މާލެ، ހުޅުމާލެ، ވިލިމާލެ އިން ގިނަ އަދަދެއްގެ ކުނި ކޮންމެ ދުވަހަކުވެސް އުކާލެވެއެވެ.
ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މައުލޫމާތު ދޭގޮތުގައި ދިވެހި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ.
" މި މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނައުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން 2021 ވަނަ އަހަރު އޯގަސްޓް މަހު 17 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު ގެ 5 ވަނަ އިސްލާހުގައިވާ ގޮތުން އުކާލުމަށް ނެރޭ ކުނި ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ވަނީ ނިންމާފަ" ވެމްކޯ އިން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.
އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަންވާނީ ތިރީގައި ބަޔާންކުރާ ގޮތަށް ވަކިކުރެވިފައިކަމަށާއި، މިބާވަތްތައް ބަންދުކުރުމުގަ އެއްކުނީގެ ބާވަތް އަނެއް ކުންޏާއި އެއް ނުވާނޭހެން ވަކި ކޮތަޅުގަ ބަންދުކުރުމަށް ސަމާލުވުމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ފުރަމާލެ ސަރަހައްދު |
ފުރަމާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާޢީ ރަށްރަށް، އަދި ޓޫރިސްޓް ރިސޯޓްތައް |
|
|
ދުވަހު ކުނީގެ ގޮތުގަ ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ވެމްކޯގެ ' ކޯލް އެންޑް ޕިކަޕް' ޚިދުމަތް ނުވަތަ ކުލީ ޕިކަޕްގައި އެހެން ކުންޏާއި އެއް ނުވާނޭހެން އުކާލެވިދާނެއެވެ.
" ކުނި ވަކިކުރުމަކީ ދުނިޔޭގެ ތަހުޒީބީ ގިނަ މުޖުތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާއެކީ ތަޖުރިބާކޮށްފައިވާ ކަމެއް. މިގޮތުން މިގެނެވޭ ބަދަލުން އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ރީސައިކަލްކޮށްގެން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ލިބި، މެނޭޖްކުރަން ޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވެ، ދެމެހެއްޓެނިވި އުސޫލަކުން ކުނި މެނޭޖްކުރުމަށް އިތުރު ލުއި ފަސޭހަތަކެއް މިކޯޕަރޭޝަނަށް ލިބިގެންދޭ" ވެމްކޯއިން ބުނެފަވެއެވެ.
ވެމްކޯގައި ކުނި އުކާލުމަށް ރެޖިސްޓަރ ކޮށްފައިވާ ގޭބީސީ، ވިޔަފާރި އަދި ސައިޓަށް ގޮސް ކުނި އުކާލާ ފަރާތްތަކުން ވެސް މިއުސޫލަށް އަމަލު ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުނީގެ ބާވަތްތައް ވަކިކޮށްގެން ބަލައިގަތުމަށް ނިންމާފަވާތީ އެކަމާގުޅޭގޮތުން އާންމުންގެ އެއްބާރުލަށް ވެމްކޯއިން އެދިފަވާއިރު، މިކަމުގަ ބައެއް މީހުންގެ އޮތް ކަންބޮޑުވުމަކީ އެގޮތަށް ވަކިކޮށްގެން ކުނި އުކާލުމަށް ކުނި އަޅާނެ ޕްލާސްޓިކް ކޮތަޅު ހޯދަން އުދަގޫވުމެވެ. އަދި ޕްލާސްޓިކް ކޮތަޅު އެވަރަށް ބޭނުންކުރުމަކީ ތިމާވެއްޓާއި ރައްޓެހި ގޮތެއް ނޫންކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. ކުނި އެޅުމަށް ޕްލާސްޓިކް ކޮތަޅު ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގަ ބުނެފައެވެ. ކޮންމެގޮތެއްވިއަސް އުކާލާ ކުނި ރަނގަޅަށް ވަކިކުރުން ނޫން ގޮތެއް ދެން ނެތެވެ.