ދިރިއުޅުމުގެ އޮއިވަރުގައި ޖެހި، ވަރުބަލިވެފައިވާ ހަވީރެއްގައި ނުވަތަ އެކަނިވެރި ރެއެއްގައި، ބަނޑުހައިވެގެން ނޫން ނަމަވެސް، އަމިއްލަ ނަފްސަށް ހަމަޖެހުމެއް ހޯދައިދިނުމުގެ ނިޔަތުގައި ފްރިޖުގެ ދޮރުފަތް ހުޅުވާލެވޭ ވަގުތުތަކަކީ އަޅުގަނޑުމެންކުރެ ގިނަ މީހުންނަށް ވަރަށް ބޮޑަށް ތަޖުރިބާކުރެވިފައިވާ ވަގުތެކެވެ. މިއީ ބަނޑުހައިވުމުގެ ޖިސްމާނީ އިހުސާސަކަށްވުރެ ބޮޑަށް، ހިތުގެ ކަނެއްގައި އުފެދޭ ހުސްކަމަކަށް ނުވަތަ ނަފްސާނީ ބުރައަކަށް ހޯދޭ ވަގުތީ ފަރުވާއެކެވެ. މަޝްހޫރު ތަޖުރިބާކާރުން ފާހަގަކުރާ ފަދައިން، މިއީ ހަށިގަނޑުގެ ހަގީގީ ބޭނުމަކަށްވުރެ ބޮޑަށް ހިތާއި ނަފްސުގެ އިހުސާސްތައް ފުއްދުމަށްޓަކައި ކާނާއަށް ބަރޯސާވުމުގެ އާދައެކެވެ. މިއީ "އިމޯޝަނަލް ހަންގަރ" ނުވަތަ ޖަޒުބާތީގޮތުން ވާ ބަނޑުހައިހޫނުކަމެވެ.

އެކަމަކު ހަގީގަތުގައި މިކަން ހިނގަނީ ކީއްވެގެން ހެއްޔެވެ؟ ދިރިއުޅުމުގެ ހަލުވި ދުވެއްޔާއި ބޮޑެތި ސްޓްރެސްތަކާ ކުރިމަތިލާންޖެހޭއިރު، ހަށިގަނޑުގައި 'ކޯޓިސޯލް' ހޯމޯންގެ މިންވަރު މައްޗަށް ގޮސް، ހަކުރާއި ތެޔޮ އެކުލެވޭ ކާނާއަށް ހަށިގަނޑު ބޭނުންވާ ގޮތް ހަދައެވެ. ބައެއްފަހަރު އަޅުގަނޑުމެން މި ކަންކަން ކުރަނީ ރުޅިވެރިކަމާއި، ބިރުވެރިކަމާއި، ކަންބޮޑުވުންތަކާއި، ޓެންޝަނާއި ނުވަތަ އެކަނިވެރިކަމުގެ ވޭންދެނިވި އިހުސާސްތައް ސިކުނޑިން ފޮހެލައި، އެކަންކަން ވަގުތީގޮތުން 'ފޮރުވާލުމަށް' ނުވަތަ މައިތިރިކުރުމަށެވެ. އަދި އަނެއްބައިފަހަރު ދިރިއުޅުމުގައި އުފެދޭ ބޮޑު ހުސްކަމަކާއި ފޫހިކަމަކުން ސަލާމަތްވުމަށްޓަކައި ކާނާއަކީ އަވަސް ބައިވެރިއަކަށް ހަދައިލެވޭތަން އާދެއެވެ.

މި ކަން ސިފަކޮށްލެވޭނީ ވަރަށް ރީތި މިސާލަކުންނެވެ. ފިނި މޫސުމެއްގައި ގެއެއް ހޫނުކުރުމަށްޓަކައި އެގޭގެ އަގުބޮޑު ފަރުނީޗަރުތައް އަންދައިލުމާ އެއްފަދައެވެ. އެ ވަގުތު ކުޑަ ހޫނުކަމެއް ލިބުނު ނަމަވެސް، މުޅި ގެއަށް ލިބުނު ގެއްލުމާއި ބާކީވި އަޅިތަކުން ދައްކުވައިދެނީ އެއީ މުސްތަޤުބަލަށް އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫންކަމެވެ. ހަމަ އެފަދައިން، އިހުސާސްތަކުގެ ހުސްކަން ފޫބެއްދުމަށްޓަކައި ކާނާ ބޭނުންކުރުމަކީ ވެސް ލިބޭ ވަގުތީ އުފަލަކަށްވުރެ ބޮޑަށް ފަހުން ލިބޭ ނަފްސާނީ އަދި ޖިސްމާނީ ވޭނަކަށް ވެގެންދާ ކަމެކެވެ.
މިއީ ކޮންމެ ދުވަހެއްގެ އާދައަކަށް ވެގެންދާއިރު، ނުރައްކާތެރި ނިޒާމެއްގެ ތެރެއަށް މީހާ ވެއްޓިގެންދާ ޢަމަލެކެވެ. ކޮންމެ ފަހަރަކު ކަންބޮޑުވުމެއް ކުރިމަތިވުމާއެކު ސިކުނޑި ސީދާ ދުވެލީގައި ދަނީ ކާނާގެ ތެރެއަށެވެ. މީގެ ސަބަބުން އަސްލު މައްސަލަ ޙައްލުވުމުގެ ބަދަލުގައި، ކާބޯތަކެތީގެ މައްޗަށް އަމިއްލަ ނަފްސަށް އޮތް ބާރު ގެއްލި، ސިއްޙީ ބޮޑެތި ނުރައްކާތަކަށް ހަށިގަނޑު ހުށަހެޅުމެވެ. ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުން ދަތިވެ، އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނެތް ކަމުގެ އިހުސާސެއް ކުރެވެމުންދެއެވެ. އަދި އެންމެ ހިތާމަވެރިކަމަކީ، އިހުސާސްތަކާ ކުރިމަތިލާނެ ދުޅަހެޔޮ، ރަނގަޅު އެހެން ގޮތްތައް ދަސްކުރުމުގެ ފުރުސަތު ގެއްލިގެން ދިއުމެވެ.
މި ނުރައްކާތެރި ވަޒަނުން ސަލާމަތްވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖިސްމާނީ ބަނޑުހައިހޫނުކަމާއި ޖަޒްބާތީ ބަނޑުހައިހޫނުކަން ވަކިކުރަން ދަސްކުރުމެވެ. ޖިސްމާނީ ބަނޑުހައިވުން އަންނާނީ މަޑުމަޑުންނެވެ. އަދި ކާނާގެ ކޮންމެ އެއްޗެއްވެސް، ތަރުކާރީއާއި ސިއްޙަތައް ފައިދާހުރި ކާނާ ހަމަޖެހިލައިގެން ކެވޭނެއެވެ. އެކަމަކު ޖަޒުބާތީ ބަނޑުހައިވުން ނުވަތަ އިމޯޝަނަލް ހަންގަރ އަންނަނީ ކުއްލިއަކަށެވެ. އެއީ ވަރަށް ނުރައްކާތެރި، ވަގުތުން ފުއްދަންޖެހޭ ފަދަ ބާރުގަދަ އެދުމެކެވެ. އެ ވަގުތު ހަމައެކަނި ބޭނުންވަނީ ހަކުރާއި ތެޔޮ އެކުލެވޭ ވަގުތީ އުފާދޭ ކާނާއަށެވެ. އަދި ކައި ނިމޭއިރު އެކަމުން ހިތްހަމަޖެހުމެއް ނުލިބި، އިތުރަށް ކެވޭގޮތް ވެއެވެ. މިކަން ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ސިގްނަލްތަކަށް ފާރަލައި، ތިމާ ކާންބޭނުންވަނީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލު ކުރުން އެއީ އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް މިކަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ.
މިކަމުން އަރައިގަނެ، ހިތުގެ އެދުންތައް ރަނގަޅު މަގަކަށް އަނބުރާލުމަށްޓަކައި ހަށިގަނޑަށާއި ސިކުނޑިއަށް ވަގުތު ދޭންޖެހެއެވެ. ކާނާއާ ދިމާއަށް އަތްދިއްކޮށްލެވޭ ހިނދު، ފަސް މިނެޓަށް މަޑުކޮށްލާށެވެ. ނުވަތަ އެންމެ މިނެޓަކަށް ނަމަވެސް މަޑުޖެހިލައި، "މިވަގުތު އަހަރެންގެ ހިތުގައި މިވަނީ ކޮން އިހުސާސެއް؟" ކަމާއިމެދު ސުވާލުކޮށްލާށެވެ. އެއީ އެކަނިވެރިކަމެއް، ކަންބޮޑުވުމެއް، ނުވަތަ ވަރުބަލިކަމެއް ކަމުގައިވިޔަސް މެއެވެ. އެ އިހުސާސްތަކުން ފިރުކިގަނެގެން ދުވުމުގެ ބަދަލުގައި، އެ ކަންކަން ހަމަޖެހިލައިގެން ތަޖުރިބާކޮށްލަން ދަސްކުރާށެވެ. އެކުވެރިއަކަށް ގުޅާލުން، ނުވަތަ ހިތްހަމަޖެހޭ ކަމެއް ކޮށްލުން ނުވަތަ ގްރީން ޓީ އާއި ކެމޯމައިލް ޓީ ފަދަ ސައިތަކުން ހިތަށް ފިނިކަން ހޯދައިދެވިދާނެއެވެ. މުހިންމީ، ފޮނި އަދި ތެޔޮ ކާތަކެއްޗަށް ހިތް އެދިގަންނަ ކޮންމެ ފަހަރަކު އެއެދުމަށް ގޮތްދޫކުރުމުގެ ބަދަލުގައި އެކަމުން ރެކިގަތުމަށް ކޮންމެވެސް އެހެން ކަމެއް ކޮށްލުމެވެ.

އަދި މީގެ އިތުރުން ކާގަޑިތަކުގައިވެސް، ކާނާގެ ކޮންމެ އެއްޗެއްގެ ރަހައާއި ވަސް ރަނގަޅަށް އިހުސާސްކޮށްގެން، ލަސްލަހުން ކެއުމުގެ އާދަ ނުވަތަ މައިންޑްފުލް އީޓިންގ ގެންގުޅުމަކީ ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެކެވެ. ހަމައެއާއެކު، ކާނާގެ ގޮތުގައި ސިއްޙަތަށް ފައިދާހުރި ކޮމްޕްލެކްސް ކާބޯހައިޑްރޭޓާއި ފައިބަރާއި ޕްރޮޓީން އެކުލެވޭ ކާނާ ކެއުމާއި، ރަނގަޅަށް ނިދުމާއި، ކަސްރަތުކުރުމާއި، ހިތަށް ހަމަޖެހުން ލިބޭނެ ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ހޯދުމަކީ މިފަދަ ނުރައްކާތެރި އޮއިވަރުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައެވެ.
ނިންމާލަމުން ދަންނަވާނީ، ޖަޒުބާތީ ބަނޑުހައިހޫނުކަމަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ އިންސާނީ ތަބީޢަތުގެ ކަމެކެވެ. ނަމަވެސް އެކަމުގެ މައްޗަށް ބާރުފޯރުވައި، ކާނާއަކީ ހިތުގެ އެކުވެރިޔާގެ ގޮތުގައި ދެކުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ރަޙްމަތްތެރި، އޯގާތެރި މާޙައުލެއް އުފެއްދުމުގެ ބާރު އޮތީ ހަމަ ތިމާގެ އަތުގައެވެ. ތިމާއަށް މީރު ކާއެއްޗެއް ކާލުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެކަން ކޮންމެ ދުވަހެއްގެ އާދައަކަށް ވުމެވެ. ކާނާއަކީ ހަށިގަނޑުގެ ފިއުލެވެ. އެހެންކަމުން ކޮންމެ ފަހަރަކު ފްރިޖު ހުޅުވާލުމުގެ ކުރިން ހިތާ ސުވާލުކޮށްލާށެވެ. "މިވަގުތު އަހަރެންގެ ބަނޑުހައިވީ ބާއެވެ. ނުވަތަ އަހަރެންގެ ފޫހިވަނީ ބާއެވެ. ނުވަތަ މާ ބޮޑަށް ސްޓްރެސް ވެފައިވަނީ ބާއެވެ." މި ސުވާލުގެ ޖަވާބުން ތިމާގެ ދިރިއުޅުމަށް އާ އަލިކަމަކާއި ހަމަޖެހުމެއް ގެނެސްދޭނެކަން ކަށަވަރެވެ.
މަސްދަރު: ހެލްޕްގައިޑް، ހާރވާރޑް، އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން









