'އިންސޮމްނިއާ' ނުވަތަ ނިދަން އުނދަގޫވުމަކީ ބައެއް މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. ހަމަނިދި ނުލިބުމާއި ރޭގަނޑު ނިދަން އުނދަގޫވުމުގެ ސަބަބުން ނިދާބޭހަށް ބަރޯސާވާ ހިސާބަށްވެސް ބައެއް މީހުންގެ ހާލަތު ގޯސްވެއެވެ.
އެހެންނަމަވެސް ނިދާ ބޭހަކީ ދާއިމީ ހައްލެއް ނޫނެވެ. ނިދާ ބޭހަކީ މިމައްސަލައިގެ ކުރު މުއްދަތުގެ ހައްލެކެވެ. ނިދާބޭސް ކެއުމުގެ ކުރިން އެ ބޭހުން ތިމާއަށް ކޮށްފާނެ ނޭދެވޭ އަސަރުތަކެއް ހުރިތޯ ބަލާލުންވެސް މުހިންމެވެ. އޭގެ ސަބަބުން ލިބޭ ގެއްލުންތަކަކީ ކޮބާތޯ އެނގުން ވަރަށް މުހިންމެވެ.
ނިދާބޭހަކީ ކޮބާ؟
ގިނަ ނިދާބޭހަކީ މީހާ ގިނައިރު ނިންދަވާފައި ބޭއްވުމަށް ބޭނުންވާ މާއްދާތައް އަޅައިގެން އުފައްދާފައިވާ ބޭސްތަކެވެ. މިފަދަ ބޭސްތައް ބޭނުން ކުރުމުން މީހާގެ ހިތް މައިތިރިވެ އަވަހަށް ނިދުމަށް އެހީވެދެއެވެ. މިއީ އެއްފަހަރު ބޭނުންކޮށްފިނަމަ ދެވަނަ ފަހަރަށްވެސް ބޭނުންވެދާނެ ފަދަ 'އެޑިކްޓިވް' ބޭސްތަކެވެ.
މި ބޭސްތައް ގިނައިން ބޭނުން ކުރަން ފެށުމުން މީހާގެ ހަނދާނުގެ ބައި ބަލިކަށިކޮށް ކަންކަމަށް ދޭ ސަމާލުކަން ކުޑަކޮށްލައެވެ. ވީމާ ދިގު މުއްދަތެއްގެ ފަރުވާއެއްގެ ގޮތުން ނިދާބޭސް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ނިދާބޭހުގެ ނޭދެވޭ އަސަރުތައް ނުވަތަ ސައިޑް އިފެކްޓްސް ތަކަކީ ކޮބާ؟
އެހެނިހެން ގިނަ ބޭސްތަކެކޭ އެއްގޮތަށް ނިދާ ބޭހުގައިވެސް ސައިޑް އިފެކްޓްސްތަކެއް އެކުލެވިގެންވެއެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން ނިދާ ބޭހެއް ދޭ ނަމަ ނޭވާ ހިއްލާ ބަލި ހުންނަ މީހުންނާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ބޭހުގެ ސައިޑް އިފެކްޓްތައް ކިޔައިދެއްވާނެއެވެ. ނިދާ ބޭހުގެ ތެރޭގައި ހިމެނޭ އެމްބިއެން، ހަލްސިއަން، ލަނެސްޓާ، ރޮޒެރެމް އަދި ސޮނަޓާ ފަދަ ނަންތައް ކިޔާ ބޭސްތަކުގައި އެކުލެވޭ އާންމުކޮށް ފެންނަ ސައިޑް އިފެކްޓްސްތަކުގެ ތެރޭގައި:
- އަތްތިލަ، އަތް، ފައިތިލަ އާއި ފައި ދިލަނެގުން ނުވަތަ އައްސިވުން،
- ކެއުމަށް ބަދަލުއައުން
- ބަނޑުހަރުވުން
- ބެލެންސްގެ މައްސަލަ (އަނބުރައިގަންނަ ކަހަލަ ގޮތެއް ވުން ނުވަތަ ވެއްޓޭ ގޮތްވުން)
- ބޭރަށްހިންގުން
- ބޯއެނބުރުން
- އަނގަ ހިކިފަ ހުރުމާއި ކަރުބުޑުގައި ވައިހެދުން
- ބޮލުގައި ރިއްސުން
- މޭ އެންދުން
- ނަފްސާނީ މައްސަލަތަކާއި، ސަމާލުކަމާއި ގުޅޭ މައްސަލަތައް އަދި ހަނދާނުގެ މައްސަލަތައް
- ހަށިގަނޑުގެ ބައިތައް ކޮންޓްރޯލެއް ނެތި ތެޅުން
- އާންމުކޮށް ނުފެންނަފަދަ ހުވަފެން ފެނުން
- ވަރުދެރަވުން
މީގެ އިތުރުން ބައެއް ނިދާބޭހުގެ ސަބަބުން ވަރަށް ނުރައްކާތެރި ނޭދޭވޭ އަސަރުތައްވެސް ކުރުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި ނިދީގައި ހަރަކާތް ކުރުމާއި، އަމިއްލަ އިހްތިޔާރާއި ނުލާ ކަންކަން ކުރުން ހިމެނެއެވެ. ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލަތުގައި ހުރެގެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނިދާފައި ހުރެގެން ބޭރަށްވެސް ދެވިދާނެއެވެ. ރަނގަޅަށް ނުހޭލެވި އިނދެ ކާރެއް/ސައިކަލެއް ދުއްވުން، ފޯނުން މީހުންނާއި ގުޅައިގެން ވާހަކަ ދެއްކުން ނުވަތަ ޖިންސީ ގުޅުން ހިންގުން ފަދަ ކަންކަން އަމިއްލަ އިހްތިޔާރަކާއި ނުލާ ކުރެވިދާނެއެވެ.
ނިދާ ބޭހުގައި މިހާ ނުރައްކާތެރި ސައިޑް އިފެކްޓްސް އެކުލެވިގެންވާއިރު މިކަންކަން ދުރާލާ އެނގިފައި އޮތުމަކީ މުހިންމު ކަމެކެވެ. އޭރުން ނިދާބޭސް ބޭނުން ކުރަން ޖެހިއްޖެ ހާލާތެއްގައިވެސް މިފަދަ އަލާމާތެއް ފެނިއްޖެނަމަ މައްސަލަ އިތުރަށް ސީރިއަސްވުމުގެ ކުރިން ވަގުތުން ޑޮކްޓަރަށް ދެއްކުމަށް ސަމާލުކަން ދެވޭނެއެވެ.
އުމުރުން ދުވަސްވީ މީހުން ނިދާބޭސް ބޭނުން ކުރުން!
ތަޖުރިބާކާރުންގެ އިރުޝާދަކީ އުމުރުން 65 އަހަރުން މަތިވެއްޖެ ނަމަ ނިދާބޭހުގެ އެއްވެސް ބާވަތެއް ބޭނުން ނުކުރުމެވެ. މީގެ ތެރޭގައި އެސްޒޮޕިކްލޯން (ލަނެސްޓާ)، ޒަލެޕްލޮން (ސޮނަޓާ) އަދި ޒޮލްޕިޑެމް (އެމްބިއެން) ފަދަ ބޭސްތައް 65 އަހަރުން މަތީގެ މީހުން ކެއުން ރަނގަޅެއް ނޫނެވެ.
ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަޅާކިޔާއިރު ނިދާބޭހުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ މީހުންނަށެވެ. ދުވަސްމީހުންގެ ހަށިގަނޑުގައި ނިދާބޭހުގެ އަސަރުވެސް ގިނަ ދުވަހަށް ދެމިގެންދެއެވެ. އޮޅުންއެރުންތަކާއި ހަނދާނުގެ މައްސަލަތައްވެސް ނިދާބޭހުގެ ސަބަބުން ދުވަސްވީ މީހުންނަށް ކުރިމަތިވެއެވެ. މީގެ އިތުރުން ނިދާބޭސް ކެއުމަށްފަހު ޖެހިގެން އަންނަ ދުވަހާއި ހަމައަށްވެސް ބޯއެނބުރުމުގެ އަސަރު ނުފިލާ ހުރެއެވެ. ނިދާބޭހުގެ ސަބަބުން ވެއްޓުން ފަދަ ކަންކަންވެސް ކުރިމަތިވެއެވެ. އޭގެ ސަބަބުން އުނަގަނޑަށް އަނިޔާވުމާއި، އެކްސިޑެންޓްފަދަ ކަންކަން ހިނގަން މެދުވެރިވެއެވެ. އެހެންކަމުން ނިދާބޭސް ކެއުމުގެ ކުރިން ޑޮކްޓަރަކާއި މަޝްވަރާ ކޮށްލުން ވަރަށް މުހިންމެވެ.
ނިދާބޭސް އިހްތިޔާރު ކުރުމުގެ ކުރިން އެންމެ ބުއްދިވެރި ގޮތަކީ ނުނިދިގެން އުޅޭކަމެއް ދެނެގަނެ އެކަމަށް ފަރުވާ ކުރުމެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ނިދުމުގެ މައްސަލަ ކުރިމަތިވަނީ ކީއްވެގެންތޯ ދެނެގަނެވިދާނެއެވެ. މިސާލަކަށް ޑިޕްރެޝަން، އެންޒައިޓީ، ސްލީޕް ޑިސްއޯޑާރ ފަދަ މައްސަލައެއްތޯ ދެނެގަތުމަށްފަހު ނިދާބޭހާ ނުލާވެސް ޑޮކްޓަރުން އެ ބަލިތަކަށް ފަރުވާ ހޯދާނެ ގޮތް ބުނެދެއްވުން އެކަށީގެންވެއެވެ.
މައުލޫމާތު: ވެބްއެމްޑީ