އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ސެލެބްރިޓީ ކައިލީ ޖެނާގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެމެރިކާގެ ފޯބްސް މެގަޒިން އިން ބަލާ މިންގަނޑުތަކަށް ފެތިގެން އޭނާ ވަނީ އުމުރުން 21 އަހަރުގައި އެންމެ ހަގު ބިލިއަނަރު ކަމަށް ހޮވިފައެވެ. 2019ގައި ކައިލީއަށް އެންމެ ހަގު ބިލިއަނަރުގެ ޓައިޓްލް ލިބުނު އިރު އެނާއަކީ އަމިއްލައަށް މުއްސަނދިވި އެންމެ ހަގުމީހާ ކަމަށް ފޯބްސްއިން ވަނީ ކަނޑައަޅާފައެވެ.
21 އަހަރުގައި ކައިލީއަކީ އެންމެ ހަގު ބިލިއަނަރުކަމަށް ހޮވުނުއިރު 2008ވަނަ އަހަރު އުމުރުން 23 އަހަރުގައި އެންމެ ހަގު ބިލިއަނަރުކަމަށް ފޯބްސްއިން ކަނޑައެޅީ ފޭސްބުކްގެ ކޯ ފައުންޑަރ މާކް ޒަކަރބާގް އެވެ. އަދި 1987ވަނަ އަހަރު އުމުރުން 31 އަހަރުގައި އެންމެ ހަގު ބިލިއަނަރުކަމަށް ފޯބްސްއިން ކަނޑައެޅި މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސްއެވެ.
ކައިލީ ޖެނާ ބިލިއަނަރަކަށްވީ ކީހިނެތް؟
ކައިލީގެ އާމްދަނީގެ ބޮޑުބަޔަކީ ކައިލީ ކޮސްމެޓިކްސް ކުންފުނިން ލިބޭ ފައިސާއެވެ. ކައިލީގެ އަމިއްލަ މޭކަޕް ކުންފުންޏަކީ 2022 އާއި ހަމައަށް ކުންފުނީގެ ސޭލްސް އެއްބިލިއަނަށް އަރާނެކަމަށް ލަފާކޮށްފައިވާ ކުންފުންޏެކެވެ.
ކާޑޭޝަން ޢާއިލާއަށް ނިސްބަތްވާ ކައިލީއަކީ ތަނަވަސްކަމުގެ ގޮތުން އެ ޢާއިލާގައި އެންމެ ކާމިޔާބު މެންބަރެވެ. ކައިލީގެ ދައްތަ ކިމް ކާޑޭޝަންގެ މިލްކިއްޔާތުގައި ހުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރެވެ.
ކައިލީ ކޮސްމެޓިކްސް ކުންފުނީގެ އިތުރުން ކައިލީއަށް އާމްދަނީ ލިބޭ އަނެއް މަގަކީ އޭނާގެ ޕެއިޑް އެޕް "ކައިލީ ޖެނާ އޮފިޝަލް އެޕް" އެވެ. "ދަ ކައިލީ ޝޮޕް" އަދި ފޮތް ސީރީޒް އާއި ޓީވީ ޕްރޮގްރާމް "ކީޕިން އަޕް ވިތް ކާޑޭޝަންސް" އާއި ޓީވީ ޕްރޮގްރާމް "ލައިފް އޮފް ކައިލީ" އަކީ ވެސް ކައިލީއަށް އާމްދަނީ ލިބޭ ދިމަދިމާލެވެ. މީގެ އިތުރުން ބޮޑެތި ރީޓެއިލް ބްރޭންޑްސްތަކުގެ ތެރޭގައި ހިމެނޭ އެޑިޑަސް އާއި ޓޮޕްސޮޕް އަދި ކުއޭ އޮސްޓްރޭލިއާ އާއި އެކު ހަދާފައިވާ ޕާޓްނާޝިޕްގެ ސަބަބުން އެތަންތަނުންވެސް އޭނާއަށް އާމްދަނީ ލިބެއެވެ.
ކައިލީ އޭނާގެ ބިއުޓީ ބްރޭންޑް ލޯންޗްކުރީ 30 ނޮވެމްބަރު 2015ގައެވެ. 29 ޑޮލަރުގެ ކައިލީ ލިޕް ކިޓް އާއި އެކު އެ ބްރޭންޑް ތައާރަފްކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ކިޓްތަކެއް ވިކި ހުސްވިއެވެ. 18 މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ ސޭލްސް ވަނީ 420 މިލިއަން ޑޮލަރަށް އަރާފައެވެ.
2016ގައި ކައިލީ ކޮސްމެޓިކްސްއިން ހޮލިޑޭ ކަލެކްޝަން ތައާރަފު ކުރުމާއެކު އެއްދުވަހުން 19 މިލިއަން ޑޮލަރާއި ގާތްކުރާ ޢަދަދަކަށް ވިޔަފާރިވިއެވެ.
ކައިލީއަށް މޭކަޕް ވިޔަފާރީގެ ތެރެއަށް ވަދެވުނު ގޮތް
އަމިއްލަ މޭކަޕް ބްރޭންޑެއް އުފެއްދުމުގެ ޝައުގުވެރިކަން އުފެދުނީ ކައިލީގެ އުމުރުން 9 އަހަރާއި 12 އަހަރާއި ދެމެދު ޔޫޓިއުބުން ބެލި ޓިއުޓޯރިއަލްތަކުންނެވެ. "ކައިލީ ލިޕް ކިޓް" ޓްރޭޑްމާކް ކުރީ ރަސްމީކޮށް އެ ބްރޭންޑް ލޯންޗުކުރުމުގެ ދެއަހަރު ކުރިން އޭނާގެ އުމުރުން 17 އަހަރުގައެވެ. ކައިލީ ބުނާގޮތުން އޭނާގެ ފުރަތަމަ މޭކަޕް ކިޓް ރިލީޒް ކުރިތާ ހަ ހަފްތާ ފަހުން އޭނާގެ މަންމަ އާއި މެނޭޖަރ ކްރިސް ޖެނާ ސީޑް ބިއުޓީ ކިޔާ ކޮސްމެޓިކް އުފައްދާ ކުންފުންޏަކާއި އެކު ޕާޓްނާޝިޕެއް ހެދުމަށް ނިންމި އެވެ.
ކައިލީގެ މޭކަޕް ބްރޭންޑްގެ ގިނަ ބާވަތްތައް ވިއްކަނީ އޮންލައިންކޮންނެވެ. އޭނާގެ އިންސްޓަރގްރާމް ފޮލޯވާސްގެ އަދަދު 128 މިލިއަނަށް އަރައެވެ. ކައިލީ ޖެނާއަކީ އިންސްޓަރގްރާމްގައި 8ވަނަ އަށް އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހާއެވެ.
ޓްވިޓަރގެ ފޮލޯވާސްގެ އަދަދު 26.7 މިލިއަނަށް އަރައެވެ. ފޯބްސް މެގަޒިންގައި ކައިލީއާއި ހަވާލާދީ ބުނެފައިވަނީ ސޯޝަލް މީޑިއާގެ ބާރުގަދަ ކަމަށެވެ. އޭނާ ކަމެއް ފެށުމުގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަބަޔަކަށް ރީޗްވާ ކަމަށެވެ.
2018ވަނަ އަހަރު ފޯބްސްއިން ވަނީ ކައިލީ އަކީ އެމެރިކާގެ އެންމެ މުއްސަނދި އަންހެންމީހާ ކަމަށް ކަނޑައަޅާފައެވެ. އޭރު އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު ހުއްޓެވެ. 2017ވަނަ އަހަރު ފޯބްސްއިން އެކުލަވާލި އެންމެ ބޮޑު މުސާރައެއް ލިބޭ ދުނިޔޭގެ އެންމެ ހަގު 100 ސެލެބްރިޓީންގެ ލިސްޓުގައިވެސް ކައިލީ ހިމެނިފައިވެއެވެ.
ކައިލީގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ޢާއިލާގެ އެހެން މެންބަރުންނާއި އެކު އޮންނަ ބަދަހިކަމެވެ. ކައިލީ ކޮސްމެޓިކްސްގެ 100 އިންސައްތައިގެ ވެރިއަކީ ކައިލީއެވެ. އެ ކުންފުނީގެ ސީއީއޯ، ޗީފް މާކެޓިން އޮފިސަރ، ޗީފް ކްރިއޭޓިވް އޮފިސަރ އަކީވެސް ކައިލީއެވެ. އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަކީ އޭނާގެ ދައްތަ ކްރިސް ޖެނާއެވެ. އޭނާގެ ދައްތަ ކިމްކާޑޭޝަން ވެސްޓަކީވެސް އޭނާއަށް ވިޔަފާރީގައި ކުރިޔަށް ދިއުމަށް ލިބޭ ބޮޑު ހިތްވަރެކެވެ.
ކައިލީ ވަނީ އޭނާގެ ދަރިފުޅު ސްޓޯމީ ވެބްސްޓާރގެ ނަމުގައިވެސް ހާއްސަ މޭކަޕް ޕްރޮޑަކްޓެއް ތައާރަފްކޮށްފައެވެ. ކައިލީ ބޭނުންވަނީ އޭނާގެމި ވިޔަފާރި މުޅި އުމުރަށް ދެމިގެން ދިއުމަށެވެ. އަދި މުސްތަޤުބަލުގައި އޭނާގެ ދަރިފުޅު މި ވިޔަފާރި ކުރިޔަށް ގެންދިއުމަށެވެ.
ނޯޓް: މަޢުލޫމާތު ނަގާފައިވަނީ ސީއެންބީސީ އާއި ފޯބްސް ވެބްސައިޓުން.