September 21, 2024 01:32
Advertisement

-Advertisement-

ފުރަތަމަ ދަރިފުޅު މަރުވެ ލިބުނު 3 ވަނަ ދަރިފުޅުވެސް ބޮޑު ވޭނެއްގައި!

ޏ.ފުވައްމުލަކަށް އުފަން އުމުރުން 30 އަހަރުގެ ހައްވާ ޢުލާ އިބްރާހީމް އާއި 33 އަހަރުގެ ފަރަހް ވަހީދަކީ ހިތްވަރާއެކު ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. މި ދެމަފިރިންނަށް މީގެ 10 އަހަރު ކުރިން ލިބުނު ފުރަތަމަ ދަރިފުޅު ވަނީ އުމުރުން 6 މަހުގައި މަރުވެފައެވެ. މަރުވި އެ ފިރިހެން ދަރިފުޅު އުފަންވިތާ 3 ވަނަ ދުވަހުން ފެށިގެން ފަރުވާހޯދަމުން ދިޔައީ އިންޑިއާގައެވެ.

" ފުރަތަމަ ދަރިފުޅުވެސް ވިހޭއިރުން ފެށިގެން އޮތީ 3 ވަނަ ދަރިފުޅު މިހާރު އެއޮތްގޮތަށް. ކިމްސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް އެ ދަރިފުޅުގެ އުމުރުން 6 މަހުގައި މަރުވީ. އެހުރިހާ ދުވަހެއްވަންދެން މަޑުކުރީ އިންޑިއާގައި. އެއިރު އާސަންދަގެ ޚިދުމަތެއް ނުލިބޭ" އަސަރާއެކު ޢުލާ ކިޔައިދިނެވެ.

ލަޔަކް

ދެމަފިރިންނަށް އެ ލިބުނު ހިތާމައަށްފަހު ދެވަނަ ދަރިފުޅެއް ލިބުނީ މީގެ 7 އަހަރު ކުރިންނެވެ. މާތް ﷲ ގެ އިރާދަފުޅުން އެ ދަރިފުޅުގެ ހާލު ރަނގަޅެވެ. އެހެންނަމަވެސް މި ދެމަފިރިންނަށް މީގެ 9 މަސް ކުރިން މިއަހަރު ފެބުރުއަރީމަހު ލިބުނު ދަރިފުޅު ޔޫނުސް ލަޔަކް ފަރަހް ވަހީދު ވެގެންދިޔައީ ފުރަތަމަ ދަރިފުޅެކޭ އެއްގޮތަށް އާދަޔާޚިލާފު ހަމުގެ ބައްޔެއް ހުރި ކުއްޖަކަށެވެ.

Advertisement

" ލަފާކުރެވެނީ ދަރިފުޅުގެ ބައްޔަކީ ހާރލެކުއިން އިޗިތިޔޯސިސް ކަމަށް. ދަރިފުޅުގެ ގައިން ލޭ ނުނެގޭތީ އެއްވެސް ޓެސްޓެއް ނުހެދޭ. ހިރުވާފަ ހަންގަނޑު ކަޑައިގެންދާތީ ވަރަށްބޮޑަށް ރޮއެ. ހެދުންލައްވާފަ އެއްކޮށް ނިވާކޮށްފަ ހުންނަނީވެސް. އެކަމަކު ފެންވަރުވާގަޑީގައި ހިރުވާފަ ކަޑައިގެންދޭ. ރީތިކުރަނީ ވެސް އެހެންމީހަކު ހިފަހައްޓައިގެން ހުރެ. އަސްލު ގިނައިރު ފެންވެރުވުން ރަނގަޅުގޮތަކީ. އެކަމަކު ރޯވަރުން ގިނައިރު ފެނެއް ނުވެރުވޭ." އަސަރާއިއެކު ޢުލާ ކިޔައިދިނެވެ.

ލަޔަކް އާއި ކުޑަބެ

ޢުލާ ބުނިގޮތުގައި ލަޔަކް އަކީ ބަލާބެލުމަށް އުފާވެރި ކުއްޖެކެވެ. އެހެންނަމަވެސް ދަރިފުޅު ރޯ މަންޒަރު ބެލުމަކީ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ރިސޯޓުގައި އުޅޭ ފިރިމީހާ އާއި ޢުލާ ވެސް ބޭނުންވަނީ ވީހާ އަވަހަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ލަޔަކް އަށް ފަރުވާ ހޯދުމަށް އެދެމަފިރިން މާލެ އައިސް އައިޖީއެމްއެޗަށް ވެސް ދެއްކިއެވެ. އެހެންނަމަވެސް ދެވޭނެ ފަރުވާއެއް ނެތުމުން އަނބުރާ ރަށަށް ދިޔައީއެވެ.

ޢުލާ އާއި ފަރަހް އެދެމަފިރިންގެ ލޯބިވާ ދެކުދިންނާއެކު

އެދެނީ ދީލަތި އެހީއަކަށް

ދަރިފުޅުގެ މުޅި ގައިގެ ހަންގަނޑު ހިކި ނެއްޓެމުންގޮސް ލޭއައިސް ހަންގަނޑު ހަލާކުވަމުންދާދިއުމަށް ފަރުވާ ހޯދޭނީ ކޮން ގައުމަކުންތޯ މިހާރު ވަނީ ބަލާފައެވެ.

" ބެންކޮކްގައި ހުރި ހޮސްޕިޓަލަކަށް މެސެޖު ކުރީމަ ބުނި ފަރުވާދެވޭނެ ވާހަކަ. އެކަމަކު ވަރަށް އަގުބޮޑު ތަނެއް. އަދި ނޭނގޭ ކިހާ ދުވަހަކަށްކަމެއް ފަރުވާ ހޯދުމަށް މަޑުކުރަންޖެހެނީ ބެންކޮކްގައި. އަޅުގަނޑުމެން ބޭނުން ފަރުވާލިބެން ހުރިތަނަކުން ފަރުވާ ހޯދުމަށް. ފުރަތަމަ ދަރިފުޅު ވިހޭއިރު ވަރަށް ބަލިކޮށް އޮތަސް މި ދަރިފުޅު ވަރަށް ހަރަކާތްތެރި. އަލްހަމްދުލިއްލާހި"

ދަރިފުޅުގެ ހާލަތާގުޅޭގޮތުން ފުވައްމުލަކު ހޮސްޕިޓަލުން ދިން ލިޔުން

ދުނިޔޭގައި ވެސް ވަރަށް މަދުން ފެންނަފަދަ ބައްޔެއް ތަހައްމަލު ކުރަންޖެހުމުން ވޭނީ ދިރިއުޅުމެއް އުޅެމުންދާ ކުޑަކުޑަ ލަޔަކް އަށް ފަރުވާ ހޯދުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ. އާއިލާގެ އުންމީދަކީ ދަރިފުޅަށް އަވަސް ފަރުވާއެއް ލިބި އެހެން ކުދިންނެކޭ އެއްގޮތަށް އާދައިގެ ދިރިއުޅުމެއް އުޅުމުގެ މަގުފަހިވުމެވެ. ޒީޓައިމްސް އިން އެދެނީ ލަޔަކް އަށް ބޭސްފަރުވާ ކުރެވޭނެ މަގުފަހިވެ، އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.

 

ނޯޓް: މި އާއިލާ އަށް އެހީތެރިކަމުގެ ގޮތުގައި އާންމު ރައްޔިތުންގެ ފަރާތުން 6 ދުވަހުގެތެރޭގައި 1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެހީތެރިކަން ލިބިފައިވާތީ މި ރިޕޯޓުގައި ކުރިން ހިމަނާފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

+1
4
+1
2
+1
2
+1
1
+1
3
+1
1
+1
132

Advertisement

ގުޅުންހުރި ލިޔުންތައް