ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް ބަރުދަން މާމަތިވުމުން ނުވަތަ އަލަށް ފަށައިގަންނާތީ މީހުންގެ ތެރެއަށް ނުކުމެ ކަސްރަތު ކުރަން ފަސްޖެހޭ މީހުން އުޅެއެވެ.
ޖިމަށް އެއްދުވަހު ދިއުމަށްފަހު ދާން ނުކެރި ތިބޭ މީހުން ވެސް އުޅެއެވެ. އަދި މިއީ ވާނެކަމެއް ނޫންކަމަށްހިތާ އެއްގޮތަކަށް ނުދާ މީހުންވެސް އުޅެއެވެ.
ތިބާގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނެވޭނީ އަމިއްލައަށް އަޒުމާއެކު މަސައްކަތް ކޮށްގެންނެވެ. ޖިމަށް ދާން ނުވަތަ އާންމު ތަންތަނުގައި ކަސްރަތުކުރަން ފަސްޖެހޭނަމަ އެކަމަށް ހައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ.
1- މީހުން މަދު ގަޑިތަކުގައި ކަސްރަތު ކުރަން ދިއުން
ބައެއް މީހުންނަކީ އަލަށް ކަސްރަތުކުރަން ފަށައިގަންނަ މީހުންނެވެ. ކޮންމެވެސް ސަބަބަކާއިހުރެ މީހުންގެ ތެރޭގައި ކަސްރަތު ކުރަން ބޭނުން ނުވާނަމަ އެންމެ ރަނގަޅު ގޮތަކީ މީހުން މަދު ގަޑިއަކީ ކޮބައިތޯ ބަލައި އެގަޑިއެއްގައި ކަސްރަތު ކުރުމަށް ދިއުމެވެ.
2- ބޭނުންވާ މެޝިން އިޚްތިޔާރު ކުރުން
ކަސްރަތު ކުރުމަށް ބޭނުންކުރާ މެޝިނަކީ އަމިއްލައަށް ބޭނުންވެގެން އިޚްތިޔާރު ކުރާ މެޝިނަކަށް ވޭތޯ ބަލާށެވެ. މީހަކު ބުނީތީ ބުނިގޮތަކަށް ކަންތައް ކުރަން އަވަސްވެގަތުމުގެ ބަދަލުގައި ތިމާ އެކަމަކަށް ތައްޔާރުވުން މުހިންމެވެ. އަދި އެހެންމީހުން ތިމާއާއިމެދު ވިސްނާގޮތަށް ބިރުގަތުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް އިތުބާރުކޮށް ޖިމް މުވައްޒަފުންނާއި މަޝްވަރާކޮށްގެން ކަސްރަތު ކުރުމުގައި ކުރިއަށް ދިއުން ރަނގަޅެވެ.
3- ގާތް މީހަކާއެކު ޖިމަށް ދިއުން
އެކަނި ޖިމަށް ދާން ނުކެރޭނަމަ އެކީގައި ދާނެ މީހަކު ހޯދިދާނެއެވެ. އަދި އެމީހަކީ ތިމާކުރާ ކަންތައްތަކަށް އަބަދުވެސް އެހީތެރިވެދޭ އިތުބާރު ކުރެވޭ މީހަކަށް ވާން ވާނެއެވެ. އެއިރުން ޖިމް މާހައުލަކީ އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭ މާހައުލަކަށް ވެގެންދާނެއެވެ. އެކަނިވެރިކަން އިހުސާސް ނުކުރެވޭނެއެވެ. އަދި ވަރުބަލިވާ ވަގުތުގައިވެސް 'މޮޓިވޭޓް' ކޮށްދޭނެ މީހަކު ހުންނާނެއެވެ. ވަރުބަލިވެގެން ދާން ބޭނުންނުވާ ދުވަހުވެސް އެކުވެރިއަކު ދާނަމަ އެއީ ޖިމަށް ދިއުމަށް އެޅޭނެ ބާރެކެވެ.
4- ކަސްރަތު ކުރުން ރާވާލުން
ބުރަކޮށް މަސައްކަތްކުރާއިރު ކުރީބައިގައި ކަސްރަތު ކުރާނެ ވަގުތެއް ހުސްކުރުމަށް ސިކުނޑީގައި ރާވާލުމަކީ މުހިންމުކަމެކެވެ. އެހެންނޫނީ ކޮންމެ ދުވަހަކު ކަސްރަތަށް ވަގުތު ހުސްކުރުމަކީ އުދަގޫ ކަމަކަށް ވެދާނެއެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް އަޒުމް ކަނޑައަޅައިފިނަމަ އެކަމަށް ބުރަކޮށް މަސައްކަތްކުރެވިދާނެ އެވެ. ކަސްރަތު ކުރުމުގައި ބޭނުންކުރާ ބާވަތްތައްވެސް ބޭނުންކުރާނެ ގޮތް ރާވާލެވިދާނެއެވެ. އެންމެ ފުރަތަމަ އާދައިގެ ގޮތަށް ފެށުމަށްފަހު މަޑުމަޑުން ޖިމްގަ ހިމެނޭ ތަފާތު މެޝިންތަކުގެ ބޭނުންކުރެވިދާނެއެވެ.
5- ޖިމްގެ މުވައްޒަފުންނާއި ވާހަކަދެއްކުން
އެއްވެސް މީހަކީ ހުރިހާކަމެއް އެންމެ ފުރިހަމައަށް އެނގޭނެ މީހެއް ނޫނެވެ. އެހެންވުމުން ޖިމަށް ދާއިރު ޖިމްގެ މުވައްޒަފުންނާއި ވާހަކަދައްކާ އެމުވައްޒަފުންގެ އެހީގައި ފުރިހަމަ ކަސްރަތެއް ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. ސަބަބަކީ ޖިމްގެ މުވައްޒަފުންނަކީ އެތަނަށް ދާ މީހުންނަށް އެހީތެރިވާން ތިބޭ ބައެކެވެ. އެމީހުން އުފަލާއެކު އެހީތެރިވާނެކަން ޔަގީނެވެ. އެހެންވުމުން ފަސްޖެހުމުގެ ބޭނުމަކީ ކޮބާހެއްޔެވެ.