November 23, 2024 06:56
Advertisement

-Advertisement-

ހިނގާއިރު ކާނުތަކަށް ސަމާލުވަމާ، ލިބޭ ގެއްލުން ބޮޑު!

މިދިޔަ އޮކްޓޯބަރު މަހު (މާލެ، ހެންވޭރު) ހީނާމާގެ ސަރަހައްދުގައި ހުރި ހަލާކުވެފައިވާ ކާނުގަނޑެއްގެ ތެރެއަށް ވެއްޓި 4 އަހަރުގެ ކުއްޖެއްގެ ފަޔަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އެކުއްޖާގެ ވައަތުފައިން ބޮޑުތަނެއް ކަފައިގެން ދިޔައިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ. 'ޒީޓައިމްސް' އިން މިކުއްޖާގެ ބައްޕަ އަށް ގުޅާލުމުން އެއިރު ބުނެފައިވަނީ މިހާދިސާގެ ސަބަބުން ކުއްޖާއަށް ކޮށްފައިވާ އަސަރު ބޮޑުކަމަށެވެ. އަބަދު ދުވެ ސަކަރާތްޖަހާ އުޅޭ އުމުރުފުރައެއްގެ ކުއްޖަކު ކުއްލިއަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހުމަކީ އެއުމުރުގެ ކުއްޖަކަށް ކެތްކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އަދި މިފަދަ ޒަހަމެއް ރަނގަޅުވާންވެސް ވަގުތު ހޭދަވާނެއެވެ.

ކާނުގަނޑުގެ ތެރެއަށް ފައި ވަދެ ކުއްޖަކަށް ލިބުނު ގެއްލުމަށް ފަރުވާ ހޯދަނީ އަދި އެގެއްލުން ލިބުނު ކާނުގަނޑު

ހަލާކުވެފައިވާ ކާނުގަނޑުތަކުގެ ސަބަބުން މީހުންނަށް ލިބެމުންދާ ގެއްލުންތައް ފާހަގަކޮށް ލިބިފައިވާ އަނިޔާގެ ފޮޓޯ އާއިއެކު ޑރ. އައިޝަތު ރަފިއްޔާ ކުރެއްވި ޓްވީޓެއްގައި ފާހަގަކުރެއްވިއެވެ. "4 އަހަރުގެ ކުއްޖަކު ކާނުގަނޑަކަށް ވެއްޓި ބޮޑު ޒަހަމެއް. އަނެއްކާ އެކެއް ނޮވެންބަރުގައި ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބުނު. އަދި 82 އަހަރުގެ ބޭބެއެއް މިސްކިތަށް ގޮއްސަ އަންނަނިކޮށް ކާނުގަނޑަކަށް ފައި ވަދެ ވަރަށް ބޮޑަށް އަނިޔާވެއްޖެ. ޒިންމާ ކޮބައިތޯ". 

ހަލާކުވެފައިވާ ކާނު ރަނގަޅުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ

މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބަޖެޓްގެ ދަތިކަމާއެކުވެސް މާލޭގެ މަގުމަތީގެ ހާލަތު ރަނގަޅު ކުރުމަށް ކައުންސިލުން ދަނީ ކޮންމެ ދުވަހަކުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އޮކްޓޯބަރު މަހު ކުއްޖަކު ޒަހަމްވި ހާދިސާގެ ރިޕޯޓު ކައުންސިލަށް ލިބުނުތާ 1 ގަޑިއިރު ނުވަނީސް އެކާނުގެ މަތިގަނޑު ރަނގަޅު ކުރިކަމަށް ފާހަގަކޮށްފައިވެއެވެ. ފޭސްބުކްގައި ހިންގަމުން އަންނަ މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޕޭޖުގައި ވެސް ދަނީ ހަލާކުވެފައިވާ ކާނުތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ. މިއަދުވެސް ވަނީ ފިލިގަސްމަގު ކާނުތައް ބަދަލުކުރިއިރުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

Advertisement
ސޯޝަލް މީޑިއާގައި މީހަކު ކަންބޮޑުވުން ފާޅުކުރަނީ

ކާނުތަކުން ހަލާކުވެފައިވާ ބައިތައް ރަނގަޅު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ކަމުގައިވިއަސް، ހަލާކުވެ ރަނގަޅު ނުކުރެވި ގިނަދުވަސްވެފައިވާ ކާނުތައް ހުންނަކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާހަގަކޮށްފައިވެއެވެ. އަދި އެކާނުތަކުގެ ސަބަބުން މީހުންނަށް ގެއްލުން ލިބެމުން ދިއުމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. މިކަންބޮޑުވުންތަކާއި ގުޅިގެން ސުވާލުކުރުމުން ސިޓީ ކައުންސިލުން ބުނެފައިވަނީ ކޮންމެ ހަފްތާއަކުވެސް މަގުތަކުގެ ރިޕޯޓް ހަދަމުންދާކަމަށެވެ. އަދި ހަލާކުވެފައިވާކަން ފާހަގަކުރެވޭ ކާނުތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކާނުގަނޑެއް ހަލާކުވެ މީހަކަށް ގެއްލުމެއް ލިބޭގޮތަށް ހުރިކަން އެނގޭ ހިސާބުން އާންމުންވެސް އެމައުލޫމާތު ސިޓީ ކައުންސިލާއި ހިއްސާކުރުމަކީވެސް ކުރެވިދާނެކަމެކެވެ. ސަބަބަކީ ބައެއް މަގުތަކަކީ އަނދިރި މަގުތަކަކަށްވާއިރު ހިނގާފައިދާ މީހުންނަށް ނުފެނި ކާނުގަނޑަށް ވެއްޓި ލިބޭ ގެއްލުންތައް އިތުރުވަމުން ދާތީއެވެ. ވިއްސާރަވެ ފެންބޮޑުވެފައި އޮންނައިރު ކާނުގަނޑުމަތިން ހިނގާފަ ދިއުމަކީވެސް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެކަމެކެވެ. އެއީ ހަލާކުވެފައިވާކަން ފާހަގަ ނުކުރެވި ކާނުގަނޑުގެތެރެއަށް ފައި ވަދެ ގެއްލުންވެދާނެތީއެވެ. 

މަގުމަތީގައި ހިނގާއިރު ކުރިއަށްވުރެ ބޮޑަށް ކާނުގަނޑަށް ވިސްނަން އެބަޖެހެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް