އަދިވެސް އެއްފަހަރު އަހަރެންނަށް ބަލާލެވުނެވެ. ހަމަ ޔަޤީނުންވެސް އެއީ ނާޒިމްގެ މަންމައެވެ. "މަންމާ އަޅެ އަހަރެންނަށް ނޭނގޭ މަންމަ ތިހާ ބަލިކަމެއް" އެހެން ބުނެވުމާއެކު އަހަރެންނަށް ރޮއިގަނެވިއްޖެއެވެ. ނާޒިމްގެ މަންމަވެސް ހުރީ ބަސްހުއްޓިފައެވެ. "ދަރިފުޅާ ސަހާ މަންމައަށް މާފުކުރޭ ހެޔޮނުވާނެ" ރޮމުން ރޮމުން ނާޒިމް މަންމަ ވާހަކަ ދެއްކިއެވެ. އަދިވެސް އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނާޒިމްގެ މަންމައަކީ ނުކުޅެދޭ މީހަކަށްވީކަން ހަޤީގަތުގައިވެސް އަހަރެންނަށް ނޭނގެއެވެ. "ދަރިފުޅާ ކޮބާ ނާޒިމް، ދަރިފުޅު މިތަނުގައި ކީއްތިކުރަނީ" ނާޒިމް މަންމަ އެގޮތަށް ސުވާލުކުރުމުން އެކަމަށް ދޭނެ ޖަވާބެއް އަހަރެންނަށް ނޭނގިފައި ހުރެވުނެވެ. ނާޒިމް ބަލިވެގެން ހޮސްޕިޓަލުގައި އޮތްކަން މަންމައަށް ނޭނގޭއިރު އެވާހަކަ ބުނާނެގޮތެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
އަނެއްކާވެސް ނާޒިމްގެ މަންމަ ވާހަކަދައްކަން ފެށިއެވެ. ލަމްހާއަށް ނުހުރެވިގެން ބުންޏެވެ. "ނާޒިމް މަންމާ... ނާޒިމް ބަލިވެގެން ސަހާ އާއި އަހަރެން މިއައީ މާލެ" މިހެންބުނެ ނުނިމި އުޅެނިކޮށް އަހަރެންނަށް ރޮއިގަނެވިއްޖެއެވެ. މަންމާއޭ ކިޔާފައި އޮޅުލައިގަނެވުނެވެ. މަންމަގެ މޫނުމަތިން ފެންނަންހުރި ހާސްކަން އިތުރުވެގެން ވަރަށްގިނަ ސުވާލުތައް ކުރަން ފެށިއެވެ. "މަންމާ އަހަރެމެން އެބައަންނަން އެއްޗެއް ކާލައިގެން". މަންމަ އޮތީ ކޮން ވާރޑެއްގައިތޯ އަހާލުމަށްފަހު އަހަރެމެން ކެންޓީނަށް ވަނީމެވެ. ނާޒިމްގެ މަންމަ ފެނުމުން ޒަހާ އެކަމާ ސުވާލު އުފެދިގެން ވާހަކަދައްކަން ފެށިއެވެ. "އެއީ ވަރަށް އެކަނިއުޅޭ މީހެއް ވަރަށް ހާލުގައި، ވަރަށްގިނައިން ފެނޭ ހޮސްޕިޓަލު ތެރެއިން ގޮޑީގައި ދުއްވާފައި އުޅޭތަންވެސް" ޒަހާގެ މިވާހަކައިން އެނގުނުގޮތުގައި ނާޒިމް މަންމަ ހޮސްޕިޓަލުގައި އުޅޭތާ ވަރަށް ދުވަސްވެއްޖެއެވެ.
މާގިނައިރު ވާހަކަދައްކަން ނުތިބެ ނާޒިމްގެ ހާލު ބަލާލަން ދާން ބޭނުންވެގެން އަހަރެންގެ ހިތް އަވަސްވާން ފެށިއެވެ. އަހަރެން އިންތިޒާރު ކުރަމުންދަނީ ޑޮކްޓަރގެ ރިޕޯރޓް ލިބޭނެ ވަގުތަކަށެވެ. ސައިބޮއިގެން ނާޒިމްގެ މަންމަ އޮތް ވާރޑަށް ވަނީމެވެ. ނާޒިމް މަންމަ އަހަރެން ފެނުމާއިއެކު އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ. ނާޒިމަށް ވީކިހިނެއްތޯއާއި، ކުދިންތައްވީ ކޮންތަނެއްގައިތޯ އަހަން ފެށިއެވެ. މޫނުމަތީގައި ހުރި ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރަމުން އަހަރެން ވާހަކަދެއްކީމެވެ. "ކުދިންވީ ރަށުގައި އަހަރެންގެ މަންމަ އާއި ބައްޕަ ކައިރީގައި، ނާޒިމް މަންމަގެ ފަޔަށް ކިހިނެއްވީ؟" ނާޒިމް މަންމަ ބޭނުންވީ ހުރިހާ ވާހަކައެއް ކިޔާދޭށެވެ.
"ދަރިފުޅާ ސަހާ މަންމަ ހިއެއްނުކުރަން ދަރިފުޅު ވަރިކޮށްލާފަ ދިޔައީމަ ނާޒިމަށް މިފަދަ ނިކަމެތި ހާލެއް ޖެހޭނެ ކަމަކަށް. ނަމަވެސް ކަންދިމާކުރީ ވަރަށް ހިތާމަވެރިކޮށް، ނާޒިމްގެ އަންހެނުން ނީނާ ވަރަށް ގޯސް، މަންމައަށްވެސް އެހާ ޖެއްސުންކޮށް ކޮއްކޮއަށްވެސް އެހާ ވަރުކޮށްލި، މަންމައަށް މިހާލު މިޖެހުނީވެސް ނީނާގެ ސަބަބުން. މިހާރު މިހެންއުޅޭތާ ދުވަސްކޮޅެއް ވެއްޖެ. ނީނާ އަހަރެމެން ދެބަފައިން ގެއިން ނެރެލީވެސް ވަރަށްބޮޑު ތުހުމަތެއް އަޅުވާފަ. އަހަރެން އޭނާގެ ކޮޓަރިން ވައްކަން ކުރިކަމަށް ޕޮލިހަށް އަންގައި ދޮގު ތުހުމަތުތަކެއް ކުރުވީ ބަޔަކަށް ލާރިތަކެއްދީގެން. އަދި އެއްރެއަކު މަންމައާއި މަންމަގެ ރައްޓެހި ނަސީމާ އާއި ދެމީހުން ކޮފީއަކަށް ގޮސް ގެއަށްއައި މަގުމަތީގައި ގްރޫޕަކަށް ލާރި ދީގެން ސައިކަލަކުން ޖައްސާ އެކްސިޑެންޓްކޮށްލީ، އެކަމުގެ ސަބަބުން މަންމަ މިއަދު މިވަނީ ހިނގައިބިގާވެ އުޅުމުން މަހްރޫމްވެފައި" މިހިސާބަށް ބުނެވުނުތަނާ އަހަރެންގެ ހިތް ހީވީ ކުދި ކުދިވެގެން ދިޔަހެންނެވެ. އަހަރެން ހުރީ ހަމަ ރަނގަޅަށްވެސް ހައިރާންވެ އަންތަރީސްވެފައެވެ. "މިގޮތަށް ކަންތައްކުރިއިރު މަންމަމެންނަށް ކީއްވެ އޭނަ ގެއިން ބޭރު ނުކުރެވުނީ". ވަރަށް ނުރުހުންވެ ހުރެގެން އަހަރެން ވާހަކަދައްކަން ފެށީމެވެ. " ފާޑެއްގެ އައްޑޫ މީހެއް ގެއަށް ގެނެސްގެން މުޅި ގޭތެރެ ފަސާދަކޮށް މުޅިގެއަށް ފަންޑިތަ ހެދުމުގެ ސަބަބުން އެއްވެސް މީހަކަށް އެގޭގައި ދިރިނޫޅެވިގެން ގެ ދޫކޮށްލާފަ އެކި މީހުން އެކި ތަންތަނަށް ދާން މަޖުބޫރުވީ" މިހާވަރުވެގެން ދިޔައިރުވެސް ނާޒިމް އުޅުނީ އޭނައާއި އެކީ އުޅެވޭތޯ. އެކަމަކު އިންސާނެއްގެ ހިތަށް ކެތްނުވެގެން ބައެއް ކަހަލަ ކަންކަން ދޫކޮށްލުމަށް މަޖްބޫރުވެއެއްނުދޯ؟ ސަހާ ދިޔަފަހުން ގޭތެރޭގެ ހުރިހާ ކަމެއްދިޔައީ ބޮއްސުންލައިގެން"... މިހުރިހާ ވާހަކަތަކެއް އަޑުއަހާފައި އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މީވެސް ހަމަ އިންސާނުން ކަންތައްކުރާ ގޮތްބާވައޭ ހިތަށް އެރިއެވެ.
މިއަދު އެފަކީރު ނުކުޅެދޭ މީހަކަށްވެފައި ނާޒިމް އޮތް ހާލެއް އަދި އިހްސާސްވެސް ނުކުރެވެއެވެ. މުޅި މީހާގެ ދުނިޔެ ބަނަވެގެން ދިޔަހެން ހީވިއެވެ. ހަމަ ގައިމުވެސް އިންސާނިއްޔަތުގެ ކުލުނެއް ހުރި މީހަކު ނަމަ މިފަދަ ނިކަމެތި ކަމެއް ނުޖައްސާނެއެވެ. ފައިސާގެ ދަހިވެތިކަމުގައި މިވަރުގެ އަނިޔާއެއް ދޭން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ.... މަންމަގެ ވާހަކަތަކުން މާޒީގައި ނާޒިމް އުޅެފައި ހުރި ގޮތްތައް ހިތަށް އިހްސާސް ކުރެވި އިތުރަށް އެކަމާ ދެރަވެއްޖެއެވެ. "ދަރިފުޅާ ސަހާ ނާޒިމްގެ ހާލު ބަލާލަން ދާންވީނު މަންމަ ބޭނުން ނާޒިމަށް ވާގޮތް އެނގެން މިހާރު..." ނާޒިމްގެ މަންމަ އެހެން ބުނުމާއެކު ގަޑި ބަލާލެވުނެވެ. އަހަރެންނާ ލަމްހާ އަވަސް އަވަހަށް ނާޒިމް ބާއްވާފައި އޮތް ވާރޑަށް ދިޔައީމެވެ. ޑޮކްޓަރ ފެންނަން ނެތުމުން ޒަހާ ކައިރިން ޑޮކްޓަރ ކޮބައިތޯ އަހައިލީމެވެ. އެހެން ބުނިތަނާ ޑޮކްޓަރ އައިސް ވަންތަން ފެނުނެވެ.
ރިޕޯރޓް ހިފައިގެން އައިސް ޑޮކްޓަރ ވާހަކަދައްކަން ފެށިއެވެ. ނާޒިމްގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލޯޑް ބޮޑުވެފައިވާތީ ސިކުނޑި މަސައްކަތް ކުރާ މިންވަރު ލަސްވެދާނެ ކަމަށް ޑޮކްޓަރ ބުންޏެވެ. ނާޒިމްއަށް ލިބިފައިވާ ގެއްލުމާއި ބަލާފައި ނާޒިމްގެ ބަލި އެހާ ސީރިއަސް ނޫން ކަމަށްވެސް ޑޮކްޓަރ ބުންޏެވެ. ޑޮކްޓަރުގެ އެވާހަކައިން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް ދެން ވާނެ ގޮތެއް ނޭނގޭތީ އަދިވެސް ކަންބޮޑުވެއެވެ. ނާޒިމް ހޭއަރައި ވާހަކަ ދައްކާނެ ވަގުތަކަށް އިންތިޒާރު ކުރެވޭ ހާލު ކެތްކުރީމެވެ. މާޒީގައި ކިތަންމެ ނިކަމެތި ހާލެއް އަހަރެންނަށް ޖެއްސި ކަމުގައިވީނަމަވެސް އަހަރެންގެ ހިތުގައި ނާޒިމްއާއި ދޭތެރޭ އޮތް ހިތްހަމަނުޖެހުން މަޑުމަޑުން ފަޑުވަމުންގޮސް ނިމިއްޖެއެވެ.
ލަމްހާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ލަމްހާ ކައިރިން އަހަރެން އެދުނީ ލަމްހާގެ ދައްތަމެންގެ ގެއަށް ގޮސް ކުޑަކޮށް އަރާމުކޮށްލުމަށެވެ. ލަމްހާ އެކަމާ އިންކާރު ކުރިނަމަވެސް ލަމްހާ އެނބުރިއައުމުން އަހަރެންވެސް ފެންވަރާލާ ރީތިވެލަން އެގެއަށް ދާނެ ކަމަށް ބުނުމުން އެގޮތަށް އެއްބަސްވެގެން ލަމްހާ ދިޔައެވެ. ލަމްހާ ދިއުމުން އަހަރެންގެ މަންމައަށް ގުޅާލީމެވެ. ކުދިން މަތިންވެސް ހަނދާންވާތީ އެކަމާވެސް ވަރަށް ފިކުރު ބޮޑުވެއެވެ. "ދަރިފުޅާ ސަހާ ކޮބާ ނާޒިމްގެ ހާލު މިހާރު ކިހިނެއް؟"... މަންމައަށް ފޯނު ކުރުމުން ފުރަތަމަވެސް އައީ އެސުވާލެވެ. ނާޒިމްގެ ހާލަތު އެހާ ގޯސް ނޫން ކަމަށް ޑޮކްޓަރ ބުނިކަމަށް މަންމަގާތުގައި ބުނެލީމެވެ. މަންމަގެ ފަރާތުން އެނގުނު ގޮތުގައި ކުދިންގެ ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށާއި ކުދިންގެ އެއްވެސް ކަމަކާއި އަހަރެން ނުވިސްނުމަށް މަންމަ ބުންޏެވެ. އަހަރެންގެ ދޮށީ ދަރިފުޅު ވަރަށް އެހީވާ ކަމަށްވެސް މަންމަ ބުންޏެވެ. ބައްޕަ މާލެ އަންނަން ބޭނުންވެގެން އެވާހަކަ ދެއްކިއެވެ. ނާޒިމްގެ ހާލަތު އެހާ ގޯސް ނުވާކަމަށް ވާނަމަ ބައްޕަ ރަށުގައި މަޑުކޮށްދިނުމަށްވެސް ބުނީމެވެ. ފޯނު ބާއްވާލުމަށްފަހު ގޮޑީގައި އިންދާ ކުޑަކޮށް ނިދިޖެހުނު ވަގުތު ނާޒިމް ގޮވާލިއަޑު އިވިގެން ލޯ ހުޅުވާލީމެވެ.
އެންމެފުރަތަމަ އަހަރެން ހީކުރީ ހުވަފެނެއް ކަމަށެވެ. "ސަހާ ފެންފޮދެއްދީބަލަ" މިހެން ބުނެލުމަށްފަހު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ނަރުސް އައިސް އަދި މަޑުކޮށްލުމަށް އެދުނެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ނޫން ގޮތަކަށް އެއްވެސްކަމެއް ނުކުރުމަށް ނަރުސް ބުންޏެވެ. ނާޒިމް ލޯހުޅުވާލުމުން އަހަރެން އެންމެފުރަތަމަ ބޭނުންވީ ނާޒިމް މަންމަ ގެންނާށެވެ. ނާޒިމް މަންމަ ބާއްވާފައި އޮތް ވާރޑަށް ގޮސް ނާޒިމް މަންމަ ގެނެސް ކައިރީގައި ބޭންދުމުން ނާޒިމްއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ނާޒިމް މަންމައަށް ރޮއިގަނެވިފައި ބުންޏެވެ. "ދަރިފުޅާ ކިހިނެއްވެފަތަ ތިއޮތީ.. ތީހަމަ ދަރިފުޅު ނާޒިމްތަ؟" ސުވާލުމާރކެއްގެ ތެރޭގައި ހުރެ ނާޒިމް މަންމަ ވާހަކަދައްކަން ފެށިއެވެ. ބަސްހުއްޓިފައި ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ނާޒިމަށް ވާހަކަދެއްކެނީ ވަރަށް އުދަގުލުންނެވެ. އަދިވެސް ނާޒިމްގައިގައި ވަރެއްނެތުމުން އައިވީ ގުޅާފައި ހުއްޓެވެ. ނާޒިމް މަންމަގެ ވާހަކައިން ވަރަށް ބައިވަރު ކަންކަން އޮޅުން ފިލައިފިއެވެ. ނާޒިމް މަންމަ ފެނުމުން ނާޒިމްގެ ހިތަށް އަސަރުކުރާނެވަރު އިހްސާސްވެސް ނުކުރެވެއެވެ. މިއަދު ނާޒިމް އެއޮތީ މަންމައަށް ޚިދުމަތް ކޮށްދެވޭވަރަށްވުރެ ހާލުގައެވެ. ދެމައިންގެ ވާހަކައިގައި ވަރަށްގިނައިރު ހޭދަކުރުމަށްފަހު ނާޒިމް މަންމަގެ ވާރޑަށް މަންމަ ގެންދިޔައީމެވެ.
ލަމްހާގެ ޚަބަރެއް ނުވެ ގިނައިރުވުމުން ލަމްހާގެ ފޯނަށް ގުޅާލީމެވެ. ފޯނެއް ނުނަގައެވެ. އަހަރެން މަސައްކަތްކުރީ ނާޒިމްގެ ފަރުވާ އަވަސްވާނެ ގޮތެއް އޮތްތޯ ބެލުމަށެވެ. ނާޒިމްގެ ގައިގައި އަދިވެސް ޒަޚަމްތައް ފެންނަން ހުއްޓެވެ. އެދުވަހުގެ ހާދިސާއާއި ގުޅޭގޮތުން ނާޒިމްއާއި ސުވާލުކޮށްލީމެވެ. އެކަމާއި ބެހޭގޮތުން މާބޮޑު ޖަވާބެއް ދެވޭވަރަށްވުރެ ނާޒިމް އަދިވެސް ބައްޔެވެ. އެއީ ކިހިނެއްވީ ކަމެއްކަމެއް އަދިވެސް ސާފެއް ނުވެއެވެ. ކުއްލިއަކަށް ނާޒިމް ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ. "ސަހާ އަހަރެން ވަރަށް ބިރުގަނޭ... އަހަރެން ބޭނުންވަނީ މީ ފަންޑިތަވެރިކަމެއްތޯ ބަލަން. އަހަރެންނަށް އެދުވަހު ގޯނާކުރި ޖިންނި ބުނީ ބޭނުންވަނީ އަހަރެން މަރާލަންށޯ!..... " ނާޒިމްގެ އެޖުމްލައިން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނާޒިމްއަށް ދިމާވެގެން މިއުޅޭ ކަމަކީ އާދައިގެ ކަމެއް ނޫންކަންވެސް އެނގުނެވެ.
"ނީނާ އަހަރެންގެ ދުވަސް ދުއްވާލަން ވަރަށް މަސައްކަތް ކޮށްފި.. މިހާރު އަހަރެންގެ ގައިގައި އެއްވެސް ހިތްވަރެއްނެތް..." ނާޒިމްގެ މިވާހަކަތަކުން އަހަރެންގެ ހިތަށް ކުރަމުންދިޔަ އަސަރުތައް ބޮޑުވިއެވެ. އިރުކޮޅެއް ނުވަނީސް ލަމްހާ އައިސްވަނެވެ. ލަމްހާގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާން ކުރުވަނިވި ކަނަތައްތަކެކެވެ. ލަމްހާ އައިސް އިށީނުމަށްފަހު ނާޒިމަށް ގޮވާލިއެވެ. ނާޒިމަށް ވަމުންދާގޮތް ލަމްހާއަށް ކިޔާލަދީ ނުނިމިއުޅެނިކޮށް ލަމްހާގެ ވާހަކަފެށުނެވެ. "ސަހާ އަހަރެން މިހުރީ ޝޮކެއްގެތެރޭގައި... މިއަދު އަހަރެންގެ ދައްތަ ފިރިމީހާގެ ފަރާތުން އެނގުނުގޮތުގައި ނީނާ ވަނީ ނާޒިމްގެ އާއިލާ ނައްތާލަން ހިފާފައި...އެންމެފަހުން އެނީނާ ކުރިކަމަކީ ނާޒިމްގެ ކޮއްކޮގެ ފިރިމީހާ ޖަހައިގަނެގެން ގޮސް އޭނައަށްވެސް ވަރަށްބޮޑު ލަޑެއްދީފި.. ގޭންގަކަށް ލާރިދީގެން އޭނައަށް ބިރުދައްކައިގެން އޭނަގެ ހުރިހާ ފައިސާއެއް އަތުލައިގެން އެކަމުގެ ތުހުމަތުގައި ނީނާ ވަނީ ޖަލަށް ލާފަ......" އެޖުމްލަތައް އަޑުއިވުމާއެކު ނާޒިމްއަށް ހަޅޭލަވައިގަނެވުނެވެ. ރުޅިއައިސްގެން މީހާ ތުރުތުރު އަޅަންފެށިއެވެ. "އަހަރެންނަށް އަނިޔާދީފަ އަދި އަހަރެންގެ މަންމައަށް އަނިޔާދީފަ އެވަރުން ކެތްނުވެގެން އަހަރެންގެ ކޮއްކޮގެ ދިރިއުޅުމަށްވެސް ވިހަލީ ދޯ...." ނާޒިމަށް މިހެން ބުނެވުމާއެކު ރުޅި ކޮންޓްރޯލް ނުކުރެވިގެން ގޮސް އައިވީ އާއި ނާޒިމްގެ ގަޔަށް ގުޅާފައިހުރި މެޝިންތައް ނައްޓާލަން މަސައްކަތް ކުރިއެވެ.
ކުއްލިއަކަށް ނަރުސް ކުދިން ދުވެފައި އައިސް ނާޒިމް ހިފަހައްޓަން މަސައްކަތް ކުރިއެވެ. ނާޒިމަށް ވީނުވީއެއް ނޭނގި ނާޒިމްގެ ނޭވާ އަވަސްވާން ފެށިއެވެ. ވަގުތުން ޑޮކްޓަރަށް ގުޅައިގެން ގެނައެވެ. ނަމަވެސް ނާޒިމްގެ ސިކުނޑިއަށް ލޯޑް ބޮޑުވަމުންދާކަން ފާހަގަކުރެވިގެން ޑޮކްޓަރު ކަންބޮޑުވާންފެށިއެވެ. އެހިސާބުން މަޑުމަޑުން ނާޒިމްގެ ހަށިގަނޑުގެ ވަރުދެރަވަމުންގޮސް ނާޒިމްގެ ހަރަކާތް ހުއްޓެމުންދާކަން ފާހަގަކުރެވިގެން އަހަރެން ދުވެފައި ނާޒިމްގެ މަންމަ ހޯދަން ދިޔައީމެވެ. ދުވެފައިގޮސް މަންމާއޭ ކިޔާފައި ރޮއިގަނެވުނެވެ. އަހަރެންގެ ފަހަތުން ލަމްހާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. "ނާޒިމް... ނާޒިމް މިދުނިޔެއާއި އަލްވަދާޢު ކިޔައިފި... " އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކަޑައިގެން ދިޔަހެންނެވެ. އެހިސާބުން އަހަރެންގެ ހަޔާތް އިތުރަށް ބަނަވެގެން ދިޔައެވެ. ނާޒިމް ނެތަސް ހިތްވަރާއެކު ކުދިންތައް ބެލުމަށް ހިތުގައި އަޒުމް ކަޑައެޅީމެވެ. އެއީ އަހަރެންނާ ހަވާލުވެފައިވާ އަމާނާތެކެވެ. އަދި މާތްﷲ އަށް ވަކީލުކޮށްލީމެވެ. ކޮންމެ އިންސާނަކަށްވެސް ދިރިއުޅުމާއިގެން ކުރިއަށް ދިއުމުގެ މަގު ދައްކަވާނެއެވެ.
ނިމުނީ
ކިޔުންތެރިންގެ ހިޔާލު
?No happy ending
ކޮމެންޓްސް ބަންދުކުރެވިފައި