Advertisement
header ad
XeeTimesXeeTimes
"ލޭޒީ އައި": ކުޑަކުދިންގެ ލޮލުގެ ފެނުމުގެ ދަތުރުގައި ކުރިމަތިވެދާނެ ނުރައްކަލެއް ސިއްޙަތު

"ލޭޒީ އައި": ކުޑަކުދިންގެ ލޮލުގެ ފެނުމުގެ ދަތުރުގައި ކުރިމަތިވެދާނެ ނުރައްކަލެއް

އިންސާނާގެ ދިރިއުޅުމުގެ އެންމެ ހިތްގައިމު އެއް ކަމަކީ، މި ކުޑަކުޑަ ދުނިޔެ އޭގެ އެންމެ ފުރިހަމަ އަލިކަމާއި ކުލަކުލައިގައި ލޮލަށް ސިފަކޮށްދިނުމުގެ ގުދުރަތީ ގާބިލުކަމެވެ. ނަމަވެސް، ކުޑަކުދިންގެ ލޮލާއި ސިކުނޑީގެ ގުޅުން ބަދަހިވަމުން އަންނަ އުމުރުގައި، ލޮލުގެ ފެނުމުގެ ނިޒާމަށް ނޭނގި ހުރެ ދިމާވެދާނެ ހުރަހަކީ މުޅި މުސްތަގުބަލަށް އަސަރުކޮށްފާނެ ކަމެކެވެ. މި ލިޔުމުގައި އަލިއަޅުވާލަން ބޭނުންވާ މި ޙާލަތަކީ ލޮލުގެ ބައްޔަކަށް ނުވި ނަމަވެސް، ކުޑައިރު ލޯ ފުރިހަމައަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ސިކުނޑިން އެ ލޮލުގެ މަންޒަރުތައް ބަލައިގަތުން ހުއްޓާލާ ހާލަތެކެވެ. މިއަށް ސައިންޓިފިކް ބަހުން އެންބްލިއޮޕިއާ ނުވަތަ އާންމުކޮށް ކިޔާ ފަދައިން "ލޭޒީ އައި" ކިޔައެވެ.

މި މައްސަލަ ކުރިމަތިވާ ސަބަބުތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި މިއީ ލޮލާއި ސިކުނޑިއާ ދެމެދުގައިވާ ނާރުތަކުގެ ގުޅުމަށް އަންނަ ބަދަލެކެވެ. ލޮލަށް ފެންނަ މަންޒަރު ސިކުނޑިއަށް ރަނގަޅަށް ނުފޮނުވުމުގެ ސަބަބުން، ސިކުނޑިން ބަލިކަށި ލޮލުގެ ފަރާތުން ލިބޭ ސިގްނަލްތައް ބޭރުކޮށްލައި، ރަނގަޅަށް މަސައްކަތްކުރާ ލޮލަށް އެކަނި ބަރޯސާވާން ފަށައެވެ.

މިކަމުގެ ފަހަތުގައި އޮންނަ އެންމެ އާންމު ސަބަބަކީ ކުޑަކުދިން އުފަންވުމަށްފަހު ލޮލުގެ ފެނުން ފުރިހަމަވަމުންދާ ދުވަސްވަރު، އެކުދިންގެ ލޮލުގެ މަސްތަކުގެ ބެލެންސް ދެވަރެއްގައި ހުރުމުން، ދެލޯ އެކުއެކީގައި މަސައްކަތްކުރުމުގެ ބަދަލުގައި ދެވަރަށް ހަރަކާތްކުރުމާއި އެކު އެއްލޮލުގެ ފޯކަސް ގެއްލި، އެލޮލުގެ ކަޅި ލޮލުގެ ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކަށް ދިއުމެވެ. މީގެ އިތުރުން، ދެ ލޮލުގެ ފެނުމުގެ ނަންބަރު ތަފާތުވުމާއި، ނުވަތަ ލޮލުގެ ކަޅީގެ ބައްޓަމަށް އަންނަ ބަދަލެއްގެ (އެސްޓިގްމެޓިޒަމް) ސަބަބުން ވެސް މިމައްސަލަ މެދުވެރިވެދާނެއެވެ. މީގެ އިތުރުން އަދި ދުވަސް ނުފުރާ ވިހެއުމާއި، އުފަންވާއިރު ހަށިގަނޑު ކުޑަވެފައި ބަރުދަން މާ ލުއިވުމާއި، ނުވަތަ ޢާއިލާގައި މިފަދަ ކަމެއްގެ ތާރީޚެއް އޮތުމަކީ މި ނުރައްކަލަށް ހުށަހެޅޭ މިންވަރު އިތުރުކޮށްދޭ ކަންކަމެވެ.

Article - in content
Advertisement

މިކަމުގެ ކުރީގެ ނިޝާންތަކާއި އަލާމާތްތައް ދެނެގަތުމަކީ މައިންބަފައިންނަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމެވެ. ކުއްޖާގެ ލޮލުގެ ކަޅި ލޮލުގެ ދެފަރާތުންކުރެ އެއްފަރާތަކަށް ގޮސްފައިހުރުމާއި، ދެ ލޯ އެއް މިސްރާބަކަށް މަސައްކަތްނުކުރުމާއި، ތަންތަނަށް ބަލަން އުނދަގޫވުމަކީ ފެނިގެންދާނެ އަލާމާތްތަކެކެވެ. އަދި ކުއްޖާ ލޯ މަރައިގެން ހުރުމާއި، އެއް ފަރާތަކަށް ބޯ އަނބުރާލައިގެން ބެލުމަކީ ސަމާލުވާންޖެހޭ ކަންކަމެވެ. ނަމަވެސް، ލޮލުގެ ޚާއްސަ ޓެސްޓެއް ހަދައިގެން ނޫނީ މިކަން ކަށްވަރުކުރަން އުނދަގޫވާތީ، ޢުމުރުން 3 އަހަރާއި 5 އަހަރާ ދެމެދުގައި ލޮލުގެ ފުރިހަމަ ޗެކަޕެއް ހެއްދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

​މި މައްސަލަ ޙައްލުކުރުމާއި ފަރުވާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވަގުތެވެ. ތުއްތިކުދިންގެ ލޮލަކީ ޢުމުރުގެ ކުރީކޮޅު މުޅިން ފުރިހަމަނުވެ، ފުރިހަމަވަމުންދާ ޙާލަތެއްކަމުގައިވާތީ، ޢުމުރުން 7 އަހަރުގެ ކުރިން މިކަން ދެނެގަނެވިއްޖެނަމަ، ލޮލުގެ ފެނުން ކުރީގެ ޙާލަތަށް ރުޖޫޢަކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ފަރުވާ ފެށުމުގެ ކުރިން މައިގަނޑު ސަބަބު ދެނެގަނެ، ނަންބަރު އައިނު ބޭނުންކޮށްގެން ފެނުން ރަނގަޅުކުރެވެއެވެ. މީގެ އިތުރުން، ރަނގަޅަށް މަސައްކަތްކުރާ ލޯ ފޮތިގަނޑަކުން ނިވާކޮށްގެން، ބަލިކަށި ލޮލަށް މަސައްކަތްކުރަން މަޖުބޫރުކުރުވާ ތެރަޕީ (ޕެޗިންގ) އާއި، ޕެޗިން ތެރަޕީ ކުރިއަށްގެންދަން އުނދަގޫނަމަ، ރަނގަޅު ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ފުސްކޮށްލާ ބޭސް ތިކި ބޭނުންކޮށް ސިކުނޑިއަށް އޮޅުވާލައި އެލޮލަށް ދޭ ސަމާލުކަން ކުޑަކުރުން ހިމެނެއެވެ.

ނިންމާލަމުން ދަންނަވާނީ، ކުޑަކުދިންގެ ލޮލުގެ އުޖާލާކަމަކީ އެ ކުދިންގެ މުސްތަގުބަލުގެ ނޫރެވެ. ލޭޒީ އައި ނުވަތަ އެންބްލިއޮޕިއާ އަކީ ފަރުވާނުކޮށް ދޫކޮށްލައިފިނަމަ  ފުރިހަމައަށް ފެނުމަށް ހުރަސްއެޅި، މުޅި އުމުރަށް އެލޮލުގެ ފެނުން ގެއްލިގެން ހިނގައިދާނެ ކަމެކެވެ. ހަމައެއާއިއެ މިކަމަކީ ކުޑައިރު ފަރުވާ ހޯދައިފިނަމަ ރަނގަޅުކޮށްލެވޭ ޙާލަތެއްކަމުގައިވާތީ، އެއްވެސް ޢަލާމާތެއް ފެންނަނަމަ ސްޕެޝަލިސްޓަކަށް ދައްކައި ލޮލުގެ ޗެކްއަޕެއް ހެދުން ބުއްދިވެރިއެވެ. އެހެންކަމުން، މައިންބަފައިންގެ ހޭލުންތެރިކަމާއި، ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، އަދި ލޮލުގެ ކުދިކުދި ބަދަލުތަކަށް ވެސް ސަމާލުވުމަކީ އެ ކުދިންނަށް މާދަމާއަށް އެޅޭނެ ބޮޑު އަދި އެހާމެ އަގުހުރި ފިޔަވަޅަކަށް ވެގެންދާނެ ކަމެކެވެ. 

މަސްދަރު: މަޔޯ ކްލިނިކް، ނެޝަނަލް ހެލްތް ސަރވިސް، އެމެރިކަން އެކަޑަމީ އޮފް އޮޕްތަލްމޮލޮޖީ           

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —