June 30, 2024 01:00
Advertisement

-Advertisement-

އަޚްލާޤު ރަނގަޅު ހުނަރުވެރި ކުޅުންތެރިޔާ ބަކާ ވަކިވެދިޔައީ މުޅި ޤައުމު ރޮއްވާލާފަ!

ކޮންމެ މަރަކީވެސް ދިރިތިބީންގެ މައްޗަށް އިބުރަތެކެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވި ޚަބަރާއެކު ގިނަބައަކަށް ވަނީ ހިތްދަތިކަން ލިބިފައެވެ. ބަކާގެ އެ ކުއްލި ވަކިވުމުގެ އަސަރު މުޅި ޤައުމަށް މިވަނީ ކޮށްފައެވެ. ފުޓްބޯޅައިގެ އާއިލާއަށް މިލިބުނު ކުއްލި ސިހުމާއެކު ބަކާގެ ހިތްދަތި ވަކިވުމާއި ގުޅޭގޮތުން އެތައްބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާކޮށްފައެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖެ އައިތާ ހަފްތާއެއް ނުވަނީސް ބަކާ ނިޔާވީ ހުންގަދަވެ އިންފެކްޝަން ހެދިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 38 އަހަރެވެ. ބަކާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާގެ ފިރިކަލުންނެވެ. މި ދެމަފިރިންގެ ކުޑަކުޑަ ދެކުދިން އެބަތިއްބެވެ.

ޤައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މިޑްފީލްޑަރު ބަކާ މަޝްހޫރުވީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލިބުނު ކާމިޔާބީގައި ބަކާ ދެއްކި މޮޅު ކުޅުމުންނެވެ. ފަހުގެ ތާރީޚުގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރުގެ ގޮތުގައި ބަކާ ފާހަގަކުރެވެއެވެ. މިޔަންމާގެ ލީގުގެ ކޭބީޒެޑް އެފްސީ އަށް ވެސް 2015 ވަނަ އަހަރު ބަކާ ވަނީ ކުޅެފައެވެ. އައްޑޫސިޓީ ހިތަދު އަށް އުފަން ބަކާ ފުޓްބޯޅައިގައި އެންމެ ފުރަތަމަ ފާހަގަކުރެވެން ފެށީ 2004 ވަނަ އަހަރު ހިތަދޫގެ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އައިއެފްސީ އިންނެވެ.

Advertisement

ބަކާ ނިޔާވި ޚަބަރާއެކު ގިނަ ބަޔަކު ވަނީ ބަކާގެ އަޚްލާޤު ރަނގަޅު ވާހަކަ ފާހަގަކޮށްފައެވެ. އަދި ޤައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅައަށް ކޮށްދިން ޚިދުމަތުގެ އިތުރަށް ޖަމާއަތުގައި އަބަދުވެސް މިސްކިތުން ފެންނަކަމަށްވެސް ފާހަގަކޮށްފައިވެއެވެ. 

ބަކާގެ ވަކިވުމާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވެއެވެ. "ދިވެހި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ޚާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި، ޤައުމަށް ފަޚުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް".

ދީނީ ޢިލްމުވެރިޔާ ޑރ. ޒާހިރު ބިން ސަޢީދު ޤާސިމް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވެސް ވަނީ ބަކާ އަކީ ދީނީ ކަންކަމަށް ފަރުވާތެރި މީހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. "ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓި، އެންމެފަހުން ވާހަކަ ދައްކާ ލެވުނީ ހައްޖުގެ އަޅުކަމުގައި ހުންނަވައި ފޯނުން ގުޅުއްވާލެއްވީމަ. އެދިލެއްވީ ކިޔާނެ ރަނގަޅު ދުޢާ ކޮޅެއް ފޮނުއްވުމަށް. 100 ދުޢާ އެކުލެވޭ ދުޢާ ފޮތެއް ފޮނުވާލަދިނިން".

މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި އެވެ. އާމީން!

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
2

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް