September 20, 2024 22:24
Advertisement

-Advertisement-

އެވަރގިވަން ފުންކުރުމަށްފަހު– ފޮޓޯ: ރޮއިޓަރސް

ސުއޭޒް ކެނަލްގެ ހުއްޓުމާއި ވިޔަފާރި

ދަތުރުފަތުރު ކުރުމުގައި ވަގުތާއި ފައިސާ ސަލާމަތް ކުރުމަކީ މިވިޔަފާރީގެ ނަފާ ހޯދުމުގައި އެންމެ މުހިންމު އެއް އަސާސްކަމުގައި ވީހިނދު، އޭޝިއާ ބައްރުން ޔޫރަޕަށް ކަނޑުމަގުން ކުރާ ދިގު ދަތުރުތަކުގައި މިދެންނެވި މިސްރާބަށް ދަތުރުކުރަން ބޭނުން ކުރާ އެންމެ މުހިންމު އެއް މަގަކަށް ވާނީ ހަމަ ޔަގީނުންވެސް މިސްރުގެ ސުއޭޒް ކެނަލްއެވެ. އެތައް ޒަމާނެއް ވަންދެން އެފްރިކާ ބައްރުގެ ކޮޅުން ވަށާލައިގެން ދަތުރުތައް ކުރަމުން ދަނިކޮށް، ވިޔަފާރިތަކަށް އެންމެ ބޮޑު ތަސައްލީއެއް ލިބުނީ މިސްރުގެ ސުއޭޒް ކެނަލްގެ ސަބަބުންނެވެ. 193.30 ކިލޯ މީޓަރުގެ މިކަނޑުއޮޅިން މެޑިޓެރޭނިއަން ކަނޑާއި ރަތް ކަނޑު ސީދާ ގުޅުވާލަ ދިނުމުގެ ސަބަބުން ދަތުރުތަކުން 8900 ކިލޯ މީޓަރު (5500 މޭލު) ކުރުވެ، އެވްރެޖްގޮތެއްގައި 10 ދުވަސް އަވަސްވިއެވެ. 2020 ވަނަ އަހަރުވެސް 18500 އަށްވުރެ ގިނަ ބޯޓުފަހަރު މިކަނޑުއޮޅި ބޭނުންކޮށްފައިވާ އިރު މިއީ ދުވާލެއްގެ މައްޗަށް 50 އަށްވުރެ ގިނަ ބޯޓުފަހަރެވެ.

ސުއޭޒް ކެނަލްގެ އަރިމައްޗަށް އެވަރގިވަންގެ ދިރުނބާކޮޅު އަރާފައި – ފޮޓޯ: ރޮއިޓަރސް

ދުނިޔޭގެ ދެބިތުގެ ވިޔަފާރީގެ މުހިންމު މިކަނޑުއޮޅީގެ އޮޕަރޭޝަން އެއްކޮށް ހުއްޓުނީ، 4 ފުޓުބޯޅަ ދަނޑުގެ ދިގުމިން ހުރި، ދުނިޔޭގެ އެންމެ ބިޔަ ބޯޓުތަކުގެ ތެރޭގައި ހިމެނޭ އެވަރގިވަން މާރޗް މަހުގެ 23ވަނަ ދުވަހު ކަނޑުއޮޅިޔަށް ހުރަސްވުމުންނެވެ. ޖަޕާނުގެ ވިޔަފާރިވެރިޔެއްގެ މިލްކުގައިވާ، އަދި ޕެނަމާގައި ރަޖިސްޓްރީކޮށްގެން، ޓައިވާނުގެ އެވަރގްރީން ކުންފުނިން ދުއްވާ މިބޯޓު ކަނޑުއޮޅިޔަށް ހުރަސްވުމުގެ ސަބަބުން، ދެކޮޅަށް ދުއްވޭ މިކަނޑުއޮޅީގެ ދެބިތުގައިވެސް އެތަކެއް ބޯޓުފަހަރެއް ކުރިޔަށް ނުދެވި ތާށިވިއެވެ. ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ %10 އަށްވުރެ ގިނަ ދަތުރުތަކުގައި ބޭނުން ކުރަމުންދިޔަ ކަނޑުއޮޅީގައި އެތައް މިލިޔަން ޑޮލަރެއްގެ މުދަލާއި ތެލާއިއެކު ބޯޓުތައް ދަތުރު ނުކުރެވި ތާށިވެފައި ތިބުމަށްފަހު، ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އޭގެ 06 ދުވަސް ފަހުން މިދިޔަ ހޯމަ ދުވަހު އެވަރގިވަން ފުންކުރެވިގެން ދަތުރުތައް އަލުން ފެށުމުންނެވެ. ބައިނަލްއަގުވާމީ ވިޔަފާރީގެ މިމުހިންމު މަގު ބަންދުވުމުގެ ސަބަބުން ކުރީ ކޮންކަހަލަ އަސަރުތަކެއް ބާވައެވެ.

މިހާދިސާގެ ސަބަބުން ދުނިޔޭގެ އިރުމައްޗާއި ހުޅަނގުބިތުގެ ގައުމުތަކަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ކަމާއިބެހޭ މާހިރުން ވިދާޅުވެއެވެ. ސަބަބަކީ މިކަނޑުއޮޅިއަކީ ސާފުނުކުރާ ތެލާއި، އެކި ބާވަތްތަކުގެ ގޭހާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އަދި މަހުގެ ބާވައްތައް އުފުލުމުގައި މުހިންމު މަގަކަށް ވާތީއެވެ. ކަނޑު ދަތުރުފަތުރުތަކުގެ ހަބަރުތައް ގެނެސްދޭ އެންމެ ދުވަސްވީ ޖާރނަލްކަމަށްވާ ލޮއިޑްސް ލިސްޓްގެ ހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް 9 ބިލިޔަން ޑޮލަރުގެ ގެއްލުންވެ، މުޅި ދުނިޔޭގެ ވިޔަފާރީގެ %12 އަށް މިކަމުގެ ނޭދެވޭ އަސަރު ކޮށްފައިވެއެވެ. މިއީ ކޮންމެ ގަޑިއިރަކުން 400 މިލިޔަން ޑޮލަރު، ނުވަތަ ކޮންމެ މިނެޓަކުން 6.7 މިލިޔަން ޑޮލަރުގެ ގެއްލުމެކެވެ. ބޯޓު ފުންކުރެވުމާއި ހަމަޔަށް 54 ބިލިޔަން ޑޮލަރުގެ ގެއްލުން ވެފައި ވާނެކަމަށް އަންދާޒާކުރެވެއެވެ. މިއަދަދަކީ ހަމައެކަނި މިމުއްދަތުގައި ތާށިވި ބޯޓުތަކުގައި ހުރި މުދަލުގެ އަގަށްވުމުން، މިއަދަދު މިއަށްވުރެ އިތުރުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

Advertisement

މިކަމުގެ ސަބަބުން ކުރިމަތިވި ގެއްލުން އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ، ބޯޓު ފުންކުރެވޭނެ ދުވަހެއް ނޭގުމުގެ ސަބަބުން މުދާތައް ލިބެންވާ މަންޒިލްތަކަށް ނުލިބިދާނެ ކަމުގެ ބިރަށް، މުދަލުގެ އަގުތައް މައްޗަށް ގޮސްފައިވުމެވެ. އެހެންކަމުން މުދަލުގެ އަގުތަށް ހަމައަގަށް އަންނަން އަދި އިތުރު ހަފްތާތަކެއް ނަގާނެކަމަށް ބެލެވެއެވެ. އަގުތައް މަތީގައި ހުރުމަށް ދިމާވި އަނެއް ސަބަބަކީ ދަތުރުތައް އަލުން ފެށުނު ނަމަވެސް މުދާ ލިބުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވުމާއި، މުދާތައް އަވަހަށް ގެންނަން އިތުރު ޚަރަދުތައް ވިޔަފާރިތަކުން ކުރަން ޖެހުމެވެ. ބައެއް ބޯޓުތަކުން ކުރިން ދަތުރު ކުރަމުން އައި ދިގު ރޫޓުން އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށާލާފައި ދާން ދަތުރުވެސް ފަށާފައިވެއެވެ. މީގެ އިތުރުން ޖަރުމަނުގެ އިންޝުއަރެންސް ކުންފުނި، އެލިއަންޒް ބުނެފައިވާ ގޮތުގައި މިއަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވުނު މިންވަރުގެ 0.2 އާއި 0.4 އިންސައްތައިގެ މިންވަރަކަށް އިގްތިސާދު ކުރިއެރުން މަޑުޖެހޭނެއެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއަރމަން އޮސާމާ ރަބީ ވިދާޅުވިގޮތުގައި ސުއޭޒް ކެނަލްގެ އާމްދަނީއަށްވެސް ދުވާލެއްގެ މައްޗަށް 14 މިލިޔަން ޑޮލަރާއި 15 މިލިޔަން ޑޮލަރާއި ދެމެދުގެ އަދަދަކަށް ގެއްލުން ވެފައިވެއެވެ. ބައިނަލްއަޤުވާމީ ވިޔަފާރިއަށް އައި ލޮޅުމުގެ އިތުރަށްވެސް ވިޔަފާރިތަކަށް މިކަމުގެ ގެއްލުން ކުރިމަތިވެފައިވެއެވެ. މީގެތެރޭގައި ބޯޓުތައް އޮޕަރޭޓްކުރާ ކުންފުނިތަކާއި، އީ-ކޮމާސް ރީޓެއިލް ވިޔަފާރިތައްވެސް ހިމެނެއެވެ. އަދި މުހިންމު މުދާތައް ލިބެންވާ ދުވަހަށް ނުލިބުމުގެ ސަބަބުން ވިޔަފާރިތަކަށް ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުންވަމުން ދާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ސުއޭޒް ކެނަލް ހުރަސްކޮށް ކުރަމުން އައި ދަތުރުތައް މެދު ކެނޑުމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ގެއްލުންތަކުގެ ސީދާ އަދަދު ހޯދައިގަންނަން އަދި ވަގުތު ބޭނުންވާނެކަމަށް އިގްތިސާދީ މާހިރުން ވިދާޅުވާއިރު، މިކަމުގެ ސަބަބުން އިގްތިސާދަށް ދިގުދެމިގެންދާނެ ގެއްލުންތަކެއް ކުރިމަތި ނުވާނެކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.

+1
1
+1
5
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް