November 22, 2024 20:49
Advertisement

-Advertisement-

ތަޖުރިބާކުރުމުގެ ގޮތުން ހިނި ގެންގުޅޭ ޑރ.ފައިޝަމް ދުޅަހެޔޮ ދިރިއުޅުމަކަށް ދޭ މެސެޖު!

ޑރ. މުހައްމަދު ފައިޝަމް އަކީ އެތެރެހަށީގެ ބަލިތަކަށް ފަރުވާ ދެއްވުމަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރެކެވެ. 'ޒީޓައިމްސް' ގެ ސިއްޙަތު ކެޓަގަރީ މިފަހަރު މި ޚާއްސަ ކޮށްލަނީ މާލެ އަށް އުފަން ޑރ.ފައިޝަމް މި ދާއިރާއަށް ވަދެވުނު ގޮތާއި ދެއްވަން ބޭނުންފުޅުވާ މެސެޖް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.

އެތެރެހަށީގެ ޑޮކްޓަރަކަށް ވެވުނީ ކިހިނެއް؟

އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރަށް މަޖީދިއްޔާ ސްކޫލުން ތަޢުލީމް ހާސިލުކުރެއްވި ޑރ. ފައިޝަމް ސްކޫލު ދައުރަށްފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ އައިޖީއެމްއެޗްގެ ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައެވެ. 5 ވަރަކަށް މަސްދުވަހު އެ ވަޒީފާ އަދާކުރެއްވުމަށްފަހު އެމްބީބީއެސް ހައްދަވަން ވަޑައިގަތީ ޕާކިސްތާނަށެވެ. އެ ޤައުމުގައި ހޭދަކުރެއްވި 6 އަހަރު ދުވަހުން ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ވަޑައިގެންނެވީ ރާއްޖެއަށެވެ.

Advertisement

ޑރ. ފައިޝަމް ސްކޫލު ދައުރުގައި ވެސް ބައޮލޮޖީ އަދި ޒޫލޮޖީ އަށް ޝައުގުވެރިވެ އެދާއިރާގެ ފޮތް ވިދާޅުވެ އިތުރު މައުލޫމާތު ހޯއްދެވިއެވެ.

" ކުޑައިރުއްސުރެ ވަރަށް ޖަނަވާރު ދެކެ ލައިކްވާނެ. ފުރަތަމަ ބޭނުންވީ ތަފާތު ވައްތަރުގެ ޖަނަވާރުތަކަށް ފަރުވާ ދިނުމަށް. އެކަމަކު އެއިރު ރާއްޖޭގައި އެހާގިނައިން އޮޅުކޮށްގެން ފަރުވާދީގެން ޖަނަވާރު ނުބަލަހައްޓާ. މިހާރު ވަރަށް ރަނގަޅަށް ބަލަހައްޓާ. އެހެންވެ އެއިރު ވިސްނުނީ އެދާއިރާއިން ކުރިއަށްގޮސްގެން ކުރިއެރުމެއް ނެތް ކަމަށް."

ޑރ.ފައިޝަމް އާއިލާގެ މެންބަރުންނާއެކު

އެމްބީބީއެސް ފުރިހަމަ ކުރެއްވުމަށްފަހު ފުރަތަމަ މަސައްކަތް ކުރެއްވީ އުގޫފާރު ހޮސްޕިޓަލުގައެވެ. އެއަށްފަހު އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.

" މާލެ އައިސް ބޭނުންވީ ލޮލުގެ ބަލިތަކާ ގުޅޭ ޑިޕާޓްމެންޓްގައި މަސައްކަތް ކުރަން. އެކަމަކު ޖޫނިއަރ ޑޮކްޓަރުން އެއިރު މަސައްކަތް ނުކުރޭ ' އޮޕްތަލް ޑިޕާޓްމެންޓް ' ގައި. އަޅުގަނޑަށް މަސައްކަތް ކުރަން ޖެހުނީ 'އިންޓަރނަލް މެޑިސިންގ' ޑިޕާޓްމެންޓްގައި. ދެން ހިތަށް އެރީ މިއީވެސް ކުރިއަށް ދެވިދާނެ ރަނގަޅު ދާއިރާއެކޭ. ދެން ކުރިއަށްދާނީއޭ އެތެރެހަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ރޮނގުން."

ޑރ.ފައިޝަމް ޕާކިސްތާނުގައި ތަޢުލީމް ހާސިލުކުރެއްވިއިރު އިންޓަރންޝިޕް ފުރިހަމަކުރެއްވީ ވެސް ލޮލުގެ ބަލިތަކާގުޅޭ ދާއިރާއިންނެވެ.

" އޮޕްތަލް އިން އިންޓަރންޝިޕް ހެދި ފުރަތަމަ މީހާ މިއީ އެ ޔުނިވަރސިޓީގައި. ފުރަތަމަ ނޫނެކޭ ބުނެފަ ފަހުން ޕްރޮފެސަރ ވެސް އެއްބަސްވީ."

ވަޒީފާ

އިންޓަރނަލް މެޑިސިން ދާއިރާއިން ނޭޕާލްގައި ތަޢުލީމް ހާސިލުކުރެއްވުމަށްފަހު ފުރަތަމަ މަސައްކަތް ކުރެއްވީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. 2 އަހަރަށްވުރެ ގިނަ ދުވަހު ވަނީ އެ ހޮސްޕިޓަލުގައި ހުރި ހަމައެކަނި ފިޒީޝަނުގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

" ކޮންމެ ދުވަހަކު އޮންކޯލްގައި އުޅެންޖެހެނީ އެއިރު. އައިޖީއެމްއެޗް އިން އެދުވަސްވަރު ޖާގަ ނުލިބުނީ. ހުޅުމާލޭ ހޮސްޕިޓަލުގައި އެކަޑަމިކް ސެޝަންތަކެއް ކުރިއަށް ނުގެންދެވޭ. އައިޖީއެމްއެޗް އިން ޖާގަ ލިބުމާއެކު ބަދަލުވީ."

މިހާރު ޑރ.ފައިޝަމް ގެންދަވަނީ އައިޖީއެމްއެޗްގެ އިތުރަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.

އެތެރެހަށީގެ ބަލިތަކުގައި އެންމެ ކަންބޮޑުވަނީ ކޮންކަމެއް؟

" ދިވެހިރާއްޖޭގައި އެންމެ ކަންބޮޑުވަނީ ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ހަކުރު މަތިވުން، ލޭމައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން، އަދި ގޭހުގެ އުދަގޫތައް. ކެއުން ބަހައްޓަންޖެހޭ ގޮތަށް ނުބަހައްޓާތީއާއި ކަސްރަތު ކުރުން މަދުވުމުން ދިމާވާ މައްސަލަތައް ގިނައީ. ކުރިއާބަލާއިރު މިހާރު މީހުން ވަރަށް ހޭލުންތެރި. އެކަމަކު ހިނގާފައުޅެވޭ ތަންތަނުގައި ވެސް މީހުން އުޅެނީ ދުއްވާ އެއްޗެހީގައި. ބިޒީ ދިރިއުޅުމުގައި ވަގުތެއް ނޯވޭ މީހުންނަށް."

ސަމާލުކަންދޭންވީ ކަންތައްތައް

ޑރ.ފައިޝަމް ވަނީ ދުޅަހެޔޮ ދިރިއުޅުމަކަށް އެންމެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

" ރާއްޖޭގައި ހުރަހެއްނެތް ޑޮކްޓަރަށް ދައްކާ ޓެސްޓް ހެދުމަށް. އެންމެންނަށް ވެސް ބޭސް ލިބޭ ޑޮކްޓަރަށް ދެއްކުމަށްފަހު. ސަމާލުކަންދޭންވީ ކޮންމެ ދުވަހަކު ކަސްރަތުކޮށް ކެއުން ރަނގަޅުގޮތުގައި ބެހެއްޓުމަށް. އެއީ ބާޑަންއަކަށް ވުމުގެ ބަދަލުގައި ވީހާވެސް ފަސޭހަކޮށް ބަހާލައިގެން ރަނގަޅުގޮތުގައި ދިރިއުޅުން މުހިންމީ."

ޑރ.ފައިޝަމް އާއި އަނބިކަނބަލުން ސަނާ

ތަފާތު ތަޖުރިބާއެއް

ޑރ.ފައިޝަމް އާއި ނޭޕާލް އަށް އުފަން އަނބިކަނބަލުން ސަމްޖްހަނާ (ސަނާ) އަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިވަޑައިގެންފައެވެ. ވަޒީފާގައި ބުރަކޮށް މަސައްކަތްކުރައްވަމުން ދެކުދިންގެ ކަންކަމަށް އިސްކަންދެއްވާ ޑރ. ފައިޝަމް ފާހަގަކުރެއްވިގޮތުގައި " ކުދިންނަށް އެއްޗެހި ކިޔާދިނުމުގެ ބަދަލުގައި އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދަދިނުމަށް އިސްކަންދެން. މިސާލަކަށް ކެޓަޕިލާ އެއް ގޭގައި ގެންގުޅެންޏާ އެކުދިންނަށް ފެންނާނެ އެ ކޮކާލަކަށް ބަދަލުވުމުގެ މުއްދަތުގައި އެއަށް އަންނަ ބަދަލުތައް. އެމަންޒަރު ބެލުމުގެ ފުރުސަތު ކުދިންނަށް ހޯދައިދެވުމަކީ ލިބޭނެ ރަނގަޅު ތަފާތު ތަޖުރިބާއަކަށް ވާނެ ކިޔައިދިނުމުގެ ބަދަލުގައި."

ޑރ.ފައިޝަމް އާއި އަނބިކަނބަލުން އަދި ދެކުދިން

ޑރ. ފައިޝަމް ވަނީ ގޭގައި ވަރަށް ތަފާތު ތަޖުރިބާ އެއްވެސް ކުރައްވާފައެވެ. މިގޮތުން އަމިއްލަގޭގައި 'އެންޓް ފާމެއް' ނުވަތަ ހިނި ވަނީ ގެންގުޅުއްވާފައެވެ.

" އަޅުގަނޑުމެން ގޭގައި ހިނިވެސް ގެންގުޅެން. ކްއީން އެންޓް އާދޭތޯ ބެލީ. އަހަރަކު އެއްފަހަރު އަންނާނީ ކްއީން އެންޓް. އާންމުކޮށް ޖޫން ޖުލައިގައި ކްއީން އެންޓް ނުކުންނާނީ. ކޮންމެ ދުވަހަކު ބަލަމުން ދަނިކޮށް އެއްދުވަހަކު ފެނުނީ ކްއީން އެންޓް. ދެން ކްއީން އެންޓް ނަގާފަ ކޮންޓެއިނަރ އަށް ލީ."

ޑރ. ފައިޝަމް ވިދާޅުވިގޮތުގައި ކްއީން އެންޓަކީ ސައިޒުން ބޮޑު ފިޔަގަނޑެއް ހުންނަ ހިންޏެވެ.

ޑރ.ފައިޝަމްގެ އެންޓްފާމް ފޮޓޯއެއް

" ޕްރިންސް އާ ކްއީންސް އެންޓޭ ބުނެވިދާނެ އެއުޅެނީ. ހުރިހާ އެގްސް އެއް އަޅާނިމެންދެން ހަމަ އެއްތަނެއްގައި އުޅޭނީ ކްއީންސް އެންޓް.. ކާއެއްޗެހި ހޯދަން ނުވެސް ނުކުންނާނެ. އެހުރިހާ ކުދި ހިނިތަކަކާއެކު ދެން ކާން ފަށާނީ. މިއީ ހަމަ އޮބްޒަރވް ކުރަން ކުރާކަމެއް. މި ކޮންޓެއިނަރ އެއްޗެހި ވެސް ބޭރުން ގެނައީ. ރާއްޖޭގައި ނުހުރޭ ލިބެން.."

ޑރ.ފައިޝަމް ގެ ހިނި ގެންގުޅުމުގެ ތަޖުރިބާ އަށް ބަލާއިރުވެސް މިއީ ޖަނަވާރަށް ޚާއްސަ ލޯތްބެއް އޮންނަ ޑޮކްޓަރެއްކަން ވަނީ ޔަގީންވެފަ އެވެ. އިންޓަވިއު ނިންމާލަމުން ވިދާޅުވީ އަބަދުވެސް ބޭނުންވަނީ ރާއްޖޭގައި ޚިދުމަތް ކުރެއްވުމަށް ކަމަށާއި، ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

+1
2
+1
4
+1
1
+1
6
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް