ޏ.ފުވައްމުލަކަށް އުފަން މަރްޔަމް ޝިފުޒާ (ޝިފޫ)ގެ ފެހުންތައް ފެނުނީ ފޭސްބުކް 'ޝިފޫސް ކަލެކްޝަން' ޕޭޖުންނެވެ. ވިހިހާސް ފޮލޯވަރުން ތިބި ޒުވާން ފެހުންތެރިޔާ، މިމަސައްކަތް ކުރަމުންދާ ގޮތުގެ ތަފްސީލު ބެލުމުގެ ޝައުގު އެވަގުތު އުފެދުނެވެ.

"ގޭތެރެއިން ބައްޕަ ފަހާތަން ފެނި ދަސްވީ. ވަރަށް ކުޑައިރުއްސުރެ ފަހާހިތުން ބައްޕަ އެ މަސައްކަތް ކުރާއިރު ބަލަން ހުންނަން. އެގޮތަށް ބަލަން ހުރެ ހުރެ ދަސްވީ. ދެން ނޭނގޭ އެއްޗެހި ބައްޕަކައިރީގައި އެހީ. އަޅުގަނޑުގެ އުމުރުން 13 އަހަރުން ފެށިގެން އަމިއްލަ ހެދުމާއި ރައްޓެހިންގެ ހެދުން ފަހަން ފަށައިފިން. އެންމެފުރަތަމަ ވެޑިންގ ޑްރެސްއެއް ފެހީ ގުރޭޑް 7 ގައި ކިޔަވަން އުޅުނުއިރު. އެއީ ވަރަށް ހަނދާނީ ހެދުމެއް" ޝިފޫ ފެހުމުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާކުރަމުން ބުންޏެވެ.

ތަފާތު އެކި ޑިޒައިންތަކުގެ އަންހެނުންގެ ހެދުން ފެހުމުގެ މަސައްކަތްކުރާ ޝިފޫ އެންމެ ފަހާ ހިތްވަނީ ޕާޓީތަކަށް ޚާއްސަ ހެދުމުގެ އިތުރަށް ވެޑިންގ ޑްރެސް، ކުޑަކުދިންގެ ހެދުން، އަދި ބަލާލަން ތަފާތު ރީތި ހެދުންތަކެވެ.
"ފެހުމަށް އޯޑަރުނަގަނީ ފޭސްބުކް ޕޭޖު މެދުވެރިކޮށް. މާލޭގައި ނޫޅޭ ކަސްޓަމަރުންނަށް އޮންލައިންކޮށް ހެދުމުގެމިން ނަގައިދެން. ރާއްޖޭގެ ހުރިހާ ހިސާބަކުން އޯޑަރު ލިބޭ. ގިނައިން ކައިވެނި ޕާޓީ އޮންނަ ދުވަސްވަރު، ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ"
ޝިފޫ އެންމެ އިސްކަމެއް ދެނީ ކަސްޓަމަރު ބޭނުންވާގޮތަކަށް ހެދުން ފަހާ ނިންމުމަށެވެ. މިގޮތުން މިހާތަނަށް ކަސްޓަމަރުން ހިތްހަމަ ޖައްސާލެވުނުއިރު، ބައެއް ޑިޒައިންތަކުގެ ހެދުމަށް ވަގުތު އޮއްވާ އޯޑަރު ދިނުމުން ފެހުމުގެ ޚިދުމަތް ޝިފޫ ދެމުން ގެންދެއެވެ. އަމިއްލަ ފޮތީގައި ގިނައިން ފަހާދޭއިރު، މިމަސައްކަތުގަ ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ބޭނުންވާ ބައެއް ތަކެތި ހޯދަން އުދަގޫވުން ކަމަށް ޝިފޫ ފާހަގަކުރިއެވެ.

ޝިފޫގެ މިމަސައްކަތް އާންމުންނާ ހަމައަށް ފުޅާވެގެންދިޔައީ، 2013 އަދި 2015ވަނަ އަހަރުގެ ބްރައިޑް ފެއާގައި ބައިވެރިވެ ޝިފޫގެ ހެދުންތައް ދައްކާލަން ފުރުސަތު ލިބުނު ހިސާބުންނެވެ. 2013ވަނަ އަހަރުން ފެށިގެން މިމަސައްކަތް އެހެން މީހުންނަށް ދަސްކޮށްދިނުމަށް ޝިފޫ ދަނީ ކޯސްތައް ހިންގަމުންނެވެ.
"2500 ރުފިޔާ އަށް ބޭސިކް ކޯސް. އަދި 3000 ރުފިޔާ އަށް އެޑްވާންސް ކޯހެއް ހިންގަނީ. އެޑްވާންސް ކުލާހުގައި ދަސްކޮށްދެނީ އަމިއްލައަށް މިންނަގައިގެން ތަފާތު ޑިޒައިންތަކުގެ ހެދުން ފަހަން. މީގެތެރޭގައި ޕާޓީ ހެދުންވެސް ހިމެނޭނެ. ވަރަށްގިނަ މީހުންގެ އެދުމުގެ މަތިން ކޯސް ކުރިއަށްގެންދަން ފެށީ"

މާލޭގައި ދިރިއުޅޭ ގޭގައި ސްޓޫޑިއޯއެއް ހަދައިގެން މިމަސައްކަތްކުރާ ޝިފޫގެ ވިސްނުން ހުރީ ކުރިއަށް އޮތްތާގައި ފަހާތަނެއް ހުޅުވައިގެން އަމިއްލަ ބްރޭންޑެއް ތަޢާރަފު ކުރުމަށެވެ. "އަމިއްލައަށް ފަހާ ހެދުންތައް ލިބޭނެ ފިހާރައަކާއެކު ފަހާތަނެއް ހުޅުވަން ވަރަށް ބޭނުން. ގޭގައި މިމަސައްކަތްކުރާތީ ދެކުދިންނަށް ވަގުތުދެވޭ. ދުވާލު ފެހުމުގެ މަސައްކަތް ކުރިން ކުރަމުންއައީ ކުދިން ސްކޫލަށްދާއިރު. ދެން ރޭގަނޑު ކުލާސްތައް ނަގައިދެނީ. މިއީ އާމްދަނީ ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް"

މިމަސައްކަތުގައި ޝިފޫއަށް އެންމެބޮޑަށް އެހީތެރިވެދެނީ ފިރިމީހާ ޝިޔާމް ޢަލީ އެވެ. އަދި މަންމަ ފާތިމަތު ޢަބުދުﷲ އާއި ބައްޕަ މުޙައްމަދު ދީދީގެ އިތުރުން ޢާއިލާގެ އެހެނިހެން މެންބަރުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝިފޫ ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު
Varah reethi hedhun thakeh
ކޮމެންޓްސް ބަންދުކުރެވިފައި