November 23, 2024 01:57
Advertisement

-Advertisement-

ހިޔާ ފުލެޓު/ ފޮޓޯ: ޒީޓައިމްސް

ހިޔާ ފުލެޓުގައި ދިރިއުޅޭއިރު އަމަލުތައް ބަހައްޓަންވީ ކިހިނެއް؟

'ސޯޝަލް ހައުސިންގ' ނުވަތަ އިޖުތިމާޢީ ބޯހިޔާވަހިކަމެއްގައި ދިރިއުޅުން ވަކިގޮތަކަށް ބެހެއްޓުމަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބުތައް ވަރަށް ގިނައެވެ. މީހުން މަދުގެއެއްގައި ދިރިއުޅުމާއި، ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތެއްގައި ދިރިއުޅުން ހާސްބައި ތަފާތޭ ބުންޏަސް ރަނގަޅުވާނެއެވެ. ފަރުދީ ޒިންމާ އަދާކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެއެވެ. ހިޔާ ފުލެޓު ފަދަ ޓަވަރުތަކެއްގައި އުޅޭއިރު އަމަލުތައް ބެހެއްޓުމަށް ކޮންމެހެން އިސްކަންދޭންޖެހޭ ކަންތައް މި ރިޕޯޓުގައި ހިމަނާލާނަމެވެ.

ގެއަށް ބޭނުންވާތަކެތި ގަންނާނީ ކިހިނެއް؟

ހިޔާ ފުލެޓު ސަރަހައްދުގައި އާދައިގެ ކަންމަތީ ފިހާރަތަކެއް ނުހުންނާނެއެވެ. ހުންނާނީ ބޮޑެތި ފިހާރަތަކެވެ. މިފަދަ ފިހާރަތައް ވެގެންދާނީ ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރިކުރާ ތަންތަނަށެވެ. ކަންމަތީ ފިހާރައިން އެއްޗެހި ގަންނަ ގޮތަށް ދުވާލަކު އެއްޗެއް ގަންނަން ފަސޭހަ ނުވާނެއެވެ. އޭގެ ބަދަލުގައި ގެއަށް ބޭނުންވާ ސާމާނު ހަފްތާއަކު އެއްފަހަރު ގަތުމުން ވިޔަފާރިކުރަން ހޭދަވާ ވަގުތު ސަލާމަތްވާނެ އެވެ. އަދި ފިހާރައިގައި ތޮއްޖެހުމުގެ ފުރުސަތު ކުޑަވެ ލިފްޓް ބޭނުންކުރުމުގައި ވެސް ލުއިފަސޭހަވާނެއެވެ.

Advertisement

ލިފްޓް ބޭނުންކުރުން

އޮފީސްތަކާއި ސްކޫލުތަކަށް ދާ ގަޑި އާއި އަންނަ ގަޑި ވެގެންދާނީ ލިފްޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާނެ ވަގުތަކަށެވެ. އެހެންވުމުން ގަޑިޖެހެން ކައިރިވުމުން ލިފްޓްގެ ބޭނުން ހިފުމަށް ވިސްނުމުގެ ބަދަލުގައި، ތޮއްނުޖެހޭނެ ފަދަ ގޮތަކަށް އަދި އޮފީސް ނުވަތަ ސްކޫލުގެ ގަޑި ނުޖެހޭނެ ގޮތަށް ރޭވުންތެރިކަމާއެކު ލިފްޓް ބޭނުންކުރުމަށް އިސްކަން ދިނުމަކީ މުހިންމުކަމެކެވެ. އަދި ތިމާއާއެކު ދެން ދާ މީހަކު އަންނަންދެން ނުވަތަ އެހެންވެސް ބޭނުމަކު ލިފްޓް ބޭނުން ނުކުރެވޭގޮތަށް ލިފްޓް ހިފަހައްޓައިގެން ނުހުރެ އެހެން މީހުންނަށް ވެސް އަވަހަށް ދަތުރުކުރެވޭނެ ގޮތަކަށް އަމަލުތައް ބެހެއްޓުން ރަނގަޅުވާނެއެވެ.

ފުލެޓުގެ އާންމު ސަރަހައްދު

ކޮންމެ އިމާރާތެއްގެ ވެސް ކޮރިޑޯ ފަދަ އާންމުކޮށް ބޭނުންކުރަން އޮންނަ ސަރަހައްދުގެ ސާފުތާހިރު ކަމަށް އިސްކަންދޭން ވާނެއެވެ. އިމާރާތުގައި ދިރިއުޅޭ އެހެން މީހުންނަށް އުދަގޫވާގޮތަށް އެޕާޓްމެންޓް ދޮރު ކައިރީގައި ފައިވާން ހަރުގަޑު އަދި އެނޫންވެސް އެފަދަ އެހެން އެއްޗެހި ބެހެއްޓުމަކީ ރަނގަޅުގޮތަކަށް ނުވާނެއެވެ. އެހެން ބެހެއްޓުމުން ހިނގަން ޖާގަ ކުޑަވެ އެތަނެއްގައި ދިރިއުޅޭ އެންމެންނަށް އުދަނގޫވާނެއެވެ. ހިޔާ ފުލެޓަކީ ވެސް ގިނަ އަދަދެއްގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން އުޅޭ ތަނެކެވެ.

ހިޔާ ފުލެޓުގެ އެތެރޭގެ މަންޒަރެއް. މަސައްކަތްކުރަން ބޭނުންކުރާ ސާމާނު މިގޮތަށް ބަހައްޓާފަހުރޭ

ކުނި އުކާނީ ކިހިނެއް

ފުލެޓު ކައިރީގެ އެކި ސަރަހައްދުތަކަށް ކުނި އުކުމުން ތަނުގެ މާހައުލު ތަޣައްޔަރުވެ ދިރިއުޅެން ދަތިވުން އެކަށީގެންވެއެވެ. މީގެ އިތުރުން، ސިއްޙީ މައްސަލަތައް ކުރިމަތިވުން ގާތެވެ. ކުނި ނައްތާލަންވާނީ އެކަމަށް ކަނޑައަޅައިފައިވާ މިންގަޑުތަކާއި އެއްގޮތަށް އަދި ކުނި އުކަން ވާނީ ވެސް އެކަމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަށެވެ. ޑަސްޓްބިން ފުރިފައިވާ ދަނޑިވަޅަކާއި ދިމާވެއްޖެނަމަ، ކުނިކޮތަޅު ރަނގަޅަށް ބަންދުކުރުމަށްފަހު ޑަސްޓްބިން ކައިރީގައި ބެހެއްޓުމުން ރަނގަޅުވާނެއެވެ. އެހެންނޫނީ ބުޅާ ނުވަތަ މީދާ ފަދަ އެއްޗެހީގެ އުދަގޫ ބޮޑުވެ މުޅި ސަރަހައްދު ކުނިގޮނޑަކަށްވުން އެކަށީގެންވެއެވެ.

ތިމާ ބޮއެފަ އުކާލާ ސިގަރެޓް ފިލްޓަރ އިން ހީވެސް ނުކުރާފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެއެވެ. މިއީ ވަރަށް ވިސްނަންޖެހޭ މިފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވާންޖެހޭ ކަމެކެވެ. މިހާތަނަށްވެސް މިފަދަ ހާދިސާތައް މާލޭގެ ބައެއް އިމާރާތްތަކުގައި ހިނގާފައި އެބަހުއްޓެވެ.

ހިޔާ ފުލެޓު ސަރަހައްދުގައި ހުރި ކުނިތަކެއްގައި މިދިޔަ ހުކުރު ދުވަހުވެސް ވަނީ ރޯވެފައި. މީހަކު އެ ސަރަހައްދަށް ފެންޖަހަނީ

ގޭގަ ދޮރުތައް ތަޅުލުމަށް އިސްކަންދީ

ހިޔާ ފުލެޓުގައި މީހުން ދިރިއުޅެން ފަށައިފައިވާއިރު އެ ފުލެޓުތަކުން ވައްކަންކުރާ ވާހަކަ މިހާރުވެސް އަޑުއިވެއެވެ. ރައްކާވެތިބިއްޔާ ދަތުރޭ ބުނާ ފަދައިން އަމިއްލަ ރައްކާތެރިކަން ހޯދުމަށް އިސްކަންދޭށެވެ. ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތެއްކަން ދަނެ އަބަދުވެސް ގޭގެ ދޮރު ހުންނަނީ ތަޅުލެވިފައިކަން ޔަގީންކުރާށެވެ. އަދި އެހެން މީހަކަށް ފަސޭހައިން ތަޅު ހަލާކުކޮށްގެން ނުވަދެވޭނެ ކަމުގެ ޔަގީންކަން ކަށަވަރު ކުރާށެވެ.

މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނީ ކިހިނެއް؟

ހިޔާ ފުލެޓުގައި މެއިންޓެނެންސް ކަންތައް އަދި ސެކިޔުރިޓީ ބެލެހެއްޓުމަށް ވަކި ކުންފުންޏެއް ހަރަކާތްތެރިވާއިރު، މައްސަލައެއް ދިމާވެއްޖެނަމަ އަންގަންޖެހޭ ފަރާތަށް އަވަހަށް އަންގާށެވެ. ދިމާވާ މައްސަލަތައް ހައްލުކުރެވޭނީ އެމައްސަލައެއް ރިޕޯޓް ކުރުމަށް އޮންނަ އުސޫލުން އަމަލުކުރުމުންނެވެ.

ނިންމުން

ހިޔާ ފުލެޓުފަދަ ބޮޑެތި ޓަވަރުތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު ދިމާވެދާނެ ދަތިތަކެއް ވެސް ހުރެދާނެއެވެ. އެފަދަ ކަންތައްތައް ހައްލުކުރެވޭނީ އެތަނެއްގައި ދިރިއުޅޭ ކޮންމެ މީހަކު ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް ރަނގަޅުގޮތުގައި އަމަލުތައް ބެހެއްޓުމަށް އިސްކަންދެމާތޯއެވެ. ތިމާގެ ސަބަބުން އަނެކާއަށް އުދަގޫވުމުގެ ބަދަލުގައި ފަސޭހަވާނެ ގޮތަކަށް ކަންތައްކުރުމުން އޭގެ ފައިދާ ކުރާނީ އެތަނެއްގައި ދިރިއުޅޭ މީހުންނަށެވެ.

+1
2
+1
7
+1
1
+1
2
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް