ރާއްޖެ އެތެރެކުރި ގިނައަދަދެއްގެ ދޫނި މަރާލާފައިވާ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި މިއަދު ވަނީ އާންމުވެފައެވެ. މި ދޫނިތައް މަރާލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކަރަންޓީނު ފެސިލިޓީގެ ތެރޭގައެވެ. މި ދޫނިތަކަކީ މީގެ ދެތިންމަސް ކުރިން ގަވާއިދާޚިލާފަށް ރާއްޖެއަށް އެތެރެކުރުމުން ހިފަހައްޓާފައިހުރި ދޫނިތަކެއް ކަމަށާއި، މިތަކެތި ނައްތާލީ އެޓާނީޖެނެރަލްގެ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
އާންމުންގެ ނުރުހުން
ސޯޝަލް މީޑިއާގައި ދޫނިތައް މެރުމާ ދެކޮޅަށް ޚިޔާލު ފާޅުކުރަމުންދާ މީހުން ބުނެފައިވަނީ އެތެރެކުރުން މަނާވިޔަސް އެތަކެތި މެރުން އެއީ ކުރި ދަށުދަރަޖައިގެ ކަމެއްކަމަށެވެ.
" ދޫނިތައް ނުމަރާ އަނބުރާ އެގެނައި ޤައުމަކަށް ފޮނުވިދާނެ. މި ޤައުމަށް ހިޖުރަކުރާ ދޫނިވެސް ނުމަރާ. ހަމަޖެހޭ ސިޔާސަތެއް ނޫން މިގޮތަށް މިދޫނިތައް މެރުމަކީ" ކަންބޮޑުވުމާއެކު މީހަކު ލިޔެފައިވެއެވެ.
ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާމީހުން ބޮޑު އަދަދުން ޖޫރިމަނާ ކުރާއިރު، މިގޮތަށް ކުށެއްނެތް ގިނައަދަދެއްގެ ދޫނިތައް މެރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ބައެއް މީހުންގެ ވިސްނުން ހުރިގޮތުގައި މިގޮތަށް ގެންނަ ދޫނިތަކުގައި އެއްވެސް ބައްޔެއް ހުރިތޯ ބެލުމަށްފަހު އާންމުންނަށް ފެންނާނެގޮތަށް ޕާކެއްގައިވެސް ގެންގުޅެވިދާނެއެވެ.
ގަވާއިދުގައި ބުނަނީ ކީކޭ؟
ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދޫނި އާލާ ކުރުމަށްޓަކައި ދޫނި އެތެރެކުރެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސް އޮންނަ ފަރާތްތަކަށް ކަމަށެވެ. އެތެރެކުރާ ދޫނީގައި ވަކި ސިއްޙީ މިންގަނޑެއް ވެސް ހުންނަންޖެހެއެވެ.
ރާއްޖެއަށް އެތެރެކުރާ ދޫންޏަށް ތިރީގައިވާ އެއްވެސް ބައްޔެއް ޖެހިފައި ނުވާކަމަށް 'ވެޓެނަރީ ސެޓްފިކެޓް' ގައި ބަޔާންކުރެވިފައި ވާންޖެހެއެވެ.
1 އޭވިއަން އިންފުލުއެންޒާ
2 މަރެކްސް ޑިސީސް
3 ނިއުކާސްލް ޑިސީސް
ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރާ ދޫނި ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާރވިސަސް އިން އަތުލައި ނައްތާލެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ދޫނިރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެފަދަ ރޯގާ އުޅޭ ގައުމުތަކުން ދޫނި އެތެރެކުރުން ވަގުތީގޮތުން މިދިޔައަހަރު ވެސް މަނާކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެއިރު ބުނެފައިވަނީ ބަލިއުޅޭ ގައުމުތަކުން ދޫނި އެތެރެކުރުން މަނާކުރީ ބަލި ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށެވެ.
ފޮޓޯއިން ފެންނަގޮތުގައި 100 ވަރަކަށް ދޫނި ވަނީ މަރާލާފައެވެ. މި ދޫނިތައް މަރާލާފައިވާ މަންޒަރަކީ ބަލާލަން ފަސޭހަ މަންޒަރެއް ނޫނެވެ. މި ދޫނިތައް މަރާލިއިރު އިންސާނިއްޔަތުކަމެއް ނެތީތޯ ގިނަބަޔަކު ދަނީ ސުވާލުކުރަމުންނެވެ. އަދި ދޫނިތައް މެރުމާދެކޮޅަށް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގަވާއިދު ހަދަންޖެހޭނީ އިންސާނިއްޔަތުކަމަށް ވިސްނައިގެން ކަމަށް ބުނެ ގަވާއިދަށް ބަދަލުގެނައުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.