November 23, 2024 19:17
Advertisement

-Advertisement-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ނިންމެވުމާއެކު މޫނުބުރުގާ އަޅާ ފަރާތްތަކަށް އުފާވެރި ޚަބަރެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފް ނުވާގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓް

" އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް އަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަކީ ކުރަންޖެހޭކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ؟". ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މި ޓްވީޓާއެކު މޫނުބުރުގާ އަޅާ ފަރާތްތަކަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. ބައެއް ވަޒީފާތަކުގައި މޫނުބުރުގާ އެޅުމުން އެދިމާވާ ގޮންޖެހުންތަކަށް ލުޔެއް ލިބުމުގެ އުންމީދު އާވީއެވެ.

Advertisement

" އައި ސްޓޭންޑް ވިތް ނިގާބު" ގެ ނަމުގައި މީގެ ކުރިން ރާއްޖޭގައި މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމާއި އެއްކޮޅަށް ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

" މޫނުބުރުގާ އަޅާ މުދައްރިސުންގެ ހައްގުތައް ކޮބާ؟ މޫނުބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތަޢުލީމު ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި މޫނުބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވެވޭނެ ކަމާއި ތަޢުލީމު ދެވޭނެކަން އުސޫލުގައި ބަޔާންކޮށްދީ". މޫނުބުރުގާ އަޅާ މުދައްރިސުންގެ ދިފާޢުގައި ކުރި އިހުތިޖާޖެއްގައި ބައިވެރިން ފާހަގަކޮށްފައިވެއެވެ.

2023 ވަނަ އަހަރު ޖުލައިމަހު އަމަލުކުރަން ފެށި މުދައްރިސުންގެ ސުލޫކީ މިންގަނޑުގައި ބިނާކޮށްފައިވާ އަސާސްތަކުގެ ތެރެއިން އެއް އަސާސްގައި ބުނެފައިވަނީ މުދައްރިސާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާއި މުއާމަލާތުކުރުމުގައި އެ މުދައްރިސަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭގޮތަށް، ސްޓާފް ކާޑު އަޅައިގެން ކަމަށެވެ. އަދި ދަރިވަރުންނާއި މުއާމަލާތް ކުރާއިރު އެ މުދައްރިސަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށެވެ. މިގޮތަށް އޮތުމުން މޫނުބުރުގާ އަޅާ ފަރާތްތަކުން ދިޔައީ މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް މިހާރުވެސް ސްކޫލުތަކުގައި ކޮންމެވެސް ވަރަކަށް މޫނުބުރުގާ އަޅާ މުދައްރިސުން ދަނީ ކިޔަވައިދެއްވަމުންނެވެ.

މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މީގެކުރިން ބައެއް ދީނި ޢިލްމުވެރިންވެސް ވިދާޅުވެފައިވެއެވެ. މިގޮތުން އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ މުސްލިމަކަށްވެސް ޝަރްޢީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެއްކަމަށް އެ ޢިލްމުވެރިން ފާހަގަކުރައްވައިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ނިންމެވުމާއެކު މޫނުބުރުގާ އަޅާ ފަރާތްތަކުން ބޭނުންވާ ގޮތަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް