September 21, 2024 05:09
Advertisement

-Advertisement-

ހިޔާ ފުލެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުން ލިބިފައި. ފޮޓޯ: ސޯޝަލް މީޑިއާ

ހިޔާ ފުލެޓު: އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގުމުގެ ކުރިން ވިސްނާލަމާ!

ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދެނީ ކިތައް މީހުން ބާވައޭ ސުވާލު އުފެދެއެވެ. އަދި މިއީ މިއަދު އެ ފުލެޓުތަކުގައި 15000 ވަރަކަށް މީހުން ދިރިއުޅެމުންދާއިރު އޭގެތެރެއިން ބައެއް މީހުން ފާޅުކުރަމުންދާ ޝަކުވާއެކެވެ.

ހިޔާ ފުލެޓުތަކުގެ ކައިރީގައި އުކާފަ ހުންނަ ކުނިތަކުގައި ދޭތެރެ ދޭތެރެއިން ދަނީ ރޯކުރަމުންނެވެ. އަދި މިހާތަނަށް ދެ ޓަވަރެއްގެ ބެލްކަނީގައި ރޯވެ ގެއްލުންތަކެއްވެފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާގެ ޓަވަރެއްގައި ދިރިއުޅޭ އަހުމަދު ސަޢީދު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ. "މިހާތަނަށް ހިޔާ ފުލެޓުގަ ދިރިއުޅުން ނުރައްކަލަކަށްވެ ބިރުވެރިކަން އުފެދުނީ އެތަނުގައި ދިރިއުޅޭ މީހުންގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން. އަހަރެމެން ދިރިއުޅޭ 18 ވަނަ ފުލޯގެ ބެލްކަނީގައި އެކި ތަންތާނގައި ދޭތެރެދޭތެރެއިން ސިގިރެޓް އަޅި ހުރޭ. އެ އަޅި އަންނަނީ ސީދާ އެދިމާލަށް މަތިންކަމުގައި ލަފާކުރެވޭ. އެ ޓަވަރުގައި ދިރިއުޅޭ އެހެން މީހުންނަށްވެސް ސިގިރެޓް ފިލްޓަރާއި އަޅި ބެލްކަނީގެ އެތެރެއަށް ވެއްޓޭކަމުގެ ވާހަކަތައް ދައްކާ. މިހާތަނަށް އަލިފާނުގެ ދެހާދިސާ ހިނގީވެސް ސިގިރެޓް ބޮއެފަ ފިލްޓަރ އެއްލާލުމުގެ ސަބަބުން ކަމުގައި ބެލެވޭ".

Advertisement

ޒީޓައިމްސް އަށް މައުލޫމާތުދެމުން ސަޢީދު ބުނީ އެ ޓަވަރުގެ 23 ވަނަ ބުރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބިރުވެރި ހާދިސާއެއް ކަމަށެވެ. "އެވަގުތު ހިތަށް އެރީ ސަލާމަތުން ތިރިއަށް ފައިބާނީ ކިހިނެއްތޯ. ލިފްޓް ބޭނުންކުރުން ރަނގަޅެއް ނުވާނެތާ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު. އެއީ ހާރުކާން ހޭލާއުޅުނު ވަގުތު. މީހުން ނިދާފަތިބި ވަގުތެއްނަމަ އަލިފާން ކޮންޓްރޯލު ނުކުރެވި ހިތާމަވެރި ހާދިސާއެއް ހިނގުންވެސް އެކަށީގެންވޭ".

ހިޔާ ފުލެޓެއްގެ ބެލްކަނީގައި ހުރެގެން މީހަކު އުކާލާ ސިގިރެޓް ފަދަ އެއްޗަކުން އަލިފާން ބުރައިގެން ދާ މަންޒަރު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނެއެވެ. އެފަދަ އަލިފާން ކަނިތަކަކުން ތިރީ އެޕާޓްމެންޓެއްގެ ބެލްކަނީގައި ހުރި އެއްޗެއްގައި ރޯވެ ހިތާމަވެރި ހާދިސާއެއް ހިނގައިފިނަމަ ޒިންމާވާނީ ކާކުހެއްޔެވެ. ލޯނު ނަގައިގެން ބޮޑެތި ޚަރަދުތައްކޮށްގެން ދިރިއުޅުން ފުލެޓުތަކަށް ބަދަލުކުރިއިރު އަމާންކަން ޔަގީން ނުކުރެވެއެވެ.

ބޮޑު އާބާދީއެއް އެއްތަނެއްގައި ދިރިއުޅޭއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ. ނޫނީ ކުށެއްނެތް އެތައްބަޔަކު ނުރައްކަލަށް ހުށަހެޅި ދިރިއުޅުމަށް ކުރި ބުރަ މަސައްކަތް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަޅިއަށް ވުމަކީވެސް ވެދާނެކަމެކެވެ. ވިސްނާށެވެ. ފަރުދީ ޒިންމާ އަދާކުރާށެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ހިޔާ ފުލެޓުގައި އުޅޭ މީހުން ގުޅަންވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް 118 އަށެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގުޅަންވީ 7253535 އަށެވެ.

+1
0
+1
1
+1
1
+1
0
+1
1
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް