July 16, 2026 18:50
Advertisement

-Advertisement-

ޑރ. ޝާފިޔާގެ ގަލަމުން: ޑިޖިޓަލައިޒޭޝަންގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ދުޅަހެޔޮކަމަށް ކުރާ އަސަރު

ކޮލަމް ތަޢާރަފް

"ޑރ.ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

މިއަދުގެ ދުނިޔޭގައި ޑިޖިޓަލް ޓެކްނޮލޮޖީއަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކާ ގުޅިލާމެހިފައިވާ މުހިންމު ބައެކެވެ. ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ފެށުމުގެ (ޑިޖިޓަލައިޒޭޝަން) ސަބަބުން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ދިރިއުޅުމުގެ ފެންވަރަށް ދަނީ ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މި ބަދަލުތަކުގެ ސަބަބުން ވަކިވަކި ފަރުދުންނާއި މުޅި މުޖުތަމައުގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް ގިނަގުނަ ހެޔޮ އަސަރުތަކެއް ކުރާއިރު، ހަމައެއާއެކު ނޭދެވޭ ބޮޑެތި ގޮންޖެހުންތަކެއްވެސް ދަނީ ކުރިމަތިވަމުންނެވެ. މިއަދު މި ބަލާލާނީ ޑިޖިޓަލައިޒޭޝަންއާ ގުޅިގެން ކުރެވިފައިވާ ބޭރުގެ އިލްމީ ދިރާސާތަކުން ފާހަގަކުރެވިފައިވާ މައިގަނޑު ހޯދުންތަކުގެ އަލީގައި އަދި ދިވެހިރާއްޖޭގެ މިހާރުގެ ހާލަތުގެ މައްޗަށެވެ.

Advertisement

މިއަދު މި ބަލާލާ މުހިންމު ދިރާސާ ހަދާފައިވާ މައިގަނޑު ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ޑިޖިޓަލައިޒޭޝަންއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކުގެ ހޯދުންތަކަށެވެ. މުޅި ކަރުދާސް ބިނާކޮށްފައިވަނީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން އިންސާނާގެ ދިރިއުޅުމުގެ ފެންވަރަށް ކުރާ އަސަރުތައް ދެނެގަތުމަށެވެ. މިއީ ބިބްލިއޯސެމެންޓިކް މެތަޑް (ލިޔެކިޔުންތައް ދިރާސާކުރުން) އަދި ސިސްޓަމް އެނަލިސިސް މެތަޑް (ނިޒާމީ ތަހުލީލު) ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. މީގެ ތެރޭގައި ހިމެނެނީ ބޭރުގެ އެކި އެކި ދިރާސާތަކުން ލިބުނު ނަތީޖާތައް ތަހުލީލީ ނަޒަރަކުން ބަލާލުމެވެ.

މި ކަރުދާހުގެ ނަތީޖާއިން ހާމަކޮށްފައިވާ ގޮތުގައި އެކި ގައުމުތަކުގައި ޑިޖިޓަލައިޒޭޝަންއާ ގުޅުވައިގެން ހަދާފައިވާ ދިރާސާތައް ވަރަށް ގިނައެވެ. ކަރުދާހުގައި ހުށަހަޅާފައިވާ ނަތީޖާތަކުން ދައްކާގޮތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ އިޖުތިމާއީ، އިގްތިސާދީ އަދި ސަގާފީ ދާއިރާތަކަށް އާ ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް، މިއީ އިންސާނާގެ ޖިސްމާނީ، އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ޝާއިއުކޮށްފައިވާ ހޯދުންތަކުން އެނގޭގޮތުގައި، ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން މީހުން މުޖުތަމައުން އެކަހެރިވުން ކުޑަކޮށްދިނުމާއި ނުވަތަ އިތުރުކޮށްދިނުން ވެސް އެކަށީގެންވެއެވެ. ހައްދެއްނެތި ނުވަތަ އިތުރަށް އިންޓަނެޓް ބޭނުންކުރުމަކީ ނަފްސާނީ ސިއްހަތު ގޯސްވެ، ސްޓްރެސްއާއި، ހާސްކަމާއި  އަދި މާޔޫސްކަން އުފެދުމަށް މަގުފަހިވާ ކަމެކެވެ. އަދި ގިނަވަގުތު ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަކީ ނިދުމަށް ބުރޫއެރުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމާއި، މަސްތަކާއި ކަށިތަކުގެ ބަލިތައް ޖެހުމާ ގުޅިފައިވާ ކަންކަމެވެ.

މީގެ އިތުރުން އިންޓަނެޓް (އީމެއިލް، ސްމާޓްފޯން، ކޮމްޕިއުޓަރު) ބޭނުންކުރުމުން، އާދައިގެ ރަސްމީ ގަޑީގެ ބަދަލުގައި ފްލެކްސިބަލް (ލުއިފަސޭހަ) ގަޑިތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިވުމުން، ދިރިއުޅުމާއި ވަޒީފާގެ ހަމަހަމަކަން މިންހެޔޮ (ބެލެންސް) ކުރަން ދަތިވެއެވެ. ހަމައެއާއެކު ވަޒީފާއާއި އަމިއްލަ ދިރިއުޅުމުގެ ދެމެދުގައިވާ ބޯޑަރު އޮޅުންބޮޅުންވެގެންދެއެވެ. މާނައަކީ، ވަޒީފާއިން އެނބުރި ގެއަށް އައުމަށްފަހުވެސް އީމެއިލް ފަދަ ކޮމިޔުނިކޭޝަންތަކުގެ މުޢާމަލާތުކުރުމާއި، މަސައްކަތްތަކާއި ގުޅޭ ކަންކަމުގައި ގޭގައިވެސް މަޝްޢޫލުވެވޭ މިންވަރު އިތުރުވެއެވެ.

މި ކަރުދާހުން ހަމާކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޓެކްނޮލޮޖީއިން ހެޔޮ އަސަރުތައް ވެސް ކުރެއެވެ. މިސާލަކަށް ސިއްހީ ޚިދުމަތްތައް ރޭވުމުގެ މީހުންނަށް ބޭނުންވާ ލުއިގޮތްތަކާއި ފަސޭހަތައް ފަހިވެފައިވެއެވެ. ހަމަ މިއާއެކު ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުން، ދޮށީ އުމުރުގެ މީހުން އެކަހެރިވުން ކުޑަކޮށްދީ، ދިރިއުޅުމުގެ ފެންވަރު  ރަނގަޅު ކޮށްދެއެވެ. އަދި ސްމާޓްފޯން އެޕްލިކޭޝަންތަކާއި އޮންލައިން ވަސީލަތްތަކުގެ އެހީގައި، ދަރިވަރުންނާއި ޒުވާނުން ވެސް ބައެއް ނުރައްކާތެރި އާދަތަކުން (މިސާލަކަށް: މަސްތުވާތަކެތި ބޭނުންކުރުން) ދުރުހެލިވުމަށާއި، ކެއިންބުއިމުގެ އާދަތައް ރަނގަޅުކުރުމަށް ވެސް އެހީތެރިވެދެއެވެ.

ދިވެހިރާއްޖެއަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް އާބާދީގެ ނިސްބަތުން އިންޓަނެޓާއި ސްމާޓްފޯން ބޭނުންކުރާ މިންވަރު އެންމެ މަތީ ގައުމުތަކުގެ ތެރޭގައި ގުނާލެވޭ ގައުމެކެވެ. މުވާޞަލާތީ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ %85 އަށްވުރެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރެއެވެ (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، 2023).  މީގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ނަމަވެސް، ޑިޖިޓަލް ވަސީލަތްތަކަށް ހޭދަކުރާ ވަގުތު އިތުރުވުމުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ފަލަވުމުގެ މައްސަލަތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން ހެލްތު މިނިސްޓްރީއާއި ޑަބްލިއު.އެޗް.އޯ ގުޅިގެން ހަދާފައިވާ ދިރާސީ ރިޕޯޓްތަކުން ދައްކައެވެ (މިނިސްޓްރީ އޮފް ހެލްތު، 2024؛ ވޯލްޑް ހެލްތު އޯގަނައިޒޭޝަން މޯލްޑިވްސް، 2021). މީގެ އިތުރުން، މީސްމީޑިއާ އަށް ދެވިހިފުމާއި ސައިބަރބުލީންގްގެ ސަބަބުން ޒުވާނުންގެ މެދުގައި އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް އިތުރުވަމުންދާކަން ރާއްޖޭގެ ސިއްހީ ދާއިރާގެ ދިރާސާތަކުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހޯދުންތަކުން ފާހަގަކުރެވެއެވެ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 2022).

މިފަދަ ނޭދެވޭ އަސަރުތަކެއް ހުރިނަމަވެސް، ރާއްޖޭގައި ވެސް ކުރިން އިޝާރާތްކުރެވުނު ކަރުދާހުގައި ބަޔާންވި ފަދައިން ސިއްހީ ނިޒާމު ޑިޖިޓަލްވުމަކީ ރައްޔިތުންނަށް ލިބުނު ލުއި ފަސޭހައާ އެކު އައި ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގެ ގައުމީ ޑިޖިޓަލް ހެލްތު ސްޓްރެޓެޖީގެ ދަށުން "އާސަންދަ" ނިޒާމު އޮންލައިންވުމާއި، "ޓެލެމެޑިސިން" ގެ ޚިދުމަތްތައް ތައާރަފުވުމުގެ ސަބަބުން ރަށްރަށުގައި ތިބެގެން މާލޭގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ލިބި، ސިއްހީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިތައް ވަނީ ލިބިފައެވެ (މިނިސްޓްރީ އޮފް ހެލްތު، 2024).

ޑިޖިޓަލް ވަސީލަތްތައް ކުރިއަރަމުން ދާއިރު ދަރިން ތަރުބިއްޔަތު ކުރުމާއި ގޭތެރޭގެ މާހައުލު ރޭވުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ވާކަން ގަބޫލުކުރަން ޖެހެއެވެ. ދުނިޔެ ޑިޖިޓަލްގެ ވަސީލަތްތަކުގެ ގޮތުން ކުރިއަރަމުން ދާއިރު، އެއިން ގިނަފައިދާތަކެއް ހުރި ނަމަވެސް ގެއްލުން ލިބޭ އެތައް ކަމެއް ތަކުރާރުކޮށް ދިރާސާތަކުން ވަނީ ސަމާލުކަމަށް ގެނެސްފައެވެ. މިއަދު އިސްވެ އިޝާރާތްކުރެވިފައިވާ ކަރުދާހުގައިވެސް އަދި މީގެ ކުރިން ލިޔެވިދިޔަ ގިނަ ލިޔުންތަކެއްގައި އެކަމަށް އިޝާރާތްކޮށްލެވިފައި ވާނެއެވެ. އެހެންކަމުން މިބަދަލުވަމުން މިދާ ދުނިޔޭގެ ކަންކަމުގެ ތެރެއަށް ގަރަގުވަމުން އަންނަ ޖީލުތައް ސަލާމަތްކުރުމުގެ މުހިންމު ޒިންމާ އަދާ ކުރާ ފަރާތަކީ ބެލެނިވެރިންނެވެ. މި ޒަމާނުގައި ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ބެލެނިވެރިން ގޭތެރޭގެ މާހައުލު ހަރުދަނާ ގޮތެއްގައި ރޭވުން ބޭނުންތެރިއެވެ. އެގޮތުން އަންނަނިވި ކަންތައްތައް ގޭތެރޭގައި ތަންފީޒު ކުރެވިދާނެއެވެ.

  • ސްކްރީން ބޭނުންނުކުރާނެ ސަރަހައްދުތަކާއި ގަޑިތައް ކަނޑައެޅުން: ކާގެއާއި ނިދާކޮޓަރި ފަދަ ތަންތަނަކީ ފޯނާއި ޓެބްލެޓް ފަދަ ތަކެތި ވެއްދުން މަނާ ތަންތަން ކަމުގައި ހަދަންޖެހެއެވެ. މީގެ ސަބަބުން ކުދިންނަށް އަރާމު ނިދި ލިބުމާއި ކާގަޑީގައި އާއިލާގެ މެދުގައި އޮންނަ ގުޅުން ބަދަހިވެއެވެ.
  • ދުވަހުގެ ތާވަލެއް އެކުލަވާލުން: ކުދިންނަށް ކިޔަވާނެ ގަޑި، ކުޅޭނެ ގަޑި އަދި ސްކްރީން ބަލާނެ ވަގުތު ވަކި ތާވަލެއްގެ ދަށުން ރާވައި، ހައްދެއްގެ ތެރޭގައި ހިފެހެއްޓުމަކީ ކުދިން ޒިންމާދާރުކުރުވަން އެހީތެރިވެދޭނެ ކަމެކެވެ.
  • ޖިސްމާނީ ހަރަކާތްތަކަށް ޖާގަ ހެދުން: ގޭތެރޭގައި ކުދިންނަށް ހަށިގަނޑު ހަރަކާތްތެރިކޮށްލެވޭނެ ފަދަ ކުޅޭނެ ބައެއް ހަދައި، ކުރެހުމާއި ފޮތްކިޔުން ފަދަ ކަންކަމަށް ވަސީލަތްތައް ފޯރުކޮށްދިނުމުން، ފޯނަށް ހުންނަ ޝައުގުވެރިކަން ކުޑަވެ ފަލަވުމުގެ މައްސަލައިން ސަލާމަތްވެއެވެ.
  • ހުޅުވާލެވިފައިވާ މުއާމަލާތާއި ނަމޫނާ ދެއްކުން: ކޮންމެ ދުވަހަކުވެސް ކުދިންނާއެކު ވާހަކަދައްކައި، އޮންލައިންކޮށް ދިމާވާ ސައިބަރބުލީންގް ފަދަ ކަންކަމަށް ހޭލުންތެރިކުރުވަން ޖެހެއެވެ. އަދި ބެލެނިވެރިން އަމިއްލައަށް ގޭތެރޭގައި ފޯނު ބޭނުންކުރުން މަދުކޮށް، ދަރިންނަށް ރަނގަޅު ނަމޫނާއެއް ދައްކަންޖެހެއެވެ.

ޖުމްލަކޮށް ބަލާއިރު، ރާއްޖޭގައާއި ބޭރު ގައުމުތަކުގައިވެސް ޑިޖިޓަލް ވަސީލަތްތަކުން އަމިއްލަ ދިރިއުޅުމުގައި ޑިޖިޓަލް ލިޓްރެސީ ނުވަތަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. ފޯނާއި އޮންލައިން ޕްލެޓްފޯމްތައް އިތުރަށް ބޭނުންކުރުމަކީ ދެވިހިފުމާއި، މީހުންނާ އެކަހެރިވުމާއި، ހަށިގަނޑުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ތަފާތު ދިރާސާތަކުން ނަތީޖާ ދައްކާގޮތުގައި، ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުމުގެ ފައިދާހުރި މޮޑެލްތަކެއް އެކުލަވާލައި ތަންފީޒުކުރުމާއި، ޓެކްނޮލޮޖީ ބޭނުންކުރުމުގެ އަޚުލާގީ މިންގަނޑުތަކެއް ކަނޑައެޅުމާއި، ޑިޖިޓަލް ވަސީލަތްތައް ވިސްނުންތެރިކަމާއެކު ބޭނުންކުރުމުގެ ސަގާފަތެއް މުޖުތަމައުގައި އަށަގެންނެވުން ކޮންމެހެންމެ މުހިންމެވެ.

މިއަދުގެ ކޮލަމު ނިންމާލުމުގެ ކުރިން މި ލިޔުންކޮޅުގައި ފާހަގަކޮށްލެވޭ މުހިންމު ނުކުތާތަކަށް އެކުލަވާލެވިފައިވާ 3 ސުވާލާއި އޭގެ ޖަވާބު ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ވަކިކޮށް ލިޔެލާނަމެވެ.

  1. ސުވާލު: ޑިޖިޓަލް ވަސީލަތްތައް ހައްދެއްނެތި ނުވަތަ އިތުރަށް ބޭނުންކުރުމުން އިންސާނާގެ ނަފްސާނީ ސިއްހަތަށް ކުރަނީ ކޮންކަހަލަ ނޭދެވޭ އަސަރުތަކެއް؟
  • ޖަވާބު: އިންޓަނެޓާއި މީސްމީޑިއާ އިތުރަށް ބޭނުންކުރުމަކީ މީހާ މުޖުތަމައުން އެކަހެރިވެ، ސްޓްރެސް ބޮޑުވެ، ހާސްކަމާއި އަދި މާޔޫސްކަން އުފެދުމަށް މަގުފަހިވާ ކަމެކެވެ.
  1. ސުވާލު: ގިނަވަގުތު ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރުން އިތުރުވުމުން ކުޑަކުދިންނާއި ޒުވާނުންގެ ޖިސްމާނީ ސިއްހަތަށް ކުރާ މައިގަނޑު ނޭދެވޭ އަސަރުތަކަކީ ކޮބާ؟
  • ޖަވާބު: ގިނަވަގުތު އިށީނދެގެން އިނދެ ފޯނާއި ކޮމްޕިއުޓަރު ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގެ ހަރަކާތްތެރިކަން ކުޑަވެ، ކުޑަކުދިން ފަލަވުމުގެ މައްސަލައާއި، ނިދުމަށް ބުރޫއެރުމާއި، އަދި މަސްތަކާއި ކަށިތަކުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.
  1. ސުވާލު: ދަރިން ޑިޖިޓަލް ވަސީލަތްތަކަށް ދެވިހިފުމުން ސަލާމަތްކުރުމަށް ގޭތެރޭގެ މާހައުލުގައި ބެލެނިވެރިންނަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅަކީ ކޮބާ؟
  • ޖަވާބު: ކާގެއާއި ނިދާކޮޓަރި ފަދަ ތަންތަނަކީ ފޯނާއި ޓެބްލެޓް ބޭނުންނުކުރާނެ ސަރަހައްދުތައްކަމުގައި ކަނޑައެޅުމާއި، ދަރިންނަށް ދުވާލަކު ސްކްރީން ބަލާނެ ވަކި ވަގުތެއް ތާވަލުކޮށްދިނުމެވެ.

ހަވާލާދޭލިޔުންތައް

  • ޗިކް، ވ. މ.، އަދި ބްރިޗް، ވ. ވ. (2025). ޑިޖިޓަލައިޒޭޝަން އަދި އޭގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ދިރިއުޅުމުގެ ފެންވަރަށް ކުރާ އަސަރުތައް. ޔޫކްރެއިން. ނޭޝަންސް ހެލްތު، (2)، 74-78.
  • ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (CAM). (2023). ދިވެހިރާއްޖޭގެ މުވާޞަލާތީ ދާއިރާގެ އިންޑިކޭޓަރުތައް. މާލެ، ދިވެހިރާއްޖެ: CAM / އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (ITU).
  • ހެލްތު ޕްރޮޓެކްޝަން އެޖެންސީ (HPA). (2022). ދިވެހިރާއްޖޭގެ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އުޅުމަށް އަންނަ ބަދަލުތަކާ ގުޅޭ ހޭލުންތެރިކަން. މާލެ، ދިވެހިރާއްޖެ: މިނިސްޓްރީ އޮފް ހެލްތު.
  • މިނިސްޓްރީ އޮފް ހެލްތު އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (WHO) މޯލްޑިވްސް. (2021). ދިވެހިރާއްޖޭގައި ގައިންގަޔަށް ނުކައިދޭ ބަލިތައް (NCDs) ޖެހުމަށް މަގުފަހިވާ ކަންތައްތަކާ ގުޅޭ 'ސްޓެޕް ސަވޭ'. މާލެ، ދިވެހިރާއްޖެ: މިނިސްޓްރީ އޮފް ހެލްތު.
  • މިނިސްޓްރީ އޮފް ހެލްތު. (2024). ގައުމީ ޑިޖިޓަލް ހެލްތު ސްޓްރެޓެޖީ (2024-2030): ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ޚިދުމަތްތައް ބަދަލުކުރުން. މާލެ، ދިވެހިރާއްޖެ: މިނިސްޓްރީ އޮފް ހެލްތު.
  • އާސަންދަ ކޮމްޕެނީ ލިމިޓެޑް. (2024). އާންމު ސިއްހީ ބީމާގެ ނިޒާމު ޑިޖިޓަލްކުރުމާއި ޓެލެމެޑިސިން ފުޅާކުރުމާ ބެހޭ އަހަރީ ރިޕޯޓު. މާލެ، ދިވެހިރާއްޖެ: އާސަންދަ.

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް