ދުނިޔެއަށް ނޭވައެއްލިތާ އެންމެ 48 ގަޑިއިރުވީތަނާ، އެންމެންގެ ލޯތްބާއި އެހީތެރިކަމަށް އެންމެ ބޭނުންވި ނާޒުކު ވަގުތުގައި، އޭނާގެ އަމިއްލަ މަންމަގެ އުނގުން އޭނާ ދޫކޮށްލިއެވެ. ލަންޑަނުގެ ފިނިވެފައިވާ މާޙައުލެއްގައި، އެއްވެސް ޙިމާޔަތެއް ނެތި އެކަނިވެރިކަމާ ކުރިމަތިލާންޖެހުނު އެ ކުޑަކުޑަ ކުއްޖާގެ ޙަޔާތަށް ދެން އައީ އުންމީދުގެ އަލިގަދަ ދޯންޏެކެވެ. ނައިޖީރިއާގެ އަސްލަކަށް ނިސްބަތްވެ، ލަންޑަނުގެ ޓޮޓެންހަމްގައި އުފެދި ބޮޑުވަމުންދިޔަ މި ކުއްޖާ، ނޮކްސް ޑެއިނިއަލްއާއި އޭނާގެ އަނބިމީހާގެ ޙަޔާތަށް ވެއްދީ ދަރިއަކަށް ދޭފަދަ ލޯތްބާއި ރައްކާތެރިކަން ދިނުމަށެވެ. އެ ދުވަހު އެ ޢާއިލާއިން ދިން ލޯތްބާއެކު ބޮޑުވި އެ ކުޑަކުޑަ ކުއްޖާ ފަހުން ވެގެންދިޔައީ މުޅި ދުނިޔެ ޙައިރާންކޮށްލި ބުއްދީގެ ތަރިއަކަށެވެ. އޭނާގެ ނަމަކީ ޖޯޝުއާ ބެކްފޯޑް (Joshua Beckford) އެވެ.

ކުޑައިރުގެ ހައިރާންކުރަނިވި ޤާބިލުކަން: އަކުރުތަކުން ފެށިގެން ބަސްތަކާ ހަމައަށް
ޖޯޝުއާގެ ޢުމުރުން އެންމެ 10 މަހުގައި އޭނާ ކުރިމަތީގައި އޮތް ކޮމްޕިއުޓަރ ކީބޯޑަށް ބަލަހައްޓައިގެން އިނދެ، އެ ކުޑަކުޑަ ކުއްޖާ އޭގެ ފިތްތަކަށް ފިއްތާ ކުޅެލަނީކީ ނޫނެވެ. އޭނާއަށް އޭގައިވާ އަކުރުތަކާއި، ޢަދަދުތަކާއި ކުލަތައް ވަކިކުރަން އެނގެއެވެ. ޤަލަމެއްގައި ހިފާނެ ވަރު އަތުގައި ނުޖެހެނީސް އޭނާ ވަނީ އަމިއްލައަށް ކީބޯޑުން 'ޓަޗް-ޓައިޕް' ކުރަން ދަސްކޮށްފައެވެ. ޢުމުރުން އެންމެ 2 އަހަރުގައި ފަރިތަކަމާއެކު ފޮތް ކިޔަން ފެށިއިރު، 3 އަހަރުވީއިރު އޭނާއަށް މަގުމަތީގައި ދުއްވާ ގިނަ ކާރުތަކުގެ ނަމާއި، އެ ކާރުތައް އުފެއްދި ޤައުމުތައް ބުނެދޭން އެނގެއެވެ. މީގެއިތުރުން އަމިއްލައަށް ޖަޕާނު ބަސް ދަސްކުރަން ފެށިއިރު، ފަހުން މެންޑަރިން ޗައިނީޒް، ޖަރުމަން އަދި ފަރަންސޭސި ބަސްވެސް އޭނާ އަމިއްލައަށް ދަސްކުރިއެވެ.
ނިއުރޯޑައިވަރޖެންޓް ސިކުނޑި: ވިސްނުމުގެ ތަފާތު ދުނިޔެ
މި ފާހަގަކުރެވޭ މޮޅު ވިސްނުމާއެކު، ޖޯޝުއާ ދިރިއުޅެމުންދިޔައީ ހައި-ފަންކްޝަނިންގ އޯޓިޒަމް (High-functioning autism) އާއެކުއެވެ. މުޖުތަމަޢުގައި އޯޓިޒަމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ދެކުނު ނަމަވެސް، ޖޯޝުއާގެ ޙަޔާތުން ދައްކުވައިދެނީ އޭގެ އިދޮކޮޅެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރަނީ މުޅިން ތަފާތު ޚާއްޞަ ޤާބިލުކަމަކާއެކުއެވެ. ފުންކޮށް ވިސްނުމުގެ ޤާބިލުކަމާއި، ދެނެގަތުމުގެ ބާރާއި، ކިޔާ އެއްޗެއް ލޮލަށް ފެންނަ ފަދައިން ހަނދާނުގައި ބެހެއްޓުމުގެ ފޮޓޯގްރެފިކް މެމޮރީ އޭނާގެ ކިބައިގައިވިއެވެ. އާދައިގެ ކުދިން ދުވަހަކުވެސް ނުވިސްނާފަދަ އުނދަގޫ ކަންކަމާ މެދު މުޅި ދުވަހު ސުވާލުކުރުމުގެ އާދަ އޭނާގެ ހުންނަ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. އަދި އާދައިގެ ސްކޫލް ނިޒާމެއްގެ ގްރޭޑް ތިނެއްގެ ފިލާވަޅުތަކަކަށް އޭނާގެ ސިކުނޑި ނުފެތުމުން، އޭނާގެ ބައްޕަ ނިންމީ ގޭގައި ތިބެގެން އޭނާއަށް ކިޔަވައިދޭށެވެ.

އޮކްސްފޯޑްގެ ޔޫތު ޕްރޮގްރާމް
މި ތަފާތު ދަތުރުގެ އެންމެ ފާހަގަކޮށްލެވޭކަމަކަށް ވެގެންދިޔައީ 2011 ވަނަ އަހަރު އުމުރުން އެންމެ 6 އަހަރުގެ ޖޯޝުއާގެ ޤާބިލުކަން ދެނެގަނެ، އޭނާގެ ބައްޕަ އޮކްސްފޯޑް ޔުނިވަރސިޓީން 8 އަހަރާއި 13 އަހަރުގެ ކުދިންނަށް ޚާއްޞަކޮށް ހިންގާ އޮންލައިން ފިލޯސަފީ އަދި ހިސްޓްރީ ޕްރޮގްރާމަކަށް ވަނުމަށް ޔުނިވަރސިޓީއަށް ޚާއްޞަ ޕެޓިޝަނެއް ފޮނުވުމެވެ. ޔުނިވަރސިޓީން އޭނާ އިވެލުއޭޓް ކުރުމަށްފަހު އުޞޫލުން ބޭރުން ޖާގަދިނެވެ. އޭނާއަށްވުރެ އުމުރުން ދޮށީ 24 ކުދިންނާ ވާދަކޮށް، ކޮންމެ އެސައިންމެންޓަކުން %95 އާއި %100 އާ ދެމެދުގެ މާކްސް ހޯދައި، ޖޯޝުއާ ވަނީ މުޅި ކްލާހުން 4 ވަނަ ހޯދާފައެވެ. އޭނާ ވަނީ ފިލޯސަފީ، މެތަމެޓިކްސް އަދި ހިސްޓްރީން ފަސް ޑިސްޓިންކްޝަން ހޯދުމުގެ އިތުރުން، 1665 ގެ "ގްރޭޓް ޕްލޭގް" އާ ގުޅޭ މާސްޓަރ-ކްލާސް ރިސަރޗް ޕްރޮޖެކްޓަކުންވެސް އިތުރު ޑިސްޓިންކްޝަނެއް ހޯދައި "ސެޓްފިކެޓް އޮފް އެކްސެލެންސް" ޙާޞިލުކޮށްފައެވެ. ވައިރަލްވެފައިވާ ޚަބަރުތަކުގައި އޭނާ އުމުރުން 6 އަހަރުގައި ޔުނިވަރސިޓީ ޑިގްރީއެއް ނިންމިކަމަށް ބުނެވުނު ނަމަވެސް، ޙަޤީޤަތަކީ އޭނާ ކާމިޔާބުކުރީ ޒުވާނުންނަށް ޚާއްޞަ މަތީ ފެންވަރުގެ ޔޫތު އެންރިޗްމެންޓް ޕްރޮގްރާމެއްކަމެވެ.

ނިއުރޯސަރޖަރީގެ ޢާލަމަށް: ހުވަފެން ޙަޤީޤަތަކަށް
ޖޯޝުއާގެ އެންމެ ބޮޑު އަދި އެންމެ ޝައުޤުވެރިވާ ލަނޑުދަނޑިއަކީ ދުނިޔޭގެ އެންމެ ޒުވާން ނިއުރޯސަރޖަން (neurosurgeon) އަށް ވުމެވެ. އިންސާނާގެ ސިކުނޑިއަކީ ހަށިގަނޑުގައިވާ އެންމެ ނާޒުކު އަދި އެންމެ އުނދަގޫ ބައިކަމަށް ވާއިރު، މި ދާއިރާއަށް ވަނުމުގެ ޚިޔާލު އޭނާގެ ސިކުނޑިއަށް ވެރިވީ އުމުރުން އެންމެ 4 އަހަރުގައެވެ. އޭނާ ވަނީ ސިކުނޑީގެ ކޮންމެ ބަޔަކަށް ލެޓިން ބަހުން ކިޔާ ނަންތައް ދަސްކޮށް، އިންސާނާގެ ހަށިގަނޑާ ބެހޭ އެޑްވާންސް ފޮތްތައް ކިޔައި، މައިކްރޮސޮފްޓްގެ އެޑްވާންސްޑް ސަރޖިކަލް ސިމިއުލޭޓަރުތަކާއި ލެބޯޓްރީތަކުގައި ޖަނަވާރުގެ ގުނަވަންތައް ބޭނުންކޮށްގެން ސަރޖަރީގެ އުކުޅުތައް ފަރިތަކޮށްފައެވެ. އޭނާގެ މި ޢިލްމީ ޤާބިލުކަމުގެ ސަބަބުން، އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އިން ވަނީ އޭނާއަށް "ޕޮޒިޓިވް ރޯލް މޮޑެލް" ގެ އެވޯޑު ދީފައެވެ. އަދި ބްލެކް ޔޫތު އެޗީވްމެންޓް އެވޯޑުވެސް އޭނާ ވަނީ ޙާޞިލުކޮށްފައެވެ.
ތަޢުލީމީ މަރުޙަލާ:
ކުރިން އޮކްސްފޯޑް ޔުނިވަރސިޓީގެ ޚާއްޞަ ޔޫތު އޮންލައިން ޕްރޮގްރާމުން ފާސްވެ، ދުނިޔޭގެ ސަމާލުކަން ހޯދި މި ޒުވާނާ، މިހާރު އަންނަނީ އޭނާގެ މަތީ ތަޢުލީމާއި ޞިއްޙީ ދާއިރާގެ ޚާއްޞަ ތަމްރީނުތަކަށް ބޭނުންވާ ބިންގާ ވަރުގަދަކުރަމުންނެވެ. އޭނާގެ ބައްޕަ، ނޮކްސް ޑެއިނިއަލްގެ ބެލެނިވެރިކަމުގެ ދަށުން ގޭގައި ތިބެގެން ކިޔެވުން (homeschooling) ކުރިއަށްގެންދާއިރު، މެޑިސިންގެ ރަސްމީ ޔުނިވަރސިޓީ ޑިގްރީއަކަށް ވަނުމަށް ބޭނުންވާ ޢުމުރުފުރާއާއި ޝަރުޠުތައް ފުރިހަމަކުރުމުގެ މަގުމަތީގައި އޭނާ މިހާރު ވަނީ ވަރުގަދަ ބިންގަލެއް އަޅާފައެވެ. އޭނާ އަދި ރަސްމީކޮށް މެޑިކަލް ސްކޫލަކަށް ވަދެވިފައި ނުވި ނަމަވެސް، އޭނާގެ ޢިލްމީ ޤާބިލުކަމާއި ތައްޔާރީތައް ހުރީ ޒުވާން ޢުމުރުގައިވެސް މެޑިކަލް ދާއިރާއަށް ފުރިހަމައަށް ފެތޭ ފެންވަރެއްގައެވެ.

ދުނިޔޭގެ ފެންވަރުގެ އިންސާނީ ޚިދުމަތާއި ތަފާތު ހުނަރުތައް
މިއަދު ޒުވާނަކަށް ވެފައިވާ ޖޯޝުއާ ވަނީ އޭނާއަށް ލިބުނު މަޝްހޫރުކަން މުޖުތަމަޢަށް ފައިދާހުރި ބޮޑެތި މަސައްކަތްތަކަށް ބަދަލުކޮށްލާފައެވެ. އިންސާނާގެ ހަށިގަނޑާ ބެހޭގޮތުން ސަތޭކައިން ގުނާލެވޭ މީހުންގެ ކުރިމަތީގައި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންތައް ދިނުމާއި، ލިއުކީމިއާ (ލޭގެ ކެންސަރު) ދިރާސާތަކަށް ފައިސާ ހޯދުމަށް 'އޭ.ސީ.އެލް.ޓީ' (ACLT) އާ ގުޅިގެން ޗެރިޓީ ހަރަކާތްތައް ހިންގުމުގައި އޭނާ ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، ނޭޝަނަލް އޯޓިސްޓިކް ސޮސައިޓީގެ 'ބީ.އެމް.އީ' (BME) ކެމްޕޭނުގެ މޫނުކަމުގައިވެ ހުރެ، މަދު އާބާދީތަކަށް އޯޓިޒަމް އަވަހަށް ދެނެގަނެވޭނެގޮތް މަގުފަހިކޮށްދިނުމަށް އޭނާ މަސައްކަތްކުރެއެވެ. އަދި 'ބޯއީޒް މެންޓަރިންގ އެޑްވޮކެސީ ނެޓްވޯކް' (BMAN) ގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ލާގޯސް ޔުނިވަރސިޓީގައި ވާހަކަދައްކައި، ނައިޖީރިއާގެ ކަދޫނާ ސްޓޭޓް ފަދަ ފަޤީރު ސަރަޙައްދުތަކުގައި ކުޑަކުދިންނަށް ސްކޫލްތައް ބިނާކުރުމަށް ފައިސާ ހޯދައިދީފައިވެއެވެ.
ޖޯޝުއާއަކީ ހަމައެކަނި ކިޔެވުމާއި ޢިލްމީވެށީގައި އުޅޭ ކުއްޖެއް ނޫންކަމަށް އޭނާގެ ބައްޕަ އިންޓަވިއުއެއްގައި ބުނެފައިވެއެވެ. އޭނާއަކީ ކަރާޓީއާއި ކުރެހުމުގެ ހުނަރު ލިބިފައިވާ، އަދި ތިމާވެށި ރައްކާތެރިކުރުމަށް "މަދަރ އާތު" ގެ ނަމުގައި ލަވައެއް ރެކޯޑުކޮށް، ޤަދީމީ މިޞްރާ (ancient Egypt) ބެހޭގޮތުން ކުޑަކުދިންގެ ފޮތެއް ލިޔުމުގެ ޚިޔާލުތައް ގެންގުޅޭ ތަފާތު ޒުވާނެއްކަމަށް އޭނާގެ ބައްޕަ ފަޚުރުވެރިކަމާއިއެކު ބުނެފައިވެއެވެ.
މައިންބަފައިންނާއި މުޖުތަމަޢަށް އޮތް މެސެޖު: ތަފާތުވުމަކީ ބާރެކެވެ!
އޯޓިޒަމަކީ ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ޖޯޝުއާ ސާބިތުކޮށްދެމުންދަނީ އެއީ ސިކުނޑީގެ ވިސްނުން ތަފާތުވުން ކަމަށާއި، ރަނގަޅު މާޙައުލެއް ލިބިއްޖެނަމަ އެއީ ބޮޑު "ސުޕަރޕަވަރ" އަކަށް ހެދިދާނެ ކަމެއްކަމެވެ. އަދި އޭނާގެ މައިންބަފައިންގެ ބަހަކީ، ދަރިފުޅު ކަމަކަށް ޝައުގުވެރިކަން ދައްކާނަމަ، އެ ޝައުގުވެރިވާ ކަމަކަށް ބާރުއަޅައިދީ، ބޭނުންވާ ތަކެތި ހޯދައިދީ އެކަންކަމަށް ހިތްވަރު ދިނުމަކީ މުހިންމުކަމެއްކަމަށެވެ. ޖޯޝުއާގެ ބައްޕަ ބުނެފައިވެއެވެ.
"ޖޯޝުއާ ގިނަ ކަންކަން ދަސްކޮށްފައިވަނީ އަމިއްލައަށް. އަހަރެން ކުރިހާވެސް ކަމަކީ އޭނާ ޝައުގުވެރިވާ ފޮތްތަކާއި ކިޔަވަން ބޭނުންވާ މާއްދާތަށް ކިޔެވުމުގައި މަގު ދައްކައި ދިނުން".

ޖޯޝުއާ ބެކްފޯޑްގެ ވާހަކައިން މައިންބަފައިންނާއި މުޖުތަމަޢަށް ލިބޭ ފިލާވަޅަކީ އަގުނުކުރެވޭފަދަ ބޮޑު ފިލާވަޅެކެވެ. މުޖުތަމަޢު ބޭނުންވާގޮތަށް ކުދިން "އާދައިގެ" ކުދިންނަށް ހެދުމަށް މަޖުބޫރުކުރުމުގެ ބަދަލުގައި، ކުއްޖާގެ ގައިގައިވާ ޚާއްޞަ ޤާބިލުކަން ދެނެގަނެ އެކަން ކުރިއެރުވުމަށް އެހީތެރިވުމުގެ މުހިންމުކަމެވެ. އޯޓިޒަމަކީ ހުރަހެއް ނޫނެވެ. އެއީ އެކުދިންނަށް ލިބިފައިވާ ޚާއްޞަ ނަޒަރަކުން ދުނިޔެއާއިމެދު ތަފާތުގޮތަކަށް ބެލުމެވެ. ކޮންމެ ކުއްޖަކީ މުޖުތަމަޢުގައި ބިންގާއެޅިފައިވާ އުސޫލުތަކަށް ފެތޭނެ ކުއްޖެއްނޫނެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ އެ ކުދިންނަށް އަމިއްލައަށް ކާމިޔާބީގެ އުސްމިންތަކަށް ވާސިލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މަސްދަރު: ނެޝަނަލް އޯޓިސްޓިކް ސޮސައިޓީ (ޔޫކޭ)، ޔުނިވަރސިޓީ އޮފް އޮކްސްފޯޑް ޔޫތް ޕްރޮގްރާމްސް ރިކޯޑްސް އެންޑް ޕަބްލިކް އިންޓަވިއު، ބީބީސީ، ކެމްޕެއިން އެންޑް ދަ ބޯއީސް މެންޓަރިންގ އެޑްވޮކެސީ









