއެކު ސިއްޙީ ބަދަލުތަކާއި ބަލިތަކާއި ކުރިމަތިލާން ޖެހުމަކީ ދުނިޔޭގެ ޙަޤީޤަތެވެ. އެހެނަސް އެއީ ހަށިގަނޑުގެ ސިއްޙަތު ދޫކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ އިތުރަށް ސިއްޙަތަށް ބަލައި، ނޭދެވޭ އާދަތައް ދޫކޮށްލާ، ފައިދާހުރި ބަދަލުތައް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންވީ ސަބަބު ނޫންތޯއެވެ. ކުދިކުދި، ރަނގަޅު އާދަތަކެއް ގެންގުޅުމަކީ މުޅި ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ ކަމެކެވެ. އަހަރެމެންގެ ހަށިގަނޑު އަބަދުވެސް އިޖާބަދެނީ އަހަރެމެން ގެންގުޅޭ ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. އެހެންކަމުން، އުފާވެރި، ޙަރަކާތްތެރި އަދި ދުޅަހެޔޮ ހާލު މުސްކުޅި ޢުމުރާއި ބައްދަލުކުރަން މަސައްކަތް ފަށަމާ ހިނގާށެވެ.

މަސްދަރު: ދަ އެމެރިކަން ޖަރނަލް އޮފް ކްލިނިކަލް ނިޔުޓްރިޝަން، ދަ ލެންސެޓް ރީޖަނަލް ހެލްތް، އޭޝިއާ ޕެސިފިކް ޖަރނަލް އޮފް ކްލިނިކަލް ނިޔުޓްރިޝަން، ޖަރނަލް އޮފް ދަ އެމެރިކަން މެޑިކަލް ޑައިރެކްޓަރސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —