މާލެ އާއި ހުޅުމާލޭގެ މަގުތަކުން ފެންނަނީ ކަންބޮޑުވާފަދަ މަންޒަރުތަކެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން އެމީހުން ބޭނުންވާ މިނިވަންކަންމަތީގައި މަގުމަތީގައި އުޅެނީއެވެ. އެމީހުންނާއި މެދު ކުރެވޭނެ އިތުރުކަމެއް ނެތެވެ. ހައްޔަރުކުރިޔަސް މާގިނަ ދުވަހެއް ނުވެ ފެންނަނީ މިނިވަންވެ އެފަދަ މީހުން ބޭނުންހާ ގޮތަކަށް މަގުމަތީގައި އުޅޭ މަންޒަރެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރާތުން ފެންނަނީ އަޚުލާގީ ފެންވަރުދަށް މުޖުތަމައު ގަބޫލު ނުކުރާ ފެންވަރުގެ މަންޒަރުތަކެވެ. ދަރިންނާއި މައިންބަފައިންނާއެކު މަގުމަތީގައި ހިނގާލަން ފަސްޖެހޭފަހަރު އާދެއެވެ. މިފަދަ މީހުންގެ ބަސްމަގު ހުންނަގޮތުން ދަރީންނަށް އެއަޑު އިއްވަން އެއްވެސް ބެލެނިވެރިއެއް ބޭނުމެއް ނުވާނެއެވެ. ބައެއްފަހަރަށް ދަރީންނަށް އެއަޑުއިވި އެބުނާ އެއްޗެއްގެ މާނަ މައިންބަފައިން ކައިރިން އަހާ ފަހަރު މަދެއް ނޫނެވެ.
މާލޭގެ ހަނިގޯޅިތަކުން ފެށިގެން ހުޅުމާލޭގެ މަގުތަކުގައިވެސް ކުށަށް އަރައިގަންނަ މިފަދަ މީސްމީހުން އުޅެއެވެ. ބައެއް ފަހަރު ބާދަގަނޑު ހިފައިގެން އުޅޭތަން ފެނެއެވެ. ނޫނީ އަންހެނަކާއި ފިރިހެނަކު އެކީގައި ގައިގޯޅިވެ އުޅޭ މަންޒަރުވެސް ފެންނަނީ މަދުންނެއް ނޫނެވެ. އެމީހުންގެ ވަށައިގެންވާ ކަންތައްތަކަށް ފިކުރެއް ޚިޔާލެއް ނެތި 'އަމިއްލަ ދުނިޔެއެއްގައި' އުޅޭއިރު އިމާރާތްތަކުގެ ބެލްކަނީގައާއި މަގުމަތީގައި އެމަންޒަރު ބަލަން މީހުން ތިބެއޭ އެއްވެސް ވަރަކަށް ހިތަށް ނައަރައެވެ.
މަގުމަތީގެ ހަނި ތަންތަނުގައި ތިބެގެން މިފަދަ މީހުން މަސްތުވާތަކެތި ބޭނުންކުރާއިރު މިއީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސޯޝަލް މީޑިއާގައި މި ދެދުވަހު އެންމެ ބޮޑަށް ވައިރަލްވި އެއް ވާހަކައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ފަރާތުން ލިބެމުންދާ ދުއްތުރާތަކާއި ހުރެ އެމީހާއާއި މެދު އެކަށީގެންވާ ފިޔަވަޅެއް ނައަޅާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މުހައްމަދު ސައީދު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލެވެ. އިއްޔެ ހެނދުނު ހެންވޭރު ޕޮލިސް ސަރަހައްދުން ފެށި މި ހަޅުތާލު ރެއިން ފެށިގެން ކުރިއަށްގެންދިޔައީ މަޖީދީ މަގުގައެވެ. ހަޅުތާލު މިއަދު ނިންމާލީ 35 ގަޑިއިރަށް ފަހުގައެވެ.

" ބިރުވެރިކަމާއި ފުރައްސާރަކުރުމަށް ދާއިމީ ހައްލެއް ބޭނުން. މަގުން ހިނގާ މީހުންނަށް އިންޒާރުދީ ފުރައްސާރަ ކުރާ މީހެއް އެއީ". ސަޢީދު ފާހަގަކޮށްފައިވެއެވެ.
މުއައްސަސާތަކުގެ ޖަވާބު ކަމަށް ސަޢީދު ގެންގުޅުނު ޕޯސްޓަރުތަކުގައި ލިޔެފައިވަނީ:
ފުލުހުން: ކުރެވޭނެ އިތުރުކަމެއް ނެތް. އޮތީ އަންނަ ހަފްތާގައި ޕްރެޒެންޓޭޝަނެއް ދިނުން.
އެންޑީއޭ: މިންގަނޑަށް ނުފެތޭތީ ނުބެލެހެއްޓޭނެ.
ގުރައިދޫ މަރުކަޒު: ނަފްސާނީ ބައްޔެއް ނެތީމަ ނުގެންދެވޭނެ.
ޕީޖީ: ކޯޓަށް މައްސަލަ ގެންދެވޭކަށް ނެތް.
މިއީ މާލޭގެ ސަރަހައްދެއްގައި ދިރިއުޅެމުންދިޔަ މީހެއްގެ ފަރާތުން ލިބުނު ދުއްތުރާތަކާއި ހުރެ ސަޢީދު އުފުލި އަޑެވެ. މައުލޫމާތު ލިބޭ ގޮތުގައި ސަޢީދު އެ ފާހަގަކުރި މީހާ ވަނީ އިއްޔެ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައެވެ. މިމީހާއަކީ މީގެ ކުރިންވެސް އެތައް ފަހަރަކު ބަންދުކޮށް ދޫކޮށްފައިވާ މީހެއްކަމަށް ވެއެވެ.
މި މުޖުތަމައުގައި މިފަދަ އެތައް މީހުން ދިރިއުޅޭއިރު އެމީހުންގެ ފަރާތުން އާންމުންނަށް ކުރިމަތިވަމުންދާ އުނދަގޫތައް ލިބެމުންދާ ފޫނުބެއްދޭ ގެއްލުންތައް ހުއްޓުވެންޖެހެއެވެ. ކޮންމެ ފަހަރަކު ހަޅުތާލަށް ނުކުންނާނެ މީހަކު ނުވެދާނެއެވެ. އޭގެ ކުރިން އެމަންޒަރުތައް ލޮލަށް ފެނި ފިޔަވަޅެއް އެޅެންޖެހެއެވެ. އެހެންނޫނީ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ މިއަދުގެ ޅަޖީލު އަދި މިޤައުމުގެ މުސްތަޤުބަލް ކަމުގައިވާ ޅަދަރީންނާއި ޒުވާނުންނަށެވެ. މިފަދަ މީހުންގެ ބޭއަދަބީ ބަސްތަކާއި ނުބައި އަޚުލާޤުން ޒުވާން ޖީލު ސަލާމަތްކުރަންޖެހެއެވެ.









