ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުން ޙާފިޡުންގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހާސިލުކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމް ހމ. ފްލެޓް 02 ޖީ 141 މާލެ އެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެއް ވަނަ ހާސިލުކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟް އޯޝަން، ސ.ފޭދޫ އެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ އާޔަން އަޙްމަދު ޢިނާން ހަވީރީނާޒް، ގދ. ގައްދޫ އެވެ.

މިފަޚުރުވެރި ވަނަތަކަށް މިއަހަރު ދީފައިވާ އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ވަޤްފު ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެކެވެ.

މީގެ ކުރިން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލް ކުރާ ގޮތަށް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވުނު މުބާރާތެކެވެ. ސެމީ ފައިނަލް އަދި ފައިނަލް ބުރެއް ހިމެނޭހެން ކުރިއަށްގެންދެވުނު މިމުބާރާތުގެ އިދާރީ ހުރިހާ ކަމެއް ވަނީ ޑިޖިޓަލައިޒްކުރެވިފައެވެ. އަދި ޤަވާއިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ 3 ބައިގެ ކިޔެވުމަށް އިންސާފުކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ވަނީ ސަރުކާރުން ހަމަޖައްސަވާފައެވެ.

ފައިނަލުގައި 138 ބައިވެރިޔަކު ވާދަކުރި ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ބައިވެރިޔާ އާއި ޙާފިޘުންގެ ގޮފިން 1 ބައިވެރިޔާއަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.









