September 21, 2024 01:40
Advertisement

-Advertisement-

ހިޔާ ފުލެޓް ސަރަހައްދުގައި އުޅޭ މީހުން ކުނިއުކުމުގަ ސަމާލުކަންދޭންޖެހިފަ!

ސޯޝަލް މީޑިއާއިން ފެނުނު ފޮޓޯތަކުން ހިތަށްއެރިއެވެ. ހާދަ ނުވިސްނޭ މީހުން އުޅެއެވެ. ހިޔާ ފުލެޓެއްގެ ވައިގޮޅިން ވައްޓާލާފަހުރި ކަމަށް ބެލެވޭ ބޭނުންކޮށްފަހުރި ނެޕީތަކާއި އޭގައިން ފައިބައިފަހުރި ބޮޑުކަމުދާތަކެތި އެފޮޓޯތަކުން ފެންނައިރު މިފަދަ ނާތަހުޒީބު ޢަމަލުތައް ކުރަން ފަސްނުޖެހޭ މީހުން އުޅުމަކީ ހިތާމަހުރި ކަމެކެވެ. ރަމަޟާންމަސް ފަދަ މާތް މައްސަރެއްގައި މިފަދަ ގޮތަކަށް މީހުންނަށް އުދަގޫވެ އަދި ބަލިތައް ފެތުރެން މަގުފަހިވެ، މުޅިތަނުގައި ނުބައިވަސް ދުވާނެފަދަ އަމަލުތައް ކުރާއިރު ވިސްނާލަން އެބަޖެހެއެވެ. ހިތާމައަކީ މިގޮތަށް އުކާލާ ތަކެތިން އިމާރާތްތަކުގެ ތިރީ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންނަށް އޭގެ އުދަގޫ ބޮޑަށް ފޯރާތީއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ 16 ޓަވަރުގައި މިއަހަރު މީހުން ދިރިއުޅެން ފެށިއިރު، އެޓަވަރުތައް ކައިރީގައި ގިނަ އަދަދެއްގެ ކުނިތައް ހުންނަކަން ފާހަގަކުރެވެއެވެ. ގޭބީސީތަކުން އުކާލާ ކުނިތައް ފުނިފުންޏައް ހުރިއިރު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެކުނިތައް އުކާލުމުގެ އިންތިޒާމް ކުރިން ބަލަހައްޓާފައެވެ.

އެހެންނަމަވެސް މިދިޔަ މާރިޗް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެޗްޑީސީ އިން ވަނީ ހިޔާ ސަރަހައްދުގެ ކުނިތައް އުކާލުމުގެ މަސައްކަތް ހުއްޓާލާފައެވެ. އެޗްޑީސީ އިން މައުލޫމާތުދޭގޮތުގައި މި އޭޕްރީލް މަހުން ފެށިގެން ކުނިތައް އުކަންޖެހޭނީ ފުލެޓްގެ ވެރިފަރާތުން ކުނި އުކުމަށް ޚާއްސަކޮށްފައިވާ މުއައްސަސާއާއި ގުޅިގެންނެވެ.

Advertisement

ހިޔާ ފުލެޓްތަކުގައި މަސައްކަތް ކުރަމުންދާ ގޭބީސީން އުފެދޭ ގާކުނި އަދި އެހެނިހެން ކުނި އުކުމަށް ޚާއްސަ ސަރަހައްދެއް ވަނީ ކަޑައަޅާފައެވެ. މި ސަރަހައްދު ކުނިގޮނޑެކޭ އެއްފަދައިރު ބައެއް ގަޑިތަކުގައި ދުވާވަހުން ނޯއްދަމާލަން ނުކެރެއެވެ. ޚާއްސަކޮށް ފެހި އަދި ވައިލެޓްކުލައިގެ ޓަވަރުތައް ކައިރީގައި ކުނި ގިނަކަން ފާހަގަކުރެވެއެވެ.

ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވޭނީ އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ އެއްބާރުލުން ލިބިގެންނެވެ. ހިތަށް އެރިގޮތަކަށް އަތުގަޖެހުނު ތަނަކަށް ކުނިތައް އުކާނުލާ ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުނިއުކަން ޚާއްސަކޮށްފައިވާ ސަރަހައްދަށް ކުނިތައް އުކުމަކީ މިވަގުތުން ވަގުތަށް ކުރަންޖެހޭ ކަމެކެވެ.

ހިޔާ ފުލެޓުތަކުގެ ކައިރީގައި ބަހައްޓާފަހުންނަ ޑަސްޓްބިންތަކަށް ބައެއް މީހުން ކުނި އަޅާމަންޒަރު ފެނުނެވެ. "އަބަދުވެސް ކުނި އަޅަނީ ޑަސްޓްބިނަށް. އެގޮތަށް ކުނިއެޅުމުން އެޑަސްޓްބިންގައި ހުންނަ ކުނި ވެމްކޯ މުވައްޒަފުން ގެންދާތަން ފެނޭ. އެކަމަކު މިސަރަހައްދުގައި ހުރި ކުނިފުނިތައް އުކާނުލާ ހުރިގޮތަށް އެބަހުރި". 14 ވަނަ ޓަވަރުގައި އުޅޭ މީހަކު މައުލޫމާތުދިނެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީއިން ފުލެޓު ލިބުނު މީހަކު މައުލޫމާތު ދިންގޮތުގައި އެމީހުން ދިރިއުޅެނީ ފުރަތަމަ ފަންގިފިލާގައި ކަމަށްވުމުން ހަލާކުވެފައި ހުންނަ ކާބޯތަކެތިހިމެނޭ ކުނީގެ ވަސްޖެހުމުން ވަރަށް އުދަގޫވެއެވެ. " ރޯދަމަސްވީމަ ގޭބީސީތަކުން ނެރޭ ކުނި ވެމްކޯއިން މިއުކަނީ ރޭގަނޑު. ޑަސްޓްބިންތައް ކައިރީގައާއި އެކި ތަންތަނަށް އުކާފަހުންނަ ކުނީގެ ސަބަބުން މުޅި ސަރަހައްދުގަ ހުންނަނީ ކުނިވަސް ބައެއް ގަޑިތަކުގައި. މިކަންކަން ހައްލުކުރެވޭނީ މި ސަރަހައްދުގައި ދިރިއުޅޭ އެންމެން ސާފުތާހިރުކަމަށް ވިސްނައިގެން". ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.

ހިޔާ ޓަވަރުތަކުގައި އެންމެގިނައިން ކުނި ހުރީ މައިމަގަށް ވާގޮތަށް ބަހައްޓާފަހުރި ޑަސްޓްބިންތައް ކައިރީގައެވެ. އެއީ ބަސްތައް ވެސް މަޑުކުރާ ސަރަހައްދަށްވެފަ ގިނައަދަދެއްގެ ސްކޫލުކުދިންވެސް އާންމުކޮށް އެސަރަހައްދު ބޭނުންކުރަމުންދާއިރު މިހާރަށްވުރެ ބޮޑަށް ޑަސްޓްބިންތަކަށް ކުނި އުކުމުގައި ސަމާލުކަންދޭން އެބަޖެހެއެވެ. އަދި ގޭބީސީތަކުން ނެރޭ ގާކުނި ވެސް މުޅި ސަރަހައްދަށް އުކާލުމުގެ ބަދަލުގައި ހަމަޖެހިފައިވާ އިންތިޒާމްތަކާއި އެއްގޮތަށް ވެމްކޯއަށް ގުޅައިގެން އެކުނިތައް އުކާލަން ސަމާލުކަން ދޭންޖެހެއެވެ. އެހެންނޫނީ ހިޔާ ސަރަހައްދު ފެންނާނީ ކުނިގޮނޑެއް ފަދައިންނެވެ.

ވެމްކޯއިން އާންމުކޮށް އިއުލާންކޮށްފައިވާ ގޮތުގައި މާލެ، ހުޅުމާލެ، ވިލިމާލެ ގޭބީސީތަކުން ކުނި ނެރެންވާނީ ރޭގަނޑު 20:00 ގައެވެ. ހިޔާ ސަރަހައްދުން ކުނި އުކުމުގައި ހަމަޖައްސާފައިވާ އިންތިޒާމް ބެލުމަށް ވެމްކޯ އަށް ގުޅައިގެން ވަނީ މައުލޫމާތު ލިބޭގޮތް ނުވެފައެވެ.  

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް