ނާޒިމް ފެނުމުން އަހަރެންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ނާޒިމްގެ އުރުގައި އަންހެން ކުއްޖަކާއި އަދި ނާޒިމްގެ ފިރިހެން ދަރިފުޅުވެސް ކައިރީގައި ހުއްޓެވެ. އަހަރެން ހުރީ ބަސް ހުއްޓިފައެވެ. "ކީއްކުރަނީ މިތާ މިގޭގަ." ވަރަށް ނުރުހުންވެ ހުރެ ނާޒިމް އާއި ކުރިމަތިލީމެވެ."
ސަހާ އަހަރެންނަށް މާފު ކުރޭ ހެޔޮނުވާނެ. އަހަރެން މިއައީ ސަހާ އާއި އަހަރެންގެ ދެކުދިން ބަލާ". އަހަރެން ވަގުތުން ޖަވާބު ދިނީމެވެ." ނާޒިމް ކީއްކުރަން އަހަރެންނާ އަހަރެންގެ ކުދިން ހޯދަން މިގެއަށް ތިއައީ. ނާޒިމްގެ ކުދިން ތިބިކަން ހަނދާންވީ އަހަރު ދުވަސްވީ ފަހުންތަ؟ އަހަރެން ބޭނުމެއް ނޫން ނާޒިމް އާއި އެކީގައި ދާކަށް. މިތަނުންދޭ އަހަރެން ބޭނުމެއް ނުވޭ ނާޒިމްގެ މޫނު ދެކެންވެސް."
ނާޒިމް އަހަރެންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަން ފެށިއެވެ. "ސަހާ އަހަރެންނާއި އަހަރެންގެ މިދެކުދިންނަށް އެހީވޭ ޕްލީޒް. މިއަދު އަހަރެންނަކީ ވަރަށް ބޮޑު ނިކަމެއްޗެއް. އަހަރެން މިދެކުދިން ގޮވައިގެން ވަންނާނެ ތަނެއްވެސް ނެތް." ހައިރާން ވެލާފައި އަހަރެންނަށް އަހާލެވުނެވެ. "މިދެކުދިންގެ މަންމަ ކޮބާ؟"
ނާޒިމަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. "ސަހާ ދައްތާ އަޅުގަނޑުމެންގެ މަންމަ އަޅުގަނޑުމެން ދޫކޮށްލާފައި ހިނގައްޖެ" ނާޒިމްގެ ހަގު އަތްބަށް ލިބިފައިވާ ބޮޑު ދަރިފުޅު ވާހަކަ ދެއްކިއެވެ. ކުޑަކުއްޖާގެ އުމުރުން އަދި އެއް އަހަރުވެސް ނުފުރޭނެ އެވެ. އަހަރެން ހުރީ ވާނުވާ ނޭނގޭ ކަންތައްގަޑެއްގެ ތެރެއަށް ގެއްލިފައެވެ. އަނެއްކާވެސް ނާޒިމް އަހަރެންނާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ނާޒިމަށް ހުއްޓުން އެރިއެވެ. އެތަނުން ހަގަށް ކުރި ކުއްޖާ ރޯން ފެށިއެވެ. އަހަރެންގެ ހިތަށް ކެތް ނުވެގެން އެކުއްޖާ އުރާލީމެވެ.
އެވަގުތު މަންމަ އައިސް ވަނެވެ. އެމަންޒަރު ފެނިފައި މަންމަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "މީ ކޮން ކުދިންނެއް، ނާޒިމް ކީއްކުރަނީ މިތާގައި "ނާޒިމް ވާހަކަދައްކަން ފެށިއެވެ." މަންމާ އަހަރެން މިއައީ އަހަރެންގެ ކުށް ގަބޫލުކޮށްގެން މަންމަ އާއި ބައްޕަގެ ކިބައިން މާފަށް އެދެން." މަންމަ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ސަހާ މިރަށަށް އައީ ވަރަށް ނިކަމެތި ހާލުގައި ވަންނާނެ ތަނެއް ނެތި މަގުމަތިވެގެން. ކަލޭ ލަދެއް ނުގަނޭތަ އެމަންޖެއަށް އެހާލު ޖައްސާފަ އަހަރެމެންގެ ކުރިމައްޗަށް އަންނަން."
މާގިނަ އިރުތަކެއްނުވެ ބައްޕައާއެކު އަހަރެންގެ ދެކުދިންވެސް ގެއަށް އައިސް ވަނެވެ. ބައްޕަ ފެނިފައި ނާޒިމް ލަދުން އިސްޖެހިއެވެ. އަހަރެންގެ ދެކުދިން ފެނުމުން ނާޒިމް ބައްދާލިއެވެ. އެހެންނަމަވެސް އެކުދިން އެކަމަށް އިންކާރު ކުރިއެވެ. "ބައްޕާ ކީއްވެ މިރަށުގައި މިތާ. ބައްޕަ އަހަރެމެން ދެކެ ލޯބި ނުވާތީ މަންމަ ގެއިން ނެރެލީމަ މަންމަ އަހަރެމެން ގޮވައިގެން އައީ މަންމަގެ ރަށަށް. ދެން އަހަރެމެން ބޭނުމެއް ނޫން ބައްޕައެއް." އަހަރެންގެ ބޮޑު ދަރިފުޅު ވާހަކަ ދެއްކިއެވެ. ނާޒިމް ގިސްލަ ގިސްލާފައި ރޮމުން އާދޭސް ކުރިއެވެ. "ދަރިފުޅުމެން ބައްޕައަށް މާފުކޮށްދީ ހެޔޮނުވާނެ. މިތިބީ ދަރިފުޅުމެންގެ ކޮއްކޮމެން ވެސް. މިއަދު ބައްޕަ ވަންނާނެ ތަނެއްވެސް ނެތް. ކޮއްކޮމެންނާ އަޅާލާނެ މީހެއްވެސް ނެތް." އެވަގުތު އަހަރެންގެ ބައްޕަ އަހާލިއެވެ. "މިކުދިންގެ މަންމަ ކޮބާ؟"
އެވަގުތު ނާޒިމުގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އަދި ބުނެލިއެވެ. "ބައްޕާ އަޅުގަނޑަށް މާފު ކުރޭ" އިތުރަށް ވާހަކަ ދައްކަން ނާޒިމަށް އުދަގޫވެއްޖެކަން ބައްޕައަށް ޔަޤީންވުމުން ކުދިން ގޮވައިގެން ގޭތެރެއަށް ވަނެވެ. އަދި ނާޒިމް އާއި ވާހަކަދައްކާލަން އަހަރެން މަޑުކޮށްލީމެވެ. ނާޒިމްގެ މޫނުމަތިން މާޔޫސްކަމާއި އަސަރުން ފުރިގެންވާ އެތައްކަމެއް ދޭހަވެއެވެ. މީހާގެ ހަށިގަނޑު ހިކި އަނަރޫފަވެގެން ގޮސް ގައިގެ ކަށިތައްވެސް އެގެން ހުއްޓެވެ. އެ މޫނުމަތިން ފެނިގެންދަނީ ގޮތް ހުސްވެފައިވާ ކަމުގެ ކުލަވަރެވެ. އަހަރެންގެ ހިތުގައި ނާޒިމްގެ މައްޗަށް އިންސާނިއްޔަތު ކަމުގެ ކުލުނު އުފެދެން ފެށިއެވެ.
ނާޒިމް ހިތްވަރުކޮށްފައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. "ސަހާ އަހަރެން ހީކުރީ އަހަރެން ސަހާ ދޫކޮށްލާފައި ލީލާ އާއި އިދެގެން ވަރަށް އުފާވެރިކަމުގައި އުޅެވިދާނެ ކަމަށް" އޭރު އަހަރެން ލީލާގެ އަވައިގައި ޖެހި އޭނާ އާއި އެކު ދިރިއުޅެން ޚިޔާލު ކުރެވުނުކަން އެއީ އަހަރެންގެ ހަޔާތުގައި ކުރެވުނު އެންމެ މޮޔަކަންތައް." އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެންނަށް މިފަދަ ދުވަހެއް ފެނިދާނެ ކަމަކަށް. އަހަރެން މިއަދު ސަހާ ކުރިމައްޗަށް އަންނަށް ވަރަށް ލަދުގަނޭ. އެކަމަކު މިއަދު މިނޫން އެއްވެސް ގޮތެއް ނެތް."
ލީލާއަކީ އިންސާނެއްގެ ސިފައިގައި ހުރި ނަމަވެސް އިންސާނެއްގެ ދަރަޖަ ދެވޭނެވަރުގެ މީހެއް ނޫން. އަހަރެންގެ މަންމައާ އަހަރެންނާ މައްސަލަ ޖައްސަން އެތައް މަސައްކަތެއް ކުރި. އެހިސާބަށް ވާހަކަދިޔަތަނާ އަހަރެންގެ ބޮޑުދަރިފުޅު އައިސް ބުނެލިއެވެ. "ކޮއްކޮ ބުއްފުޅި ބޯންވެގެން އެބަ ރޮއި" ހިނގާބަލަ މަންމީ... އަހަރެން ދިޔައިރު މަންމަ އިނީ އަލްޔާ އުރާލައިގެންނެވެ. އަހަރެން ދިއުމާއެކު މަންމަ ބުނެލިއެވެ. "ދަރިފުޅާ ސަހާ މިމަންޖެއަށް ބުއްފުޅި ހަދާފައި ނިންދަވާލަންވީ އެއްނު." އަހަރެން ގޮސް އަލްޔާ އަށް ބުއްފުޅިދީ ނިންދެވުމަށްފަހު ނާޒިމް ކޮބައިތޯ ބަލާލަން ދިޔައިރު ނާޒިމް ހަމަ އިންތަނުގައި އިށީދެލައިގެން އިނެވެ.
އަހަރެން ގޮސް އަނެއްކާވެސް ނާޒިމް ކައިރީ އިށީދެލީމެވެ. ނާޒިމް އިތުރަށް ވާހަކަދައްކަން ފެށިއެވެ. "އަހަރެން ހިއެއް ނުކުރަން ސަހާ އަހަރެންނަށް ދުވަހަކުވެސް އެހީވެދޭނެ ކަމަކަށް. އަހަރެންނަށް ސަހާއާއި ދޭތެރޭ ކަންތައް ކުރެވުނީ ވަރަށްވެސް އިހާނެތިކޮށް. އެކަމަކު މިއަދު އޭގެ ބަދަލުގައި ސަހާ އަހަރެންނަށް އެކަމުގެ ބަދަލު ތިޔަދިނީ ވަރަށްވެސް އިންސާނިއްޔަތު ކަމާއެކު" ........ މި ޖުމްލަ ބުނެވުމާއެކު ކުއްލިއަކަށް ނާޒިމްގެ ގަޔަށް ގޮތްތަކެއް ވާން ފަށައިފިއެވެ. މުޅީ މީހާ ތުރު ތުރު އަޅާފައި ހަޅޭލަވަން ފެށިއެވެ. ނާޒިމްގެ ގައިގައި އަހަރެން އަތްޖެއްސިއިރު ހީވަނީ ހޫނުކަމުން އަލިފާން ހެންނެވެ.
އަދި އެ ހަޅޭކުގެ އަޑަށް މަންމައާއި ބައްޕަވެސް ދުވެފައި އަތުވެއްޖެއެވެ. ބައްޕަ އައިސް ނާޒިމް ހިފަހައްޓަން ވަރަށް މަސައްކަތް ކުރިއެވެ. އެވަގުތު އަހަރެން ހޮސްޕިޓަލުގެ އެމްބިއުލާންސަށް ގުޅީމެވެ. މަންމަ ކުދިން ކައިރީ ބަހައްޓާފައި ބައްޕަ އަހަރެންނާއެކު ނާޒިމް ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ވަގުތުން އެމަޖެންސީގައި ޑޮކްޓަރުން ފަރުވާދިނުމުގެ މަސައްކަތް ފެށިއެވެ. ނާޒިމް އޮތީ ހޭނެތިފައި ކަމުން ނާޒިމަށް ވާ ގޮތެއްވެސް އޮޅުން ފިލުވަން އުދަގޫވިއެވެ. އަހަރެން ހާސްވާން ފެށިއެވެ. ނަމަވެސް ޑޮކްޓަރުން އަހަރެންނަށް ހިތްވަރުދެމުން ގެންދިޔައެވެ.
ގަޑިއެއްހާއިރު ވާން އުޅެނިކޮށް ނާޒިމް ހޭއަރައިފިއެވެ. ހޭއެރުމާއެކު ނާޒިމް ހަޅޭލަވައިގަތެވެ. "އަހަރެން މިއޮތީ ކޮންތާކު؟. ކޮބާ އަހަރެންގެ ކުދިން." އަހަރެން ނާޒިމާއި ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. ނާޒިމަށް ވަމުންދާ ގޮތް ފެނިފައި އަހަރެން ބިރުގަންނަން ފަށައިފިއެވެ. ކުރެވުނު ޓެސްޓުތަކުންވެސް ނޯމަލް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަނެއްކާވެސް އަހަރެން ނާޒިމާއި ވާހަކަދައްކަން މަސައްކަތް ކުރީމެވެ. މިފަހަރު ކަންތައްވީ މާގޯސްކޮށެވެ. "އަހަރެންނަށް އަނިޔާ ނުކުރޭ އަހަރެން ދޫކޮށްލާ ހެޔޮ ނުވާނެ." މިހެން ބުނެފައި ނާޒިމް ރޮއިގަތެވެ. މިވަނީ ކިހިނެއް ކަމެއް ޑޮކްޓަރުންނަށްވެސް ބުނެދޭން ނޭނގެއެވެ.
ނާޒިމް އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. ނާޒިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރިފަހުން މިހާރު ދެދުވަސް ވަނީއެވެ. އެކަމަކު އަދިވެސް އެއްވެސް ނަތީޖާއެއް ނުފެނެއެވެ. ނާޒިމަށް ވަމުންދާ ގޮތް ނޭނގޭތީ ކުދިންވެސް ތިބެނީ ވަރަށް ކަންބޮޑުވެފައެވެ. ކުއްލިއަކަށް ނާޒިމްގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު ނާޒިމަށް އޮތީ ނިދިފައި ކަމުން އަހަރެން ނާޒިމްގެ ފޯނު ނަގާލީމެވެ. ފޯނުގައި ސޭވު ކުރެވިފައިވާ ނަންބަރެއް ނޫން ކަމުން ގުޅަނީ ކާކު ކަމެއް ނޭނގެއެވެ. އެހެންވެ އަޅާނުލާ ބެހެއްޓީމެވެ. އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރު ފޯނު ނަގާފައި ހަލޯއޭ ބުނެލީމެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ. ކޮބާ ނާޒިމް ތީ ކޮން ކުއްޖެއް. ވަރަށް ދަންނަ އަޑެއްހެން ހީވިއެވެ. އެކަމަކު އެކޮޅުން ވާހަކަ ދެއްކި މީހަކު ވާހަކަ ދެއްކީ ގިސްލާ ރޮމުންނެވެ. އެހެންވެގެން ކާކު ކަން އޮޅުން ފިލާވަރެއް ނުވިއެވެ.
ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު
ތަންކޮޅެއް އަވަހަށް ފޮނުވައި ދީބަލަ
7 vanabai avaskohdheeba v intrest
Koba 7 vana bai
ކޮމެންޓްސް ބަންދުކުރެވިފައި