ހެނދުނުގެ ނާސްތާއާއިއެކު ބޯލާ ސައިތައްޓައް ނުވަތަ ކޮފީއަށް ހަކުރުގެ އެންމެ ފުކެއްވެސް ނާޅާ ތައްޔާރުމިކޮށްލަނީ، ހަކުރުބަލީގެ މައްޗަށް ފުރިހަމަ ކާމިޔާބު ހޯދިއްޖެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް، ސައިތަށްޓާއެކު އާދައިގެ މަތިން ކާލި ދެތިން ބިސްކޯދަށްފަހު، މެޑިކަލް ޓެސްޓުތަކުން ހަކުރު ހުރި މިންވަރު ފެނިފައި ހުއްޓުން އަރައެވެ. އަނެއްބަޔަކު، ހަކުރުބަލީގެ ބޭސް ގުޅަ ކާލުމަށްފަހު ފޮނި ބުއިމަކާއި ކޭކުކޮޅެއް ކާލަނީ، ބޭހުގެ ބާރުން ހުރިހާ ކަމެއް ހަމަޖެހޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމުގައެވެ. އެހެންނަމަވެސް، މާގިނައިރުތަކެއް ނުވެ ހަކުރު މަތިވެ، ހާލު ދެރަވެގެން ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންދަން ޖެހުމުން، "ބޭސް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ" އަޅުގަނޑުމެން ސުވާލުކުރަމުއެވެ. މި ދެ ހާލަތަކީވެސް ހަކުރުބައްޔާއެކު ދިރިއުޅޭއިރު، ހަޤީޤަތް ނޭނގުމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ގަސްތުގައިނޫން ނަމަވެސް ކޮންމެ ދުވަހަކުހެން ހެދޭ ގޯސްތަކެކެވެ.

ހަކުރުބައްޔަކީ ކޮބައިހެއް؟
ހަކުރުބައްޔަކީ އިންސާނާގެ ހަށިގަނޑުގައިވާ ލޭގެ ތެރޭގައި ހަކުރު އެކުލެވޭ މިންވަރު އާދަޔާޚިލާފަށް މަތިވުމުގެ ސަބަބުން ދިމާވާ ދިގުމުއްދަތުގެ ބައްޔެކެވެ. އަޅުގަނޑުމެން ކާ ކާނާ ހަށިގަނޑުގެ ސެލްތަކަށް ހަކަތައަށް ބަދަލުކޮށްދިނުމަށްޓަކައި ޕެންކްރިއާސްއިން އުފައްދާ 'އިންސިއުލިން' ކިޔާ ހޯމޯން ބޭނުންވެއެވެ. ހަކުރުބަލި ޖެހެނީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް އިންސިއުލިން ނުއުފެއްދުމުން ނުވަތަ އުފެދޭ އިންސިއުލިންއަށް ހަށިގަނޑު ރަނގަޅަށް އިޖާބަނުދިނުމުގެ ސަބަބުންނެވެ.
"ހަކުރު" ގެ އަސްލު މާނައާއި ކެއިންބުއިމުގެ ނިޒާމު
މި ބަލީގައި އުޅޭއިރު އަޅުގަނޑުމެންކުރެ ގިނަ މީހުންނަށް ނޭނގި އޮންނަ އެންމެ ބޮޑު ސިއްރަކީ، "ހަކުރު" މާނަކުރަނީ ހަމައެކަނި ސައިތަށްޓަށް އަޅާ ހަކުރަށް ނޫންކަމެވެ. ބިސްކޯދާއި، ހުދު ފުށުން ހަދާފައިވާ ޕާނާއި، ކޭކާއި، އަދި ޕްރޮސެސްކޮށްފައި ހުންނަ ކާނާއަކީ ހަށިގަނޑަށް އެތެރެވުމާއެކު ވަގުތުން ހަކުރަށް ބަދަލުވާ "ރިފައިންޑް ކާބޯހައިޑްރޭޓްސް" އެވެ. ސަޔަށާއި ކޮފީއަށް އަޅާ ހަކުރު ހުއްޓާލި ނަމަވެސް، ބިސްކޯދު ފަދަ ހަކުރު އެކުލެވޭ ތަކެތި ކެއުމުން ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ދެއެވެ. އެހެންކަމުން، ބިސްކޯދެއްގެ ބަދަލުގައި އާފަލުފަދަ ފައިބަރު ގިނަ މޭވާއެއް ފަދަ ގުދުރަތީ ތަކެތި އިޚްތިޔާރުކުރުމަކީ މާ ބުއްދިވެރި، ހޭލުންތެރި ނިންމުމެކެވެ.
އަދި އަނެއްކޮޅުން، ހަކުރުބަލީގެ ބޭހަކީ އަޅުގަނޑުމެން ބޭނުންވާ ފޮނި ކާތަކެއްޗާއި ބުއިންތަކަށް ލިބޭ ފެހި ސިގްނަލެއް ނޫނެވެ. ބޭހުގެ މަސައްކަތަކީ ހަށިގަނޑުގެ އިންސިއުލިންއަށް އެހީތެރިވެދީ ލޭގެ ހަކުރު ކޮންޓްރޯލުކުރުމަށް މަގުފަހިކޮށްދިނުމެވެ. ނަމަވެސް، ބޭސް ކެއުމަށްފަހުވެސް ފޮނި ތަކެތި ގިނައިން ކާނަމަ، ބޭހަށް އޭގެ ޒިންމާ އަދާނުކުރެވި، އެންމެފަހުން ހަކުރު މަތިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހެއެވެ. މިގޮތަށް ކަންތައްކުރުމުގެ މިސާލަކީ، ފެން ލީކުވަމުންދާ އޮޑިއަކުން ފެން ހިއްކަން ހުންނަ ޕަންޕެއްގެ މިސާލެވެ. ހަކުރުބަލީގެ ބޭހަކީ އެ ޕަންޕެވެ. އޮޑިއަށް ވަންނަ ފެން މަދުކުރުމުގެ ބަދަލުގައި، އޮޑީގެ ތެރެއަށް އިތުރަށް ފެން އަޅަމުންދާނަމަ، އެންމެ ބާރުގަދަ ޕަންޕަކަށްވެސް އޮޑި ފެތުމަކުން ސަލާމަތެއް ނުކުރެވޭނެއެވެ. ހަމައެފަދައިން، ބޭސް ކެއުމާއެކުވެސް ކެއުމުގެ ނިޒާމު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދުވާލެއްގެ މައްޗަށް ހަކުރު ބޭނުންކުރަންޖެހޭ މިންވަރު
ޑައިބެޓީސް އެޑިއުކޭޓަރެއް ކަމައްވާ ސޫ ކޯޓީ (Sue Kotey) ފާހަގަކުރާ ގޮތުގައި، ހަކުރުބަލި ހުންނަ މީހުންނަށްވެސް ކޮންމެވެސް މިންވަރަކަށް ފޮނި އެއްޗެއް ކެވިދާނެއެވެ. ނަމަވެސް އެއީ ދުވާލަކަށް ކެވޭނެ ވަކި މިންވަރެއް ކަނޑައަޅައި، އެ މިންވަރަށްވުރެ އިތުރުނުވާނެހެންނެވެ. ހަކުރުބަލީގެ ސިއްޙީ މާހިރުން ލަފާދޭ ގޮތުގައި ދުވާލަކު ބޭނުންކުރަންޖެހޭ ހަކުރުގެ މިންވަރު އެކި މީހުންނަށް ތަފާތެވެ. މެދުމިންވަރަކަށް ހަކުރު ބޭނުންކުރެވޭ މީހުންނަށް ގާތްގަނޑަކަށް 130-250 ގުރާމްގެ ހަކުރު ބޭނުން ކުރެވިދާނެއެވެ. މިއީ 3 އިރު ކެއުމަށާއި ހަވީރު ސަޔަށް ބަހާލައިގެން ގާތްގަނޑަކަށް 30-60 ގުރާމް ހަކުރެވެ. ހަކުރުގެ މިންވަރު ގާތުން ބަލަންޖެހޭ ފަރާތްތަކަށް 130 ގުރާމަށްވުރެ މަދުން ހަކުރު ބޭނުންކުރުމަށް ލަފާދީފައިވެއެވެ. މިއީ ކޮންމެ ކެއުމެއްގައި ގާތްގަނޑަކަށް 20 ގުރާމާއި 40 ގުރާމުގެ މިންވަރެކެވެ.
