November 23, 2024 01:27
Advertisement

-Advertisement-

ޖިންސީ ގޯނާކޮށް ބަރުބާދު ތިކުރަނީ މުޅި ދިރިއުޅުން!

"ހަނދާނަށް އަންނަނީ ކުޑައިރުގެ ދުވަސްތަކެވެ. މައިންބަފައިން ބޭނުންވީ އެންމެ ރަނގަޅަށް ކިޔަވައިދިނުމަށެވެ. އިނގިރޭސި އުގަންނައި ދިނުމަށް ޓިއުޝަން ދޭ މުދައްރިސަކު ގެއަށް ގެންނަން ފެށިއެވެ. އެވަގުތު ޓިއުޝަން ދެމުން ދިޔައީ އަހަރެންނާއި ކޮއްކޮއަށެވެ. އޭގެ ކުރިން ދުވަހަކުވެސް ޖިންސީ ގޯނާއޭ ކިޔާ އަޑެއް ނައަހަމެވެ. އަދި އެއީ ކިހިނެއްވާ ކަމެއް ކަމެއްވެސް ނޭނގެއެވެ. މިބުނާ މުދައްރިސަކު އޭނާ ދޭ ފިލާވަޅު ރަނގަޅަށް ނުނިންމާ ކަމަށް ބުނެ އަހަރެންނަށް އަދަބުދޭން ފެށިއެވެ. އަދަބަކީ އޭނާގެ ބަހުންނަމަ 'ޕިންޗް' ކުރުމެވެ. ފުރަތަމަ ވެސް 'ޕިންޗް' ކުރީ ފޫކޮޅުގައެވެ. އަހަރެން އެވާހަކަ އާއިލާ މީހަކު ކައިރީގައި ބުނީމެވެ. އެކަމަކު އެމީހުން އެއީ މާބޮޑު ކަމަކަށް ނުހަދައެވެ. އަހަރެން ވެސް އެހެން ބުނީ ތަދުވި ވަރުންނެވެ. އެހެން މާނައެއް އެއިރު އެނގިގެނެއް ނޫނެވެ.

އެހެންނަމަވެސް ފަހުން މި މުދައްރިސުގެ ފަރާތުން 'ޕިންޗް' ކުރުމުގެ ބަދަލުގައި އިތުރު ކަމެއް އުޅޭ ކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. އަހަރެންގެ ނުރުހުމުގައި އަހަރެންނަށް ގޯނާ ކުރަން ފެށީއެވެ. ކައިރީގައި ހުރީ ކުޑަ ކޮއްކޮއަކަށް ވާތީ އެ ކޮއްކޮ އަކަށް ވާނުވާއެއް އެހާބޮޑަކަށް ނޭނގެއެވެ. މަންމަ ކައިރީގައި އެވާހަކަ ބުނުމުން މަންމަ އެމައްސަލަ ޖެއްސިއެވެ. އެންމެ ފަހުން އެ މުދައްރިސަށް ރާއްޖެ ނާދެވޭގޮތަށް ފޮނުވާލީ ކަމަށް މައުލޫމާތު ލިބުނެވެ.

ދުވަސްތައް ފާއިތުވެއްޖެއެވެ. އެކަމަކު އޭގެ ފަހުން ކިޔަވައިދޭ މުދައްރިސުންނަށް އިތުބާރެއް ނުކުރެވެއެވެ. ކިތަންމެ ރަނގަޅު މުދައްރިސެއް ކަމުގައި އަޑު ފެތުރުނަސް އަހަރެންނާއިމެދު ކަންތައް މެދުވެރިވިގޮތުން އިތުބާރު ނުކުރެވެނީ އެވެ. އޭގެ ފަހުން ގެއަށް މުދައްރިސުން ގެނެސްގެން ޓިއުޝަން ނެގުން ހުއްޓާލީއެވެ. ޓިއުޝަން ކުލާހަށް އަދި ސްކޫލަށް ދިއަސް މުދައްރިސުންނަށް އިތުބާރު ނުކުރެވޭތީ ކިޔަވާހިތް ނުވެއެވެ. މަންމަމެން އާދޭސް ކުރާތީ ސްކޫލަށް ދަނީއެވެ." މިއީ 'ޒީޓައިމްސް' ގެ ކިޔުންތެރިއަކު ކިޔައިދީފައިވާ ހަގީގީ ހާދިސާއެކެވެ.

Advertisement

ފަހަކަށް އައިސް މުދައްރިސުންނާއި އެހީތެރިކަން ފޯރުކޮށްދޭންތިބި މީހުންގެ ފަރާތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ލިބެމުންދާކަމަށް ބުނާ އަޑު މިވަނީ ގަދަވެފައެވެ. މީގެތެރޭގައި ޕްރީ ސްކޫލެއްގައި ކިޔަވާ އުމުރުން އެންމެ 4 އަހަރުގެ ކުއްޖަކަށް ލިބުނު އަނިޔާގެ ވާހަކަވެސް ނޫސްތަކުން ފެނުނެވެ. އަމިއްލަ އެދުންބޮޑު، އަދި ނުބައި ނުލަފާކަމުގެ އިންތިހާއަށް ގޮސްފައިވާ މިފަދަ މީހުންގެ ފަރާތުން ލިބޭ އަނިޔާއަކީ މުޅި އުމުރަށް އޭގެ ހިތިކަން އަނިޔާ ލިބޭ ކުއްޖާ ތަހައްމަލު ކުރާނެ ކަމެކެވެ. ނަފްސާނީ ގޮތުން ވެސް އެފަދަ ކުއްޖަކަށް ކުރާނެ އަސަރު ނުވިސްނެނީބާއޭ ހިތަށް އަރައެވެ. އަދި ޚާއްސަކޮށް ކުޑަކުއްޖަކަށް މިފަދަ އަނިޔާއެއް ލިބުމުން އެކުއްޖާ ބިރުގަންނާނެ ވަރު ވިސްނާށެވެ. ދިރިއުޅުމާއިގެން ކުރިއަށް ދާން ފަސްޖެހޭނެ ވަރު ވިސްނާށެވެ.

ޒީޓައިމްސް އާއި މައުލޫމާތު ހިއްސާކުރި ބެލެނިވެރިއަކު ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަށް ވެސް ވަނީ މިފަދަ ކަމަކާ ކުރިމަތިލާންޖެހިފައެވެ. ހިތާމައަކީ މިފަދަ ކަމެއްގެ ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ކަމާއި ގުޅުންހުރި މުއައްސަސާ އަށް ހުށަހެޅުމުން އެ މައްސަލަ ނަގައިދިނުމަށް އެދި އާދޭސް ކުރާ މީހުން ވެސް އުޅޭތީއެވެ. އަދި އެފަދަ މައްސަލަތައް ނުނިމި އިންސާފު ލިބުން ލަސްވުން މިއީ ވެސް ކަންބޮޑުވުމެކެވެ.

" ތިމާގެ އަމިއްލަ ދަރިއަށް މިފަދަ ކަމެއް ކުރިމަތިވީމަ އެނގޭނީ މިކަމުން ކުއްޖާ އަށް ކުރާނެ އަސަރު. މައްސަލަ އަނބުރާ ނަގައިދިނުމަށް އެދި އާދޭސް ކުރާއިރު ނުވިސްނޭ އޭގެ ސަބަބުން އަހަރެމެން މިއުފުލަމުންދާ ތަކުލީފު. އަމިއްލަ އެދުން ބޮޑުވިއަސް މިއީ ބޮޑުވަރު." ހިތްހަމަނުޖެހުން ފާޅުކުރަމުން އެ ބެލެނިވެރިއާ ވަނީ ބުނެފައެވެ.

ހެޔޮނުވާނެއެވެ. ކުށެއް ނެތް ކުޑަކުޑަ ލޯބި ލޯބި ކުދިންތަކަށް އަނިޔާ ނުދޭށެވެ. އެކުދިންގެ މުސްތަގުބަލް ހަލާކުކޮށްނުލާށެވެ. ހިތްހަމަޖެހިގެން ދިރިއުޅުނަދޭށެވެ.

ލޮބުވެތި މައިންބަފައިންނޭވެ. ކުދިންނަށް ހެޔޮގޮތާއި ނުބައިގޮތް ރަނގަޅަށް ބުނެދޭށެވެ. އަދި އެކުދިންނަކީ މައިންބަފައިންނަށް އިތުބާރުކުރާ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ކިޔައިދޭވަރުގެ ގާތްގުޅުމެއް އޮންނަ ކުދިން ކަމުގައިހެދުމަށް މަސައްކަތް ކުރާށެވެ. އަޅުގަނޑުމެންގެ ޅަދަރިން ހެޔޮގޮތުގައި ބެލުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ކުޑަކުދިންނަށް އަނިޔާދޭ މީހުންނަށް ހައްގު އަދަބު ދިނުމަށް ކުރެވެންހުރި މަސައްކަތެއް ކުރާށެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް