November 23, 2024 06:21
Advertisement

-Advertisement-

ޢާދިޔާތު ސޫރަތް ބުނާ އެއްޗަކަށް ވިސްނާލީމުތަ؟

ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ ނުވަތަ ހިތްގައިމު އެއްސިފައަކީ އިންސާނުންނާއި ޤުރްއާން ލާމެހޭގޮތުގެ ފުރިހަމަކަމެވެ. މިއީ އެފަދަ ސޫރަތެކެވެ. މިސޫރަތުގައި ﷲ އަހަރެމެންނަށް ދެއްވާ ޒުވާބުގެ ބުއްދިއާމެދު ތިމާވާނީ އަޖާއިބެވެ. ސޫރަތުގައި ބުނާ އެއްޗެއް ތިމާއަށް ފަހުމްވުމުން ޚުދު ތިމާއަށް އެންމެ ހިތްގައިމު އެއް ސޫރަތަކަށް ޢާދިޔާތު ސޫރަތްވާނެއެވެ. އެހެންވެ ސޫރަތުގެ ފުރިހަމަކަމާއި މޮޅުކަމާއި ހިތްގައިމުކަން ދެނެގަނެވޭނީ ސޫރަތުގެ ތަފުސީރަށް ފީނާލުމަށްފަހު ތަދައްބުރުކޮށްގެންނެވެ.

ކީރިތި ޤުރްއާނުގައި ﷲ ދެއްވާ ޒުވާބު ސާދާވެފައި ސާފެވެ. ކީރިތި ޤުރްއާނުގައި އެކުލެވޭ ވަރުގަދަ ބާރު އަންނަނީ އޭގައި ﷲ އަންގަވާ ވާހަކައަކުންނޫނެވެ. އެކަމަކު އެވާހަކަ ވަޙީކުރައްވާ ގޮތުންނެވެ. ޢާދިޔާތު ސޫރަތަކީ އެފަދަ ފުރިހަމަ މިސާލެކެވެ.

މިސޫރަތުގައި ﷲ އިންސާނުންނަށް ދެއްވާ މެސެޖަކީ އެމީހުންނަށް ފެންނަ ނުވަތަ ދެކޭ ނުބައި ގޮތެވެ. މިޒަމާނުގެ ބަހުންނަމަ ނެގަޓިވް އެޓިޓިއުޑްއެވެ. މުދަލުގެ ލޯބީގައި އޭނާއަށް އެހެންކަމެއް ނުފެންނަ ވާހަކައެވެ. ދުނިޔޭގެ މިކުރު ހަޔާތުގައި ފަހުން އޭނާ ކުރިމަތިލާންޖެހޭނެ ނަތީޖާތަކަށް ފަރުވާލެއް ނުބަހައްޓައި އޭނާ ހިންގާ އަމަލުތައް ﷲ އަހަރެމެންނަށް ހަނދާންކޮށްދެއްވައެވެ. ﷲ މިސޫރަތް ފައްޓަވަނީ ހުވާކުރައްވަމުންނެވެ.

Advertisement

އިންސާނުން ހުވާކުރާ ސަބަބާމެދު ފިކުރު ހިންގާލީމުހެއްޔެވެ؟ އިންސާނުން ހުވާކުރަނީ އޭނާ އެބުނަނީ ތެދުކަން ކަށަވަރު ކޮށްދިނުމަށްޓަކައެވެ. އޭނާ ހުވާކުރަނީ އޭނާ ދައްކާ ވާހައިގެ މުހިންމުކަމާއި ބޮޑުކަން އެންގުމަށެވެ. އޭނާ ގަންދެނީ އަނެކުންގެ ސަމާލުކަން ހޯދުމަށެވެ. އޭނާ ގަންދެނީ ކަމުގެ ސީރިއަސްކަމާއި މުހިންމުކަން އަންގައިދިނުމަށެވެ. އޭނާ ހުވާކުރާ އަނެއް ސަބަބަކީ އޭނާގެ ވާހަކަ ގަބޫލުކުރުވުމަށެވެ.

ﷲ ކީރިތި ޤުރްއާނުގައި ގަންދެއްވައި ވަހީކުރެއްވުމުގެ ޙިކުމަތަކީ އެއީ ތޯތޯ އާޔަތްތަކެއްނޫންކަން އަހަރެމެންނަށް އެންގެވުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވި ވަގުތު އެޤުރުއާނުގެ އަމާޒަކީ ނުވަތަ އޯޑިއެންސަކީ މުޝްރިކުންނާއި މުސްލިމުންނާއި ރަސޫލުﷲ އެވެ. މިހާރު އެޤުރްއާނުގެ އަމާޒުކުރެވޭ ބަޔަކީ އަހަރެމެންނެވެ. ގަންދެއްވުމުގެ ހިކުމަތަކީ މިއެންމެންނަށް ވިސްނައި ދެއްވުމެވެ. ނުވަތަ ކަމުގެ ބޮޑުކަން ބަޔާންކުރެއްވުމެވެ. ނުވަތަ ސަމާލުކަމަށް ގެންނެވުމެވެ.

މުފައްސިރު ނުޢުމާން ބަޔާންކުރާގޮތުގައި ކީރިތި ޤުރްއާނުގައި ﷲ ގަންދެއްވާއިރު ދެކަމެއްވެއެވެ. އެއީ ހުވާ ނިސްބަތްކުރެވޭ ފަރާތާއި ހުވާގެ މައުޟޫއުއެވެ. މިސާލަކަށް ވަލްއަސްރުގެ މާނަޔަކީ ވަގުތު ގަންދެއްވަމެވެ. ވަގުތަކީ ހުވާ ނިސްބަތްކުރެވޭ ފަރާތެވެ. ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައެވެ. އަސްރު ސޫރަތުގައި ހުވާގެ މައުޟޫއުއަކީ އިންސާނާ ގެއްލުމުގައިވާ ވާހަކައެވެ. ޢާދިޔާތު ސޫރަތުގައި ﷲ ގަންދެއްވުން ނިސްބަތްކުރައްވަނީ ހަނގުރާމައަށެވެ. އެކަމަކު ހުވާގެ މައުޟޫއުއަކީ ކާފިރުކަމުގައި ތިބި މައްކާގެ މުޝްރިކުންނެވެ.

މުފައްސިރު ނުޢުމާން ފާހަގަކުރައްވާގޮތުގައި ކީރިތި ޤުރްއާނުގައި ﷲ ހުވާކުރައްވައި ވަޙީކުރައްވާއިރު ހުވާ ނިސްބަތްކުރައްވާ ފަރާތާއި ހުވާގެ މައުޟޫއުއާ ބޮޑު ގުޅުމެއްވެއެވެ. ރަސޫލުﷲ އަށް އަދި އެކަލޭގެފާނު އިއްވަވަމުން ގެންދެވި ﷲ ގެ އާޔަތްތަކަށް މައްކާގެ މުޝްރިކުން އަޅައެއްނުލިއެވެ. އެހެންވެ ﷲ ގަންދެއްވައި ސޫރަތް ފެއްޓެވުމުގެ ޙިކުމަތަކީ ޤުރައިޝްގެ މުޝްރިކުންގެ ސަމާލުކަން ހޯއްދެވުމެވެ. ބަޔަކާއި ވާހަކަދައްކަން އުޅޭއިރު އެމީހުންގެ ސަމާލުކަން ތިމާއަށް ލިބުމުން ތިމާ އެމީހުންނާއި ދައްކާނީ ތިމާއަށް ބޭނުންވާ ވާހަކައެއްނޫނެވެ. އެކަމަކު ތިމާ ދައްކަންވާނީ އެމީހުން އަޑުއަހާނެ ނޫނީ އެމީހުން ޝައުގުވެރިވާނެ ވާހަކައެވެ. އެގޮތުން ﷲ ސޫރަތް ފައްޓަވަނީ އެފަދަ ވާހަކައަކުންނެވެ. އަދި ސޫރަތުގެ ފުރަތަމަ ފަސް އާޔަތަކީ ހުވާކުރައްވައި ވަޙީކުރައްވާ އާޔަތްތަކެވެ.

ކީރިތި ޤުރްއާން ބާވައިލެއްވި ދުވަސްވަރު އަރަބީންގެ މެދުގައި ހަމަލާ ބަދަލުކުރުމަކީ އާންމުކަމެކެވެ. ދެ ގަބީލާއެއްގެ މެދުގައި ޚިލާފެއް އުފެދުމުން އެންމެ އަވަހަށް ކުރެވޭ ކަމަކީ ހަމަލާ ބަދަލުކޮށް ތަޅާފޮޅުން ނުވަތަ ހަނގުރާމަކުރުމެވެ. އެދުވަސްވަރު އެމީހުން މުނިފޫހިފިލުވަން ކުރިކަމަކީ ޅެންހަދައި ޅެން ކިޔުމެވެ. އެގޮތުން އެމީހުން ޅެންހަދައި އުޅުނު އެއް މައުޟޫއުއަކީ ހަނގުރާމައެވެ. އެއީ އެމީހުން މާބޮޑު ފޯރިއެއް ހުރިކަމަކަށް ހަނގުރާމަ ވީތީއެވެ. އެހެންވެ ﷲ ޢާދިޔާތު ސޫރަތް ފައްޓަވާފައިވަނީ ހަނގުރާމަވެރި އަހާއި ހަނގުރާމައިގެ މައިދާނުގެ މަންޒަރުތަކުންނެވެ. ހަނގުރާމަވެރި އަހަކީ އޭރުގެ އަރަބީންގެ ފަޚުރެކެވެ. ފުރަތަމަ ފަސް އާޔަތުން ﷲ ދައްކަވަނީ އެއް މަންޒަރެވެ. އެހެންވެ އެއް އާޔަތް އަނެއް އާޔަތާއި ގުޅިލާމެހެނީ އަޖާއިބުކުރުވަނިވި މޮޅަށެވެ.

ﷲ ޢާދިޔާތު ސޫރަތުން ކާފަރުންނަށް ދެއްވާ މެސެޖު ސަރީޙަވެފައި ވަރުގަދައެވެ. އެމެސެޖުން އަންގަވަނީ އެމީހުންގެ ދަހިވެތިކަން ހުރިވަރާއި އެމީހުންގެ ފަރުވާކުޑަކަމާއި އެމީހުންގެ ޣާފިލުކަން ހުރިވަރެވެ. އެމީހުން އެއްވެސް ކަމަކަށް ބިރުވެތިނުވެ ހިތުހުރި ކަމެއް މިދުނިޔޭގައި ކުރާ ވާހަކައެވެ. އަދި އެމީހުން ކުރާ ކަންތަކުގެ ނަތީޖާއަށް އެމީހުން ޖަވާބުދާރުވާން ނުޖެހޭކަމަށް ބަލައި އެމީހުން ދުނިޔޭގައި އަމަލުތައް ބަހައްޓާ ވާހަކައެވެ. މިސޫރަތުގެ އާޔަތްތަކާމެދު ތަދައްބުރުކުރާއިރު ގިނަ މީހުންނަށް ހީވާނީ މިއީ އެމީހުންނަށް އަމާޒުކުރައްވައި ބާވައިލެއްވި ސޫރަތެއްހެންނެވެ.

ފުރަތަމަ އާޔަތުގައި ﷲ ގަންދެއްވައި ވަޙީކުރައްވަނީ ލާނޭވާގެ އަޑުއިއްވައި ބާރުދުވެލީގައި ދުވާ އަސްތަކުގެ ވާހަކައެވެ. ޢަރަބި ބަހުގައި ޢާދިޔާތު މިބަހުގެ އަސްލަކީ ޢަދޫއެވެ. ޢަދޫގެ މާނަޔަކީ ދުޝްމިންކަމެވެ. މިއާޔަތުގައި މިބަހުގެ މާނަޔަކީ ދުޝްމިނުންނަށް ހަމަލާދޭން އެމީހުންނާއި ދިމާއަށް ހަރުދުވެލީގައި ދުވަމުންދާ ހަނގުރާމައިގެ އަންހެން އަސްތަކެވެ. ޢަރަބީންނަށް ހަނގުރާމަކުރުމުގައި ފިރިހެން އަހަށްވުރެ ދުވެލި ބާރީ އަންހެން އަހެވެ. ޟަބުޙަން މިބަހުގެ މާނަޔަކީ ބާރުދުވެލީގައި ދުވާ އަހުގެ ނޭވާގެ ގަދަ އަޑެވެ.

ދެވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ފިޔަވަޅުތަކުން އަލިފާން ކަނޑަމުން ދުވެގޮސް ހަމަލާދޭ އަހުގެ ވާހަކައެވެ. މޫރިޔާތުގެ މާނަޔަކީ އަލިފާން ކަނޑައިގެން ދިއުމެވެ. ހަނގުރާމައިގެ އަސް އަރުވާފައި ހުންނަނީ ދަގަނޑު ފައިވާނަށެވެ. އެހެންވެ ސަހަރާގެ ހިލަ ބިމުގައި އެސޮރުމެން ހަރުދުވެލީގައި ދާއިރު ފިޔަވަޅުން އަލިފާން ކަނޑައިގެންދެއެވެ. ޤަދުޙަން މިބަހުގެ މާނަޔަކީ އަހުގެ ފައިން ބިމުގައި ޖަހާ ވަރުގަދަ ޖެހުމެވެ. އަހުގެ މިމަންޒަރަކީ އޭރުގެ އަރަބީން އެއަށް މޮޔަވާނެފަދަ މަންޒަރެކެވެ.

ތިންވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ފަތިހު ހަމަލާދޭ އަހުގެ ވާހަކައެވެ. މުޢީރާތި މިބަހުގެ މާނަޔަކީ ހަމަލާދިނުމެވެ. ދުޝްމިނުންގެ ބޯމަތިން އެމީހުންނަށް ވަރުގަދައަށް ހަމަލާދޭ ވާހަކައެވެ. ޞުބުޙަންގެ މާނަޔަކީ ފަތިހެވެ. މިތަސްވީރުން ސިފަވަނީ ބިރެއް ޖެހިލުމެއްނެތި ފުރިހަމަ އިތުބާރާއެކު ހަމަލާދޭން ކުރާ ދަތުރެވެ. މޮޅުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަ މީހާ ރޭގަނޑު ދަންވަރުގެ ކަޅު އަނދިރީގައި ހަމަލާއެއް ނުދޭނެއެވެ. އެކަމަކު އޭނާ ހަމަލާދޭނީ އެންމެނަށް އެނގޭ ވަގުތާއި ހާލުގައެވެ. ފަތިހުގެ ވަގުތުން އަންގައިދެނީ އަހުގެ މޮޅުކަމާއި ކުޅަދާނަކަމާއި އެސޮރުމެންގެ ވަފާތެރިކަމެވެ.

ހަތަރުވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ އެއަސްތައް އެސޮރުމެންގެ ދުވެއްޔާއި ހަމަލާއިން އެވަގުތު ހިރަފުސްބުރުވާލާ ވާހަކައެވެ. ފައަޘަރުނަ މިބަހުގެ މާނަޔަކީ އެއްޗެއް މައްޗަށް އެރުމެވެ. ނަޤުއަން މިބަހުގެ މާނަޔަކީ މައްޗަށް އަރައިގެންދާ ހިރަފުހެވެ. ހިރަފުސްބޯ ތަނަކުން ހަރު ދުވެލީގައި ގާފިލާއެއް ދަތުރުކުރާއިރު ހިރަފުހުގެ ވިލާގަނޑެއް އުފެދޭނެއެވެ. ނުވަތަ ހިރަފުހުގެ ދުންގަނޑެއް އުފެދި އަރައިގެން ދާނެއެވެ. އެހެންވެ ﷲ މިއަންގަވަނީ އަހުގެ ދުވެއްޔާއި ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ ހިރަފުހުގެ ވާހަކައެވެ.

ފަސްވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ އެއަސްތައް ހިރަފުހުގެތެރޭން ދުޝްމިނުންގެ މެދަށް ވަދެގަންނަ ވާހަކައެވެ. ސަޠުނަ މިބަހުގެ މާނަޔަކީ އެއްޗެއް ސީދާ މެދަށް ފޫއަޅޫވާލުމެވެ. ޖަމްޢަން މިބަހުގެ މާނަޔަކީ އެކުގައި ޔަޢުނީ ހުރިހާ އަހެއް އެއްކޮށް މެދަށް ވަދެގަންނަ ވާހަކައެވެ. މިބަހުގެ އަނެއް މާނަޔަކީ ދުޝްމިނުންގެ އެންމެންގެ މައްޗަށް ވަދެގަންނަ ވާހަކައެވެ. މިހާރު، މިއާޔަތްތައް އަމާޒުކުރެވުނު މައްކާގެ މުޝްރިކުން ތިބޭނީ ދެންވާނެ ގޮތެއް ދެނެގަތުމަށް ކެތްމަދުވެފައެވެ. އެއީ ހަމަލާގެ ސަބަބުން ދުޝްމިނުންނަށް ވާގޮތެވެ.

މިހާހިސާބުން ކުޑަކޮށް މަޑުކޮށްލުމަށްފަހު އަހަށް ބަލަން ހިނގާށެވެ. އަރަބީން އެއެއްޗަކަށް ފަޚުރުވެރިވި ހަނގުރާމަވެރި އަހަކީ ވަފާތެރިކަމުގައި ނަމޫނާއެކެވެ. ޖަނަވާރުގެ ޠަބީއަތަކީ ބިރުވެރިކަމާއި ކުރިމަތިވުމުން ފިލުމެވެ. އެކަމަކު ހަނގުރާމަކުރުމަށް އަރަބީން ބޭނުންކުރާ އަހަކީ ބިރުން ފިލާއެއްޗެއްނޫނެވެ. އެއާޚިލާފަށް އެސޮރުގެ ސާހިބު މީހާއަށްޓަކައި ވަފާތެރިކަމުގައި އެސޮރުގެ ފުރާނަ ގުރުބާންކުރެއެވެ. ގުރުބާންވާ އަހުގެ ހުރިހާ ކަމެއް އެހިސާބުން ނިމުނީއެވެ. އެސޮރަށް އޮތް އެއްވެސް މޮޅެއް ނެތެވެ. އެހެންކަމުން ސާހިބު މީހާއަށް ވަފާތެރިވުމުގައި ހަނގުރާމަވެރި އަހަކީ ނަމޫނާއެކެވެ.

ﷲ މައްކާގެ މުޝްރިކުންނަށް މިދެއްކެވި ތަސްވީރުގެ ފުރިހަމަކަމާއެވެ. ސާހިބު މީހާއަށްޓަކައި ސާހިބު މީހާގެ ޖަނަވާރު އެސޮރުގެ ޠަބީއަތާވެސް ޚިލާފަށް ސާހިބު މީހާއަށް ވަފާތެރިވާ މިންވަރެވެ. އެސޮރުގެ ފުރާނައަށް ނުބަލައި ސާހިބާއަށްޓަކައި ގުރުބާންވާ މަންޒަރެވެ. ސާހިބު މީހާއަށް އަޅުވެތިވެ އިޚުލާސްތެރިވުމުގައި މިއަށްވުރެ ވަކި ފުރިހަމަ މިސާލެއް މައްކާގެ މުޝްރިކުންނަށް ނުދެވޭނެއެވެ.

ހަނގުރާމައިގައި ދެންވާނެގޮތަކަށް ބަލަންތިއްބާ ﷲ އެއިލާހު ދެއްވާ ހަގީގީ މެސެޖު ހަވަނަ އާޔަތުން ފަށްޓަވައެވެ. މިއީ ﷲ ތަކުރާރުކޮށް ކުރެއްވި ހުވާގެ މައުޟޫއުއެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަޔަގީނުންވެސް އިންސާނާއަކީ އޭނާގެ ރައްބުއަށް ހަރާމްކޯރުވުން ބޮޑު މީހެއްކަމުގައެވެ. އެބަހީ އޭނާއަކީ އޭނާގެ ރައްބުއަށް އިޚުލާސްތެރިކަން ކުޑަ މީހެކެވެ. ކަނޫދުގެ މާނަޔަކީ ބުރިކޮށް ވަކިކުރުމެވެ. ނުވަތަ ވަކިވެގަތުމެވެ. ރަސޫލުﷲ އަށް ފުރަގަސްދީ އެކަލޭގެފާނުގެ ބަސް ދޮގުކުރަމުންދިޔަ މުޝްރިކުންނަށް ﷲ މިއަންގަވަނީ އެމީހުންނަކީ ޝުކުރުވެރިކަމެއްނުވާ ހަރާމްކޯރު ބައެއް ކަމުގައެވެ.

ބުއްދީގެ މިވަރުގަދަ ޒުވާބު ﷲ ދޫކޮށްލައްވަނީ މުޝްރިކުންގެ ސީދާ ހިތަށެވެ. ފިކުރީ ތީރެއް އެމީހުންގެ ހިތާއި ބުއްދިއަށް ހެރޭ ބީދައިން ބުއްދީގެ މިވަރުގަދަ ޒުވާބު އެމީހުންނަށް ހަމަލާދެއެވެ. ވިސްނާލަމާ ހިނގާށެވެ. ﷲ އިންސާނާއަށް ނުދެއްވާ ނިޢުމަތަކީ ކޮބައިހެއްޔެވެ؟ އޭނާގެ ހަށިގަނޑާއި ބުރުސޫރައިން ފެށިގެން އޭނާގެ ބުއްދިއާއި ހިއްސުތަކުން ފެށިގެން އޭނާއަށް ދެއްވި ނިއުމަތްތަކުގައި ނިމުމެއްނުވެއެވެ. ބުއްދީގެ ބޭނުންކޮށްގެން އޭނާއަށް ނުހޯދޭ ކުރިއެރުމަކީ ކޮބައިހެއްޔެވެ؟ މިހުރިހާ ނިއުމަތެއް ﷲ އޭނާއަށް ދެއްވީ އޭނާ ބިމުގައި ޚަލީފާއެއްކަމުގައި ލައްވައި އޭނާ ﷲ އަށް އީމާންވެ އެއިލާހަށް އަޅުވެތިވުމަށެވެ.

ހަތްވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަޔަގީނުންވެސް އިންސާނާގެ ހަރާމްކޯރުވުމަށް އޭނާއަކީ ހެއްކެއްކަމުގައެވެ. މާނަޔަކީ އިންސާނާގެ ހަރާމްކޯރުވުމުގެ ކޮންމެ އަމަލަކީ އޭނާއަށް އެނގިހުރެ އޭނާ ހިންގާ އަމަލަކަށްވުމެވެ. ޝުކުރުވެރިކަން ނެތްކަމުގެ ހެކީގެގޮތުގައި އޭނާ ހިންގާ ޖަރީމާތައް ފުދެއެވެ. އޭގެތެރޭގައި މީހުން މެރުމާއި ވައްކަންކުރުމާއި ފޭރުމާއި ޓެކުންފަދަ އެތައް ކަމެއް ހިމެނެއެވެ. މަޙުޝަރު މައިދާނުގައި މިހުރިހާކަމަކަށް ހެކިވާނީ ޚުދު އިންސާނާގެ އަމިއްލަ ނަފުސެވެ.

އަށްވަނަ އާޔަތުގައި ﷲ އަންގަވަނީ އިންސާނާގެ ނަފުސުގެ ހަގީގީ ހާލަތާއި ސިފައެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަކަށަވަރުން އިންސާނާއަކީ މުދަލަށް ލޯބިކުރުމުގައި ގަދަފަދަ މީހެއްކަމުގައެވެ. މާނަޔަކީ އިންސާނާ މުދަލަށް ބޫތުކައިފަވުމެވެ. ޙުއްބު މިބަހުގެ މާނަޔަކީ އެއްޗެއް އެއީ ތިމާއަށް ފައިދާހުރި ނުވަތަ ތިމާ އެއަށް އެދުންވެރިވާ އެއްޗެއްކަމަށް ފެންނަ ފެނުމެވެ. އަދި އެގޮތަށް ފެނުމުން އެލިބިގަތުމަށް ތިމާކުރާ ހިއްމަތާއި މަސައްކަތެވެ. ޚައިރުގެ މާނަޔަކީ ރަނގަޅެވެ. އެކަމަކު މިއާޔަތުގައި ޚައިރުގެ މާނަޔަކީ މުދަލެވެ. މުދަލަށް މާލުގެ ބަދަލުގައި ޚައިރު ބޭނުންކުރެއްވުމުގެ ޙިކުމަތަށް ބަލަމާ ހިނގާށެވެ. ޢިލްމުވެރިން ވިދާޅުވަނީ މުދަލެއްވެއްޖެއްޔާ އެއީ ކޮންމެ އެއްޗަކަށްވިޔަސް އިންސާނާ ދެކެނީ އެއީ ރަނގަޅު އެއްޗެއްކަމަށެވެ. މުދަލާޖެހުމުން އިންސާނާ އެއަށް ދެވިހިފާ ބުއްދިފިލާދާކަން އަހަރެމެންނަށް އެނގެއެވެ. އެހެންވެ އެކަމަށް ﷲ މަލާމާތް ރައްދުކުރައްވަނީކަމަށްވެސް ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ.

ދުނިޔޭގައި އިންސާނާ މީހުން މަރައި ހަނގުރާމަކުރަނީ އެންމެ ބޭނުމެއްގައެވެ. އެއީ އޭނާގެ ކިބައިގައި މުދަލަށް ހުރި ލޯބީގެ ގަދަފަދަކަމުންނެވެ. އޭނާ އެހެން މީހެއްގެ ހައްގެއް އޮތްކަމަކަށް ނުދެކެއެވެ. އެހެން މީހަކަށް މުދަލެއް ފައިސާއެއް ލިބެންޖެހޭކަމަށްވެސް ނުދެކެއެވެ. އެހެންވެ އަތުޖެހުނު ކޮންމެ އެއްޗެއް އަތުޖެހުނުގޮތަކަށް ކައްވާލުމަކީ އިންސާނާގެ އާދައެވެ. ނަސްލީ އަދި ދީނީ އިމްތިޔާޒުގެ ބިންގަލަކީ ތިމާއާއި ތިމާގެ މީހުން ފިޔަވައި އެހެން ބަޔަކަށް އެއްޗެއް ހައްގުނުވާކަމުގެ ފަލްސަފާއެވެ. އެހިސާބުން އަނެކާ ދުޝްމަނަކަށްވެ އޭނާ މަރަންޖެހެއެވެ. ހައްގުން ކަމަކާނުލާ މީހުން މެރުމަކީ މިއަދުވެސް އިންސާނީ މުޖުތަމައުގައި އާދަކޮށް ހިނގާ އެންމެބޮޑު ޖަރީމާއެވެ. މިއާޔަތުން މިހަގީގަތަށް އިންސާނާ ހޭލައްވައެވެ.

ނުވަޔަކާއި ދިހަ ވަނަ އާޔަތުގައި ﷲ ކުރައްވަނީ ސުވާލެކެވެ. ކަށްވަޅުގައިވާ ތަކެތި ނެރެއުކައިލެވޭ ހިނދު، ފަހެ އިންސާނާ ނުދަންނަތީ ހެއްޔެވެ؟ މާނަޔަކީ އިންސާނާ ކުރި ހުރިހާ އަމަލަކާއެކު އޭނާ ދިރުއްވާ ވާހަކައެވެ. ބަޢުޘަރަ މިބަހުގެ މާނަޔަކީ ތިމާ ނުފެނިގެން ނުވަތަ ގެއްލިގެން އުޅޭ އެއްޗެއް ހޯދުމަށްޓަކައި އެއްޗެއް ހުރިކަމަށް ބެލެވޭ ފޮށްޓެއް ފަދަ އެއްޗެއް ބަންޑުން ޖެހުމެވެ. ވަޙީގެ މިބަހުން ލިބިދޭ މެސެޖަކީ އިންސާނާ ތެޅިފޮޅިގެން އެއްޗެއް ހޯދާ ބީދައިން އޭނާ ކުރި ހުރިހާ އަމަލާއެކު އޭނާ ކަށްވަޅުން ނެރުއްވާނެ ވާހަކައެވެ. އޭނާ މަރާލި މީހުންވެސް ދިރުއްވާނޭ ވާހަކައެވެ.

ދިހަ ވަނަ އާޔަތުގައި ﷲ ސުވާލުކުރައްވަނީ އިންސާނާގެ ހިތުގައިވާ ނުބައި ނިޔަތާއި މަގުސަދެވެ. ކުރީ އާޔަތުގައި އެންގެވީ އަމަލުގެ ވާހަކައެވެ. މިއާޔަތުގެ ފޯކަސްއަކީ ނިޔަތެވެ. އޭނާގެ ހިތުގައި ފޮރުވި ކަންކަމެވެ. ﷲ ވަޙީކުރައްވަނީ އިންސާނުންގެ ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާ ހިނދު ނުދަންނަނީ ހެއްޔެވެ؟ ޙުއްޞިލަ މިބަހުގެ މާނަޔަކީ ތޮށިގަނޑު ނޮޅައިގެން އޭގެތެރޭގައިވާ އެއްޗެއް ނެރުމެވެ. މިސާލަކަށް ދޮންކެޔޮ ވަކެއް ކެވޭނީ އޭގެ ބޭރުގައިވާ ތޮށިގަނޑު ނޮޅައިގެންނެވެ. ﷲ މިއަންގަވަނީ އެބީދައިން ހިތް ނޮޅުއްވައިގެން އޭގެތެރޭގައިވާ ހުރިހާ އެއްޗެއް ނެރުއްވާނެ ވާހަކައެވެ.

އެންމެ ފަހު އާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަކަށަވަރުން އެމީހުންގެ ވެރި ރައްބުއަކީ އެދުވަހުން އެމީހުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަމަށެވެ. މިއާޔަތުގައި ޚަބީރު މިބަސް ބޭނުންކުރެއްވުމުގެ ޙިކުމަތަކީ އިންސާނާގެ ހުރިހާ ކަމެއްގެ ތަފުސީލު އެއިލާހު ދެނެވޮޑިގަތުމުގައިވޭ އެކަން ހާމަކުރައްވާނެ ކަމަށްޓަކައެވެ.

ނޯޓް: މިލިއުން ބިނާކޮށްފައިވަނީ މުފައްސިރު ނުޢުމާން ޢަލީ ޚާންގެ ތަފުސީރަށެވެ.

+1
0
+1
4
+1
0
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް