ގޭތެރޭގައި ކުދިވެރިން ގެންގުޅޭ 'ބްލޮކް' އަކަށް އެރިގެން ނުވަތަ 'ޑޯލް' އަކަށް އެރިގެން ނުވަތަ 'ރޭސް ކާރެއް' ކަހަލަ އެއްޗަކަށް އެރި ކައްސާލާ ގޮތްވީހެއްޔެވެ. ކައްސާ ނުލިޔަސް އެ އެއްޗެހި ބިންމަތީގެ އެކިތަންތަނަށް އުކާފަ ހުންނާތީ ވަރަށް އުނދަގޫ ފަހަރުވެސް އާދޭ ދޯއެވެ. ގިނަ ފަހަރަށް އަމިއްލައަށް އެތަކެތި ނަގަންވެސް ޖެހޭދޯއެވެ. ގޭތެރޭގައި ކުޑަކުދިން ކުޅޭ ނަމަ އެކުދިން ކުޅެ ނިންމާފައި އެ ތަކެތި ނަގަން އާދަކުރުވިދާނެ ގޮތްތައް ހުންނާނެއެވެ. ގޭތެރެ ރީތިކޮށް ބޭއްވުމަށް ދަރިންނަށް ބުނެދީ އެ އާދަ ހިފުވަންވާނީ އެކުދިން ތުއްތު އިރުން ފެށިގެންނެވެ. އެ ކުޅޭ އެއްޗެހި ނަގަން ބުނެދޭ ހިސާބުން ފެށިގެންވެސް އެކަން ބުނެދޭން ފެއްޓިދާނެއެވެ. އެ ގޮތަށް ކުދިން ހާނުވާނެ ގޮތްތަކުގެ ތެރޭގައި،
1 – ފަހަރަކު ކަމެއް ދަރިފުޅު ލައްވާ ކުރުވުން
އެއްފަހަރާ ބައިވަރު ކަންތައް ކުރަން ދަރިފުޅު ކައިރީ ބުނާނަމަ ބައެއް ކަންތައްތައް ހަނދާނުން ކައްސާލައިގެން ހިނގައިދާނެއެވެ. ނުވަތަ ބައެއް ކަންކަން ނުކޮށް ދޫކޮށްލަފާނެއެވެ. އޭގެ ބަދަލުގައި ސީދާ ސީދާކޮށް ކުރަންވީ ކޮންކަމެއް ކަން ދަރިފުޅު ކައިރީ ބުނާށެވެ. އަދި ދަރިފުޅު ލައްވާ އެއްފަހަރާ އެތައް ބައިވަރު ކަމެއް ކުރުވުމުގެ ބަދަލުގައި ފަހަރަކު އެއް ކަމެއް ކުރުވާށެވެ. މިސާލަކަށް "ބްލޮކްސްތައް އެ ވަށިގަނޑަށް އަޅާލަބަލަ". މި ކަހަލަ ގޮތަކަށެވެ. އެއް ކަމެއް ނިމުމުން އަނެއް ކަމެއް ހަވާލުކުރާށެވެ. ބްލޮކްސްތައް ނަގާ ނިމުމުން ކާރުތައް ނަގާލަން ނުވަތަ އެހެން ކުޅޭ އެއްޗެހިތައް ވަށިގަނޑަށް އަޅާލަން ބުނެވިދާނެއެވެ.
ދަރިފުޅު ކައިރީގައި މިކަމަށް އެދޭއިރު އަންގާ އެންގުމެއް ގޮތަށް ބުނާށެވެ. 'ރިކުއެސްޓެއް' ގޮތަށް ބުނެވިއްޖެނަމަ ނޫނެކޭ ބުނުމަށް ޖާގަ ދެވުނީއެވެ. މިސާލަކަށް (މި ބްލޮކްސްތައް ވަށިގަނޑަށް އަޅާލަދެވިދާނެތަ؟) ސުވާލެއް ގޮތަށް އަހައިފިނަމަ ދަރިފުޅަށް ޖަވާބުގައި ނޫނެކޭ ބުނުމުގެ ފުރުސަތު ދެވުނީއެވެ.
2- ކުޅޭ އެއްޗެހި ނަގަން ތަކުރާރުކޮށް ބުނުން
ބުނާ އެއްޗެއް ނަގައިގަންނަ ކުޑަކުދިންނަށް ގިނަ ވަގުތު ބޭނުންވާނެއެވެ. ވީމާ އެއްފަހަރު ބުނުމަށްފަހު މަޑުމަޑުން އަމިއްލައަށް ފަހަކާ ހަމައަށް ގުނާލުމަށްފަހު އަނެއްކާވެސް ރިޕީޓްކޮށް ބުނާނެވެ. އަނެއްކާވެސް ދަރިފުޅުގެ ފަރާތުން ހަރަކާތެއް ނުފެނިއްޖެ ނަމަ އަޑަށް ބަދަލު ގެނެސްފައި މި ފަހަރު ތަންކޮޅެއް ބާރަށް ގޮވާލާށެވެ. އަދި "ބްލޮކްސްތައް ވަށިގަނޑަށް ނާޅައިފިނަމަ ދެން ބްލޮކްސް އާއި މިއަދަކު ނުކުޅެވޭނެ" މި ކަހަލަ ގޮތަކަށް ބަސްމަގު ބަދަލުކޮށްލާށެވެ. އަދި އެ ދުވަހު ބްލޮކްސް ނުކުޅެވޭހެން އަތް ނުފޯރާ ފަށުގައި އެ ތަކެތި ބަހައްޓާށެވެ.
3- ހަމަޖެހިފައި ހުރުން، ދަރިފުޅުގެ ބުއްދި ގަބޫލު ކުރާ ފަދަ ފިޔަވަޅުތައް އެޅުން
ކުޅޭ އެއްޗެހި ނުނަގައިގެން ދަރިފުޅުދެކެ ރުޅި އައުމުގެ ބަދަލުގައި ހަމަޖެހިފަހުންނަކަން ދަރިންނަށް ދައްކާށެވެ. އަދި ކުޅެ ނިންމާފައި އެއްޗެހި ނުނެގުމުގެ ސަބަބުން އެހެން ކަންކަން އުނިވާކަން އަންގާށެވެ. މިސާލަކަށް ހަފްތާއެއް ވަންދެން ޓީވީ ނުބެލޭނެ ކަމަށް އެންގުން: މިއީ ކުޑަ ކުއްޖެއްވިޔަސް ބުއްދި ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އެކަމަކު ބްލޮކްސްތައް ނުނަގައިފިއްޔާ ޓީވީ ބަލަން ލިބޭވަގުތު މަދުވެދާނެ ކަމަށް ކުޑަކުއްޖެއް ކައިރީ ބުނެގެން ގަބޫލު ކުރާނެއެވެ. އެހެންނަމަވެސް ހަފްތާއެއް ވަންދެން ޓީވީ ނުބެލި ހުންނަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރާނެ އެވެ.
4- ދަރިންގެ ކިބައިން ފެންނަން އެދޭ ސިފަތަކަށް ތައުރީފު ކުރުން
ކުޅެ ނިންމާފައި ކުޅޭ އެއްޗެހި ނަގާ ކޮންމެ ފަހަރަކު ތައުރީފު ކުރަންވާނެއެވެ. މިސާލަކަށް "ވަރަށް ރަނގަޅު" އެހެން އެކަނި ބުނެގެން ކުދިންނަށް ތައުރީފު ކުރުމުން އެ ކުދިންނަށް އޮޅުން އަރާނެއެވެ. ރަނގަޅީ ސީދާ ކޮންކަމެއް ކަމެއް އެ ކުއްޖާއަށް ނޭނގިދާނެއެވެ. އޭގެ ބަދަލުގައި "ބްލޮކްސްތައް ވަށިގަނޑަށް އެޅުމުން ހާދަ ރަނގަޅޭ" ބުނެ ދަރިފުޅުގެ ކިބައިގައި މިކަން ކުރުމުގެ އާދަ ހިފުވުމުގެ ގޮތުން ތައުރީފު ކުރާށެވެ.
މި ކަންތައްތައް ތަކުރާރު ކުރާތާ ދުވަސްކޮޅެއް ވުމުން އަމިއްލައަށް ފެނިގެންވެސް ކުދިން ކުޅޭ އެއްޗެހި ނަގަން ފަށާނެއެވެ.
މައުލޫމާތު ނަގާފައިވަނީ: ހާވާޑް މެޑިކަލް ސުކޫލް ވެބްސައިޓް
ކިޔުންތެރިންގެ ހިޔާލު
ތިގޮތަށް ލިޔެލަން ލައްކަ ފަސޭހައެވެ. އެކަމު އަމަލީމައިދާނުގަ. ޓީވީ އަޅުވާފަ ބަލަން އާދެވޭނީ އެޅީމަޔޭބުންނަސް މާޅަން އުޅެނީ
ކޮމެންޓްސް ބަންދުކުރެވިފައި