ފާހަގަކޮށްލަން ބޭނުންވާ މުހިންމު ނުކުތާއަކީ، މި މިންވަރަކީ ހަމައެކަނި ސަޔާއި ކޮފީއަށް އަޅާ ހަކުރެއް ނޫންކަމެވެ. މުޅި ދުވަހުގެ ކާނާގައި އެކުލެވޭ މޭވާ، ތަރުކާރީ، ބަތް އަދި ރޮށިފަދަ ކާތަކެތިން މި މިންވަރު ހަމަވެއްޖެނަމަ، އެ ދުވަހުގެ ބާކީ އޮތް ވަގުތުގައި އިތުރަށް ހަކުރު އެކުލެވޭ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެކަމަށް ކޯޓީ ބުނެފައިވެއެވެ. މިފަދައިން ކަންތައް ކުރުމުން ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓި، ކުއްލިއަކަށް ހަކުރު މައްޗަށް ދިއުމުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދެއެވެ.

ކާބް ކައުންޓިންގ (Carb Counting) ގެ ދައުރު
މިކަމަށް އެހީތެރިވެދޭ އެންމެ ފައިދާހުރި އެއް ފިޔަވަޅަކީ، ކާބޯހައިޑްރޭޓްސް ކޮންޓްރޯލުކުރުމުގައި "ކާބް ކައުންޓިންގ" ނުވަތަ ކާބޯހައިޑްރޭޓްސްގެ މިންވަރު ވަރަށްގާތުން ބަލައި، ގުނައިގެން ދުވާލަކަށް ވަކި މިންވަރެއް ކަނޑައަޅައިގެންނެވެ. ކާބް ކައުންޓް ކުރުމުގެ މާނައަކީ، ކޮންމެ ކެއުމެއްގައި ހަށިގަނޑަށް ވަންނަ ކާބޯހައިޑްރޭޓްސްގެ މިންވަރު ބަލައި، ޑޮކްޓަރ ނުވަތަ ޑައިޓީޝަން ލަފާދީފައިވާ ވަކި ލިމިޓެއްގެ ތެރޭގައި ހިފެހެއްޓުމެވެ. އަދި މި މިންވަރު ޗެކްކުރުމައްޓަކައި ޖެމިނައި އަދި ޗެޓްޖީޕީޓީގެ އެހީ ބޭނުންކުރެވޭނެކަން ފާހަގަކޮށްލަމެވެ.
ފައިބަރގެ ދައުރާއި ނެޓް ކާބްސް
ކެއުމުގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި "ފައިބަރ" ގެ ދައުރުވެސް ވަރަށް ބޮޑެވެ. ތަރުކާރީ، މޭވާ އަދި އާޓާ ފުށާއި ރަތް ހަނޑޫ ފަދަ ހޯލް ގްރެއިންސްގައި އެކުލެވޭ ފައިބަރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ހަށިގަނޑުގެ އެތެރޭގައި ފައިބަރގެ ސަބަބުން ކާނާ ހަޖަމުވުން ލަސްވެ، ލޭގެ ތެރެއަށް ހަކުރު ދޫކުރާ ސްޕީޑް ކޮންޓްރޯލްކޮށްދެއެވެ. މިއަށް ކިޔަނީ "ނެޓް ކާބްސް" ދަށްކުރުމެވެ. އެއީ ޖުމްލަކޮށް ހަށިގަނޑަށް އެތެރެވާ ކާބޯހައިޑްރޭޓްސްގެ ތެރެއިން ފައިބަރުގެ މިންވަރު އުނިކުރުމުން ލޭގެ ހަކުރަށް ކުރާ އަސަރު ކުޑަވެގެންދިއުމެވެ.
މީގެ އިތުރުން، ހަކުރުބަލި ހުންނަ މީހަކު ފޮނި އެއްޗެއް ކާހިތްވެގެން އެފަދަ އެއްޗެއް ކާން ބޭނުންވާ ހާލަތްތަކުގައި، އެންމެ ފުރަތަމަ ފައިބަރ ގިނައިން އެކުލެވޭ ކެއުމެއް ކެއުމަކީ ވަރަށް މުހިންމު އުކުޅެކެވެ. ސަބަބަކީ، އެއަށްފަހު ފޮނި އެއްޗެއް ކެއުމުން، ކުރިން ކެއި ފައިބަރ ބަނޑުގެ ތެރޭގައި ދަލެއް ނުވަތަ ފުރޭންޏެއް ފަދައިން މަސައްކަތްކޮށް، އެ ފޮނި އެއްޗެއްގައި ހުންނަ ހަކުރު ލޭގެ ތެރެއަށް ދަމައިގަންނަ ސްޕީޑް ލަސްކޮށްދޭތީއެވެ.
ކާނާގެ ލޭބަލް ކިޔުމުގެ އާދަ
ކާބޯހައިޑްރޭޓްސްގެ މިންވަރު ބެލުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ކާނާ ގަންނައިރު ޕެކެޓްތަކުގައި ހުންނަ "ލޭބަލް" ކިޔުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އާދަކުރަންޖެހޭ ކަމެކެވެ. މާކެޓްތަކުން ފެންނަ "ޝުގަރ ފްރީ" ނުވަތަ "ފެޓް ފްރީ" ލިޔެފައި ހުންނަ ތަކެތި ގަންނަން އަވަސްވުމުގެ ކުރިން އޭގެ ފަހަތުގައިވާ ނިއުޓްރިޝަން ލޭބަލް ރަނގަޅަށް ބަލާށެވެ. ގިނަ ފަހަރަށް ހަކުރު އުނިކުރާ ތަކެތީގައި ރަހަ މީރުކުރުމަށްޓަކައި އެހެން ބާވަތްތަކުގެ ކާބޯހައިޑްރޭޓާއި ކާބޯތަކެތީގެ މާއްދާތައް އިތުރުކޮށްފައި ހުރެއެވެ.
ނިންމުން
ނިންމާލަމުން ދަންނަވާނީ، ހަކުރުބައްޔަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އުފާވެރިކަން ނިގުޅައިގަންނަ ހުރަހެއް ނޫނެވެ. އެއީ އަމިއްލަ ހަށިގަނޑަށް އޯގާތެރިވެ، ދުޅަހެޔޮ އާދަތަކެއް ދަސްކުރުމަށް ލިބޭ އާ ފެށުމެކެވެ. ކޮންމެ ދުވަހަކުވެސް ކާން އިންނަ ސުފުރާމަތިން ރަނގަޅު، ހޭލުންތެރި ކާނާ އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރު އޮތީ ހަމަ އަޅުގަނޑުމެންގެ އަތުގައެވެ. ހޭލުންތެރިކަމާއެކު މެދުމިނުގައި ހިފަހައްޓައި، ޕްރޮސެސްޑް ކާނާއާ ދުރުވެ، ސްޓެވިއާ ފަދަ ރަނގަޅު ގޮތްތައް އިޚްތިޔާރުކޮށް، ހަށިގަނޑަށް ފައިދާހުރި ފައިބަރާއި ކާބް ކައުންޓް ފަދަ ޓެކްނިކްތައް އާދަކުރާނަމަ، ހަކުރުބަލީގެ މައްޗަށް ފުރިހަމަ ކާމިޔާބީ ހޯދައި، އުޖާލާ، އުފާވެރި، އަދި ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.
މަސްދަރު: ޔޫސީއެސްއެފް ޑައިބެޓީސް ޓީޗިންގ ސެންޓަރ، އޭޑީއޭ ސްޓޭންޑަރޑްސް އޮފް ކެއާރ އިން ޑައިބެޓީސް، ސެންޓަރސް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސީޑީސީ









