October 6, 2024 11:09
Advertisement

-Advertisement-

ސައިބަރ ބުލީ އިން ދަރިން ރައްކާތެރިކުރާނީ ކިހިނެއް؟

ސައިބަރ ބުލީއަކީ މުޖުތަމައުތެރޭގައި އާންމުވެފައިވާ އިޖުތިމާއީ މައްސަލައެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފުރާވަރު އުމުރުގެ ކޮންމެ 5 ކުދިންގެ ތެރެއިން 1 ކުއްޖަކު ވަނީ ބުލީގެ ޝިކާރައަކަށް ވެފައެވެ. އަދި މިކުދިންގެ ތެރެއިން 59 އިންސައްތަ ކުދިންނަށް އިންޓަނެޓް މެދުވެރިކޮށް ތަފާތު އުދަނގޫތައް ކޮށްފައިވެއެވެ. އަދި މިހާރުވެސް މިފަދަ ކަންކަން މަދުވާތަނެއް ފެންނަމުން ނުދެއެވެ. ކޮވިޑް-19 ގެ އާލަމީ ވަބާ ތެރޭގައި މީހުން ގޭބަންދުގައި ތިބެންޖެހުމުގެ ސަބަބުން އޮންލައިންކޮށް ކުޅޭ ބައެއް ގޭމުތަކުންނާއި އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާދަޔާޚިލާފަށް ބުލީގެ އަމަލުތައް އިތުރުވެފައިވެއެވެ. މިކަމުން ދޭހަވެގެން ދިޔައީ ބުލީކުރުން ހުއްޓުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުނު ކަމުގައިވިޔަސް ބުލީކުރުން އިތުރުވެގެންދާކަމެވެ. އެހެންކަމުން ކުދިންނަށް ދިމާވާ ސައިބާ ބުލީގެ ކަންކަން ހުއްޓުވުމަށް މައިންބަފައިންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހެއެވެ.

ރައްކާތެރިވުން މުހިންމީ ކީއްވެ؟

އެކިއެކި އިލެކްޓްރޯނިކް އާލާތްތަކާއި ގޭމިން އެޕްތަކާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން ގަސްތުގައި ގެއްލުންދިނުމުގެ ނިޔަތުގައި ބުލީކުރުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. މިފަދަ ގޮތްތައް ބޭނުންކޮށްގެންނާއި ކާކުކަން ނޭނގޭގޮތަށް ހަދާފައިހުންނަ އެކައުންޓްތައް ބޭނުންކޮށްގެން ލަދުގެންނެވުމާއި، އިންޒާރުދިނުމާއި، ބިރުދައްކާ ގޯނާކޮށްހެދުމަކީ އާންމުވެފައިވާ ކަންކަމެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އުނދަގޫތައް ކުރިމަތި ކުރުވަމުންދެއެވެ. މިކަމުގެ ސަބަބުން ޅައުމުރުގައި ބޯހާސްވެ ކަންބޮޑުވުމާއި ހިތުގައި ބިރުވެރިކަން އުފެދޭގޮތްވެއެވެ. ބުލީގެ ޝިކާރަކައަކަށްވެފައިވާ ކުއްޖެއްކަން ދެނެގަނެވިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޮލުގައި ރިއްސުން އަދި ހަމުގެ މައްސަލަ ކުރިމަތިވުމާއި ޖިސްމާނީގޮތުން ބަލިވެފައިވާކަމުގެ ޝަކުވާކުރުމާއި ކެއުމަށް ބަދަލުތަކެއް އައުމަކީ ދިމާވެދާނެ ކަންތަކެވެ.

Advertisement

މިކަން މެނޭޖްކުރާނީ ކިހިނެއް؟

ބުލީއިން ރައްކާތެރިވުމަށް ވަކި ޚާއްސަ ފަރުވާއެއް ނުވަތަ ގޮތެއް ފެނިފައި ނުވިކަމުގައިވީ ނަމަވެސް މިކަންކަން މަދުކުރުމަށް ނުވަތަ މިކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތައް ހުރެއެވެ. މީގެ ތެރޭގައި ބުލީކުރެވެނީ ކިހިނެއްކަން ދަރިފުޅަށް ކިޔައިދީ އެކަމުން ދިމާވެދާނެ ނުރައްކާތަކަކީ ކޮބައިކަމާއިމެދު ވާހަކަދައްކާ އަހުލުވެރިކުރުވުމަކީ ކުރެވިދާނެކަމެކެވެ. އަދި ސޯޝަލްމީޑިއާ ރައްކާތެރިގޮތުގައި ބޭނުންކުރާނެގޮތާއި ބުލީކޮށްފިނަމަ ކަންކުރަންވީގޮތާއި ގުޅޭގޮތުން އޮޅުންފިލުވައިދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ގެންގުޅޭ އިލެކްޓްރޯނިކް އާލާތްތައް ރައްކާތެރިކުރުން

އެކައުންޓުތަކާއި ގެންގުޅޭ އާލާތްތައް ރައްކާތެރިކުރުމަށް އެންމެ ފައިދާހުރި އެއްގޮތަކީ ޕާސްވޯޑް ބޭނުންކުރުމެވެ. އަދި މި ޕާސްވޯޑްތައް އެއްވެސް މީހަކާއި ހިއްސާ ނުކުރުމަށާއި އެންމެ ގާތް ރަހުމަތްތެރިއާއިވެސް ހިއްސާ ނުކުރުމަށް ބާރުއަޅަންވާނެއެވެ. ހަގީގަތަކީ ރައްޓެހިންނަކީ އަބަދުވެސް އައިސް ގޮސް ވާ ބައެއްކަމާއި އަބަދަށްޓަކައި ރައްޓެހިންނަށް ވާނެކަމުގެ ޔަގީންކަން އެއްވެސް މީހަކަށް ނޯންނާނެތީކަން ކިޔައިދޭންވާނެއެވެ.

ޕްރައިވެސީ ޓޫލްސް އަދި ސެޓިން ހެދުމުގެ މުހިންމުކަން

ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމެއްވެސް ތައްޔާރުކޮށްފައި ހުންނަނީ ޕްރައިވެސީ ސެޓިންގ ޓޫލްސް އާއި އެއްކޮންކަން ކިޔައިދިނުމަކީ މުހިންމުކަމެކެވެ. އަދި އެންމެ ރައްކާތެރިކޮށް ސެޓިން ބެހެއްޓުމަށް ކިޔައިދީ އެކަން ކުރުވުމާއި އެކައުންޓްތައް ޕްރައިވެޓް ކުރުމާއި، މީހުން ޓެގްކުރުން ހުއްޓުވާނެގޮތާއި ފޮޓޯ ހިއްސާކުރުމުގެ ކުރިން ހުއްދަ ހޯދުން ފަދަ ކަންކަން ކިޔައިދީ ދަސްކޮށްދޭން ވާނެއެވެ.

އަމިއްލައަށް ގެންގުޅޭ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން

ކުދިންނަށް އެމީހުން ދިރިއުޅޭ އެޑްރެހާއި ފޯނުނަންބަރާއި އީމެއިލް އެޑްރެސް ފަދަ މުހިންމު މައުލޫމާތު އޮންލައިންކޮށް ހިއްސާކުރުމަކީ ރަނގަޅުކަމެއް ނޫންކަން ކިޔައިދޭންވާނެއެވެ. އަދި ސްކޫލަށް ދިއުމުގައި ބޭނުންކުރާ މަގުތަކާއި ބޭނުންކުރާ ގޮތްތައް ހިއްސާނުކުރުމާއި ފޮލޯވަރުންގެ ތެރޭގައި އެބަޔަކީ ކޮންބައެއްކަން ނޭނގޭ މީހުން ތިބިނަމަ އެފަދަ މައުލޫމާތު ހިއްސާކުރުމުގައި ސަމާލުވާންޖެހޭކަން ހަނދާންކޮށްދީ ކިޔައިދޭންވާނެއެވެ. އަދި ދަންނަ ކުއްޖެއްގެ ޕްރޮފައިލް ފޮޓޯއެއް ޕްރޮފައިލްގައި ހުއްޓަސް އެ އެކައުންޓުގެ ފަހަތުގައި ހުރީ ކާކުކަން ނޭނގޭނެއެވެ. އަދި އެމީހަކީ ފުރާވަރު ކުދިންގެ މައުލޫމާތު ހޯދުމަށް މަސައްކަތްކުރާ މީހަކަށް ވެދާނެކަން ކިޔައިދީ މިކަންކަމަށް އަހުލުވެރި ކުރަންވާނެއެވެ.

ސައިބަރ ބުލީކުރާ މީހުންނަށް ރައްދު ނުދިނުމާއި ރިޕޯޓުކުރުން

ބުލީކުރާ މީހުންނަށް ރައްދުދިނުމާއި ޖަދަލުކޮށް ރަނގަޅުގޮތް ކިޔައިދޭން މަސައްކަތް ނުކުރާށެވެ. އެގޮތުން ސައިބަރ ބުލީކުރާ މީހުން ބަލާނީ ޖަޒުބާތުގައި ޖައްސައިގެން އެމީހުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށްވާއިރު އެމީހުންގެ ސުވާލުތަކަށް ޖަވާބުނުދީ ރިއެކްޓް ނުކުރުމުން އުނދަގޫކުރަން ބޭނުންވާ މީހުންނަށް އެކަން ދޫކޮށްލަން މަޖުބޫރުވާނެއެވެ. އަދި މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެފަދަ މުއާމަލާތްތަކުގެ ސްކްރީން ޝޮޓް ހެއްކެއްގެ ގޮތުގައި ރައްކާކޮށް މިފަދަ ކަންކަން ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަންވާނެއެވެ.

 

މަސްދަރު: ވެރީވެލް ފެމެލީ.ކޮމް

+1
0
+1
1
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް