November 13, 2024 05:50
Advertisement

-Advertisement-

އިތުރަށް ކުރިއަށްދެވެން ނެތް ޒުވާނުން ދިވެހި އަސްކަރިއްޔާއަށް ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރަނީ!

ސާނަވީ ތަޢުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުޞަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކޮށް، ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ.

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ހިންގާނެކަމަށެވެ.

ކޮންމެ އަހަރަކުވެސް އޯލެވެލް ސަނަދު ފުރިހަމަ ކުރުމަށްފަހު އެއަށްވުރެ މަތީ ފާހަކަށް ނުކިޔެވި، ނުވަތަ ވަޒީފާއެއް ނެތިފައި ތިބުމަށް 500 އާއި 1000 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް މަޖުބޫރުވާ ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ސަބަބުން އެކަން ބަދަލުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ޢިލްމާއި ވަޒީފާގެ ފުރުޞަތުތަކުން މަހްރޫމުވުމުގެ ނަތީޖާއަކަށް ވަނީ މަސްތުގެ ވަބާގެ ތެރެއަށް ވަދެގެންދާ މީހުންގެ ޢަދަދު އިތުރުވުން ކަމަށާއި، އެކަމުގެ ނަތީޖާއަކަށް ވަނީ ސަރުކާރާއި، މުޖުތަމަޢު އަދި ޢާއިލާތަކުން އުފުލަންޖެހޭ ބުރަ ބޮޑުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު، އިޤްތިޞާދަށްވެސް ފޯރާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން، ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް، ކުރިއަށް އޮތް 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 5000 ޒުވާނުން ރެކްރޭޓު ކުރެވޭނެކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޢަސްކަރީ ޚިދުމަތަށް ރެކްރޭޓު ކުރާ ހަތަރުހާހެއްހާ ސިފައިންނާއި، ފުލުހުންގެ ޚިދުމަތަށް ރެކްރޫޓުކުރާ ހާހެއްހާ އޮފިސަރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤާނޫނުން ބާރު ލިބިގެން ހިންގާނެ ޕްރޮގްރާމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި، މި ޤައުމީ ޕްރޮގްރާމް ހިންގުމަށްޓަކައި މާލީ ގޮތުން ކަނޑައަޅާފައިވާ ބައެއް ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދަޢުލަތުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސް (އެންޕީއައި)ގެ ތެރެއިން 400 މިލިއަން ރުފިޔާ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ޚާއްޞަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު، އިތުރު 400 މިލިއަން ރުފިޔާ އެ ޕާރޮގްރާމަށް އިތުރު ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ޤައުމަކަށް ބޭނުންވަނީ، އެތެރެއާއި ބޭރުން އަންނަ ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢު ކުރުމަށްޓަކައި ޤުރުބާންވާން ކެރޭ ރައްޔިތުންތަކެއް އެ ޤައުމެއްގައި ތިބުންކަން ފާހަގަކުރައްވަމުންނެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް