ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބީއެމްއެލް އިން ފޯރުކޮށްދިން 200,000 (ދެލައްކަ) ރުފިޔާގެ މާލީ އެހީތެރިކަމާއެކު "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމްއިއްޔާއިން ހިންގި މި މަޝްރޫޢަކީ، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޖުތަމަޢަށް ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިޤްތިޞާދީ އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫޢުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.












