ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި ހުޅުވި މަސްވެރިންގެ މައިޒާނަކީ، މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން އެސަރަހައްދުން ހަމަޖެހޭނެފަދަ ގޮތަކަށް ހުޅުވި މައިޒާނެކެވެ.
މައިޒާން ބިނާކުރުމުގެ މަގްސަދު
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދިންގޮތުގައި މި މައިޒާން ބިނާކުރުމުގެ މައިގަނޑު މަގްސަދަކީ، ކަންނެލި ޖެޓީ ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށް މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފަސޭހަގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.
" މައިޒާނުގައި އިށީދެތިބެ ވާހަކަދައްކާލާ ޚިޔާލު ބަދަލުކޮށްލެވޭ ގޮތަށް ޖޯލި އަދި ގޮނޑި، މޭޒު ވާނީ ޖަހާފަ. މިތަނުގައި ގާއިމްކުރި ކުޑަ ފިހާރައިން ކާބޯތަކެތީގެ ބާވަތްތަކާއި އެހެނިހެން ސާމާނު ގަނެވޭގޮތަށް ހުރުމުގެ އިތުރުން ބޭނުންކުރެވޭގޮތަށް 2 ފާޚާނާވެސް ހުންނާނެ" އެޗްޑީސީ އިން މައުލޫމާތު ދީފައިވެއެވެ.

ފަޅުވެރިން ދެކޭގޮތް
ކަންނެލި ޖެޓީއަކީ ރާއްޖޭގެ އެކި ސަރަހައްދުގެ މަސްވެރިން އެކި ބޭނުންތަކަށް ހުޅުމާލެ އައިސް މަޑުކޮށްގެން ތިބޭ ސަރަހައްދެކެވެ. ބައެއް އުޅަނދުތައް އައިސްއެޅުމުގެ ބޭނުމުގައި މަޑުކުރާއިރު، ދޯނީގެ އިންޖީނަށް މައްސަލައެއް ދިމާވުންފަދަ ތަފާތު ކަންކަމުގައި މަޑުކުރާ އުޅަނދުތައް ހިމެނެއެވެ. މިގޮތަށް މަޑުކުރާއިރު އެންމެބޮޑު ކަންބޮޑުވުމަކީ އެސަރަހައްދުން ޒަރޫރީ ބޭނުން ފުއްދޭނެގޮތެއް ނެތުމެވެ.
މަސްގަންނަން ދާ މީހުންވެސް ކިޔޫގައި މަޑުކުރަންޖެހޭ ވަގުތުތަކުގައި އިށީންނާނެ ތަނެއް ކުރިން ނުހުރެއެވެ. އެހެންނަމަވެސް އަލަށް ގާއިމްކުރެވުނު މައިޒާން އާއިއެކު މިސަރަހައްދު ބޭނުންކުރާ މީހުންނަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ.
" މިއީ ވަރަށް ހޫނުގަދަ ސަރަހައްދެއް. ކުޑަޖަހާ މިގޮތަށް ޖޯލިފަތި ބަހައްޓާފަ ހުރުމުގެ އިތުރަށް ކާއެއްޗެހި މި ސަރަހައްދުން ގަންނަން ލިބޭތީ މިއީ ލިބުނު ވަރަށްބޮޑު ފަސޭހައެއް. ކާއެއްޗެހި ގަނެގެން ޖޯލިފަތީގައި ތިބެ ހިތްހަމަޖެހިގެން ކާލެވިދާނެ. ފިހާރަތައް ހުންނަނީ ކަންނެލި ޖެޓީއާއި ފުދޭވަރަކަށް ދުރުގައި ކަމުން، ދޯނިފަހަރުތަކުގެ ފަޅުވެރިންނަށް ކާއެއްޗެހި ގަތުމަށް ހުޅުމާލޭގެ ފިހާރަތަކަށް ދިއުމަކީ ފަސޭހަކަމެއް ނޫން" ކުރިއާއި ބަލާއިރު މިހާރު އެސަރަހައްދުން ލިބޭ ހިތްހަމަޖެހުން ކިޔައިދެމުން މީހަކު ބުންޏެވެ.
ޒީޓައިމްސް އިން މަސްވެރިންގެ މައިޒާން ސަރަހައްދަށް ދިޔައިރުވެސް ވަނީ އެސަރަހައްދުގައި ކެއުމާއި ކޮފީއަށް އިންސާފުކުރަމުންދިޔަ އެކިއުމުރުފުރައިގެ މީހުން ފެނިފައެވެ.

ރަސްމީކޮށް ހުޅުވުން
ހުޅުމާލެ މަސްވެރިންގެ މައިޒާން މިމަހުގެ 6 ވަނަ ދުވަހު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އެވެ. މަސްވެރިކަމުގެ ސިނާއަތަކީ ކޮވިޑުގެ ބަލިމަޑުކަމުގައި އެހެން ހުރިހާ ދާއިރާއެއް ގާތްގަނޑަކަށް ހުއްޓުމަކަށް އައިއިރު ހުއްޓުމެއްނެތި ހިނގަހިނގާ އޮތް ސިނާއަތްކަން ފާހަނގަކުރައްވައި މަސްވެރިން ކުރާ ބުރަ މަސައްކަތް ނައިބު ރައީސް ވަނީ ފާހަނގަކުރައްވާފައެވެ.

ނިންމުން
މި މައިޒާން ތަރައްގީކުރި އެޗްޑީސީ އިން ދެކޭގޮތުގައި މިއީ މަސްވެރިން ބޭނުންވާ ގިނަ ކަންތައްތަކާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި ބިނާކޮށްފައިވާ ބޭނުންކުރަން ފަސޭހަ މައިޒާނެކެވެ. އަދި މަސްވެރިންނަށް ދިމާވާ ކަންތައްތައް ބަލާ ހައްލުކުރުމަށް އެ ކުންފުނިން އިތުރަށް މަސައްކަތް ކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.
މަސްވެރިންގެ މައިޒާން ސަރަހައްދު އިތުރަށް ހިތްގައިމު ވެގެންދާނީ އެސަރަހައްދުގައި މިހާރަށްވުރެ ގިނައިން ގަސްއިންދާ ގުދުރަތީ ރީތިކަން ލިބޭނެފަދަ މާހައުލެއް ގާއިމްކުރެވިގެންނެވެ. ކުރިއާއި ބަލާއިރު މިހާރުވެސް ސަރަހައްދުގައި ކުދިކުދި ގަސްތަކެއް ވަނީ ބަހައްޓާފައިކަން ފާހަނގަކުރެވެއެވެ.