ސ. ހުޅުދޫ އަށް އުފަން އާއިޝަތު ޝަރުފާ އާއި މާލެއަށް އުފަން މުހައްމަދު ވަހީދުގެ އާއިލާއަށް ލިބުނު އެންމެބޮޑު އުފަލަކީ އެއްމާބަނޑު 2 ކުދިން ލިބުމެވެ. 2020 ވަނަ އަހަރު އޯގަސްޓް މަހުގެ 22ވަނަ ދުވަހު ލިބުނު ދެ އަންހެން ކުދިންނަކީ މިދެމަފިރިންގެ ކައިވެންޏަށް ލިބުނު ހަމައެކަނި 2 ކުދިންނެވެ. އޭގެ ކުރިން ކުރި ކައިވެނިތަކަށް ވަހީދު އަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު ޝަރުފާ އަށް ވަނީ 4 ކުދިން ލިބިފައެވެ.
އެއްއަހަރާއި ތިންމަސްވީ 2 ކުދިންގެ ތެރެއިން އައިރިން މުހައްމަދު ވަހީދު އަށް ވަނީ ވަރަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވެ ހަށިގަނޑުގެ 16 އިންސައްތަ ފިހިފައެވެ. 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ޝަރުފާ ވަނީ މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރިމަތިވި މިހާދިސާ ކިޔައިދީފައެވެ.

" ވަރަށްބޮޑަށް ރޯގާ ޖެހިގެން އުޅުނީ އަޅުގަނޑު. ނޭވާލާން އުދަގޫވާތީ އާވިއަރުވަން ހުރީ ކޯރާޑިތެޔޮ ވެސް ފެންތައްޓަށް އަޅައިގެން. ފެންތަށި ހުރީ މޭޒުމަތީގައި ބަހައްޓާފަ. ފިރިމީހާ ހުރީ ކޮޓަރީގައި ކުދިންގޮވައިގެން. ހުރެފަ އައިސް ބުނީ ކުދިންނަށް ކާންދޭން އެއްޗެއް ތައްޔާރުކުރަން. މަސައްކަތްކުރާ ތަނުން ގުޅައިފިއޭ ބުނީ. ދެން ފިރިމީހާ ކޮޓަރިއަށް ވަންއިރު ކުދިންތިބީ ސިޓިންރޫމްގަ. އަޅުގަނޑު ދެން ދިޔައީ އުނދުން ކައިރިއަށް ސްޕެގެޓީ ތައްޔާރުކުރަން ކުދިންނަށް ކާންދޭންވެގެން. މޭޒުމަތީގައި ދުރުގައި ފެންއެތި ބަހައްޓާފަ ހުރީ. އެވަގުތު 7 އަހަރުގެ ދަރިފުޅު ފެންތަށީގައި ހިފާ ދަމާ ކައިރިއަށްގެނައިތަނާ އައިރިން އެތަށީގައި ހިފާ ދަމައިގަތީމަ މުޅިގަޔަށް ހޫނުފެންއެޅި ފިހުނީ"
އެންމެ ފުރަތަމަ އައިރިން އަށް ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގެ އެޗްޑީޔޫ ގައެވެ. އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަރަށްގަދައަށް ހުންއައިސް 4 ފަހަރަށް ފިޓުޖެހުނު ކަމަށް ޝަރުފާ ވަނީ ބުނެފައެވެ.

