އޮޅުއަލަ އަކީ ޒަމާނުއްސުރެ ރާއްޖޭގެ ބައެއް ރަށްރަށުގައި ވަރަށްގިނައިން ހައްދާ ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ވަރަށްމީރު ފަލަމަޑީގެ ބާވަތެކެވެ. މިގޮތުން ގދ.ގައްދޫ މީހުން އެރަށް ކައިރީގައި އޮންނަ ގަމުގައި ދިޔައީ އޮޅުއަލަ ވަރަށްގިނައިން ހައްދަމުންނެވެ. އަދި ޏ. ފުވައްމުލަކުގެ ގޭގޭގެ ގޯތިތެރޭގައި އަލައޮޅުތައް މިހާރުވެސް ހުރެއެވެ. ގދ. ވާދޫ އާއި އައްޑޫސިޓީގެ އެކި ރަށްރަށުގައިވެސް އަލައޮޅުތައް ދަނީ ހައްދަމުންނެވެ.
އެންމެ ގިނައިން އަލަ ހައްދަމުންދިޔަ ގދ. ގަމުގެ ގިނައަދަދެއްގެ އަލައޮޅުތައް މަރުވެ އަލުން ހެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، ފާހަގަކުރެވޭ ކަމަކީ އަމިއްލަ ގޯތީގައި ކުޑަޖާގައެއްގައި ކުދިކުދި އަލައޮޅު ހެއްދުމުގެ މަސައްކަތް މީހުން ކުރަން ފަށައިފައިވާކަމެވެ. 'ޒީޓައިމްސް' އިން ފަރެސްމާތޮޑާ އަށް ކުރި ދަތުރުގައި ވަނީ މިފަދަ އޮޅުތައް ފެނިފައެވެ.

ފަރެސްމާތޮޑާ ގެ ފަރެސް އަވަށުން ވާހަކަދެއްކި މީހަކު މައުލޫމާތު ދިންގޮތުގައި އެއަވަށުގައި އެކަނިވެސް 6 ގެއެއްގެ ގޯތީގައި ދަނީ އަލައޮޅުތައް ހައްދަމުންނެވެ. މިގޮތަށް ހައްދާފައިވާ ބައެއް އަލައޮޅުތަކުން މިހާރުވަނީ އަލަވެސް ކަނޑާފައެވެ. އެހެންވުމުން މިއީ ކާމިޔާބު ކަމާއިއެކު އަމިއްލަ ރަށުގެ ގޯތީގައި ވެސް ކުރެވިދާނެ ކަމެއް ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

"މި އޮޅުގައި މިހިރީ އެކި ރަށްރަށުން ހޯދި ތަފާތު ވައްތަރުގެ އަލަގަސްތައް. އޭގެތެރޭގައި ރަތްއަލަ، ހުދުއަލަ އަދި އޮޅުއަލަ ހިމެނޭ. ފުރަތަމަ ފަހަރަށް އިންދީމަ އެހާ އަލަ ބޮޑެއްނޫން. އެކަމަކު ދެން ގަސް އިންދުމުން އަލަ ބޮޑުވާނެކަމަށް ބެލެވޭ." ފަރެސް އަވަށުގައި އަލަ ހައްދަމުން އަންނަ މީހަކު އޭނާގެ އޮޅު ދައްކާލަމުން ބުންޏެވެ.
ވީޑިއޯ:ފަރެސްއަވަށުގައި ހުރި އަލައޮޅަކުން ޒީޓައިމްސްގެ އެޑިޓަރ އަލަ ކަނޑަނީ
ރާއްޖޭގެ ބައެއް ރަށްރަށުގައި އަލަހެއްދުމަށް އެހާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. މިސާލަކަށް ޏ. ފުވައްމުލަކުގައި ބިން ރަނގަޅުވުމުން ފަސޭހައިން އަލަ ހެދެއެވެ. އާންމުކޮށް ދަނޑުގޮވާން ކުރާއިރު ކުރަންޖެހޭ ފަސްގަނޑުޖެހުމާއި، ފެންދިނުން ފަދަ ކަންތައް އަލަ ހެއްދުމުގައި ކުރަން ނުޖެހެއެވެ. ޗަސްބިން ނުހުންނަ ރަށްރަށުގައި ގޭގޭގެ ގޯތިތެރޭގައި އޮޅުއަލަ ހައްދަނީ އެކަމަށް ޚާއްސަކޮށް ބިންގަނޑުކޮނެ ޗަސް ބިމެއް ތައްޔާރުކޮށްގެންނެވެ. ޕޮޓުގައި ވެސް ބައެއް މީހުން ދަނީ މިހާރު އަލަގަސް ހައްދަމުންނެވެ.

އަލަގަސް އިންދުމަށްފަހު އަލަކަނޑާވަރު ވަނީ އާންމުގޮތެއްގައި 6މަސް ދުވަހުންނެވެ. އަލަ ފޭބުމުން އަލަގަސް އުފުރުމަށްފަހު އޭގައި ހުންނަ އަލަކަނޑާ، ގަސް އަލުން އިންދައެވެ. އޮޅުގައި ހުންނަ އަލަ އެކި ދުވަސްވަރުގައި ކަނޑަމުންދާތީ ހުސްނުވެ ގިނަ ދުވަހަށް އަލަ ލިބެން ހުރެއެވެ. އެހެންނަމަވެސް ވާރޭވެހި ފެންބޮޑުވެ އަލައޮޅުތަކަށް ބޮޑެތި ގެއްލުންތައް ފަހަކަށްއައިސް ލިބެމުންދާކަމަށް އޮޅުއަލަ ހައްދާ މީހުން ވަނީ މައުލޫމާތުދީފަ އެވެ. މިގޮތަށް ފެންބޮޑުވުމުން އަލަ ހަލާކުވެ ރަނގަޅަށް ހުންނަ އަލައިގައިވެސް މީރުރަހައެއް ނުދޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޮޅުއަލަ އެންމެގިނައިން ކައިއުޅެނީ ފެނުކައްކައިގެންނެވެ. ގަރުދިޔަ އަދި ހުނި، ފިޔާ، މިރުހާއި އެކު ކާލަން މިއީ ވަރަށް މީރުކެއުމެކެވެ. އަދި އަލަ ބޯކިބަލާއި، 'ގަރެދެ ފަތެފޮޅި' ފިހުމަށްވެސް އޮޅުއަލަ ދަނީ ބޭނުން ކުރަމުންނެވެ. މާލޭގެ ބާޒާރުގައި އާންމުގޮތެއް ރަނގަޅު ފެންވަރުގެ އޮޅުއަލަ ކިލޯއެއް އުޅެނީ 70 ރުފިޔާއަށްވުރެ މަތީގައެވެ.