September 21, 2024 01:25
Advertisement

-Advertisement-

ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ޒުވާންކަން ގިނަދުވަހު ދަމަހައްޓާނީ ކިހިނެއް؟

އުމުރުން ދުވަސްވަމުންދާ ވަރަކަށް މީހާއަށް އަންނަ ބަދަލުތައް ނުވަތަ "އެންޓި-އޭޖިން" ކުޑަކުރުމަށް ކަމަށްބުނެ އުފައްދާފައިވާ ތަފާތު އެކި ބާވަތް ބާވަތުގެ އެތައް ވައްތަރެއްގެ ޕްރޮޑަކްޓްތައް ބޮޑެތިކުންފުނިތަކުން މާކެޓަށް ނެރެމުންދެއެވެ. މީގެ ތެރޭގައި މިކަމަށް ހާއްސަ ކްރީމްތަކާއި، އެކިވައްތަރުގެ ބޭހާއި ޒުވާންކަން ދެމެހެއްޓުމަށްޓަކައި ކެއުމަށް ނުވަތަ ބުއިމަށް ހާއްސަ އެތައް ވައްތަރުތަކެއް ހިމެނެއެވެ. މިފަދަ ޕްރޮޑަކްޓްތަކުގެ ސަބަބުން މީހާއުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ބަދަލުތައް ނައަންނާނެ ކަމަށް ހީކޮށްގެން ތިބުން އެއީ އަދި އެންމެ ރަނގަޅުގޮތެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ބާވަތްތަކުގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ ބައެއް މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. މިސާލަކަށް ފައިދާހުރި ކާނާތައް ކެއުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދާފަދައިންނެވެ.

މީހާ އުމުރުން ދުވަސްވަމުންދާ މިންވަރު ހިސާބު އަދަދަކުން މިނައެއް ނުލެވޭނެއެވެ. އެހެންކަމުން "އެންޓިއޭޖިން" ކުޑަކުރުމަށްޓަކައި ދެވޭފަރުވާތަކުން ނަތީޖާތައް ނުކުންނަކަން ހޯދައިގަންނާނީ ކިހިނެތްހެއްޔެވެ؟ އެންޓި އޭޖިންގެ އެންމެ ރަނގަޅު ޕްރޮޑަކްޓަކީ އެޕްރޮޑަކްޓެއްގެ ސަބަބުން އުމުރުން ދުވަސްވުމުން މީހާއަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ ޕްރޮޑަކްޓެކެވެ. މީގެއިތުރުން މީހާއަށް އުމުރުން ދުވަސްވާރަކަށް ޖެހޭ ބަލިތައްވެސް ކުޑަވާންވާނެއެވެ. އިންސާނުން އުމުރުން ދުވަސްވާވަރަކަށް އެމީހާގެ ހަރުދަނާކަން އިތުރުވަމުންދެއެވެ. އެހެންކަމުން މީހާގެ އުމުރާއި އެއްވަރަށް ހަރުދަނާވަމުން އަންނަ މިންވަރު ހޯދުމަށްފަހު، ޒުވާންކަން ދެމެހެއްޓުމަށްޓަކައި ބޭނުންކުރެވޭ އެއްވެސް ބާވަތަކުން މިމިންވަރަށް އެއްވެސް ބަދަލެއް އާދޭތޯ ހޯދައިގަނެވިދާނެއެވެ. މިއީވެސް މިފަދަ ބާވަތްތަކުން އުމުރުން ދުވަސްވާވަރަކަށް އަންނަ ބަދަލުތައް ކުޑަވަމުން އާދޭތޯ ބަލައިލެވޭނެ ގޮތެކެވެ.

މިއަށް ނުފެތޭ ބާވަތެއްގެ އެއްޗަކީ ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ އެއްޗެއްކަމަށް ނުބެލެވޭނެއެވެ. އެއީ އެއެއްޗެއްގެ ސަބަބުން މީހާގެ އުމުރު ދިގުކޮށްދީ އަދި މީހާ އުމުރުން ދުވަސްވަމުންދާވަރަކަށް އަންނާނެ ބަދަލެއް އައުން ލަސްވިކަމުގައިވިނަމަވެސް މެއެވެ. "އެންޓި-އޭޖިން" ނުވަތަ ޒުވާންކަން ދެމެހެއްޓުމުގެ މާނައާއި ބެހޭގޮތުންވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެހެންކަމުން މީގެ އަސްލުމާނައަކީ ކޮބައިކަމާމެދުވެސް ވަނީ ތަޖްރިބާކާރުންގެ މެދުގައި އޮޅުންތަކެއްވެސް އުފެދިފައިވެއެވެ. އެހެންކަމުން މިފަދަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނިތަކުންނާއި އަދި މިކަމާ ގުޅޭގޮތުން ދިރާސާކުރާ ސައިންސްވެރިން ދޭމައުލޫމާތުގެ ސަބަބުން އާންމުންވެސް ވަނީ އޮޅުންތަކެއްގެ ތެރޭގައެވެ. "އެންޓި އޭޖިން"ގެ ގޮތުގައި މާކެޓަށް ނެރެވޭ ޕްރޮޑަކްޓްތަކަކުން ސިއްހަތަށްވެސް ފައިދާތަކެއްކޮށްފާނެއެވެ. އަދި މިބޭނުން ކުރުމުގެ ސަބަބުން އުމުރުން ދުވަސްވުމުގެ ބައެއް އަލާމާތްތައްވެސް މަޑުޖައްސާލައެވެ. މިސާލަކަށް ހަންގަނޑުގައި ޖެހޭ ރޫތައް ފިލުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބާވަތްތައް ނުވަތަ "އެންޓި ރިންކަލްސް"އިން ހަމައެކަނި ފަރުވާއެއް ލިބިގެންދަނީ އުމުރުން ދުވަސްވުމުން މީހާއަށް ދިމާވާ އެތައްކަމެއްގެ ތެރެއިން ހަމައެކަނި ހަންގަނޑުގެ ރޫތައް ޖެހުން މަދުކުރުމެވެ. އަދި މިއީ މީހާގެ އުމުރު ދިގުކޮށްދީ އުމުރުން ދުވަސްވާވަރަކަށް މީހާއަށް އަންނަ ހަރުދަނާކަމަކާއި އެހެނިހެން ކަންތައްތަކަށް އެއްވެސް ބަދަލެއް ގެނުވާއެއްޗެއްނޫނެވެ. އެހެންކަމަށްވާނަމަ، ސައިންސްގެ ރޮނގުންމާނަކުރާއިރު، "އެންޓި ރިންކަލް" އަކީ މިއީ މީހާ އުމުރުން ދުވަސްވުން މެދުވެރިވުމުން ދުރުކޮށްދޭއެއްޗެއް ނޫނެވެ.

Advertisement

އިންސާނުން އުމުރުން ދުވަސްވަމުންދާގޮތާއި ބެހޭގޮތުން ތަހްލީލުތައް ކުރުމަކީ އެކަމަށްވެސް ވަރަށް ހަރަދުތައްދާ އަދި ވަރަށްގިނަ ވަގުތުތައްވެސް ހޭދަވެގެންދާކަމެކެވެ. މީގެއިތުރުން، އުމުރުން ދުވަސްވުމުން ދުރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮޑަކްޓްތަކުގެ ސަބަބުން އިންސާނުންނަށް ހެޔޮބަދަލުތަކެއް އަންނަކަށް ދަނެގަތުމަށްޓަކައި ކުރެވޭނެ ޓެސްޓްތަކެއްވެސް ނެތެވެ. މިފަދަ ޓެސްޓްތައް ކާމިޔާބުތޯ ބެލުމަށް ތަހްލީލުތައް ކުރެވެނީ ޖަނަވާރުތައް ބޭނުންކޮށްގެންނެވެ. ޖަނަވާރުން އުފައްދަވާފައިވަނީ އަހަރެމެން އިންސާނުންނާއި ވަރަށްވެސް ތަފާތުކޮށެވެ. އެހެންކަމުން އިންސާނުންގެ އުމުރު ދިގުވެދާނެތޯ ބެލުމަށް ކުރެވޭ މިފަދަ ޓެސްޓްތައް ކުރަންޖެހޭނީ ވަރަށްވެސް ވިސްނުންތެރިކަމާއެކުއެވެ. ޖަނާވާރުން ބޭނުންކޮށްގެން ކުރެވޭ މިފަދަ ޓެސްޓްތަކުން އުފައްދާ ބާވަތްތައް އިންސާނުން ބޭނުންކުރުމުން އިންސާނުންނަށް އޭގެއިން އެދެވޭ ނަތީޖާތަކެއް ނުފެނިދާނެއެވެ. މިސާލަކަށް މިހާތަނަށް ކުރެވުނު ތަހުލީލުތަކުން އެންމެ އުމުރު ދިގުކުރެވުނީ ބިމުގައި އުޅޭ ފަނިތަކަކަށް އިންސާނުން އުފައްދާފައިވާ އެންޓިއޮކްސިޑެންޓެއް ކަމަށްވާ "އީ.ޔޫ.ކޭ-8" ދެވިގެންނެވެ. އެންޓިއޮކްސިޑެންޓަކީ އޮކްސިޖަން ގޭހާއި އެއްނުވާ މާއްދާތަކެވެ. "އީ.ޔޫ.ކޭ-8" ދިނުމުން ފަނިތަކުގެ އުމުރު ސާޅީސް އިންސައްތަ އިތުރުވިއެވެ. އެހެންނަމަވެސް ސައިންސްވެރިންނަށްވަނީ މިފަދަ ނަތީޖާއެއް ތަކުރާރުކޮށް ނުނެރެވިފައެވެ. މިކަމުން ދޭހަވަނީ މިފަދަ ޓެސްޓްތަކުން ކޮންމެ ކޮންމެ ހާލަތަކަށް ނަތީޖާތަކެއް ނުނެރެވިދާނެކަމެވެ.

މިހާހިސާބުން "އެންޓި-އޭޖިން" އާއި ގުޅޭގޮތުން ސައިންސްވެރިން ހޯދާފައިވާ ކަންތަކަށް ބަލާލާނަމެވެ.

"އެންޓި އޮކްސިޑެންޓްސް" އަކީ "ފްރީ ރެޑިކަލްސް" ނައްތާލަދިނުމަށް އެހީވެދޭ އެއްޗެކެވެ. "ފްރީ ރެޑިކަލްސް" އަކީ  އޮކްސިޖަން ބޭނުންކޮށްގެން އިންސާނާގެ ހަށިގަނޑުގައި ހަކަތަ އުފައްދާއިރު އުފެދިގެން އަންނަ ބައިޕްރޮޑަކްޓެކެވެ. އެއްޒައްރާ ނުވަތަ އެކައްޗަށްވުރެ ގިނަ ޒައްރާތަކެއް އެކުލެވޭ "ފްރީ ރެޑިކަލްސް" އަކީ ވަރަށްވެސް ގަދައަށް  އެހެނިހެން މާއްދާތަކާ އެކުވެގަންނަ ނުވަތަ ރިއެކްޓްކުރާ މާއްދާއެކެވެ. އަދި މިއީ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށްލާ މީހާއަށް އަވަހަށް އުމުރުން ދުވަސްވަމުން އަންނަކަމުގެ ނިޝާންތައް ދައްކުވައިދޭ އެއްޗެކެވެ. "އެންޓިއޮކްސިޑެންޓަ"ކީ ފްރީރެޑިކަލްސް ނައްތާލުމަށް އެހީވެދޭ މާއްދާއެކެވެ. އެންޓިއޮކްސިޑެންޓަކީ އިންސާނުން އުފައްދާފައިވާ ބައެއް ތަކެތީގައިވެސް ހިމެނޭ މާއްދާއެކެވެ. އެންޓިއޮކްސިޑެންޓް ހިމެނޭ ބައެއް ގުދުރަތީ ކާނާގެ ތެރޭގައި، ބްލޫބެރީ، މޭބިސްކަދުރު، ސޯޔާ ބީންސް، ކިވީ އަދި ގްރީންޓީ ފަދަ ބާވަތްތައް ހިމެނެއެވެ. އިންސާނުން އުފައްދާފައިވަ ބާވަތްތަކުގެ ތެރެއިން ވިޓަމިން އޭ، ސީ، އަދި ޢީ ޓެބްލެޓްތަކުގައި ގިނައަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނެއެވެ. މިފަދަ ބޭސްތަކުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރުތަކެއް އިންސާނުންނަށް ކޮށްފާނެކަމަށް ދިރާސާތަކުން ނުދައްކައެވެ. މީގެއިތުރުން މިފަދަ ބޭސްތަކުގެ ސަބަބުން މީހާއަށް އުމުރުން ދުވަސްވާރަކަށް އަންނާނެ ބަދަލުތައް ކުޑަކޮށްދޭނެ ކަމުގެ ދިރާސާތަކެއްވެސް ނެތެވެ. ޖަނަވާރުން ބޭނުންކޮށްގެން ކުރެވުނު ތަހުލީލަކުން ދައްކާގޮތުގައި، އެންޓިއޮކްސިޑެންޓަކުން އުމުރުން ދުވަސްވާވަރަކަށް އެއަށް އަންނަ ބަދަލުތައް ކުޑަކޮށްނުދެއެވެ. އެހެންނަމަވެސް، އޭގެ އުމުރު ކޮންމެވެސް ވަރަކަށް ދިގުކޮށްދެއެވެ.

މިދާއިރާގައި މިފަހަކަށް އައިސްއެންމެ މަޝްހޫރުކަމެއް ހޯދާފައިވަނީ ސްޓެމް ސެލްސްއެވެ. ސްޓެމް ސެލްސްއަކީ އެސެލްއަކުން އެހެނިހެން ހުރިހާ ވައްތަރެއްގެ ސެލްތަކެއް އުފެދޭ އެންމެ މައިގަނޑު ނުވަތަ ޕްރައިމަރީ ސެލްތަކެވެ. ހަލާކުވެގެންދާ ގުނަވަންތަކަށް ފަރުވާ ހޯދުމަށް ސްޓެމް ސެލްސްގެ ބޭނުން ކާމިޔާބުކަމާއެކު ކުރެވިދާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން އުމުރުން ދުވަސްވަމުން އަންނަވަރަކަށް މީހާއަށް ޖެހޭބަލިތަކުން ފަރުވާހޯދުމަށާއި ޒުވާންކަން ދެމެހެއްޓުމަށްޓަކައި ސްޓެމްސެލްގެ ބޭނުންކުރެވިދާނެ ކަމީވެސް ތަޖްރިބާކާރުންގެ މެދުގައި ޝައުގުވެރިކަން އުފެދިފައިވާ ދާއިރާއެކެވެ. އެހެންނަމަވެސް ހަލާކުވެގެންދާ ސެލްތައް އުފައްދައިދިނުމަށް ސްޓެމްސެލްގެ ރޯލެއް އޮތްނަމަވެސް، ސްޓެމްސެލްގެ ބޭނުންކޮށްގެން ޒުވާންކަން ދެމެހެއްޓިދާނެ ކަމަށް ހެކިދޭނެފަދަ ދިރާސާތަކެއް ނެތެވެ. ސްޓެމްސެލްތައް އުފެއްދުމަކީ ނުވަތަ ހޯދުމަކީވެސް ވަރަށްވެސް އުނދަގޫ ކަމެކެވެ. ބައެއް ދާއިރާތަކުގައި ސްޓެމްސެލްގެ ބޭނުން ވަރަށްވެސް މުހިންމެވެ. މިސާލަކަށް ލޭއަދި ކަށީގެ މަދައިން ނެގޭ ސްޓެމްސެލްތަކަކީ ދިފާއީ ނިޒާމާއި، ހިތުގެ ބަލިތަކަށް ފަރުވާހޯދުމަށް ބޭނުންކުރެވިދާނެ ސެލްތަކެވެ. އަދި ޅަޖަނަވާރުތަކުން ނެގޭ ސްޓެމްސެލްތައް ބޮޑެތި ޖަނަވާރުންނަށް ބޭނުންކުރުމުން އެއެއްޗެހީގެ އުމުރު ދިގުވެގެންދާކަމަށް ތަހްލީލުތަކުން ދައްކައެވެ. އެހެންނަމަވެސް ސްޓެމްސެލްތަކާއި ގުޅޭ ދިރާސާތަކާއި ތަހްލީލުތައް އަދިވެސް ވަނީ ވަރަށް ޅަފަތުގެ މަރުހަލާއެއްގައިކަމުން ޒުވާންކަން ދެމެހެއްޓުމަށް ސްޓެމްސެލްގެ ބޭނުންކުރަން ފެށުން  އަދިވެސް ވަނީ ދުރުމުސްތަގްބަލެއްގައެވެ.

"ކެލޮރީ ރެސްޓްރިކްޝަން"(ސީ.އާރް) ނުވަތަ ހަށިގަނޑަށް ލިބޭކެލޮރީގެ މިންވަރު މަދުކުރުމަށްޓަކައި ގަވާއިދުން ރޯދައަށް ހުރުމަކީ އުމުރުން ދުވަސްވާވަރަކަށް މީހާއަށް ދިމާވާކަންތައްތަކުން ދުރުވުމަށް މިހާތަނަށް ހޯދިފައިވާ އެންމެ ކާމިޔާބުއެއް ހައްލެވެ. ޖަނަވާރުން ބޭނުންކޮށްގެން ކުރެވިފައިވާ ވަރަށްގިނަ ތަހްލީލުތަކުން ސީ.އާރްގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އަދި ލޭގެ ޕްރެޝަރ ދަށްވެގެންދާކަމަށް ދައްކައެވެ. މީގެއިތުރުން މީދާތައް ބޭނުންކުރެވިގެން ކުރެވިފައިވާ ތަހްލީލެއްގައި ދައްކާގޮތުގައި، ސީ.އާރްގެ ސަބަބުން އުމުރުން ދުވަސްވާރަކަށް ޖެހޭބަލިތައް ކަމަށްވާ ހަކުރުބަލި އަދި ކެންސަރ ޖެހުން ކުޑަކޮށްދެއެވެ. ޖަރާސީމާއި ބައެއް ދިރޭ ސޫފާސޫފި ބޭނުންކޮށްގެން ކުރެވުނު މިފަދަ ތަހްލީލަކުންވެސް ވަނީ ކާމިޔާބު ނަޖީޖާތަކެއް ހާސިލްކުރެވިފައެވެ. ސީ.އާރްގެ ތަހްލީލުތައް ކުރެވުނު ޖަނަވާރުތައް ބަލާބެލުމަށްވެސް އެއުމުރުގެ އެހެނިހެން ޖަނަވާރުތަކާއި އަޅާބަލާއިރު ޒުވާންކޮށްދައްކައެވެ. އެހެންނަމަވެސް މީދާތައް ބޭނުންކޮށްގެން ކުރެވުނު ތަހްލީލަކުން ދައްކާގޮތުންނަމަ، އުމުރުގެ ވަކިހިސާބަކަށް ދިޔުމުން ސީއާރްގެ ބޭނުން ކުރިކަމުގައިވިނަމަވެސް، އުމުރުދިގުވާކަމުގެ ނުވަތަ އެންޓިއޭޖިންގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. މިއީޒުވާންކަން ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ބޭނުންނަމަ މިހާރު ހޯދިފައިވާ ހޯދުންތަކުގެ ތެރެއިން ސީ.އާރް އަކީ އެންމެ ކާމިޔާބު އެއްހޯދުމެވެ.

އެންޓިއޭޖިން ޕްރޮޑަކްޓަތައް އުފައްދާ ކުންފުނިތަކުންވެސް ބުނާގޮތުގައި، ޒުވާންކަންމަތީ މީހާ ގިނަދުވަހު ހުރުމަށް ބޭނުންވާނެ "މެޖިކް ޕިލް" އެއް ނެތެވެ. އެހެންނަމަވެސް މީގެމާނައަކީ، ކެއިން ބުއިމަށާއި ދިރިއުޅުމަށް ގެނެވޭ ބަދަލުތަކަކުން މީހާގެ ޒުވާން ކަން ގިނަދުވަހަށް ދަމަހައްޓައިނުގަނެވޭނެ ވާހަކައެއްނޫނެވެ. ފައިދާހުރި ކާނާތައްކަމަށްވާ ތާޒާމޭވާ އަދި ތަރުކާރީ ގިނަކޮށް، ތެލާއި ހަކަތަގިނައިން އެކުލެވޭ ކާނާތައް މަދުކުރުމާއިއެކު ގަވާއިދުން ކަސްރަތުކުރުމުން މީހާ ސިއްހަތު ދުޅަހެޔޮވުމުގެ އިތުރުން މީހާގެ ޒުވާންކަން ގިނަދުވަހަށް ދެމިގެންދާނެއެވެ. ދުނިޔޭގެ އެންމެ އުމުރުދިގުމީހުން އުޅޭކަމަށް ބެލެވޭ ޖަޕާނުގެ އޮކިނަވަން އާބާދީއަށް ބަލާލަމާހިނގާށެވެ. މިއާބާދީގެ ވަރަށްގިނަ ބަޔަކު ސަތޭކަ އަހަރަށްވުރެ ގިނަދުވަސް ވަންދެން ދުނިޔޭގައި އުޅެއެވެ. މިމީހުންގެ ތެރެއިން އުމުރުން ދުވަސްވެފައިވާ މީހުންނަށް އުމުރުން ދުވަސްވަމުންދާވަރަކަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ޖަޕާނުގެ އެހެނިހެން ހިސާބުތަކުގެ މީހުންނާއި އަޅާބަލާއިރު ވަރަށްވެސް ކުޑައެވެ.

އޮކިނާވާގެ މީހުން ގިނައިން ކައިއުޅެނީ ތާޒާ ތަރުކާރީއާއި މޭވާއެވެ. އެމީހުންނަކީ ތައްޔާރުކޮށްފައިވާ ކާނާއާއި، ދަޅުގައި ބަންދުކުރެވިފައިވާ ކާނާތަކުގެ އިތުރުން ހަކުރު ގިނައިން އެކުލެވޭ ކާނާތަކާއި ދުރުހެލި ބައެކެވެ. މީގެއިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ކަސްރަތު ނުކުރުމާއި، ލޭގެ ޕްރެޝަރ މައްޗަށް ދިޔުން އަދި މީހާ ފަލަވުމަކީ މީހާގެ ޒުވާންކަން އަވަހަށް ނެތިގެންދާފަދަ ކަމެކެވެ. 45 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުން ބޭނުންކޮށްގެން ކުރެވިފައިވާ ދިރާސާއެއްގައި ދައްކާގޮތުގައި، ގަވާއިދުން ކަސްރަތުކޮށް، ދުވާލަކު މަދުވެގެން ފަސްވައްތަރެއްގެ މޭވާ ނުވަތަ ތަރުކާރީ ބޭނުންކުރާމީހުންގެ ހިތުގެ ބަލިތަކާއި، އުމުރުން ދުވަސްވާވަރަކަށް ޖެހޭ މައްސަލަތައް ޖެހުމުގެ ފުރުސަތުކުޑައެވެ.

އެހެންކަމުން ތިބާ ދެން "އެންޓި-އޭޖިން'" ޕްރޮޑަކްޓެއް ގަންނައިރު ހަނދާނުގައި ބަހައްޓަންވީކަމަކީ ކުންފުނިތަކުން ވިއްކަމުން ދަނީ ހަމައެކަނި މާކެޓިންގެ އުކުޅުތައް ބޭނުންކޮށްގެން މީހުންގެ ސިކުނޑިތަކާއި ކުޅެލުމަށްޓަކައި ވިއްކަމުންއަންނަ ބާވަތްތައް ކަމެވެ. މީހާގެ ޒުވާންކަން ގިނަދުވަހަށް ދެމިގެންދާނީ ދިރިއުޅުމަށް ގެނެވޭ ދުޅަހެޔޮ ބަދަލުތަކުންނެވެ.

 

ނޯޓް: މިއީ ޕްރޮފެސަރ ޑރ.ހަސަން އުގެއިލް ލިޔުއްވައިފައިވާ އަދި ކުރިން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

+1
4
+1
31
+1
14
+1
6
+1
5
+1
3
+1
2

Advertisement

ގުޅުންހުރި ލިޔުންތައް