" ހުން އެއްގޮތަކަށްވެސް ރަނގަޅު ނުވާތީ އޭޑީކޭއިން ޑިސްޗަރޖްކޮށްގެން އަޅުގަނޑުމެން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށް. އިތުރަށް ދެވޭނެ ފަރުވާއެއް ނެތްކަމަށްބުނެ އައިޖީއެމްއެޗް ގައި ހުންނަ 'ބަރން ޔުނިޓަށް' ފަރުވާ ހޯދުމަށް ދާން ޓްރީޓޮޕް ޑޮކްޓަރު ލަފާދިނީ. އިންފެކްޝަން ހެދުމުގެ ފުރުސަތު އޮތުމުން ވަރަށް ރަނގަޅަށް ކުއްޖާއަށް ފަރުވާ ބޭނުންވާނެކަމަށް ބުނި. އަދި އައިރިންގެ ޕްލާސްޓިކް ސާޖަރީއެއް ހަދަންޖެހޭ ކަމަށާއި އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ވަނީ ބުނެފަ"

އައިޖީއެމްއެޗްގައި މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އެޑްމިޓްކޮށްގެން އައިރިން އަށް ދަނީ ފަރުވާދެމުންނެވެ. ޝަރުފާ މައުލޫމާތު ދިންގޮތުގައި ދަރިފުޅުގެ އަތްކައިރިން ފިހިފައި ހުރި ހިސާބުގައި އިންފެކްޝަން ހެދުމުގެ ފުރުސަތު ވަރަށްބޮޑެވެ.

" އަބަދު އަތް މިހެންޖެހިފައި ހުންނާތީ އެތަން ރަނގަޅެއް ނުވޭ. ހުންވެސް ރަނގަޅެއް ނުވޭ. އަދި އެންމެފަހުން ހެދި ޓެސްޓުން އެބަދައްކާ އިންފެކްޝަންގެ ގްރޯތެއް އުޅޭކަމަށް. އެހެންވެ ބޭނުންވަނީ ވީހާ އަވަހަކަށް އިންޑިއާ އަށް އިތުރު ފަރުވާ ހޯދުމަށް ދާން. މިގޮތަށް މިހާރު ރާއްޖެއިން ފަރުވާ ހޯދާތާ 16 ދުވަސްވީ. ދަރިފުޅު ތަދުވެގެން އަބަދު ރޯތީ ވަރަށް ދެރަވޭ." ލޯބިވާ ދަރިފުޅު ކައިރީގައި އިނދެގެން ޝަރުފާ ކިޔައިދިނެވެ.

ޝަރުފާ މައުލޫމާތުދިންގޮތުގައި ވަޒީފާއަށް ނުގޮސް ވަގުތު ހުސްކުރަނީ އޭނާއަށް ލިބިފައިވާ 6 ކުދިންގެތެރެއިން 4 ކުދިން ބެލުމުގައި ގޭގައެވެ. އަނެއް ދެކުދިން ރަށުގައި ދިރިއުޅޭއިރު މި އާއިލާއަށް އޮތް އެންމެ ބޮޑު ހިތާމައަކީ އަމިއްލަ ހަރަދުގައި އިންޑިއާއަށް ގޮސް ދަރިފުޅަށް ބޭސް ކުރެވޭނެ ތަނަވަސްކަން ނެތުންކަމަށް ވަނީ ބުނެފައެވެ.

އެމްޕީއެލްގައި ވަޒީފާ އަދާކުރާ ފިރިމީހާއަށް ލިބޭ މުސާރައިން އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން އަންނައިރު މިވަގުތު މިއާއިލާއިން އެދެނީ އައިރިންއަށް ބޭސްފަރުވާ ކުރުމަށް އާންމުންގެ ދީލަތި އެހީތެރިކަމަށެވެ. އިންޑިއާގެ ބެންގަލޫރުގައި ހުންނަ ރެއިންބޯ ހޮސްޕިޓަލަށް އިތުރު ފަރުވާ ހޯދުމަށް ދިއުމަށް އާއިލާއިން މަސައްކަތްކުރާއިރު، ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ހަމަނުޖެހޭ ކަމަށް ޝަރުފާ ވަނީ ބުނެފައެވެ. ޒީޓައިމްސް އިން އެދެނީ އައިރިން އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.
ނޯޓް: މި ޢާއިލާ އަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. ޒީޓައިމްސްގައި މިރިޕޯޓު ޕަބްލިޝް ކުރުމުން މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!