އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ، އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ޠާހިރުވެފައިވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ކުރިއަށް ގެންދަވާ
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހުކުރުމަށް މާފަންނު ޓްރެކް ސަރަޙައްދުގައި މިރޭ ކުރިއަށްގެންދެވި ޚާއްޞަ މަޝްރޫޢު އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާޠަބުކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ޤައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްޤީގެ ގޮތުގައެވެ.
ރައީސް ވިދާޅުވީ، އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން ކަމުގައެވެ. އަދި މިކަމުގެ ސަބަބުން، ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަޚްރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަޚްލާޤީ ގޮތުން ރައްޔިތުން ޠާހިރުކުރުންކަން ފާހަގަކުރައްވާ، މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސްވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ދިވެހީންގެ ފަޚުރުވެރި މާޒީއަށް އިޝާރާތްކުރައްވައި ވިދާޅުވީ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަޚްލާޤާއި މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އާދައިގެ މުވައްޒަފެއްކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއްކަމަށް ވިޔަސް، އޮފީހެއްގެ ވެރިޔެއްކަމަށް ވިޔަސް އެ ޒަމާނުގައި ވަގުތަށް ކަމޭ ހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، ކޮންމެ ފަރުދަކުވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މިރޭ ރަސްމީކޮށް އިފްތިތާޙުކުރެވުނު މި މަޝްރޫޢުގެ ކަންކަން ބަލަހައްޓަވާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ.









