January 31, 2025 00:07
Advertisement

-Advertisement-

ޢިބުރަތްރެރި ހާދިސާ: ދިމާވާ ކޮންމެ މީހަކަށް އިތުބާރު ކުރުމުގެ ހިތިނަތީޖާ!

އެއްދުވަހަކު ޖަންގަލީގެ ރަސްގެފާނު ކަމަށްވާ ސިންގާ ވަރަށްބޮޑަށް ބަނޑުހައިވެގެން ހިޔަޅަކަށް ގޮވާފައި ބުންޏެވެ. އަހަރެން ކާނެ އެއްޗެއް ހޯދަދޭށެވެ. ނޫނީ ކަލޭ ކާލާނަމެވެ. މިހެން ބުނުމުން ހިޔަޅު ވަރަށްބޮޑަށް ވިސްނާލުމަށްފަހު އާދޭހޭ ދެންނެވުމަށްފަހު ކާނެއެއްޗެއް ހޯދުމަށް ޖަންގަލީތެރެއަށް ނިކުތެވެ. މިހެން އުޅެނިކޮށް މަސްފަލަ ރީތި ހިމާރަކާ ދިމާވިއެވެ.

ހިޔަޅު: ރަސްގެފާނު ސިންގާ ބޭނުންވޭ ކަލޭ ރަސްގެފާނުގެ މަގާމަށް ގެންނަން އަހަންނާއެކު އަވަހަށް ރަސްގެފާނުގެ އަރިހަށް ދާން އާދޭ!

މިހެން ބުނުމުން ހިމާރު ވެރިކަން ބޭނުންވެފައި ހުރިވަރުން ހިޔަޅުގެ ބަސް ގަބޫލުކޮށް ސިންގާ އަރިހަށް ދިޔައެވެ. ވަގުތުން ސިންގާ ހިމާރުގެ ދެކަންފަތް ކާލިއެވެ. އެވަގުތު ހިމާރު ސިންގާގެ ކިބައިން ސަލާމަތްވެގެން ދުވެ ފިލިއެވެ. ފަހުން ހިޔަޅާ ދިމާވުމުން ހިމާރު ބުންޏެވެ.

Advertisement

ހިމާރު: ކަލޭ އަހަންނަށް ދޮގުހަދައި އޮޅުވާލީ، ސިންގާ ރަސްގެފާނު އުޅުނީ އަހަރެން ކާލަން.

ހިޔަޅު: އޭބަލަ މިހިރަ މޮޔަ ހިމާރާ، ސިންގާ ކަލޭގެ ކަންފަތް ކާލީ ކަލޭގެ ބޮލުގައި ރަސްކަމުގެ ތާޖު އަޅުވަން ފަސޭހަކުރުމަށް، އަވަހަށް ހިނގާ އަހަންނާއެކު ރަސްގެފާނުގެ އަރިހަށް!

މިހެން ބުނުމުން ހިޔަޅު ބުނި ވާހަކަ ގަބޫލުކޮށް އަނެއްކާވެސް ހިޔަޅާއެކު ދިޔައެވެ.

މިފަހަރު ސިންގާ ކާލީ ހިމާރުގެ ނިގުލެވެ. މިފަހަރުވެސް ކޮންމެވެސް ގޮތަކުން ސިންގާގެ ކިބައިން ހިމާރު ސަލާމަތްވެން ދުވެފިލައިފިއެވެ. މިފަހަރުވެސް ހިޔަޅާ ދިމާވިއެވެ.

ހިމާރު: ކަލޭތީ ދޮގުހަދާ ހިޔަޅެއް، ސިންގާ މިފަހަރު ކާލީ އަހަރެންގެ ނިގޫ.

ހިޔަޅު: ރަސްގެފާނު އެކަން އެގޮތަށް އެކުރީ ކަލެއަށް ފަސޭހައިން ރަސްގެފާނުގެ ތަޚުތުގައި އިށީނދެ އިދެވޭނެކަމަށެވެ. އަވަހަށް އަހަންނާއެކު ހިނގާށެވެ. އެހެން ބުނުމުން މިފަހަރުވެސް ހިމާރު އެއްބަސްވެގެން ހިޔަޅާއެކު ދިޔައެވެ.

މިފަހަރު ސިންގާ ހިމާރު މަރާލުމަށްފަހު ހިޔަޅު ކައިރީގައި ބުންޏެވެ. ހިމާރު ގެނެސްދީ ތިކޮށްދިނީ ވަރަށްވެސް ފުރިހަމަ މަސައްކަތެކެވެ. މި މަރުވެފައިވާ ހިމާރުގެ ހަންދަމާ ސާފުކޮށްގެން ގެނެސްދޭށެވެ. ހަނދާންކޮށް ހިމާރުގެ ސިކުނޑި، މޭގަނޑު އަދި ހިތް ގެންނާށެވެ. އެހެން ބުނުމުން ހިޔަޅު ސިންގާ ބުނިގޮތަށް ކަންތައްކުރިއެވެ. ނަމަވެސް ސިކުނޑި ކާލިއެވެ. ސިންގާގެ އަރިހަށް އެތަކެތި ގެންދިއުމުން ސުވާލުކުރިއެވެ.

ސިންގާ: ކޮބާ ހިމާރުގެ ސިކުނޑި؟

ހިޔަޅު: ވަރަށް އަދަބުވެރިކަމާއެކު، ހިމާރުގެ ސިކުނޑިއެއް ނެތޭ ބުންޏެވެ. ހިމާރުގެ ސިކުނޑިއެއް ހުރިނަމަ ރަސްގެފާނު ހިމާރުގެ ކަންފަތާއި ނިގޫ ބުރިކޮށްލުމުންވެސް ތިންވަނަ ފަހަރަށް އަހަންނާއެކު ނައީހެވެ.

ސިންގާ: ތިއީ ހަމަ ރަނގަޅު ތެދު ވާހަކައެއްކަން ގަބޫލުކުރެވޭ.

ޢިބުރަތް: ދިމާވާ ކޮންމެ މީހަކަށް އިތުބާރު ނުކުރާށެވެ.

+1
1
+1
0
+1
0
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް