ގދ.ފަރެސްމާތޮޑާގެ ފަރެސް އަވަށު ސަކީނާ މޫސާ އަކީ އެރަށުގައި މަޝްހޫރު ފޫޅުމައެކެވެ. އަދި ދިވެހި ބޭސްވެރިއެކެވެ. 'ޒީޓައިމްސް' އިން ފަރެސްމާތޮޑާ އަށް ކުރި ދަތުރުގައި ސަކީނާ ދިން ޚާއްސަ އިންޓަވިއުގައި ފާހަގަކުރިގޮތުގައި ފޫޅުމައެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާތާ ބައިގަރުނު ވެދާނެއެވެ. މިހާރު 72 އަހަރުވެފައިވާ ސަކީނާ އެންމެފުރަތަމަ ފޫޅުމައެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ އޭނާގެ އުމުރުން އެންމެ 14 އަހަރުގައެވެ.
ފޫޅުމައިކަމުގެ ފެށުން
ސަކީނާގެ މަންމަ ސިއްތިދައިތާ އަކީ ފަރެސްމާތޮޑާގައި ވަރަށް މަޝްހޫރު ފޫޅުމައެކެވެ. ސަކީނާ މިމަސައްކަތް ދަސްކުރީ މަންމަ ކައިރިންނެވެ. މަންމަ ފޫޅުމައިކަން ކުރަމުންދިޔައިރު އެމަސައްކަތް ކުރަމުންދިޔަގޮތް ބެލުމަށްފަހު އަމަލީގޮތުން އެމަސައްކަތުގައި ބައިވެރިވެގެންނެވެ.
" މަންމަ ކައިރިން ދަސްކުރީ. އެޒަމާނުގައި މީހުން ވިއްސުމަށް މަންމަ ގެންދާނެ ފިޔޯރީއަށްވެސް ބޮއްކުރާގައި ފަލިޖަހައިގެން. އަޅުގަނޑަކަށް ނޭނގޭ މިހާތަނަށް މީހުން ވިއްސުނު އަދަދެއްވެސް. އެހާވެސް ގިނައިން މީހުން ވިއްސިއްޖެ. މައިމީހާގެ ހާލު ބެލުމަށް ގޭގެއަށްގޮސް ކުޑަދަރިފުޅު ފެންވަރުވަދީ ފޫޅު ޗެކްކޮށް އެހީތެރިކަން ފޯރުކޮށްދީފަ ހުންނާނެ"
ބައިގަރުނުގެ ތަޖުރިބާ
ފޫޅުމައެއްގެ ގޮތުގައި ބައިގަރުނު ހޭދަކުރި ސަކީނާ ވަނީ 18 އަހަރު ފަރެސްމާތޮޑާ ހެލްތްސެންޓަރުގައި މަސައްކަތްކޮށްފައެވެ. އެއިރު ސިއްޙީ މަރުކަޒުން ވިއްސި މީހުންނަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފޫޅުމައަކަށް ސަކީނާ ވަނީ ވެފައެވެ.
" މިހާރުވެސް އާދޭ މާބަނޑުމީހުން ބަނޑުގައި ދަރިފުޅުއޮތްގޮތެއް ބެލުމަށް. ދައްތަ ބުނާބަސް ދިމާވޭ ކިޔާފަ ބައެއް މީހުން އަންނަނީ. ބަނޑުގައި އަތްޖެއްސީމަ އެނގޭ ދަރިފުޅު ބަނޑުތެރޭގައި އޮންނަގޮތް. އެކަމަކު މިހާރު މިރަށު މީހުން ވިހަން ތިނަދޫ އަދި ފުވައްމުލަކަށް ދަނީ. އެހެންވެ މީހުން ވިއްސުމުގެ މަސައްކަތެއް މިދުވަސްވަރު ނުކުރަން"
އެންމެ ދެރަވި ދުވަސް
ސަކީނާ ފާހަގަކުރިގޮތުގައި އެންމެބޮޑު ގޮންޖެހުމަކީ ބަނޑުގައި އެކޮޅުކޮޅުން އޮންނަ ކުދިން ވިއްސުމެވެ.
" އެންމެބޮޑު ހާދިސާއަކަށް ދިމާވީ، ސަނަދު އޮތް ދެފޫޅުމައަކު ވިއްސަން އުޅުނު ކުއްޖެއް. އެއިރު އެކުއްޖާއޮތީ އެކޮޅުކޮޅުން އައިސް ކަރާ ހަމައަށް ނުކުމެފަ. ކަރުން ނުނައްޓައިގެން އާއިލާމީހުން އައީ އަޅުގަނޑު ހޯދަން. އެއިރު ކުއްޖާ އޮތީ މަރުވެފަ. އަޅުގަނޑު ގޮސް ނެއްޓީ. މި ހާދިސާގައި މައިމީހާ ސަލާމަތްވި. އެއީ ޑޮކްޓަރުން މިރަށުގައި ނުއުޅޭއިރު. އަދި ހެލްތްވޯކަރެއްވެސް އެއިރު ނެތް. ވަރަށް ދެރަވި އެދުވަހު"
ދިވެހި ބޭސްވެރިކަން
ސަކީނާގެ ދިވެހި ބޭސްވެރިކަން ފެށުނީ ވެސް އޭނާގެ މަންމަގެ ދުނިޔޭގައި މަންމަ ކައިރިންނެވެ.
" މަންމަ ބޭސްވެރިކަން ދަސްކުރީ ފުވައްމުލަކު މީހަކު ކައިރިން. އެޒަމާނުގައި ވިހައިގެން ވެސް ކުރަނީ ދިވެހި ބޭސް. އެހެންވެ މަންމައާއެކު ދަން ދިވެހި ބޭސް ތައްޔާރުކޮށްގެން އެކި މީހުންނަށް ފަރުވާދިނުމަށް. އާންމުކޮށް މިހާރު ހަދަނީ ވިހައިގެން ހަދާ ބޭހާއި، އެކި ސަބަބުތަކާހުރެ ވިހަވުމުން ހަދާ ބޭސް. ކޮންމެ މީހަކުވެސް ބޭނުންވާ ބޭސް ހިފައިގެން އައިއްސިއްޔާ އަޅުގަނޑު އަގަކާނުލާ ބޭސް ތައްޔާރުކޮށްދެން"
ޑޮކްޓަރީ ބޭސް ތަޢާރަފްވުމުން ދިވެހި ބޭސް ކުރުމަށް އަންނަ މީހުންގެ އަދަދު މަދުވިއަސް ދިވެހި ބޭސްކުރަން ބޭނުންވާމީހުން އުޅޭކަމަށް ސަކީނާ ފާހަގަކުރިއެވެ. ސަކީނާ އަކީ ރުއްގަލުބޭހުގެ އިތުރަށް، ބޮޑެތި ފާރުގަނޑު ރަނގަޅުކުރުމަށްވެސް ކުރިން ބޭސްކުރި މީހެކެވެ. އަދި ބޮލުގައި ރިހުމާއި ސައިނަސްގެ ފަރުވާގެ އިތުރަށް ވައިގެ އުދަގޫތަކަށާއި، ފުރަގަސްފަރާތު ބަލީގެ އިތުރަށް ރާއްޖެބަލީގެ ފަރުވާތަކަށްވެސް ދިވެހި ބޭހުން ފަރުވާ ހޯދައިދީފައިވެއެވެ.
އިޖްތިމާޢީ ޚިދުމަތްތެރިއެއް
އުމުރާއި ބަލާއިރު މިހާރުވެސް އެއީ ވަރަށް ހަރަކާތްތެރި ކަނބަލެކެވެ. ސަކީނާ ވަނީ ފަރެސްމާތޮޑާގެ އަންހެނުންގެ ކޮމިޓީގެ ރައީސާގެ މަގާމްވެސް 3 އަހަރު އަދާކޮށްފައެވެ. ޚާއްސަ މުނާސަބަތުތަކާއި ގުޅިގެން ފަރެސްމާތޮޑާގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ސަކީނާގެ ނަމަކީ ފާހަގަކުރެވޭ ނަމެކެވެ. ޚާއްސަކޮށް ޢީދު ދުވަސްތަކުގައި އޭނާގެ ބައިވެރިވުން ވަރަށް ބޮޑެވެ.
އުފާވެރި ޚަބަރެއް
ދިވެހި ބޭސްވެރިކަން ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް އެމަސައްކަތް ދަސްކޮށްދިނުމަށް ސަކީނާ ހުރީ ތައްޔާރަށެވެ. ބޭނުންވަނީ ހިތްވަރާއި އަޒުމާއެކު އެމަސައްކަތަށް ކުރިމަތިލާނެ މީހުންނެވެ.
" ހުރިހާ އެންމެންނަށް ވެސް އަޅުގަނޑަށް އެނގޭ އެއްޗެއް ދަސްކޮށްދޭނަން"
ނިންމުން
ސަކީނާ އަށް 12 ކުދިން ލިބުނެވެ. އޭގެތެރެއިން 2 ކުދިން ވަނީ މަރުވެފައެވެ. އެއްކުއްޖަކު ހުންއައިސްގެން މަރުވިއިރު އަނެއްކުއްޖާ މަރުވީ ޓެޓްނަސް ޖެހިގެން ކަމަށް ވަނީ ބުނެފައެވެ. އަދި 12 ވަނަ ދަރިފުޅު ވިހައިގެން އުޅުނުއިރު ރޭގަނޑުގަޑީގައި މީހުން ވިއްސުމަށް ގޭގެއަށް ދާން އުނދަގޫވާތީ އެއިރު މީހުން ވިއްސީ ގެއަށް ގެނެސްގެން ކަމަށް ވަނީ ބުނެފައެވެ.
" ރޭގަނޑު ކުޑަދަރިފުޅު ގޮވައިގެން ގޭގެއަށް ނުދެވޭނެތީ ރޭގަނޑު ބަނޑުގައި ރިއްސާ މީހުން ގެއަށް ގެނެސްގެން ގޭގައި ވިއްސީ. ދެން ހެނދުނު އެމީހެއްގެ ގެއަށް އެމީހަކު ގެންދިޔައީ. އެއީ ވެސް ވަރަށް ފާހަގަވާކަމެއް ފޫޅުމައެއްގެ ގޮތުގައި މަސައްކަތްކުރިއިރު" ފޫޅުމައިކަމުގެ ސަނަދު ލިބިފައިވާ ސަކީނާ ބުންޏެވެ.
ސަކީނާ އަކީ ވެހޭ ވާރެއަކަށް ނުބަލާ ކިތަންމެ މޫސުން ގޯސްވިއަސް ހިތްވަރާއެކު ކަނޑުމަތީގައި ވެސް މީހުން ވިއްސުމުގެ މަސައްކަތްކޮށްފައިވާ މީހެކެވެ. އަދި ފޫޅުމައިކަމުގެ ވަޒީފާއިން ވަކިވީ ފަހުންވެސް އެކި މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭނާގެ އެންމެބޮޑު އުފަލަކީ ވަޒީފާގައި އުޅުނުއިރުވެސް އަދި އެފަހުންވެސް އެއްވެސް މީހެއްގެ އަތުން އަގެއް ނެގުމެއްނެތި ހިލޭސާބަހަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުމެވެ. ސަކީނާ އަށް ވަނީ ސިއްޙީ މަރުކަޒަށް ގިނަދުވަހު ޚިދުމަތްކޮށްދީފައިވާތީ ހަނދާނީ ލިޔުން ވެސް ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު
ވ ރަނގަޅު .. މާތް ދައަްތައެއް
ކޮމެންޓްސް ބަންދުކުރެވިފައި