ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދެފަހަރަކު ދެވުނެވެ. ވަރަށް ގާތުން އެތަނުގައި ދިރިއުޅެމުންދާ މީހުންގެ ހާލަތު ވަނީ ފެނިފައެވެ. މި މަރުކަޒަކީ ބަލިމީހުން ގެންގުޅެން އެންމެ އެކަށީގެންވާ މާހައުލެކޭ ނުދެންނެވޭނެ އެވެ. މަރުކަޒުގެ ހާލަތާމެދު ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑަރ ކޮމިޓީ އަށް 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ ހުށަހަޅާފައެވެ. މި މަރުކަޒުގެ ހާލަތު މިހާރު ހުރިގޮތް ބަލާލީމެވެ.
'ޒީޓައިމްސް' އިން ފޮނުވި ސުވާލުތަކަށް ލިޔުމުން ފޮނުވި ޖަވާބުގައި ޖެންޑަރ މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ވެސް 198 މީހުން މި މަރުކަޒުގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. މި މަރުކަޒަކީ 188 މީހުންގެ ޖާގައިގެ ތަނެކެވެ. މަރުކަޒުން ޑިސްޗަރޖް ކުރެވޭ މީހުންނާއި އަމިއްލައަށް އުޅެވޭ މީހުން ވަކިކޮށް އެފަރާތްތައް މުޖުތަމައަށް އަލުން ގެނައުމުގެ މަސައްކަތް ފެށުމަށްޓަކައި، ކ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ހިޔާ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައެވެ. އަދި އުމުރުން ދުވަސްވީ މީހުން ވަކި ކުރުމަށް އައްޑޫ ސިޓީގައި 'އެލްޑަރލީ ހޯމް' އެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މަރުކަޒުގައި އިތުރު ތަނެއް އެޅުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
ފަރުވާ ނިމުމުން ވެސް އާއިލާއިން ހަވާލުނުވުމުގެ މައްސަލައަކީ ކަންބޮޑުވާވަރުގެ މައްސަލައެކެވެ. މިފަދަ ހާލަތެއްގައި އެފަދަ މަރުކަޒެއްގައި ދިރިއުޅެންޖެހޭ މީހުންނަށް ހާދަ ހިތްދަތި އިހުސާސެއް ކުރެވޭނެއެވެ. މިކަން ހައްލުކުރުމަށް ކުރެވެނީ ކޮން މަސައްކަތެއްތޯ ދެންނެވުމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އާއިލާއިން ހަވާލުވާން އިންކާރުކުރާ ހާލަތުގައި ޝަރުޢީ މަރުހަލާގެ ތެރެއިން އެފަދަ މީހުން އާއިލާއާއި ހަވާލުކުރުމުގެ ކަންކަމަށް މަގުފަހިވެފައިވިއަސް އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޤާނޫނުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
" ފަރުވާ ނިމި އާއިލާއާއި ހަވާލުކުރަންޖެހޭ 24 މީހުން އެބަތިބި. ދައުލަތުން ހުރިހާ ޚަރަދެއްކޮށްގެން ދަނީ އެފަދަ މީހުން ބަލަހައްޓަމުން. މަރުކަޒަށް ބަލިމީހާ ގެންނައިރު ބަލަދުވެރި ފަރާތާއި މިނިސްޓްރީއާއި ދެމެދު ވެވޭ އެއްބަސްވުމުގައި ބަލިމީހާ ޑިސްޗަރޖް ކުރާ ހިސާބުން ހަވާލުވާންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނާނެ."
މަރުކަޒުގައި ތިބި މީހުން ބެލެހެއްޓުމަށް ތިބި މުވައްޒަފުންގެ އަދަދު އެކަށީގެންވާ ވަރަށްވުރެ މަދެވެ. މިފަދަ ހާލަތެއްގައި ކުޑަކުދިން ބެލެހެއްޓުމަށް ގޮންޖެހުންތަކެއް މެދުވެރިވުން އެކަށީގެންވެއެވެ.
" ކުޑަކުދިންނަށް ޚާއްސަ ވޯޑެއް ހުރިކަމުގައިވިއަސް މި ވޯޑު މަރާމާތު ކުރަންޖެހި ބޭނުންވާ ސާމާނު ހޯދުމުގެ ކަންކަން ދަނީ ކުރަމުން. އަދި މިވޯޑުގައި ކުދިން ބައިތިއްބައިގެން ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ހޯދަންޖެހޭ. މިވަގުތު ތިބީ ނަފްސާނީ ބަލީގެ 2 ކުދިން."
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމުގައި ހުރި ގޮންޖެހުން
- މަރުކަޒުގެ ޖާގައަށްވުރެ އިތުރަށް މީހުން މަރުކަޒު ކުރަންޖެހުން.
- ބަލިމީހުން ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުން. އަދި ފަރުވާދޭނެ ޓެކްނިކަލް މުވައްޒަފުން މަދުވުން.
- މަރުކަޒުގެ މަރާމާތުގެ މަސައްކަތަށް އެކަށީގެންވާ ބަޖެޓް ނުލިބުން.
- ބަލިމީހުން މާލެ ގެންދިއުމަށް އެކަށީގެންވާ ވަސީލަތްތައް ހުރި ލޯންޗެއް ނެތުން. މިހާރު ބަލިމީހުން މާލެ ގެންގޮސް ގެންނަނީ ލޯންޗް ފެރީގައި.
- ފަރުވާ ލިބި ޑިސްޗަރޖް ކުރެވޭ ބައެއް މީހުންގެ އާއިލާތަކުން އެފަރާތްތަކާއި ހަވާލުނުވުން.
- ތަނުގެ ޖާގައިގެ ދަތިކަން ހުރުމުން ނަފްސާނީ ބަލީގެ މީހުންނާއި އެހެނިހެން ބަލި މީހުން ވަކިން ބެލެހެއްޓޭނެ އިންތިޒާމެއް ނެތުން
ގޮންޖެހުންތައް ހައްލުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތް
" އަންނަ އަހަރު އިތުރު މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައި. މަރާމާތުގެ މަސައްކަތް ހައްލުކުރުމަށް ބޮޑު ބަޖެޓެއް ވާނީ ހުށަހަޅައިފައި. ޓެކްނިކަލް މުވައްޒަފުން އިތުރުކުރުމަށް 3 ނަރުހުން، 1 މެޑިކަލް އޮފިސަރ އަދި 1 ފިޒިއޯތެރަޕިސްޓް ދަނީ ޚިދުމަތްދެމުން. މީގެ އިތުރުން 1 ޑޮކްޓަރު، 1 ސައިކޭޓްރިސްޓް އަދި 5 ނަރުހުން ނެގުމުގެ މަސައްކަތް ދަނީ ކުރަމުން." ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދިނެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޖުތަމައުގެ ތެރޭގައި ކުރާ ފުރައްސާރަ ހުއްޓުވުމަށްޓަކައި މީސްމީޑިއާ މެދުވެރިކޮށް ތަފާތު އެކި ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ.
އެންޖީއޯތަކާއި ގުޅިގެން މަރުކަޒުގައި ތިބި ބަލިމީހުންނަށް ކުޅިވަރު ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، މަރުކަޒުގެތެރޭގައި 2 އައުޓްޑޯ ޖިމް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދޭ އެންޖީއޯ ތަކުގެ ތެރޭގައި ގަރލް ގައިޑް އެސޯސިއޭޝަން، އީޕީއެސް ފައުންޑޭޝަން އަދި އޭޖް ކެއަރ މޯލްޑިވްސް ގެ ނަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މަރުކަޒު މަރާމާތު ކުރުމުގެ ފުރުސަތު
ދާދިފަހުން ސްޓެލްކޯ އިން ވަނީ ނަމޫނާދައްކާ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ގުރައިދޫ މަރުކަޒުގެ ވޯޑް 5 ގެ މަރާމާތުގެ މަސައްކަތްތައް ނިންމާފައެވެ.
މަރާމާތުކުރަންޖެހޭ އިތުރު 4 ބްލޮކް އެބަހުރި ކަމަށާއި، މަރާމާތު ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް އެބައޮތް ކަމަށް މިނިސްޓްރީން މައުލުމާތު ދީފައިވެއެވެ.
ދޭން ބޭނުންވާ މެސެޖު
"މުޖުތަމައުގައި ޚާއްސައެހީއަށް ބޭނުންވާ މީހުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ، އޯގާތެރިކަމާއި އަޅާލުން ފޯރުކޮށްދީ." ޖެންޑަރ މިނިސްޓްރީން އާންމުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ދެންނެވުމުން ފާހަގަކޮށްފައިވެއެވެ.