November 22, 2024 19:07
Advertisement

-Advertisement-

ދަތްތައް ސާފުކޮށް ބަހައްޓަން އުނދަގޫތަ؟ މިކަންކަމަށް ސަމާލުވޭ!

ދަތްތަކުގެ ސާފުތާހިރު ކަމާއި އަނގައިގެ ސިއްހަތު ރަނގަޅަށް ބެހެއްޓުން ނުވަތަ އޯރަލް ހެލްތަކީ މީހާގެ ސިއްހަތަށް ހުރިހާ ގޮތަކުންވެސް ވަރަށް މުހިންމު ކަމެކެވެ. ދަތްތައް ފޭބުމާއި ހިރުގަނޑުގެ ބަލިތަކުން ސަލާމަތްވުމަށް ދަތްތަކާއި ހިރުގަނޑަށް ފަރުވާތެރިވުމަކީ އެހާމެ މުހިންމު ކަމެކެވެ.
ދަތްތަކާއި އަނގައިގެ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓިދާނެ ބައެއް ގޮތްތައް
ކޮންމެ މީހެއްގެވެސް ދަތްތަކަކީ އެމީހެއްގެ ހިނިތުންވުމުގެ ބިންގަލެވެ. ހިނިތުންވުމުގެ އިތުރުން ކާއެއްޗެހި ހެފުމަށާއި، ވާހަކަދެއްކުމަށް ދަތްތަކުގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން ދަތްތައް ސާފުކޮށް ބެހެއްޓުމަށް ގަވާއިދުން ތަޖްރިބާކާރު ދަތުގެ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. އާދަކޮށް ދަތުގެ ޑޮކްޓަރަށް ދައްކާނަމަ ދަތްތަކުގައި ނުވަތަ ހިރުގަނޑުގެ މައްސަލައެއް އުޅޭނަމަ ޑޮކްޓަރަށް ދެނެގަނެވޭނެއެވެ. ނުވަތަ އޯރަލް ހެލްތްގެ މައްސަލައެއް ޖެހިދާނެހެން ހީވާނަމަ ދުރާލާ ފަރުވާ ފެށޭނެއެވެ.
1. ހަކުރުގެ ބާވަތްތައް ކެއުން މަދުކުރުން
ދަތްފަނިކެއުމުގެ ރިސްކު އިތުރުވާ ކަމަށް އެމެރިކަން ޑެންޓަލް އެސޯސިއޭޝަނުން ލަފާކޮށް ބައެއް ކާނާގެ ބާވާތްތަކުގެ ލިސްޓެއް އާންމުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ހަކުރު އެކުލެވޭ ބުއިންތައް (ސޯޑާ އާއި ފުރުޓް ފްލެވާޑް ބުއިންތައް)، މެޓާ (ހާއްސަކޮށް ދަތްތަކުގައި ތައްލަވާގޮތަށް ހުންނަ މެޓާގެ ބާވަތްތަކެވެ.)
މިފަދަ ހަކުރު ގިނައިން އެކުލެވޭ ބާވަތްތައް ބޭނުންކުރާނަމަ އަނގައިގައި ހުންނަ ބެކްޓީރިއާތައް އެ ހަކުރު ބޭނުންކޮށްގެން ދަތްތަކުގެ މަތީގައިވާ ހަރު ފަށަލަ (ޓޫތް އެނަމެލް) އަށް ގެއްލުންދިނުމަށް އެސިޑެއް އުފައްދައެވެ. މިއީ ދަތްފަނި ކެއުމަށް މަގުފަހިވާ ގޮތެވެ. ހަކުރުގެ ބާވަތްތައް ކެއިން ބުއިމުގައި ހިމަނާ މިންވަރު އިތުރުވާ ވަރަކަށް ދަތްތަކުގައި ކޮބަޑިޖަހާ މިންވަރުވެސް އިތުރުވެއެވެ.

 
2. ރީތިކޮށް ދަތް އުނގުޅުމާއި ގަވާއިދުން ފްލޮސް ކުރުން
ދަތްއުނގުޅުމާއި ފްލޮސް ކުރުމަކީ އޯރަލް ހެލްތް ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ދެ ކަންތަކެވެ. އަދި އެންމެ ފަސޭހައިންވެސް ކޮށްލެވެން އޮތް ދެ ކަންތަކެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން ދެފަހަރު ދަތް އުނގުޅަންވާނެއެވެ. ރަނގަޅީ ހެނދުނު ހޭލާފައި އަދި ރޭގަނޑު ނިދުމުގެ ކުރިން ދަތް އުނގުޅާލުމެވެ. ދަތް އުނގުޅާއިރު މަޑުމަޑުން ވަށްބުރަކަށްވާހެން ވަށައިގެން ދަތްތަކުގައި ބުރުސް ހާކާށެވެ. އަދި އެކި ކޮޅުކޮޅަށް ބުރުސް ގެންދާއިރު ކޮލު ދަތްތައްވެސް އެތެރެއާއި ބޭރު ރަނގަޅަށް މަޑުމަޑުން އުނގުޅާލަންވާނެއެވެ. މަދުވެގެން ދެމިނިޓް ވަންދެން ދަތް އުނގުޅަން އާދައަކަށް ހަދާށެވެ.
ފްލޮސް ކުރުމުން ދަތް އުނގުޅާއިރު ބުރުސް ނުފޯރާ ހިސާބުތަކުގައި ހުންނަ ހަޑިތައް ފިލުވާލަދެއެވެ. މަދުވެގެން ދުވާލަކު އެއްފަހަރު ފްލޮސް ކުރުން މުހިންމެވެ. ރަނގަޅަށް ފްލޮސް ކުރުމަށް ފްލޮސް ކުރަން ގެންގުޅޭ ރޮދިކޮޅުގެ ނިމޭކޮޅު އެއް އިނގިއްޔަށް އޮޅާލާށެވެ. އަދި ހުރިހާ ދަތެއްގެ ދޭތެރޭގައި އެ ރޮދިކޮޅު ހާކާ ސާފު ކުރަމުންގެންދާށެވެ.

3. ގެއްލުންހުރި އާދަތައް ހުއްޓާލުން
ސިނގިރޭޓް ބުއިން ހުއްޓާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް އެއީ އަނގައިގެ ސިއްހަތަށް ވަރަށް ނުރައްކާތެރި ކަމެކެވެ. ދުންފަތުން ދަތުގެ ބަލިތަކަށް މަގުފަހިކުރުވައެވެ. ދަތްފަނިކެއުމާއި ހިރުގަނޑުގެ މައްސަލަތައް ދިމާވުމުގެ ސަބަބަކަށްވެސް ދުންފަތުގެ އިސްތިއުމާލުކުރުންވެދެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިގެން އޯރަލް ހެލްތް ރަނގަޅު ކުރެވޭނެއެވެ. ދަތުގެ ޑޮކްޓަރަކާއި މަޝްވަރާކޮށްގެން ސިނގިރޭޓް ބުއިމުގެ ސަބަބުން ދަތަށް ލިބޭ ގެއްލުންތައް އަމިއްލައަށް ދިރާސާކޮށްލާށެވެ. އަދި ސިއްހީ އެހީތެރިއެއްގެ އެހީއާއި އިރުޝާދު ހޯދައިގެން ސިނގިރޭޓް ބުއިން ހުއްޓާލާށެވެ.

Advertisement

4. ސޯޑާ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް މަދުކުރުން
ވަރަށްގިނަ ބައެއްގެ އާންމު ދިރިއުޅުމުގައި ކޯލާ، ސޯޑާ އަދި އެނާޖީ ޑްރިންސް އަކީ ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ބޭނުން ކުރާ ބުއިންތަކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މިފަދަ ބުއިންތައް ވަރަށް މަގްބޫލެވެ. އެ ބާވަތްތަކަކީ ވަރަށް ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކެއްކަމުން އެއީ ދަތްތަކާއި ހިރުގަނޑަށް ވަރަށް ނޭދެވޭއަސަރު ކުރުވާ އެއްޗިއްސެވެ. ވީ ވަރަކުން އެފަދަ ބުއިންތައް ބޯ މިންވަރު މަދުކޮށްލާށެވެ.

5. ރަނގަޅު ބުރުހެއް ބޭނުންކުރުން
ނުބައި ބުރުހެއް ބޭނުންކޮށްގެން ދަތް އުނގުޅާނަމަ ދަތުގެ މައްސަލަތައް އިތުރަށް ގޯސްވެދާނެއެވެ. ބުރުހުގެ ދަތްއުނގުޅާ ބައި ހުރީ މަޑުކޮށް އަދި ވައްކޮށްތޯ ބަލާށެވެ. އަދި ކޮންމެ ތިން މަހަކުން ތިންމަހަކުން އާ ބުރުހެއް ހޯދުން މުހިންމެވެ. ތިންމަހުން ތިންމަހުން ބުރުސް ބަދަލު ކުރުމުގެ އިތުރުން އެހެން މީހަކު ބޭނުންކުރާ ބުރުހެއް ބޭނުން ނުކުރާށެވެ.

6. ރަނގަޅަށް ދޫ ސާފުކުރުން
ދުލަކީ އަނގައިގެ ސިއްހަތަށް ވަރަށް މުހިންމު ބައެކެވެ. ދުލަށް ރަނގަޅަށް ސަމާލުކަން ނުދީ އަޅާނުލައިފިނަމަ އަނގައިން ނުބައިވަސް ދުވުމާއި، ދަތްފަނިކެއުމަށް މަގުފަހިވެއެވެ. ދޫ ސާފުކޮށް ބޭއްވިދާނެ ބައެއް ގޮތްތަކުގެ ތެރޭގައި، ބުރުހުން ދޫ އުނގުޅުން: ދަތް އުނގުޅާ ބުރުހުން ދޫ އުނގުޅުމުން ނޭވާލާއިރު އަނގައިން ނުބައިވަސް ދުވުމަށް މަގުފަހިކުރުވާ ބެކްޓީރިއާތަށް ނައްތާލައެވެ. މީގެ އިތުރުން މައުތްވޮޝްއެއް ބޭނުންކޮށްގެން އަނގަދޮވުން، ހޫނުފެނަށް ކުޑަ ލޮނުކޮޅެއް އެއްކޮށްގެން އެއް މިނިޓްވަންދެން ކަރުދޮވެލާފައި ކުޅުޖެހުން، މިފަދަ ކަންތައްތަކުން ދުލުގައި ހުންނަ ބެކްޓީރިއާތައް މަރާލަދީ ދޫ ސާފުކޮށްދޭނެއެވެ.

7. ޅަ އުމުރުން ފެށިގެން ދަތްތަކަށް ރައްކާތެރިވުން
އަނގައިގެ ސިއްހަތު ރަނގަޅަށް ނުބަލަހައްޓާނަމަ ތަފާތު ބަލިތަކަށް ހުށަހެށި މީހާގެ ދުޅަހެޔޮކަމަށް ބުރޫއަރައެވެ. އަދި ސީރިއަސް ބަލިތަކަށް ހުށަހެޅެއެވެ. ވީމާ ތުއްތު ކުދިންގެ ދަތްތައް ފަޅަމުން އަންނައިރު އެކުދިންގެ ދަތްތަކުގެ ސާފުތާހިރު ކަމަށް ރައްކާތެރިވުން މުހިންމުކަމަށް ހަނދާން ކުރާށެވެ. ތުއްތު ކުދިންވެސް ދުވާލަކު ދެއިރު ދަތް އުނގުޅުވަން ވާނެއެވެ. އަދި ދުވާލަކު އެއްފަހަރު ފްލޮސްކުރުވާށެވެ. އަދި މެންދުރުގެ ކެއުމަށްފަހު ހަކުރު އެކުލެވޭ ބުއިންތަކާއި ލުއިކާނާ ފަދަ ތަކެތި ދިނުން ހުއްޓާލާށެވެ. ތުއްތު ކުދިންވެސް މަދުވެގެން އަހަރު ދެފަހަރު ކަހަލަ ގޮތަކަށް ނުވަތަ އެއަށްވުރެ އަވަހަށް ނަމަވެސް ދަތުގެ ޑޮކްޓަރަކަށް ދައްކާލާ މައްސަލައެއް އުޅޭތޯ ޔަގީންކޮށްލާށެވެ. ނިދަން އޮށޯތުމުގެ ކުރިން ކޮންމެރެއަކުވެސް ދަތްއުނގުޅުމަށް ދަރިންނަށް ހިތްވަރުދޭށެވެ. އަދި އިލެކްޓްރިކް ދަތްއުނގުޅާ ބުރުހެއް ކަހަލަ އެއްޗެއް ހޯދައިދީގެން ނަމަވެސް ނިދުމުގެ ކުރިން ދަތްއުނގުޅާ ހިތް ކުރުވާށެވެ. އޭރުން ބޮޑުވާއިރު އެކަން އާދައަކަށްވާނެވެ.

މިއީ އަނގައިގެ ސާފުތާހިރުކަމާއި، އަނގައިގެ ސިއްހަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. 

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ ޑެންޓިސްޓްރީޓްޑޭ

+1
10
+1
5
+1
7
+1
1
+1
1
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް