September 20, 2024 19:38
Advertisement

-Advertisement-

ތަކާޘުރު ސޫރަތަށް ކަޅި ހިންގާލަމާ، ނަރަކައިގެ އަލިފާން ރުޅިވެރިކަމާއެކު ބަލާނެ!

ތަކާޘުރު ސޫރަތަކީ ކީރިތި ޤުރްއާނުގެ ސަތޭކަ ދެވަނަ ސޫރަތެވެ. މިއީ މައްކީ ސޫރަތެކެވެ. ސޫރަތުގައި އޮތީ އަށް އާޔަތެވެ. މިސޫރަތް ކިތަންމެ ކުރުނަމަވެސް ސޫރަތުން ﷲ ދެއްވާ މެސެޖުގެ ބާރު ނުހަނު ގަދައެވެ. ތަކާޘުރު މިބަހުން އަންގައިދެނީ އެކެއް އަނެކާއަށްވުރެ ގިނަކުރަން އަވަދިނެތި އިންސާނާ އުޅެމުންދާ ވާދަވެރިކަމުގެ ހަޔާތެވެ. ނަތީޖާއަކީ އިންސާނާ މަރުމަތިން ހަނދާންނެތި އޭނާގެ އަތުން އާޚިރަތް ގެއްލިދިއުމެވެ.

މިސޫރަތުގެ ކުރިއަށްއޮތީ ސޫރަތުލް ޤާރިޢާއެވެ. އެސޫރަތުގައި ﷲ ބަޔާންކުރައްވަނީ ނަރަކައާއި ނަރަކައިގެ އަހުލުވެރިންގެ ވާހަކައެވެ. އަދި އެނަރަކައިގެ ޢަޒާބުގެ ބޮޑު ވާހަކައެވެ. ތަކާޘުރު ސޫރަތުން ﷲ އަންގަވަނީ ނަރަކައަށް ވަނުމަށް އިންސާނާއަށް މެދުވެރިވާ ސަބަބެވެ. އެހެންކަމުން މިދެސޫރަތްވަނީ ވަރަށްބޮޑަށް ގުޅިލާމެހިފައެވެ.

ފުރަތަމަ އާޔަތުގައި އަންގަވަނީ ގިނަކުރުމުގެ (މުދަލާއި ދަރިންނާއި ބާރާއި ނުފޫޒަށް) ވާދަވެރިކަމުގައި ތިޔަބައިމީހުން ދުރުކޮށްފިއެވެ. އެބަހީ އެކަކަށްވުރެ އަނެކާ އަތުގައި ގިނަކަމަށް ފަޚުރުވެރިވެ އުޅުމުގެ ސަބަބުން ﷲ އާއި އާޚިރަތްމަތިން ހަނދުމަކުރުމުން ދުރަށްޖެހުނު ވާހަކައެވެ. އަލްހާ މިބަސް އޮތް ޒަމާނަކީ މާޒީއެވެ.

Advertisement

އަލްހާ އައިސްފައިވަނީ ލަހޫ މިބަހުންނެވެ. މިބަހުގެ ލަފުޒީ މާނަޔަކީ މުނިފޫހިފިލުވުން ނުވަތަ އެންޓަރޓެއިންމަންޓްއެވެ. ލަހޫގެ އެއް މާނަޔަކީ ކަމަކާއި މަޝްޢޫލުވުމެވެ. މިހާރުގެ ބަހުރުވައިންނަމަ އަވަދިނެތި އުޅުން ނުވަތަ ބިޒީވުމެވެ. ލަހޫގެ އަނެއް މާނަޔަކީ ތިމާކުރަންޖެހޭ މުހިންމުކަންތަކަށްވުރެ ބޮޑަށް މުހިންމުނޫން ކަމަކާއި މަޝްއޫލުވުމެވެ. މިސާލަކަށް ފުރަންގޮސް އެއަރޕޯޓްގެ ޑިއުޓީ ފްރީ ފިހާރައިގައި ވިޔަފާރިކުރަން ހުއްޓާ މަތިންދާބޯޓު ފުރައިގެން ދިޔައެވެ. އެއީ ފުރުމަކީ މުހިންމުކަމަކަށްވާއިރުވެސް އެއަށްވުރެ މުހިންމުނޫންކަމަކާއި މަޝްޢޫލުވުމުގެ ސަބަބުން ހަނދާންނެތި ތިމާއަށް ނުފުރުމެވެ. ކުރަންއައި ކަން ތިމާއަށް ނުކުރެވުމެވެ.

ފުރަތަމަ އާޔަތުގެ ދެވަނަ ބަސް ތަކާޘުރު މިބަސް އައިސްފައިވަނީ ކަޘްރާ މިބަހުންނެވެ. ކަޘްރާ މިބަހުގެ މާނަޔަކީ ގިނައެވެ. ތަކާޘުރުގެ ފުރަތަމަ މާނަޔަކީ ގިނަބައިވަރު ހުރުމަށް ތިމާގެ ކިބައިގައި ހުންނަ އެދުންވެރިކަމެވެ. މިބަހުގެ ދެވަނަ މާނަޔަކީ ގިނައިން ހޯދުމަށްޓަކައި އެހެން މީހުންނާއި ވާދަކުރުމެވެ. އަނެކާއަތުގައި ހުރި ކޮންމެ އެއްޗެއް ހޯދުމަށް ތިމާ ކުރާ މަސައްކަތެވެ. އަނެކާ އަތުގައި ހުރިވަރަށްވުރެ ގިނަކުރުމަށް ތިމާ ކުރާ މަސައްކަތެވެ. މިބަހުގެ ތިންވަނަ މާނަޔަކީ ގިނައިން ހުރުމުން އެކަމާ ފަޚުރުވެރިވުމެވެ. މިސާލަކަށް މީހަކު ފްލެޓެއް ގަތް ވާހަކަ އިވުމުން ތިމާ އަތުގައިވެސް ފްލެޓެއް ހުރިކަން އިއުލާންކޮށް އެކަމާ ފަޚުރުވެރިވުމެވެ. މިބަހުގެ ހަތަރުވަނަ މާނަޔަކީ ހިއްސާކުރުމެވެ. އެއްވެސް އިސްތިސްނާއެއްނެތި ހުރިހާ އިންސާނުން ހިއްސާކުރާ ކަމަކީ ގިނައިން ބޭނުންވުމެވެ. ތިމާ އަތުގައިހުރި ވާހަކަ ހިއްސާކުރުމާއި އިތުރަށް ތިމާ ބޭނުންވާ ކަންކަމާއި ތަކެތީގެ ވާހަކަ ހިއްސާކުރުމެވެ. މިއީ ހުރިހާ އިންސާނުން އެންމެ ރަނގަޅަށް ގުޅުވާދޭ ކަމެވެ. މިކަމުގައި އިންސާނާގެ ދީނެއް ނަސްލެއް ޖިންސެއް އުމުރެއް ނޯވެއެވެ. އެހެންކަމުން މިއާޔަތުގެ މާނަޔަކަށްވަނީ ގިނައިން ހޯދަން އުޅުމުގެ ސަބަބުން ތިމާ ދުރުކުރި ވާހަކައެވެ. އެހެންކަމުން ﷲ މިއަންގަވަނީ އެކަލާނގެމަތިން ހަނދުމަކުރުމުން އިންސާނާ ދުރުކުރީ ގިނައިން ބޭނުންވުމާއި އެކަމުގައި އަވަދިނެތިއުޅެންޖެހުމެވެ.

ދެވަނަ އާޔަތުގައި ވަޙީކުރައްވަނީ ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ. ޒާރާގެ މާނަޔަކީ ގޮސް މީހަކާއި ބައްދަލުކުރުމެވެ. މިބަހުގެ އަނެއް މާނަޔަކީ މީހަކަށް އެހީތެރިވުމެވެ. މީހަކާއި ބައްދަލުކުރުމަކީ ވަގުތީކަމެކެވެ. ބައްދަލުކުރުމަށްފަހު އެނބުރި އަންނާނެއެވެ. މިބަހުން ލިބިދޭ މާނަޔަކީ ކަށްވަޅުގައި އަހަރެމެން ދާއިމަށް ނުތިބޭނެކަމެވެ. އެބަހީ މަރުވުމަށްފަހު އަލުން ދިރުއްވާނޭކަމެވެ. މިއާޔަތުގައި ﷲ އަންގަވަނީ މުދަލާއި ތަކެތި ގިނަކުރުމުގެ ވާދަވެރިކަމުގައި އަވަދިނެތި އުޅެނިކޮށް އިންސާނާއާ މަރު ބައްދަލުކުރާ ވާހަކައެވެ. ނުވަތަ މުނިފޫހިފިލުވުމުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް މަރު އޭނާއާއި ބައްދަލުކުރާ ވާހަކައެވެ.

އިންސާނާ އުފަންވުމަށްފަހު ދެން އެންމެ ކައިރީގައިވާކަމަކީ މަރުކަން ޚުދު އޭނާއަށްވެސް އެނގެއެވެ. މަރުން ނުރެކެވޭނެކަންވެސް އޭނާއަށް ކަށަވަރުވެއެވެ. އެކަމަކު މަރުވުމަކީ އިންސާނާ އެންމެ ނޭދޭ ކަންތަކެވެ. އެހެންވެ މަރުވެދިޔަކަމުގައިވިޔަސް އިންސާނާގެ ނަން ދިރުވަން އޭނާ މަސައްކަތްކުރެއެވެ. މުއްސަނދީގެން ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އެމީހުން މާލީގޮތުން ބޮޑެތި އެހީތައްވެއެވެ. ހަސްފަތާލު ހެދުމަށާއި ލައިބުރަރީތައް ހެދުންފަދަ ބޮޑެތި ކަންކަމަށެވެ. ބޭނުމަކީ އޭނާ މަރުވިޔަސް އޭނާގެ ޒިކުރާ ދެމެހެއްޓުމެވެ. ސިޔާސީ ލީޑަރުންވެސް އެންމެގިނައިން ކުރާ އެއްކަމަކީ ވެރިކަމުގައި ތިބޭއިރު ބޮޑެތި ބިނާތައް ހެދުމެވެ. ބޭނުމަކީ އެމީހުންގެ ހަނދާން ފަނޑުވެގެންދިޔަނުދިނުމެވެ.

ތިންވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަހިލާ އެހެނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ. ކައްލާ މިބަހުގެ މާނަޔަކީ ހަމަޔަގީނުން ނުވަތަ ހަމަކަށަވަރުންނެވެ. މިބަހުގެ ލަފުޒީ މާނަޔަކީ އެހެން އިތުރު ގޮތެއް ނެތުމެވެ. އެބަހީ މުދާ އެއްކުރަން އިންސާނާ ކުރާ މަސައްކަތަށް ދާދި އަވަހަށް ނިމުން އަންނާނެ ވާހަކައެވެ. މުދާ ގިނަކުރުމުގެ ރޭހުގައި ގިނަ ދުވަހު ހުރެވިދާނެކަމަށް އިންސާނާ ހީކުރާ ހީކުރުމަކީ ކުށް ހީއެއްކަމަށެވެ. ﷲ މިއަންގަވަނީ މަރުވުމުގެ ކުރިން އިންސާނާ ހޭލާނުލާކަމަށެވެ. މީހުން އޭނާއަށް ވިސްނައިދީ ނަސޭހަތްދީ ހެދުމުންވެސް އޭނާ އެވާހަކަތަކަށް ބީރުކަންފަތްދޭ ވާހަކައެވެ. ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވާގޮތުގައި އިންސާނާއަށް ހޭލެވެނީ އޭނާ މަރުވުމުންނެވެ. ކަށްވަޅުގެ ސުވާލުތައް ފެށުމާއެކު އޭނާ އަވަދިނެތި އުޅުނު އުޅުމަކީ ހުވަފެނެއްކަން އޭނާއަށް ކަށަވަރުވާނެއެވެ.

ހަތަރުވަނަ އާޔަތަކީ ތިންވަނަ އާޔަތުގެ ތަކުރާރުވުމެކެވެ. މިއާޔަތަށް އިތުރުކުރައްވާފައިވާ ޘުއްމަ މިބަހުގެ މާނަޔަކީ ދެނެވެ. މިއާޔަތް ތަކުރާރުކުރައްވާފައި އޮތުމުން ލިބޭ މެސެޖުގެ ވަރުގަދަކަމާއި ބޮޑުކަމާއި ފުންކަން ބޮޑެވެ. ތަކުރާރުކުރުމުގެ ބޭނުމަކީ ކަމުގެ ބޮޑުކަމާއި ސީރިއަސްކަން އެންގުމެވެ. މިއިން އަންގައިދެނީ މުދަލާއި ދަރިންނާއި މަގާމާއި ބާރު ހޯދުމުގެ ރޭހުގައި އިންސާނާ އެހެން ހުރިހާ ކަމަކަށް ޣާފިލުކުރުވައިފިކަމެވެ. ޚާއްޞަކޮށް އޭނާގެ ވެރި ރައްބުގެ މަތިން އޭނާ ހަނދާން ނައްތައިލިކަމެވެ. މުދާވެރިކަމުގެ ރޭހުގައި އާޚިރަތާއި ނަރަކައަކީ ނުވާތަނެއްކަމަށް އޭނާއަށް ހީކުރެވުނު ވާހަކައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއާޔަތުން އަންގައިދެނީ މަޙުޝަރުކުރެއްވުމެވެ. އިންސާނާކުރި ހުރިހާކަމަކާއެކު އޭނާ ﷲ ގެ ޙަޟުރަތަށް ހާޒިރުކުރުމުން އޭނާއަށް ﷲ ހަނދުމަކުރުމާއި ދުރަށްދެވުނުވަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. ކަށްވަޅުގައި ކުޑަކޮށް ސުވާލުކުރެވުނަސް މަޙުޝަރުގައި އޭނާއާއި ހުރިހާ ސުވާލެއްކުރެވޭނެއެވެ.

ފަސްވަނަ އާޔަތުގެ މާނައިގައިވަނީ ހަމަހިލާ އެހެނަކުން ނުވާނެއެވެ. ޔަގީންކަމުގެ އެނގުމުން (މަޢުލޫމާތުން) ތިޔަބައިމީހުންނަށް އެނގޭނަމައެވެ. ލައު މިބަސް ބޭނުންކުރެވެނީ ހިތާމަޔާ ގުޅުވައިގެންނެވެ. މިއާޔަތުން އަންގައިދެނީ ﷲ މަތިން ހަނދުމަނެތިކުރި އިންސާނާގެ ހާލަތާއިމެދު ﷲ ހިތާމަފާޅުކުރައްވާކަމެވެ. ޔަގީން މިބަހުން އަންގައިދެނީ އިންސާނާއަށް އެއްވެސް ޝައްކެއް އޮޅުމެއްނެތި ކަށަވަރުވާ ވާހަކައެވެ. މިސާލަކަށް އެފަދަ އެއްކަމަކީ މަރުވުމެވެ. އެއްވެސް އެއްޗެއް ނޭގޭމީހާއަށްވެސް ކަށަވަރުވާކަމަކީ މަރުވާނެކަމެވެ. ޝައްކެއް އޮޅުމެއް ނެތްގޮތުގައި ހަޔާތުގެ އެންމެބޮޑު ހަގީގަތަކީ މަރެވެ. ތިމާގާތު މީހަކު ބުނަނީ އާޚިރަތް އޮންނަ ވާހަކައެވެ. އަދި މަހުޝަރުކުރައްވާނެ ވާހަކައެވެ. މިވާހަކަތައް ތިމާއަށް އެނގުނަސް އެކަން އެއްވެސް ޝައްކެއް އޮޅުމެއް ނެތްވަރަށް ތިމާ ޔަގީންނުކުރަމުއެވެ. ﷲ މިހަނދާންކޮށްދެއްވަނީ މަރު ތެދުކުރާފަދައިން ﷲ ގެ ވަޙީ ބަސްފުޅާއި އެއިލާހުގެ ނަބިއްޔާ ތެދުނުކުރުމުގެ ބޮޑު ހިތާމައެވެ. ﷲ ހަނދުމަނުކުރުމުން އިންސާނާއާއި ކުރިމަތިވާނެ ބޮޑު ހިތާމައެވެ.

މުފައްސިރު ނުޢުމާން ބަޔާންކުރައްވާގޮތުގައި ކީރިތި ޤުރްއާނުގައި ތިން ބާވަތުގެ ޔަގީންކަން އައިސްފައިވެއެވެ. އެއީ ޢިލުމުލް ޔަޤީން، ޢައިނަލް ޔަޤީން، އަދި ޙައްޤުލް ޔަޤީންއެވެ. އިމާމް ރާޣިބު ވިދާޅުވާގޮތުގައި ޔަޤީންއަކީ އެނގުމުގެ ވައްތަރެކެވެ. އެއީ މައުލޫމާތުގެ މަތީ ބާވަތެކެވެ. އެއީ އެއްވެސް އޮޅުމެއް ޝައްކެއް ނެތްވަރަށް އެނގި ކަށަވަރުވާކަންކަމެވެ. އެއީ ބުއްދީގެ ހަމައިން ތިމާއަށް ލިބިހުރި މައުލޫމާތަށް ބިނާކޮށް ކަށަވަރުކުރެވޭ ކަންކަމެވެ. މިސާލަކަށް ރަސޫލުﷲ އަކީ ރަސޫލެއްކަމާއި ކީރިތި ޤުރްއާނަކީ ﷲ ބާވައިލެއްވި ފޮތްތަކަށް ތިމާއަށް ލިބިހުރި މައުލޫމާތަށް ބިނާކޮށްގެން ކަށަވަރުކުރެވޭނެއެވެ. ލޮލަށް ފެންނަ ޔަޤީނަކީ މިޒަމާނުގެ ސައެންސަށް ބިނާކުރެވޭ ޔަގީންކަމެވެ. އެހެންވެ އާޚިރަތޭ ނުވަތަ ނަރަކައޭ ބުނާއިރަށް އީމާންނުވާ މީހުންގެ ރައްދަކީ އެއީ ހުސްދޮގެވެ. އެއީ މިހާތަނަށް އެމީހުންނަށް ފެނުނު ނުވަތަ ކުރެވުނު ތަޖުރިބާއެއްނޫނެވެ. ޙައްޤުލް ޔަޤީން ގުޅެނީ ތިމާގެ އީމާނާއެވެ. އެއީ ތިމާގެ ރޫޙުން އަންނަ ޔަގީންކަމެވެ. އެފަދަ މީހުން ޔަގީންކަމާއެކު ޣައިބަށް އީމާންވެއެވެ.   

ހަވަނަ އާޔަތުގެ މާނަޔަކީ ހަމަކަށަވަރުން ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. ﷲ މިއަންގަވަނީ އެއްވެސް އޮޅުމެއް ޝައްކެއް ނެތްގޮތުގައި ﷲ މަތިން ހަނދާން ނައްތައިލި މީހުން ނަރަކަދެކޭނެ ވާހަކައެވެ. ޖަހީމް މިބަސް އައިސްފައިވަނީ ޖުހުމް މިބަހުންނެވެ. ޖުހުމްގެ މާނަޔަކީ ބަނޑުހައިވެފައިވާ މިނިކާވަގު އެސޮރުގެ ނާސްތާ ޝިކާރަކުރުމަށްފަހު ކެއުމުގެ ކުރިން ނާސްތާއަށް ބަލާ ބެލުމެވެ. މިއީ ދަހިވެތިކަމުގެ ބެލުމެވެ. ﷲ އަށް އުރެދުނު މީހުންނަށް ނަރަކަ ފެންނާނީ އެކަންޏެއްނޫނެވެ. އެކަމަކު އެނަރަކައިގެ އަލިފާން ދަހިވެތިކަމާއި ރުޅިވެރިކަމާއެކު އޭގެ އަހުލުވެރިންނަށް ބަލާނެކަން މިއާޔަތުން އެނގެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ޤިޔާމަތް ދުވަހު ކޮންމެ އިންސާނަކަށްވެސް ނަރަކަ ފެންނާނެއެވެ.

ހަތްވަނަ އާޔަތުގެ މާނަޔަކީ ދެންހަމަ ޔަގީންކަމުގެ ދުށުމުން، ތިޔަބައިމީހުން  އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ. ކުރީގެ އާޔަތުގައި ﷲ ވަޙީކުރެއްވި ވާހަކަ މިއާޔަތުގައި ތަކުރާރުކުރައްވައެވެ. މިކަމުން އެނގެނީ ކަމުގެ ބޮޑުކަމާއި ސީރިއަސްކަމެވެ. އިންސާނުން މިއަދު ތަބާވެ ގަބޫލުކުރަނީ އޭނާގެ ލޮލަށް ފެންނަ ކަންކަން އެކަންޏެވެ. ނުފެންނަ ކަންކަމަށް ނުވަތަ ޣައިބުގައިވާ ކަންކަމަށް އެމީހުން ކުރަނީ މަލާމާތާއި ފުރައްސާރައެވެ. މިދުނިޔޭގައި ލޮލަށް ފެންނަ ކަންކަން އެކަނި ގަބޫލުކުރި މީހުންނަށް ޤިޔާމަތް ދުވަހު މިދައްކަވަނީ ނަރަކައެވެ. މިދުނިޔޭގައި ނަރަކަވަނީ ޣައިބުގައެވެ. އެކަމަކު އާޚިރަތުގައި ނަރަކަވާނީ ލޮލަށް ފެންނަ ތަނަކަށެވެ. އެކަމަކު ހިތާމަޔަކީ ނަރަކަ އޮތްކަން ލޮލަށް ކަށަވަރުވާއިރު އެމީހާ ނަރަކަށް ވަންނަންޖެހުމެވެ. މިއީ ﷲ އަށް އުރެދުނު މީހުންނަށް އޮތްގޮތެވެ. 

އަށްވަނަ އާޔަތުގެ މާނައިގައިވަނީ ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިބި މީހުންނަށް ލިބުނު) ނިއުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ. ނަޢީމް މިބަސް އައިސްފައިވަނީ ނިޢުމަތް މިބަހުންނެވެ. ނިޢުމަތުން އަންގައިދެނީ އިންސާނާއަށް ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކެވެ. އޭނާގެ ދުނިޔަވީ ހަޔާތްބިނާވަނީ ގިނަގުނަ ނިޢުމަތަށެވެ. މިއާޔަތުން ﷲ މިއަންގަވަނީ ހިސާބުބެއްލެވުމުގައި ހަމަޔަގީނުންވެސް ކޮންމެ މީހަކަށް ލިބުނު ނިޢުމަތްތަކާމެދުވެސް ސުވާލުކުރެވޭނެ ވާހަކައެވެ. ސުވާލުކުރެވޭއިރު އޭނާއަށް ލިބުނު ކޮންމެ އެއްޗަކާބެހޭގޮތުން ސުވާލުކުރެވޭނެ ވާހަކައެވެ. އެގޮތުން އިންސާނާއަށް މިދުނިޔޭގައި ލިބުނު އެންމެ ކުޑަ މިންވަރާބެހޭގޮތުންވެސް ސުވާލުވެވޭނެއެވެ. އެއީ ބޯފެން ފޮދެއްކަމުގައިވިޔަސް މެއެވެ. މިއާޔަތުން އެނގެނީ ގިނަ ނިޢުމަތްތައް ލިބޭ މިހުންނާއި ގިނަ ސުވާލުކުރެވޭނެކަމެވެ.

ނޯޓް: މިލިއުން ބިނާކޮށްފައިވަނީ މުފައްސިރު ނުޢުމާން ޢަލީ ޚާންގެ ތަފުސީރަށެވެ.

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް