ދިވެހި ރަހަތައް ކިތަންމެހާވެސް މީރެވެ. ފެނުމުން ނުގަނެ ހުރެވޭނީ މަދުފަހަރަކުއެވެ. އެކަމަކު މޮޅެތި ނަންތައް ޖަހައިގެން ކޮތަޅުތަކުގައި ބަންދުކޮށްގެން ވިއްކަންހުންނަ މިފަދަ ކޮންމެ ބާވަތަކީ ކެއުމަށް ބޭނުންކުރުމަށް އެންމެ ރަނގަޅު ބާވަތެއް ނޫނެވެ. މިކަން އެންމެ ބޮޑަށް ޔަގީންވީ މޯލްޑިވްސް އިމިގްރޭޝަން އިން ފަށައިފައިވާ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން ބަލާ ފާސްކުރި ގެއަކުންނެވެ.
މާލެ ސަރަހައްދުގައި ބިދޭސީން ހިންގާ ފިހާރަތަކާއި ކަންމަތީ ކެފޭތަކާއި ގާޑިއާތައް ގިނައެވެ. އައު ސަރުކާރުން ދަނީ، ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދާ (ޑީޕޯޓްކޮށް) އެނބުރި ޤައުމަށް ފޮނުވަމުންނެވެ. އެކަމަކު އުފެދޭ ސުވާލަކީ ވޭތުވެދިޔަ އަހަރުތަކުގައި ގަނެގެން ކާން ބޭނުންކުރި ހެދިކާއާއި ތަފާތު ބާވަތްތަކަކީ ކެއުމަށް އެންމެ ރައްކާތެރި ތަކެތިބާއެވެ؟ ޔަގީނުންވެސް މީގެތެރޭގައި އާންމު ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭ ތަކެތި ވިއްކާފައި އެބަހުއްޓެވެ.
ހަނާކުރި ފޯއް މިއީ އާންމުކޮށް ގިނަބަޔަކު ގަނެގެން ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. އެކި ކުލަކުލައިގައި ތަފާތު ރަހަތަކުގެ ފޯއް ތައްޔާރުކޮށް ވިއްކަން ހުންނައިރު ގިނަފަހަރަށް ފޯއް ހިއްކަން ބަހައްޓާފަ ހުންނަނީވެސް ސާފުތާހިރު ތަންތަނުގައެއް ނޫނެވެ. ގޭގޭގެ ފުރާޅު މަތީގައިވެސް ފޯއް ހިއްކަން ބަހައްޓާފަ ހުންނައިރު ބުޅާ ދޫނިފަދަ ތަކެތި އެތާގައި އުޅޭ މަންޒަރުވެސް ފެނެއެވެ. އަދި ބިންމަތީގައި ހިރަފުސް އަރާގޮތަށްވެސް ބަހައްޓާފައި ހުރެއެވެ.
ބިދޭސީން ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރި ކުރަމުންދިޔަ ގެއެއް އިމިގްރޭޝަނުން ފާސްކޮށް ފޮޓޯ އާންމުކުރިއިރު އެހެރީ ހާލަތު ފެންނާށެވެ. ނޭނގި ނަމަވެސް މިކެވެނީ މިފަދަ މުޑުދާރު ތަންތަނުގައި ހަދާފަހުރި ތަކެތި ކަމަށް ވެދާނެއެވެ.
'ޒީޓައިމްސް' އިން ވަނީ ކަންމަތީ ފިހާރައެއްގައި ހުރި މިފަދަ ބާވަތްތަކުގެ ޕެކެޓްތައް ތައްޔާރުކުރީ ކޮންބައެއްތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި އެފިހާރައިގައި އެހީތެރިއަކަށް ހުރި ބޭރުމީހާ ޖަވާބުދިނީ އުމުރުން ދުވަސްވީ ދައްތައެއް ކަމަށެވެ. ދިވެއްސެއް ކަމަށެވެ. އެއީ އެމީހުންނަށް ތަކެތި ވިއްކަން އެންމެ ފަސޭހަގޮތްކަމަށް ވެދާނެއެވެ. ތައްޔާރުކުރީ ދިވެއްސެކޭ ބުނުމުން ބައެއް މީހުން ގަނެގެން ދާތީއެވެ.
ވިސްނަންވީ އިތުބާރު ނުކުރެވޭ ބްރޭންޑެއްގެ އެއްޗެހި ނުގަތުމަށެވެ. ސާފުތާހިރުކޮށް ފުޅާ ދާއިރާއެއްގައި މިފަދަ ބާވަތްތައް ވިއްކާ ދިވެހިން އުޅޭއިރު ގަނެގެން ކެވެނީ އެންމެ ރައްކާތެރިއެއްޗެއްތޯ ބަލައި ޔަގީން ކުރަމާތޯއެވެ.
ރާއްޖޭގެ އެކިރަށްރަށުގައި ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން އަދި ސާފުތާހިރުކަންކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ ބިދޭސީންގެ މައުލޫމާތު އަވަހަށް ރިޕޯޓް ކުރަމާތޯއެވެ. މިއީ އެންމެންގެ ސިއްޙީ ރައްކާތެރިކަމާއި ގުޅިފައިވާ އަވަސް ހައްލެއް ބޭނުންވެފައިވާކަމެކެވެ.